.
މަރިޔަމް ޔަސްމާ
އޯގަސްޓް 21 ވަނަ ދުވަހުގެ ބަޔާ ގުޅޭ
“ތީދޯ މަނެތިސް ގަންނަ ގަނޑަކީ؟” ރާކިންގެ ޖުމްލައިން އާރިއާ ސިއްސުވާލިއެވެ. އެމޫނަށް އޭނާ ބަލާލީ ޤަބޫލުނުކުރެވޭ ގޮތަށެވެ. ބާރަށް އެއްޗެއްބުނުން އެއްކިބައިގައި އޮތްވައި ރާކިން މިނޫނީ ދުވަހަކު އޭނާއަށް ނުރުހުމުގެ ލޮލަކުން ބަލާނުލައެވެ. ޖަވާބުދޭން އުޅެފައި އާރިއާ މަޑުޖެހިލިއެވެ. އޭނާ ބަލާލީ އާދަމްއަށެވެ. އާދަމްގެ މޫނުމަތިން އޭނާ ކަންބޮޑުވެފައިވާކަން ސާފުކޮށް ފެންނަން ހުއްޓެވެ.
“އަހަރެންވެސް ކޮންމެވެސް ކަމެއް ކުރަން ޖެހޭނެއެއްނު. ރެއާއިދުވާލު އެކަނިމާއެކަނި ގޭގައި ހުންނަންވީމަ ފޫހިނުވާނީ ކާކު؟” އާރިއާގެ އަޑުގައި ވަނީ ހަމަޖެހުމެވެ.
“ދެން އަހަރެން މަސައްކަތްނުކޮށްތަ ހުންނަންވީ؟” ރާކިން އެހުރި ފިޔަވަޅުމަތީ ހުރެފައި ކުރިއަށްވުރެ ބާރަށް ބުނެލިއެވެ.
“ކޮންމެ ކަމެއްގައިވެސް ވަކި ހައްދެއް އޮންނަންވާނެ. ރާކިން ހަނދާންވޭތަ ގޭގައި އަންބަކާއި ދަރިއަކު އިންނަކަން؟” އާރިއާ ބަލާލިތަން ފެނިގެން އާދަމް ދެފަރާތަށް ބޯހޫރުވާލުމުން އާރިއާ ބޮލުގެ އިޝާރާތުން ހާސްނުވުމަށް އަންގާލިއެވެ. ރާކިން އިރުކޮޅަކު ހިމޭނުން ބަލަހައްޓައިގެން ހުރެފައި ބާރުބާރަށް ހިނގާފައި ސިޑިން އަރަން ދިޔައެވެ. އެތަން ފެނިގެން އާދަމް ކައިރިވެލާފައި ސިއްރުން އާރިއާގެ އަތުގައި ކޮށްޓާލިއެވެ.
“އާރިއާ. ވަޓް ޔޫ ޑުއިން؟ ހަމަހޭގައިތަ ތިހުރީ؟” އާދަމް ވައިއަޑުން ސުވާލުކުރިއެވެ. އޭނާ ހުރީ އާރިއާ ކަންތައްކުރިގޮތުން ޖެހިލުންވެފައެވެ. މިއަދު އެދެމެދުގައި ހައްލުނުކުރެވޭފަދަ މައްސަލައެއް ޖެހިއްޖެނަމަ އޭގެ ޒިންމާ އެޅޭނީ ޚުދު އޭނާގެ ބޮލުގައެވެ.
“ތިހާ ކަންބޮޑުނުވެބަލަ. އަހަރެން ވަރަށް ރަނގަޅަށް ދަންނަން ރާކިން. އޭނާގެ ރުޅިއަކީ ސިކުންތުކޮޅެއްގެ ކަމެއް. ޖަސްޓް ރިލޭކްސް. އެހެންނޫނަސް މިހާރުވެސް ލަސްވެއްޖެ މިކަހަލަ ފިޔަވަޅެއް އަޅަން.” ސިޑިން އަރަމުންދިޔަ ރާކިންއަށް ބަލަންހުރެ އާރިއާ ވާހަކަދެއްކިއެވެ.
“އޯކޭ. އަހަރެން މިވަގުތު ގޮސްލަނީ. ކަމެއް ގޯސްވަންޏާ އަންގާލާތި!” އާދަމް ހުއްދަ ހޯދައިގެން އަވަސްއަވަހަށް ގެއިން ނިކުމެގެން ދިޔައެވެ. އާރިއާ ހިނގައިގަތީ އެއަށްފަހުގައެވެ.
ނިކަން ހަމަޖެހިލައިގެން ހުރެ ރާކިންއާއި ކުރިމަތިލުމަށްޓަކައި އާރިއާ ގޮސް ވަންއިރު އޭނާ ކުޑަދޮރާއި ދިމާލުގައި ބޭރުބަލަން ހުއްޓެވެ. ރޫބީ އޭރު ކޮޓަރިން ނިކުންނަނީއެވެ. ރާކިންއަށް ބަލާލާފައި އާރިއާ ހުއްޓުނީ ޔޫން ނިދާފައި އޮތް ކުޑައެނދު ކައިރިއަށެވެ. ރާކިންއަށް އޭނާ ގޮވާލީ ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
“އަހަރެންނަކަށް ގޮވާނެކަމެއްނެތް. ތިމާއުޅޭ ހުރިހާ ގޮތެއް ފަޅާއެރީމަ ދެންކޮން ވާހަކައެއް ދައްކާކަށް. ތީ އަންހެނުންގެ ވައްތަރޭ. އެކަކާއިއެކީ އެއްގޮތުގައި އުޅެން ކަލޭމެންނަށް ވަރަށް އުދަނގޫވާނެ. މީހުން ބުނަނީ ތެދެއް. އަންހެނުންގެ ހިތަކީ އެނބުރޭ ވަހުތާނެއް. ދެދުވަހު އެއްގޮތަކަށް ނޯންނާނެ. ލޯއްބޭ ކިޔައިގެން މިހުރިހާދުވަހު ދެއްކީ އެކްޓް. އެއީވެސް ކުޅޭ ކުޅިވަރެއް. އިއްޔެ އަހަރެންގެ މުއްސަދިކަން ފެނިގެން މަގޭ ލޮލުގައި އަނދުން އަޅުވާފައި މިއަދު ހިތްފުރުނީދޯ އެހެން ފިރިހެނުންގެ ފަހަތުން ދުވަންފެށީ. ބުނަން އާރިއާ. ތިޔަވައްތަރަށް މަށާއި އިނދެގެން ނޫޅެވޭނެ. ތިކަހަލަ ބޭވަފާތެރިންނަށް އަހަރެންގެ ގެއިން ޖާގައެއްނެތް. އައި ތަނަކަށް ނިކުމެގެންދޭ. އެހެރީ ވަންދޮރު. އަދި ބުނަން މިވަގުތުން ފެށިގެން އަހަރެންނާއި ކަލޭގެ މެދުގައި އެއްވެސް ގުޅުމެއް ނޯންނާނެ.” ގަދަ ރުޅީގައި ރާކިންއަށް ކިޔޭނުކިޔޭވެސް އެނގޭހެނެއް ހިއެއްނުވެއެވެ.
އެއްފައްޗަކަށް އެހުރިހާ ބަހެއް އަމުނާލާފައި އަނެއްފަރާތަށް އެނބުރުނުގޮތަށް އޭނާ ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިން ނިކުމެ ދޮރުޖަހާލިއެވެ. ހިލައިގެ ބުދެއްހެން ހުއްޓިފައިވާ އާރިއާއަށް އެސްފިޔަޖަހާލަންވެސް ހަނދާންވީވެސް ދެނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ދެލޮލަށް ޖަމާވިއެތައް ސަތޭކަ ކަރުނަތިކިތަކުން އެދެލޯ ފުރިގެން ބަންޑުވާންފެށިއެވެ. ދެފައިކޮޅުން ވާގިދޫވެގެން އާރިއާއަށް ތިރިއަށް ވެއްޓިގަނެވުނެވެ. އަޑުބޭރުވީ ތިރީގައި މޫނު ޖެހުނު ފަހުންނެވެ. އެތައް އަހަރެއް ވާންދެން އޭނާ އުޅެމުން އައި އުފާވެރިކަމުގެ ބަގީޗާ ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލި ހަލާކުވެއްޖެއެވެ.
ރާކިން އެނބުރި އައީ އިރުއޮއްސުނު ފަހުންނެވެ. އާރިއާ އޭރު އިނީ ޔޫން ނިންދަވަންވެގެން އުނގަށްލައިގެންނެވެ. ދޮރުހުޅުވުނު އަޑަށް އޭނާ އިސްއުފުލާލިއިރު ރާކިން ވަންނަނީއެވެ. ޔޫން އެނދުގައި ބާއްވާފައި އާރިއާ އެނބުރި ރާކިންއަށް ބަލާލިއެވެ. ރާކިންގެ އަތުގައި ރޯކޮށްފައި އޮތް ސިގިރެޓެއް ފެނިފައި އޭނާ ސިހުނެވެ.
“މިހާރު ސިގިރެޓްވެސް ބޯންފެށީތަ؟” އާރިއާއަށް ބުނެލެވުނެވެ. އަމިއްލަ ހާލަށްވުރެ އެވަގުތުވެސް އޭނާއަށް މުހިންމުވީ ރާކިންއެވެ.
“ދާށޭ ބުނީމައިވެސް އަދިވެސް ހުރީތަ؟” ރާކިންގެ ރުޅިއަށް އަދިވެސް ބަދަލެއް ނާންނަ ކަހަލައެވެ. އެކަމަކު އެމޫނުން އޭނާ އެކަމާއި ހިތާމަކުރާހެން އާރިއާއަށް ހީވީއެވެ. އޭނާ ވާހަކަދައްކަން ފެށީ ރާކިންއަށް ބަލަހައްޓައިގެން ހުރެފައެވެ. އާރިއާ ބަލާކަން އެނގިގެން ރާކިން އަނެއްފަރާތަށް މޫނުއަނބުރާލިއެވެ.
“ދާން މިއުޅެނީ. ދެން އަހަރެންވެސް ބޭނުމެއްނޫން މިގޭގައި ހުންނާކަށް. އެކަމަކު ދިއުމުގެކުރިން ބުނެލަން ބޭނުން ވާހަކައެއް. ތިގޮތަށް ރެޔާއިދުވާލު މަސައްކަތުގައި އުޅެންވެއްޖެއްޔާ ރާކިންއަށް ދުވަހަކުވެސް ދިރިއުޅުމެއް ނުފެންނާނެ. ދުވަހަކުވެސް ވަފާތެރިޔަކު ނުލިބޭނެ. އަހަރެންގެ ފަހުން ދެން މިގެއަށް އަންނަ އަންހެންކުއްޖާއަށްވެސް އެހެންމީހެއްގެ ފަހަތުން ދާން މަޖުބޫރުވާނެ. އަހަރެން ބަލާނަން ރާކިން އާއި އިންނާނެ އެހެން އަންހެންކުއްޖަކުވޭތޯ. އަހަރެން ބަލާނަން ޝަކުވާއެއްނެތި އެކަނިމާއެކަނި މިގޭގެ ހަތަރުފާރުތެރޭގައި އިންނާނެ ދެވަނަ އަންބަކު ގެނެވޭތޯ. ބަލާނަން ކިހާދުވަހެއް ވާންދެން ރާކިންއާއި އިނދެގެން އެކުއްޖަކަށް އުޅެވޭތޯ.” އާރިއާ އަނެއްކާވެސް އެނދާއި ކައިރިއަށް ޖެހިލާފައި ނިދިފައި އޮތް ދަރިފުޅު އަތުތެރެއަށް ލައިގެން ނިކުންނަން ދިޔައެވެ.
މާކުރިން ތައްޔާރުކޮށްފައިވާ ދަބަސް ތިރީގައި ހުއްޓެވެ. ޓެކްސީ އައި ވާހަކަ ބުނުމުން ބޭރަށް ނިކުމެފައި އަރާ އިށީންނުމާއެކު ރޫބީ އާރިއާގެ ދަބަސް އެތެރެކޮށްލަދިނެވެ.
*****************************
އާރިއާގެ ގިސްލުމުގެ އަޑުން މުޅިތަން ގުގުމާލިއެވެ. އާދަމްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހުރިހާދުވަހު އާދަމްއަށްވެސް އެނގިފައިވަނީ އެގެއިން އޭނާ ނިކުތުމާއި ހަމައަށް ކަން ހިނގާދިޔަ ގޮތެވެ.
“އެޑަމް. އަހަރެން ހިއެއްނުކުރަން އަހަރެންނަށް ބުނެވޭ އެންމެ ޖުމްލައެއްގެ ސަބަބުން ހަޔާތުގެ ހައަހަރު ބޭކާރުވެގެން ހިނގައިދާނެ ކަމަކަށް. ރާކިންއަކީ ދުވަހަކުވެސް އެގޮތަށް ވިސްނާނުލައި ބަސްބުނާ މީހެއްނޫން. އެދުވަހު އޭނާއަށް ވެފައިހުރިގޮތެއް އަދި އަދަށްދާންދެންވެސް އަހަރެންނަކަށް ނުވިސްނުނު.” ދެލޯ ފުހެލާފައި އާރިއާ އާދަމްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު އާދަމް އައިސް ކައިރީގައި އިށީންދެފައި އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ކޮނޑުގައި ހިފަހައްޓާލިއެވެ.
“އަހަރެން… އަހަރެން ހީކުރީ ރާކިން ހިތުގެ އަޑިން ޤަބޫލެއްނުކުރާނެކަމަށް އަހަރެންގެ ވާހަކައެއް. އަދި ޤަބޫލުކުރިކަމަށްވަންޏާ، އަހަރެން ހީކުރީ އެގޮތަށް ވާހަކަދެއްކީމަ ރާކިން ރުޅިއަންނާނީ އެވަގުތަށް ކަމަށް. އެކަމަކު އޭގެ ބަދަލުގައި އޭނާ އަހަރެން އަނބުރާހޯދަން މަސައްކަތްކުރާނެ ކަމަށް. އަމިއްލަ ކުށް އިހްސާސްކޮށް އެކަން އިސްލާހުކުރަން މަސައްކަތް ކުރާނެ ކަމަށް. އެކަމަކު ހާލަތު އެނބުރިގެންދިޔައީ ހީވެސްނުކުރާފަދަ ގޮތަކަށް. އެހުރިހާ ވާހަކައެއް އަހަރެންނާއި ދިމާއަށް ގޮވާލިއިރު ހަމައެންމެ ފުރުސަތެއް ދިންނަމަ. އެންމެ ފަހަރަކު އަހަރެން ކައިރިން އަހާލިނަމަ… ” އާރިއާ މެދުކަނޑާލާފައި ދެންފެށިއިރު މީހާ ހިސާބަކަށް ހަމައަކަށް އެޅިފައި ހުއްޓެވެ.
“ޖަވާބުދާރީވާން އަހަރެންނަށް ފުރުސަތު ލިބުނުއިރު އިތުރަށް ދައްކާނެ ވާހަކައެއްނެތް. ވާހަކަދައްކައިގެން ހައްލުކުރުމަށްޓަކައި މިދެމެދުގައި އެއްވެސް ގުޅުމެއްނެތް.” އާރިއާ އިރުކޮޅެއް ކޮށްލާފައި ބުނެލިއެވެ.
“ގެއަށް އައިއިރު ރާކިންގެ މޫޑުހުރީ ކިހިނެތްކަން އަހަރެމެން އެކަކަށްވެސް ނޭނގެ. ވެދާނެ އޭނާ އައީ ކަމަކާއި ހިތްހަމަނުޖެހިފައި ހުރެގެން ކަމަށް. ދެން ފެނުނީ އަހަރެންނާއި އާރިއާގެ ގައިގޯޅި މަންޒަރެއް. އެދުވަސް އެއީ އަހަރެން ފުރަތަމަ ފަހަރަށް ރާކިންއަށް ފެނުނުދުވަސް. އެއަށްފަހު ކުށަށް އާރިއާ އެއްބަސްވިކަން. ވިސްނާލަބަލަ ކިތަންމެ އިތުބާރުކުރިއަސް އެހުރިހާކަމެއް އެކުވީމަ ޤަބޫލުކުރަން ކިހާފަސޭހަވާނެ.” އާދަމް ވިސްނަން އިނދެފައި ވާހަކަދެއްކިއެވެ. ޚުދު އާރިއާއަށްވެސް އެވާހަކައާއި އެއްބަސްވެވުނެވެ.
“ރާކިންގެ ހުންނާނެ ގޮތްދޫނުކުރާ ސިފައެއް. އޭނާއަށް ބުނެވިއްޖެ އެއްޗެއްވިއްޔާ އަނބުރާ ގެންދިއުމެއް ނޯންނާނެ. އެކަން އެނގޭތީވެ ކަންނޭނގެ އަހަރެންނަށް ހަމަ ހީވަނީ ވެދިޔަތަން ބަދަލުކުރަން ބޭނުންވިއަސް ރާކިން ގޮތްދޫނުކުރަންވެގެންނޭ އެކަމާއި ބެހޭގޮތުން ވާހަކަ ނުދައްކަނީ. ދެން އިވުނީ ރަށަށް ގޮސް ކުއްލިއަކަށް ކައިވެނިކުރި ޚަބަރު. އެދުވަހު އަހަރެންނަށް ވިސްނުނު ރާކިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން. އަހަރެންނަށް އެހެން ބުނެވުނީތީ ކައިވެނިވެސް ކުރީ. ޒާނައަކީ ސޯޅައަހަރުގެ ޅަކުއްޖެއް. ރާކިންގެ މަޤްސަދަކީ އަހަރެންނަށް ޖަވާބުދިނުން ކަމަށް ނުވާނަމަ ޒާނަފަދަ ކުއްޖަކާއި އިންނާނެތަ؟ އޮފީހަށް ނިކުންނަން ފެށިފަހުންވެސް ރާކިންގެ ކޮންމެ އަމަލަކުން އަހަރެންނަށް ފެނުނީ އޭނާ އަދިވެސް އަހަރެންދެކެ ލޯބިވާކަން. އެކަމަކު މިއަދު ޒާނައާއި އަހަރެންގެ މެދުގައި އެއްވެސް ތަފާތެއްނެތް. އެޑަމް. ރާކިން އެކްޗުއަލީ މޫވްޑް އޮން. ޒާނަ ބަނޑުބޮޑު.” އާރިއާއަށް ވާހަކަނުދެއްކިގެން ހުއްޓާލިއެވެ. އަދި ސޯފާއިން ތެދުވެގެން ދުވެފައި ގޮސް ކޮޓަރިއާއި އަރާހަމަވުމާއެކު ސިހިގެންދިޔަވަރުން ލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް ހުއްޓިގެންދިޔައެވެ.
ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ޒާނަ ހިނގުން ހުއްޓާލާފައި ބަލައިލިއެވެ. އެތެރެއަށް ވަނީ ހަނީފާއެވެ. ދުފާ ރަތްކޮށްލައިގެން ހުރެ ކަނާއަތު ޝަހާދަތް އިނގިލީގައި ޖަހާފައިހުރި ހުނިކޮޅު ލޮއެލާފައި އޭނާ ޒާނަގެ ކައިރިއަށްއައެވެ.
“މަންމާ! ކިހިނެތްވެގެން ތިއުޅެނީ؟ އެވަރުގެ ބޮޑު ދޮގެއް ހެދުމުގެކުރީން އެންމެ ފަހަރަކުވެސް ވިސްނާލިނަމަ. ރާކިން ހިތަށްއަރާނީ ކީކޭ؟” ޒާނަ ނިކަން ބާރަށް އަހާލިއެވެ.
“ޝޫ..މާބާރަށް ވާހަކަނުދައްކާ. މަބީރެއްނޫން އަދިއެއް. އެހެންނޫނަސް ކޮންދޮގެއްތަ އަހަރެން ހެދީ؟” ދެފަރާތް ބަލާލާފައި ހަނީފާ ޒާނަގެ އަނގަމަތީގައި އަތްއެޅިއެވެ.
“ކޮންދޮގެއްހޭ؟ އަހަރެން ބަނޑުބޮޑެއް ނޫން. އަހަރެން ބޮލުގައި ރިއްސީ ބަނޑުބޮޑު ވެގެނެއްނޫނޭ. މަށަށްވެސް އެވަރު އެނގޭނެއްނު. މަންމަ އަހަރެންނަށް އޮޅުވާލަން އުޅޭނެކަމެއް ނެތް.” ޒާނަ ހަނީފާގެ އަތް ފޮޅުވާލިއެވެ. އޭގެ ޖަވާބު ޒާނައަށް ލިބުނީ އޭނާގެ ކޯތާފަތަށް އަރައިގެން ދިޔަ ހޫނު އެތިފަހަރަކުންނެވެ.
“އަހަރެންނަށް މަޖުބޫރުވީ ދޮގުހަދަން. އެނގިއްޖެތަ؟ އެކަން އެގޮތަށް ކޮށްގެންވެސް އެމިސްކު ޒާނަފަހަތުން ނައްޓާތޯ. ޒާނަ ކީކޭ ހިތަށްއަރައިގެންތަ މިސްކުގެ ކޮޓަރިއަށް ވަނީ. އަހަރެން ހިއެއްނުކުރަން ތީ އެވަރުގެ ލަދުހަޔާތްކުޑަ ކުއްޖެއް ކަމަކަށް. ބަލަ އެއީ ރާކިންގެ ކޮއްކޮއެކޭ. ޗީ.” ދެވަނަ ފަހަރަށްވެސް ހަނީފާ ޒާނަގެ މޫނުގައި ޖެހިއެވެ. ނަގައިގަތް ދިލައިން ޒާނަގެ ލޮލުން ކަރުނަ ހިލުނެވެ.
“ދެން އޭނައާއި އަނގައިން ބުންޏަސް ރާކިންއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން. އޭރުން މިސްކު ހުންނަންޖެހޭނީ ވަންނާނެ ހިޔާވައްސެއްވެސް ނެތިފަ.” އިންޒާރުދީފައި މަންމަ ނިކުމެގެން ދިޔަފަހުން ޒާނަ އެނދުމައްޗަށް ވެއްޓިގެންފައި ބާލީހުގައި މޫނުޖަހައިގެން އޮތެވެ. ރާކިން އައީވެސް އޭނާ އެހެން އޮތްވައެވެ.
ކޮޓަރިއަށް މީހަކު ވަންއަޑުއަހާފައި ޒާނަ ހީކުރީ އަނެއްކާވެސް މަންމަ އައީކަމަށެވެ. އަޅާވެސްނުލާ އޭނާ އޮތީ އެހެންވެއެވެ. ދެޖީބަށް އަތްޖަހާލައިގެން ޒާނަގެ ބޯލާކޮޅުގައި ހުއްޓިފައި ރާކިން ވިސްނާލިއެވެ. ޒާނަ އޮތީ ނިދާފައި ކަމުގައިވާނަމަ އުދަނގޫ ކުރާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު މިވަގުތު ޒާނައާއި ވާހަކަދެއްކުން އެއީ އޭނާއަށް އެންމެ މުހިންމުކަންތަކެވެ.
“ޒާނަ!” ރާކިން ކިތަންމެ މަޑުން ގޮވާލިނަމަވެސް ޒާނައަށް އެއަޑު އިވިގެން ފުންމައިގެން ތެދުވިއެވެ. އަވަސްއަވަހަށް ބޮލުގެ އިސްތަށިތައް އަތުން ފަހަތަށް ފުނާއަޅާލާފައި އޭނާ ދެފައި ބާލައިގެން އެނދުގައި ހަމަޖެހިލިއެވެ.
“ކިހިނެތް މިހާރު؟” ރާކިން ކުރަން ބޭނުންވި ސުވާލު މަޑުޖައްސާލިއެވެ. ޒާނަގެ މޫނަށް އޭނާ ބަލަހައްޓައިގެން ހުރިގޮތުން ހިތްވެސް ބޭރަށް ނިކުންނަން އުޅުނުހެން ޒާނައަށް ހީވިއެވެ. ރާކިން އެހާ ސީރިއަސްވެފައި ހުއްޓާ ޒާނަ ދުވަހަކުވެސް ނުދެކެއެވެ.
“އަހަރެން… އަހަރެން މުޅިން ރަނގަޅު…” ޒާނަގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. މާބޮޑަށް ކަރުތެރެ ހިކޭގޮތްވެގެން އިތުރަށް ވާހަކަދައްކަން އުދަނގޫވިއެވެ.
ރާކިން ދެވަނަ ފަހަރަށް ގޮވާލުމުން ދައްކަން އުޅޭ ވާހަކައިގެ ސީރިއަސްކަން ޒާނަ ނަގައިގަނެވުނެވެ. ވާހަކަ ދައްކަން އުޅެފައިވެސް ރާކިން ދުރަށް ގޮސް ފުރަގަސްދީގެން ހުއްޓިއްޖެއެވެ.
“ޒާނަ. ދުނިޔޭގެ ނަޒަރުގައި ތިކުއްޖާގެ ބައްޕައަކަށް ވާނީ އަހަރެން. އަދި އަހަރެންނަށް ތިކަމުން ފިލޭނެ މަގެއްވެސް ނޯންނާނެ. އެކަމަކު އަހަރެންނަކަށް ހިއެއްނުވޭ ޒާނައާއި އަހަރެންގެ މެދުގައި އެފަދަ އެއްވެސް ގުޅުމެއް ހިނގާފައި ވާހެނެއް.” ރާކިން އެހެން ބުނެފައި ފަސްއެނބުރި ބަލާލުމާއެކު ޒާނަ އެނދުން ފުންމާލައިގެން އަވަސްއަވަހަށް ގޮސް ރާކިންގެ ކައިރިއަށް ހުއްޓުނެވެ.
“ސޮރީ ރާކިން. އެއީ މަންމައަށް އޮޅިގެން ދެއްކުނުވާހަކައެއް. އަހަރެން މިހުންނަނީ ރާކިންއަށް މިވާހަކަ ކިޔައިދޭނެގޮތެއް ނޭނގިފަ. ހެނދުނުއްސުރެ އަހަރެން ބޮލުގައި ރިއްސާވާހަކަ ބުނީމަ މަންމައަށް ވިސްނުނުގޮތް.” ޒާނަ އަވަސްއަރުވާލާފައި އެއްފައްޗަކަށް އަމުނާލިއެވެ. ރާކިން ހުރީ ފުރަތަމަ އެއްޗެއް ނުބުނެ ބަލަހައްޓައިގެން ނެވެ. ދެވަނަ ސިކުންތުގައި ހިނިތުންވެފައި އެކޮޓަރިން ނިކުންނަން ދަމުން ޒާނަގެ ނޭފަތުގައި ހިފާލިއެވެ.
ރާކިންގެ އެއާދަޔާ ހިލާފް ހަރަކާތުން ޒާނަ ގާތަށްވެސް ހިނިއަންނަ ގޮތްވިއެވެ. ރާކިން ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން ހުރެގެން އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
ނުނިމޭ