.
ބަދުރުއްދީން ޙަސަން
މިދިޔަ ބުރާސްފަތި ދުވަހަކީ ފުޓުބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކު އިންތިޒާރު ކުރި ދުވަހެކެވެ. އެއްސަބަބަކީ ދިވެހިންގެ ތެރެއިން ގިނަބަޔަކު ވެސް ބަލާ ޔޫރަޕްގެ ކްލަބް ތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް، ޔޫރަޕިއަން ޗެމްޕިއަންސް ލީގު 2012-2013 ގެ ގުރުއަތުލުން އޮތުމެވެ. އަނެއް ސަބަބަކީ ނިމިދިޔަ ސީޒަނުގައި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުން ބޭއްވުމެވެ.
ކުރިން ދެމުން އައި ދެއެވޯޑެއް އެއްކޮށްލުމަށްފަހު މިދިޔަ އަހަރު ޔުއޭފާއިން ތަޢާރަފްކުރި ޔޫރަޕްގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަކީ ޔޫރަޕްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއާއަށް ދެވޭ އެވޯޑެކެވެ. މި އެވޯޑު ދިނުމުގެ އުސޫލުތަކަށް ބަލާއިރު ޔޫރަޕުން ބޭރު ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއެއް ވިޔަސް، އެކުޅުންތެރިއަކަށް އެވޯޑް ހާސިލް ކުރުމުގެ ފުރުސަތު އޮވެއެވެ. އެވޯޑް ލިބޭ ކުޅުންތެރިއެއް ކަނޑައަޅަނީ ޔޫރަޕްގެ 53 ނޫސްވެރިންގެ ޕެނަލްއަކުން ނެވެ. މިދިޔަ އަހަރު މިއެވޯޑް ހޯދާފައިވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ އެވެ. ދެވަނަ ސްޕެއިންގެ ޒަވީ ހެނާންޑެޒް އަށް ލިބުނު އިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ ކަމަށް އަބަދުވެސް ދައުވާ ކުރާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނީ ތިންވަނަ އެވެ.
މިއަހަރުގެ މިއެވޯޑަށް ވާދަކުރި ކުޅުންތެރިންގެ ތެރެއިން ޝޯޓްލިސްޓް ކުރެވިގެން ނޮމިނީސްގެ ގޮތުގައި ހޮވުނީ ލިއޮނެލް މެސީ އާއި ރޮނާލްޑޯގެ އިތުރުން ސްޕެއިންގެ އަންޑްރޭސް އިނިއެސްޓާ އެވެ. އެވޯޑް ނައިޓްގެ ކުރިން ޔުއޭފާއިންނާއި ތަފާތު އެކި ނޫސްތަކުން ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުތަކުގައި އެއްވަނަ ލިބޭނެކަމަށް ގިނަ ބަޔަކު ހީކޮށްފައިވަނީ ރޮނާލްޑޯއަށެވެ. އަދި ދެވަނަ މެސީ އަށް ލިބި ތިންވަނަ އިނިއެސްޓާއަށް ކަމަށް ގިނަބަޔަކު ހީކުރިއެވެ. ޔުއޭފާގެ ވެބްސައިޓްގައި ކިޔުންތެރިން ދިން ވޯޓްތަކުގެ ނަތީޖާ ދެއްކީވެސް އެހެންނެވެ. ނަމަވެސް ގިނަ ބަޔަކު ހީކުރިގޮތާ ޚިލާފަށް އެއްވަނަ ލިބިފައިވަނީ އިނިއެސްޓާ އަށެވެ. ދެވަނަ މެސީ އަށް ލިބުނު އިރު، ރޮނާލްޑޯ އަށް ލިބުނީ ތިންވަނަ އެވެ.
ސީޒަނުގައި 64 ގޯލުޖެހި މެސީ އާއި ހަތަރު އަހަރަށް ފަހު ރެއާލް މެޑްރިޑަށް ސީޒަން ހޯދައިދިނުމުގެ މޭސްތިރިއެއް ކަމަށްވި ރޮނާލްޑޯ އަށް އެވޯޑް ނުލިބި އެންމެ 5 ގޯލު ޖެހި އިނިއެސްޓާއަށް އެއްވަނަ ލިބުމުން ބައެއް މީހުން ސުވާލު އުފައްދަފާނެއެވެ. ނަމަވެސް އިނިއެސްޓާއަކީ ޔޫރަޕްގެ އެއްވަނަ އަދި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމް ވެސް ނުލިބޭ ވަރުގެ ކުޅުންތެރިއެއް ނޫނެވެ.
ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ޔޫރޯ 2012 ސްޕެއިން އަށް ހޯދައިދިނުމުގައި އިނިއެސްޓާ ވަނީ ބޮޑު ރޯލެއް އަދާކޮށްފައެވެ. ސްޕެއިންގެ އެއްވަނަ ފޯވަޑް ޑޭވިޑް ވިއާ ނުލާ، އަދި ފޯމު ގެއްލިފައި ހުރި ޓޮރޭސް އާއެކު ޔޫރޯއަށް ނުކުތް ސްޕެއިންއަށް މުބާރާތް ޖެހިޖެހިގެން ދެވަނަ ފަހަރު ދިފާއު ކުރެވޭނެތޯ މިއީ އޭރު ނޫސްވެރިން ކުރި ސުވާލެކެވެ. ނަމަވެސް ސްޕެއިން އިން ޔޫރޯ ކާމިޔާބު ކުރިއިރު ސްޕެއިންގެ މެދުތެރޭގައި ވަރުބަލި ކަމެއް ނެތި އިނިއެސްޓާ ދެއްކި ކުޅުމަކީ ތަޢުރީފް ހައްގު ކުޅުމެކެވެ. އަދި ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިނިއެސްޓާއަށް ޔޫރޯ 2012 ގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބުނެވެ.
ސްޕެއިންގެ ބާސެލޯނާގެ ލަމާސިއާ އެކަޑެމީ އިން ނުކުތް އިނިއެސްޓާ ވަނީ ސްޕެއިންގެ އިތުރުން، ވޭތުވެ ދިޔަ ހައެއްކަ އަހަރު ބާސެލޯނާ އިން ސްޕޭން އާއި ޔޫރަޕްގައި ހޯދި ކާމިޔާބީ ތަކުގައި ވެސް މުހިއްމު ރޯލުތަކެއް އަދާކޮށްފައެވެ. 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ޗެމްޕިއަންސް ލީގު ބާސެލޯނާއަށް ހޯދައިދިނުމުގައި އިނިއެސްޓާ ބޮޑު ރޯލެއް ކުޅުނެއެވެ.
މިދިޔަ ސީޒަނުގައި އެންމެ 5 ގޯލު އިނިއެސްޓާ އަށް ޖެހުނު ކަމުގައި ވިޔަސް ސްޕެއިން އަދި ބާސެލޯނާގެ މެދުތެރޭގައި އަހެއް ފަދައިން ދުވަމުންދިޔަ އިނިއެސްޓާ ވަނީ 90.2% ޕާސް ކޮމްޕްލީޝަން ރޭޓެއް ދަމަހައްޓާފައެވެ. އަދި މުނާސަބު ވަގުތު ތަކުގައި މުހިއްމު ގޯލްތަކެއް ޖެހުމުގެ އިތުރުން އެހެން ކުޅުންތެރިންނަށް ގޯލު ޖަހަން ފުރުސަތު ހޯދައިދޭ ކުޅުންތެރިއެއްގެ ގޮތުގައި އިނިއެސްޓާ ވަނީ ފާހަގަ ކުރެވިފައެވެ. ޔޫރަޕްގެ އެއްވަނަ މަގާމަށް ފަހު ފީފާގެ ޝަރަފްވެރި އެވޯޑް ބެލޮންޑިއޯ މިއަހަރު ލިބުން އެންމެ ހައްގު ކުޅުންތެރިއަކީ ވެސް އިނިއެސްޓާ ކަމަށް އިންޑަސްޓްރީގެ ޕަންޑިތުން މިހާރު ވަނީ ބުނަން ފަށާފައެވެ.