twitterviber whatsapp telegramfacebookyoutube instagram
23rd November 2024

އެޕަލްގެ އައިފޯން 5 އާމެދު ދެކެވޭ ވާހަކަތައް މެކުހަށް

Sep 5, 2012

.

ސްމާޓް ފޯނާއި ޓެބްލެޓްގެ ވިޔަފާރީގައި މިހާރު އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރެއިން އެޕަލްގެ ވާހަކަ ތަކަކީ އެންމެ އާއްމުކޮށް ދެކެވޭ ވާހަކަތަކެވެ. އެއީ އިންޑަސްޓްރީގެ ހަތުރު ސެމްސަންގ ކުންފުންޏާއި އެޕަލް އާދެމެދު އޮންނަ ވާދަވެރިކަމުގެ ސަބަބު ދައްކަން މަޖުބޫރު ވާ ވާހަކަތަކެއް ކަމަށް ވެސް ވެދާނެއެވެ. މީގެ ހަފްތާއެއްހައި ދުވަސްކުރިން އެޕަލް އިން ވަނީ ސެމްސަންގ އިން އެމީހުންގެ ފިކުރު ވަގަށްނަގައި ކޮޕީ ކޮށްފައިވާތީ ކޯޓުގައި ކުރި ދައުވާ ކާމިޔާބު ކޮށްފައެވެ.

އެވާހަކަ ވެގެންދިޔައީ ދުނިޔޭގެ ފަލަ ސުރުހީތަކުގައި އެންމެ ގަދައަށް ދެކެވުނު އެއްވާހަކަ އަށެވެ. ނަމަވެސް މިހާރު މިވަނީ އަނެއްކާ ވެސް އާވާހަކައެއް ފަށާފައެވެ. އެއީ އެޕަލް އައިފޯން 5 ގެ ވާހަކައެވެ. އެޕަލް އައިފޯން 5 ނުކުންނާނެ ދުވަހާއި ފޯނަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން މީގެ ކުރިން ވެސް ވާހަކަ ދެކެވެއެވެ. ނަމަވެސް މިދުވަސްކޮޅު މިވާހަކަ ގަދަވެގެން އުޅޭ އެއްސަބަބަކީ މީގެ ތިންހަތަރު ދުވަސް ކުރިން އެމީހުންގެ ހަތުރު ސެމްސަންގ އިން ގެލެކްސީ ނޯޓް 2 ބާޒާރަށް ނެރުން ކަމަށް ވެދާނެއެވެ. އެއީ ގެލެކްސީ ނޯޓު 2 ގެ އަޑު މަޑުކޮށްލަން އެޕަލްއިން އައިފޯން 5 ގެ “ރޫމާސް” އިތުރު ކޮށްލީ ކަމަށްވެސް ވެދާނެއެވެ.

ސްމާޓް ފޯނުގެ އިންޑަސްޓްރީ އަށް ބޮޑު އިންގިލާބެއް ގެނައި އެޕަލް އިން މިދިޔަ އަހަރު އައިފޯނު 5 ނެރޭނެފާނެކަމަށް ބެލެވުނެވެ. ނަމަވެސް އައިފޯން 4 އަށް ކުދި ބަދަލުތަކެއް ގެނައުމަށްފަހު މިދިޔަ އަހަރު ނެރެފައިވަނީ އައިފޯން 4 އެސް އެވެ. ނަމަވެސް ވޭތުވެދިޔަ ދެއަހަރެއްހައި ދުވަހުގެ ތެރޭގައި ސެމްސަންގ އިން އައިފޯނާއި ވާދަކުރެވޭވަރުގެ ފޯނުތަކެއް ނެރުމުގެ ސަބަބުން އެޕަލް އަށް ވަނީ އަނެއްކާވެސް ވަރަށް ތަފާތު ފޯނެއް ނެރެން މަޖުބޫރު ވެފައެވެ. ސެމްސަމްގ ފޯނުތަކުގެ ސަބަބުންނާއި އެމީހުން ބޭނުންކުރާ ގޫގުލްގެ އެންޑްރޮއިޑްގެ “ސަޅި” ކަމުން ގިނަ ބަޔަކު ސެމްސަންގ އަށް ވަނީ ލޯބި ޖެހިފައެވެ.

ސެމްސަންގ ގެ އުނދަގޫތަކުގެ ސަބަބުން އެޕަލް އިން އައިފޯނު 5 އަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް ދާއިރާގެ މާހިރުން ވަނީ ބުންނަފަށާފައެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ ކަމަކީ އައިފޯނު ފަހެއްގެ ސްކްރީނުގެ ސައިޒު ބޮޑު ކުރުމެވެ. ސެމްސަންގ ގެ ގެލެކްސީ ނޯޓާއި އެސް ތްރީ ގައި ހިމެނޭ ބޮޑު ސްކްރީނުގެ ސަބަބުން އެދިމާލަށް ދިޔަ ކަސްޓަމަރުން އަލުން ހޯދުމަށް މިފަދަ ބަދަލެއް ގެންނަން ޖެހެއެވެ. ސްކްރީން ބޮޑުކުރުމުގެ އިތުރުން އައިފޯނު 5 ގެ ބޯމިން ވެސް ތުނި ކުރާނެކަމަށް ވެލެވެއެވެ. އަދި ދެކެވޭ ވާހަކަތަކުން ބެލެވެނީ ފޯނުގެ ބަރުދަން ވެސް ލުއި ކުރާނެ ކަމެވެ.

މީގެ އިތުރުން ފޯނުގެ ބެޓަރީ ލައިފް އިތުރު ކުރުމާއި، ކެމެރާގެ މޮޅުކަންވެސް އިތުރު ކުރެވޭނެ ކަމަށް ބެލެވެއެވެ. ބަދަލު އަންނާނެ އަނެއްކަމަކީ އެޕަލްގެ ޑިވައިސްތަކުގައި ބޭނުންކުރާ ކޭބަލް އެވެ. މިހާރު ބޭނުންކުރާ 30 ޕިން ކަނެކްޓަރުގެ ބަދަލުގައި 9 ޕިން ކަނެކްޓަރަކަށް ބަދަލު ކުރާނެއެވެ. އަދި މުޅިން އަލަށް ތަޢާރަފްކުރާ ނެނޯ ސިމް ވެސް އައިފޯނު 5 އާއެކު ނެރޭނެކަމަށް ބެލެވެއެވެ. މީގެ އިތުރުން ގްލާސް ބެކް ގެ ބަދަލުގައި މެޓަލް ބެކެކް އެއް ބޭނުން ކުރާނެކަމަށްވެއެވެ.

އެޕަލްގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް އަކީ ވެސް މުޅިން އާ ކަންތައްތަކެއް ބާޒާރަށް ގެނުވި އެއްޗެކެވެ. ނަމަވެސް ގޫގުލްގެ އެންޑްރޮއިޑުން އައިއޯއެސް އާ ވާދަކުރެވޭ ވަރުގެ އެއްޗެއް ކަސްޓަމަރުންނަށް ގެނެސްދީފައެވެ. އެހެންކަމުން އެޕަލް އަށް މިފަހަރު ޖެހޭނީ އެންޑްރޮއިޑް ވެސް ތަޅާބުރުވާލެނެ ފަންޑިތައެއް ހަދާށެވެ. ނަމަވެސް އެއީ އެއްވެސް ވަރަކަށް ފަސޭހަ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެއީ އެންޑްރޮއިޑުން އަންނަނީ އެޕަލްއިން ފުރޮޅާލާ ކޮންމެ ގަލަކަށް ގަލެއް ފުރޮޅަމުން ކަމަށް ވާތީއެވެ. އެހެންކަމުން އައިފޯނު 5 އަށް ކަމަށް ބުނެ މިހާރު ރިލީސްކޮށްފައިވާ އައިއޯއެސް 6 އަށް ވެސް ބަދަލުތަކެއް ނުވަތަ އަޕްޑޭޕްތަކެއް އައިސްފާނެއެވެ.

ބާޒާރުގެ ކަންކަންމަތީގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު އެޕަލް އައިފޯނު 5 ރިލީސް ކުރާނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް އެއީ ސައްހަ ވާހަކައެއް ކަމެއް ނުވަތަ ނޫންކަމެއް ވެސް އެޕަލްއިން ކަށަވަރެއް ނުކޮށްދެއެވެ. އަދި އެޕަލް އައިފޯނު 5 ކަށާއި އައިއޯއެސް އަށް އަންނާނެކަމަށް މަތީގައި ބުނެވިފައި އެވާ ބަދަލުތަކަކީ ވެސް އެޕަލްއިން އޮޅިގެން އެންމެ ފަހަރަކުވެސް ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ. އެޕަލް އިން ބޭނުންވަނީ އެހެންމީހުން އެވާހަކަ ދެއްކުން ކަމަށްވެސް ވެދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355