.
ކުޅުދުއްފުށީ “މިސްޤާލް” ބޮޑުބެރު ގުރޫޕުގެ އަހަރީ ޝޯވ ބައްވައިފިއެވެ.
ހދ.އަތޮޅު ރިސޯސް ސެންޓަރު ސަރަހައްދުގައި ބޭއްވި މި ޝޯއަކީ މިސްޤާލް ބޮޑުބެރު ގުރޫޕަށް “ބޮޑުބެރު ޗެލެންޖް 2012” ގެ ނަމުގައި ފިތުރު ޢީދާ ގުޅުވައިގެން ދިރާގާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ބޭއްވި ބޮޑުބެރު މުބާރާތުގެ ޗެންޕިއަންކަން ލިބުމުން އަދި އެގުރޫޕްގެ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި ޝޯއެކެވެ.
މިޝޯގައި ހުށައަޅައިދިން ލަވަތަކަކީ މުޅިންވެސް ގްރޫޕްގެ އަމިއްލަ ލަވަތަކެއްކަން ފާހަޤަކުރެވެއެވެ. އަދި މިގުރޫޕަށް ލަވަ ހަދައިދިން އަދި ވޮއިސް ޓްރެއިނިން ދެއްވަމުންގެންދަވާ ދެބޭފުޅުންނަށް މިޝޯގެ ޝަރަފްވެރި މެހެމާން ކުޅުދުއްފުށީ ކައުންސިލްގެ މެންބަރު ޖަމްޝިދު މުޙައްމަދުގެ އަތްޕުޅުން ހަނދާނީ ފިލައެއް ވަނީ ދީފައެވެ.
މިޝްކާލް ބޮޑުބެރު ގްރޫޕުގެ ފަރާތުން ވާހަކަދެއްކި ގްރޫޕްގައި އިސްކޮށް ލަވަކިއުމާއި ބެރުޖެހުމުގައި ހަރަކާތްރެއިވާ ޝަމްނޫޒް މުޙައްމަދު ބުނީ އެ ގްރޫޕުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގައި ސަޤާފީކުޅިވަރު ދިރުވާ އާލާކުރުމާއި ޒުވާނުންނަށް މަޖާ މާހައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ތިލަދުންމަތީގެ އެންމެ މަޝްހޫރު ބޮޑުބެރު ގްރޫޕަށްވުން ކަމަށެވެ.
ޚާއްސަ ބާބެކިއުއަކާއެކު ކުރިއަށް ގެންދިޔަ މިޝޯ ހުއްޓާލަންޖެހުނީ ކުއްލިގޮތަކަށް ރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެންނެވެ.