.
މަރިޔަމް ޔަސްމާ
ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ
ޤާޟީ އަތް އުފުލާލުމާއެކު ދެމީހުން ހުއްޓާލިއެވެ. ޤާޟީ އެންގީ ފަހަރަކު މީހަކު ޖަވާބު އިއްވުމަށެވެ. އެންމެ ފުރަތަމަ އެފުރުޞަތުގެ ބޭނުން ހިފީ ރާކިންއެވެ. ޖަވާބު ދިނުމުގެކުރިން ރާކިން ޒާނަގެ އަތްތިލާގައި ހިފާލާފައި ހިނިތުންވެލިއެވެ. ޒާނަ އިނީ ބަލަހައްޓައިގެން ނެވެ.
“ކައިވެނީގެ ކުރިން އަހަރެން ، ޒާނައަކީ ކޮންކަހަލަ މިޒާޖެއްގެ ކާކުކަން ދެނެގަންނަން އެއްވެސް މަސައްކަތެއް ނުކުރަން. މިހާރު އަދި މިއެނގުނީ ޒާނައަކީ ކާކުކަން. ސްވީޓް. އިނޮސެންޓް. އެހާމެ ހިތްހެޔޮވެފައި ރަގަނޅު އަހްލާޤެއްގެ ވެރިއެއް. ކުރުގޮތަކަށް ބުނަންޏާ ބައިވެރިއެއްގެ ކިބައިގައި ހުރުމަށް އަނެއް ބައިވެރިޔަކު އެދޭނެ ހުރިހާ ސިފައެއް ޒާނަ ކިބައިގެން އަހަރެންނަށް ފެނިގެން ދިޔަ. އެކަމަކު އަހަރެންގެ ހިތުން ޒާނައަށް ދެވިފައިވަނީ ހަމައެކަނި އެކުވެރިއެއްގެ މަޤާމް. ހަޔާތުގެ ބައިވެރިއެއްގެ ފުށުން އަހަރެން ބޭނުންވަނީ މުޅިން އެހެން ކަންތައްތަކެއް ކަންނޭނގެ. ސޯ..އަހަރެންގެ ނިންމުން އޭރުވެސް އަދި މިއަދުވެސް ވަރަށް ސާފު. ބޭނުންވަނީ ކައިވެނީގެ ގޮށް މޮހާލަން.” ރާކިން ވާހަކަދައްކާ ނިމިގެން ޤާޟީއަށް ބަލައިލިއެވެ. އެވަގުތު ޤާޟީގެ އިޝާރާތަށް ޒާނަ ފެށިއެވެ. އޭނާގެ އަތްތިލަ އޭރުވެސް އޮތީ ރާކިންގެ އަތުތެރޭގައި ހައްޔަރުވެފައެވެ.
“ރާކިންގެ ނިންމުމާއި އަހަރެންވެސް އެއްބަސް.” ޒާނަ ޖަވާބުދިނެވެ. ދެފަރާތުގެ ރުހުމާއި އެއްގޮތަށް ކައިވެނި ރޫޅާލެވިއްޖެއެވެ. ނިކުމެގެން ދިޔައިރު އެއީ ޝަރުޢީގޮތުން ގުޅުމެއްނެތް ދެޒުވާނުންނަށް ވިއަސް މިއަދު އެދެމެދުގައިވަނީ ކުރިން އޮތް ބީރަތްޓެހިކަމެއް ނޫނެވެ.
“ޒާނަ. އަހަރެންގެ އެދުމެއް އެބައޮތް.” ގެއަށް ވަދެފައި ރާކިން ވާހަކަދެއްކިއެވެ.
“އަހަރެން ބޭނުންވަނީ ޒާނަ ކިޔަވައިނިމޭން ދެން މިގޭގައި މަޑުކުރަން. އަދި އެއަށްފަހު ޓީޗިން ކޯސް ހެދުމުގެ ހުރިހާ ޒިންމާއެއްވެސް އަހަރެން ނަގާނަން.” ޒާނަ ބޯޖަހާލިތަން ދެކެފައި ރާކިން ބުނެލިއެވެ. އެއަޑު އިވިގެން ޒާނަ ދެލޯ ބޮޑުކޮށްލިއެވެ. ރާކިންގެ އެހާބޮޑު އިހްސާންތެރިކަމެއް އޭނާ ބޭނުމެއް ނުވެއެވެ.
“ޕްލީޒް ޒާނަ. ނޫނެކޭ ނުބުނޭ. އަހަރެމެންގެ ރަހުމަތްތެރިކަމަށްޓަކައި. އެނގޭ ޒާނަ ޓީޗަރަކަށް ވާން ބޭނުންވާވަރު. އެހެންނޫނަސް މީއަހަރެން ޒާނަ ކައިރިން އެދޭ ފުރަތަމަ އެދުން. ޕްލީޒް ސޭ ޔެސް.” ރާކިން ކައިރިވެލާފައި ޒާނަގެ ދެއަތުގައި ހިފާލިގޮތަށް ތިރިވިއެވެ. ދޭނެ ޖަވާބެއް ނޭނގިގެން ޒާނަ ދެފަރާތަށް ލޯހިންގަމުން ދިޔައިރު ރާކިން ނުހަނު އާދޭހާއެކު އެމޫނަށް ބަލަހައްޓައިގެން އިނެވެ.
“ޕްލީޒް!” ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ރާކިން އަނެއްކާ ބުނެލިއެވެ.
“އޯކޭ.” ޒާނަ އެންމެފަހުން އެއްބަސްވިއެވެ.
“ތޭންކް ޔޫ ސޯމަޗް.” ރާކިންގެ މޫނު އުފަލުން ފޮޅިގެން އައެވެ. ޒާނަގެ ދެއަތުން ދޫކޮށްލާފައި އޭނާ ތެދުވެ ބަލަހައްޓައިގެން ހުންނަން ފެށުމުން ޒާނަ ހުއްދައަށް އެދިފައި ދާންވެގެން ހިނގައިގަތެވެ. ޒާނަ ގޮސް ގެއްލުނު ދިމާއަށް ބަލަން ހުރެފައި ރާކިންވެސް އޭނާގެ ކޮޓަރިއާއި ދިމާއަށް ދާންފެށިއެވެ. ހަޤީޤަތުގައިވެސް މިހާރު އޭނާ އެހުރީ އުފަލުންނެވެ. އެންމެފަހުން އޭނާ މިނިވަންވީއެވެ. އަދި އެކަން އެގޮތަށް އެވީ ޒާނަގެވެސް ރަނގަޅުކަމުން ކަމުގައި ރާކިން ދެކެއެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ދައުރުވަމުން ދިޔައެވެ. ހުޅަނގު މޫސުމުގެ ދިގު ދުވަސްތަކަށްފަހު އަލުން އިރުވައި މޫސުން އަތުވެއްޖެއެވެ. އެކަމަކު ރާކިން އާއި ޒާނަގެ ހިތް ބަދަލެއް ނުވިއެވެ. މީގެ ދުވަސްތަކެއް ކުރިއެކޭ އެއްފަދައިން މިއަދުވެސް އެދެހިތުގައި ވަނީ އެހެން ދެއިންސާނެއްގެ ނަމެވެ. މިސްކުގެ ލޯބީގައި ޒާނަގެ ދިގު ދުވަސްތައް ވޭތުވަމުން ދިޔައިރު ރާކިންގެ އިންތިޒާރަށްވެސް ނިމުމެއް ނައެވެ. މެލޭޝިޔާގައި ހުރި ދަރިފުޅާއި ދުވާލަކު އެތަކެއްފަހަރު ވާހަކަދެއްކި ނަމަވެސް އާރިއާ އެއީ ނެތްމީހެކޭ އެއްފަދައެވެ. އާރިއާގެ އަޑު އަހާލުމަށްޓަކައި ކެތްތެރިކަން ކުޑަވެފައިވާއިރު އެއަންހެންކުއްޖާއަށް އޭނާ އިއްވަން ބޭނުން ކިތަންމެ ވާހަކައެއް ހިތުތެރޭގައި ބޮނޑިވަމުން ދިޔައެވެ. ކޮންމެގޮތެއް ވިއަސް ބޮޑު ޗުއްޓީ ނިމި ސުކޫލް ހުޅުވޭއިރަށް އާރިއާ އަންނަން ޖެހޭނެއެވެ. ރާކިންގެ މިހާރު ބަލަބަލާ އެހުންނަނީ އެދުވަހަކަށެވެ. މީގެކުރިން އޭނާ ބޭނުން ކޮންމެކަމެއް ގަދަބާރުން ކުރުމުގެ އާދަ ހަރުލާފައިވިއަސް މިއަދު ރާކިންއަކީ މުޅިން ތަފާތު މީހެކެވެ.
ހޮނިހިރު ދުވަހެވެ. ހެނދުނު އޮފީހަށް ވަދެ ޝެޑިއުލް ޗެކްކޮށްލާފައި ރާކިން ތައްޔާރުވާން ފެށީ އެއަރޕޯޓަށް ދާންވެގެންނެވެ. ހެނދުނު ހަތެއްގެ ފްލައިޓުން އާރިއާ އަންނަ ޚަބަރު ލިބުނީއްސުރެ އޭނާގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. އެސޫރަ ދެކެލުމަށްޓަކައި އޭނާ އެވަނީ ކެތްމަދުވެފައެވެ. އަނެއްކޮޅުން ލޯބިވާ އަންހެން ދަރިފުޅު މޭގައި ޖައްސާލުމަށް އެދި އެހިތް ތެޅިފޮޅެނީއެވެ. އަހުމަދު އައިސް ވަނުމާއެކު މޭޒުމަތީ ހުރި ފައިލްތައް ދައްކާލާފައި ވާހަކަދެއްކި ގޮތުންވެސް ރާކިން އަވަސްއަރުވާލާފައި ހުރިވަރު ފާހަގަވެގެން ދިޔައެވެ. މޯބައިލް ޖީބަށްލާފައި ޓައީދޫކުރަމުން އޭނާ ނިކުންނަން ދިޔައިރު އަނެއްއަތުގައި ކާރުގެ ތަޅުދަނޑި އޮތެވެ.
ހުޅުލެއަށް ރާކިން ފޭބިއިރު ފްލައިޓް ލޭންޑުކުރަން ވަގުތުކޮޅެއް ހުއްޓެވެ. އެއަރޕޯޓް ތެރެއިން ތައުފީޤް ފެނުމުން ރާކިން ރާވާފައިވާ ގޮތުގެ ހިޔާލު ދޫކޮށްލާފައި ތައުފީޤަށް ނުފެންނަ ހިސާބު ދުރުގައި ހުއްޓިލިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓް ލޭންޑްކޮށްފައި ފަސިންޖަރުންތައް ފައިބަން ފެށުމާއެކު ރާކިންގެ ދެލޯ ސިޑިއަށް ހުއްޓާލިއެވެ. އެވަގުތު އޭނާގެ މޯބައިލް ރިންގް ނުވިނަމަ ރާކިންއަށް އެދެމައިން ފައިބާތަން ފެނުނީހެވެ. ވަރަށް މުހިންމުކަމެއް ޖެހިގެން ނޫންގޮތަކަށް އެގަޑީގައި އަހުމަދު ނުގުޅާނެކަން އެނގޭތީވެ ރާކިން އެފޯނަށް ޖަވާބު ދިނެވެ. ނިމިގެން ބަލާލެވުނުއިރު ބޯޓުން މީހުން ފައިބާ ނިމިއްޖެއެވެ. ވަށައިގެން ހޯދާލިތަނާ ތައުފީޤް ލޯންޗަށް އަރާތަން ފެނިއްޖެއެވެ. އާރިއާ އާއި ދަރިފުޅުވާނީ ހިޔާގަނޑު ތެރޭގައެވެ. ފުންނޭވައެއް ދޫކޮށްލާފައި އޭނާ އައި ލޯންޗަށް އަރަން ހިނގައިގަތްތަނާ ތައުފީޤްމެން އިން ލޯންޗް ނައްޓާލިއެވެ.
ރާކިން އިން ލޯންޗަށް މާލެދެވުނުއިރު ތައުފީޤްމެން އަނެއްކާވެސް އޭނާއަށްވުރެ ކުރިން ލޯންޗުން ފައިބަނީއެވެ. ހިޔާގަނޑުން ބޭރަށް ނިކުމެފައި ރާކިން އެދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ޔޫންއަށްފަހު ތައުފީޤްގެ އަތުގައި ހިފައިގެން ވާޓަރުމައްޗަށް ފޭބި އާރިއާ ފެނިފައި އޭނާ ހުއްޓުން އެރިއެވެ. ލޮލަށް ފެންނަމުންދިޔަ މަންޒަރު ޤަބޫލު ނުކުރެވިގެން އުޅޭކަހަލަ ގޮތަކަށް ރާކިން ދެފަހަރުމަތިން ލޯމަރާލާފައި ހުޅުވާލިއެވެ. އެއީ ފެންނަ ހުވަފެނެއް ނޫނީ ހީވާ ހީވުމެއް ނޫނެވެ. އެންމެފަހުން ރާކިން ދުށް އާރިއާ އާއި މިހާރު ފެންނަމުން މިދާ އާރިއާގައި ބޮޑު ތަފާތެއް އެބަހުއްޓެވެ.
ރާކިންގެ ލޮލުތެރޭގައި ގިނަވެގެން ދިޔައީ ކަރުނައިގެ މުތީތަކެވެ. ފުއްޕާލާފައިވާ އާރިއާގެ ބަނޑަށް ބަލައިލިގޮތަށް އޭނާއަށް ހުރެވުނީ ގުޑިލަން ނޭނގިފައެވެ. ކެޕްޓަން އައިސް ވާހަކަދެއްކި އަޑަށް ސިހިގެން ބަލާލިއރު އާރިޔާމެން އެރި ކާރު މާދުރަށް ހިނގައްޖެއެވެ. އަވަސްއަވަހަށް ވާޓަރުމައްޗަށް ފުންމާލާފައި ރާކިން ކާރަށް އަރަންވެގެން ދިޔައެވެ.
ވަކިހިސާބަކުން މިސްރާބު ބަދަލުކޮށްލާފައި ރާކިން މިސްރާބުޖެހީ ސީދާ އާރިއާގެ އެޕާޓްމެންޓަށެވެ. އާދައިގެމަތިން އެޕާޓްމެންޓްގެ ދޮރުހުޅުވީ ގޭގައި ގެންގުޅޭ ލަތާއެވެ.
“ކޮބާ ޔޫން؟” ފަޓްލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ރާކިން ދެފަރާތް ހޯދާލިއެވެ. ޔޫން ގޮވައިގެން އަންނާނެކަމަށް ބުނެފައި ލަތާ އެތެރެއަށް ވަދެގެން ދިއުމުން ރާކިން ދެކޮޅަށް ހިނގަން ފެށިއެވެ. އެމަދު ސިކުންތުކޮޅު ތެރޭގައިވެސް އޭނާ އެތަކެއްފަހަރު ސިޑިއާއި ދިމާއަށް ބެލިއެވެ.
“ޑެޑީ!” ސިޑީގެ އެންމެމަތީ ހަރުފަތުގައި ހުރެފައި ޔޫން އުފަލުން ހަޅޭތްލައިގަތެވެ.
“މައި ބޭބީ!” ރާކިން ހިނިތުންވެފައި ޔޫންއާއި ދިމާއަށް ދެއަތް ހުޅުވާލުމާއެކު އެކުއްޖާ ދުވެފައި އައިސް ރާކިންގެ އަތުތެރެއަށް ވަނެވެ.
“މިސްޑް ޔޫ ހަނީ.” ޔޫން ނަގާ އުރާލިގޮތަށް ރާކިންގެ މޭގައި ޖައްސާ ބާރުކޮށްލިއެވެ. އުފަލުން އޭނާގެ ހިތްވަނީ ފޮޅިފައެވެ.
“މިސްޑް ޔޫޓޫ ޑެޑީ.” ޔޫން ތުންދަމާލާފައި ރާކިންގެ މޫނަށް ބަލައިލިއެވެ. ދަރިފުޅުގެ އެލޯބި އަދާއިން ރާކިންއަށް ހެވުނެވެ. އަނެއްކާވެސް މޭގައި ޖައްސާލާފައި ޔޫންގެ ބޮލުގައި ބޮސްދެވުނެވެ. އެވަގުތު އެއްލިކަޅިއަކުން ސިޑިމަތީ ބަލަހައްޓައިގެން ތިބި ތައުފީޤާއި ރަމީޒާ ފެނިފައި ރާކިން އެދަރިފުޅު ތިރީގައި ބެހެއްޓިއެވެ. އެހެން ފަހަރު ތަކާއި ހިލާފަށް ދެމީހުންގެ މޫނުންވެސް ނުރުހުމުގެ އަސަރެއް ފެންނާކަށް ނެތެވެ. އެތަނުގައި ޔޫން ހުރުމުން އަޅައިނުލީ ކަންނޭނގެއެވެ.
“ޔޫން. ޑެޑީ ދެން ދަނީ އިނގޭ. ފަހުން އަންނާނަން ޔޫން ބަލައި.” ރާކިން ޔޫންގެ ކޯތާފަތުގައި ހިފަހައްޓާލާފައި ނުހަނު ލޯބިން ބުނެލިއެވެ. ދާންވެގެން އެނބުރި ލުމާއެކު ރާމިޒާ ގޮވާލިއަޑަށް އޭނާ ސިހުނެވެ.
“ޔޫން އެނިކުތީވެސް ރާކިންގެ ކައިރިއަށް ދާންވެގެން. ބޭނުމިއްޔާ އޭނަ ގެންދިޔަޔަސް މައްސަލައެއް ނެތް.” ރާކިން އެނބުރި ބަލާލުމާއެކު ރާމިޒާ ބުނެލިއެވެ. ލުއި ހިނިތުންވުމަކާއިއެކު ރާކިން ބޯޖަހާލިއެވެ. އަދި ޔޫން ނަގާ އުރާލައިގެން ގޮސް ދޮރުން ނިކުމެއްޖެއެވެ. އޭރު މަތީބުރީގައި ތަނބެއްގެ ފަހަތުގައި ފިލާހުރެގެން އާރިއާވެސް ރާކިން ނިކުމެގެން ދިޔަ މަންޒަރު ބެލިއެވެ. މަންމަ އާއި ބައްޕަ އެކަކު އަނެކަކަށް ބަލާލާފައި ގޮސް ކާކޮޓަރިއަށް ވަނުމުން އޭނާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. އެވަގުތު ދަރިފުޅު ތޮޅެލުމުން ދެއަތުން ބަނޑުގައި ހިފަހައްޓާލެވުނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތްމަތިން ރޮނގުދަމާލާފައި އައިސް ތުންފަތަށް ވިރިގެން ދިއުމާއެކު އުދަނގޫ ގޮތަކަށް ހިންދިރުވާލެވުނެވެ.
ޔޫން ފެނިފައި ޒާނަވެސް އުފަލުގެ ކޮޅެއްނެތެވެ. އެތައް ދުވަހަކަށްފަހު ގެއަށް ބަހާރު މޫސުމެއް އައިސްގެން އުޅޭކަހަލައެވެ. ކުޑަކުޑަ ޔޫންގެ ހުނުމުގެ އަޑު މިއުޒިކެއްފަދައިން އިރުއިރުކޮޅާ އިވެއެވެ. ދުވަސްތަކެއް ފަހުން ދަރިފުޅާއެކު ވަގުތު ހޭދަކޮށްލަން ލިބުމުން އުފާވެފައި ހުރިނަމަވެސް ރާކިންއަށް އާރިއާގެ ހިޔާލު ހިތުން ފުހެލެވޭގޮތެއް ނުވިއެވެ. ދޭތެރެއަކުން އޭނާ ފެންނަނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދައެވެ. ޒާނައަށް އެކަން ފާހަގަކުރެވިގެން އައިސް ސުވާލުކޮށްލުމުން ރާކިން މަސައްކަތުގެ ބަހަނާ ދައްކާފައި އޮޅުވާލިއެވެ. އެކުވެރިއަކަށް ވިއަސް ހަޔާތުގެ ސިއްރުތައް އޭނާ އަދި ޒާނައަށް ކިޔައިދޭކަށް ބޭނުމެއް ނުވެއެވެ.
ރާކިންއަށް ކެތްކުރެވުނީ މެންދުރު ވާންދެންނެވެ. ޔޫން ގެއަށް ލުމުގެ ބަހަނާގައި އެގެއަށް ދާން ނައްޓާލި ނަމަވެސް އޭނާގެ ހިތުތެރޭގައި ވަނީ މުޅިން އެހެން ރޭވުން ގަނޑެކެވެ. ޔޫންގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ލަތާ ކައިރީއަހާލިތަނާ ތައުފީޤް މިސްކިތަށް ދިޔަކަން އެނގުނެވެ. ޔޫން މާމަގެ ކޮޓަރިއަށް ވަންނަން ވެގެން އުޅުމުން ރަމީޒާ ނަމާދަށް ހުއްޓާ ފެނިއްޖެއެވެ. އެވަގުތު ރާކިންގެ ސިކުނޑި ނިކަން އަވަސްއަވަހަށް މަސައްކަތްކޮށްލިއެވެ. ލަތާކައިރީ ޔޫން ކޮޓަރިއަށް ގެންދަން ބުނެފައި އޭނާ އެނބުރި ދާކަމަށް ހެދިގެން ސިޑިން ފައިބަން އައެވެ. މަތިން ތިންވަނަ ހަރުފަތަށް ފައިބާފައި ލަތާ ދާތަން ބަލަހައްޓައިގެން ރާކިން ހުއްޓެވެ. އަދި އެމީހުން ޔޫންގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ލުމާއެކު އަވަސްއަވަހަށް މައްޗަށްއަރާފައި ގޮސް އާރިއާ އުޅޭ ކޮޓަރިތެރެއަށް ދެމިގަތެވެ.
ދޮރުލެއްޕުނު އަޑަށް އާރިއާ ބަލާލިއެވެ. އޭނާ އިނީ ލިޔާމޭޒު ކައިރީގައި ލެޕްޓޮޕް ހުޅުވާލައިގެންނެވެ. އާރިއާއަށް ގޮނޑިން ތެދުވެވުނީ އަމިއްލަ އިޙުތިޔާރަކާ ނުލައެވެ. ހައިރާންވެފައި އޭނާ ބަލަހައްޓައިގެން ހުއްޓާ ރާކިން އައިސް ހުއްޓުނެވެ. ނުހަނު ކައިރީގައި ހުރެ އާރިއާގެ ބަދަލުވެފައިވާ މޫނާއި ހަށިގަނޑަށް ރާކިން ބަލަމުން ދިޔައެވެ. މޫނުމަތި ތާޒާވެފައި ކުރިއަށްވުރެވެސް ރީތިހެން ހީވެއެވެ. ކުޑަކޮށް ފަލަވެފައި ހުރުމުން ހަންގަނޑު މާބޮޑަށްވެސް ދޮންކަމަށް ދައްކައެވެ. އަދި މީގެކުރިން ރާކިން ނުދެކޭހާ ބޯވެފައި އެއިސްތަށިގަނޑު ދިގެވެ. ބަލާފޫހިނުވާފަދަ ވިދުމެއް އާރިއާގެ އެމޫނުން ރާކިންއަށް ފާހަގަކުރެވުނެވެ.
“ރާކިން!” ހިމޭންކަން ނަގާލީ އާރިއާގެ އަޑެވެ.
“ނުވެސް ބުނަމެއްނު.” ރާކިން ކުރިއަށްވުރެވެސް ކައިރިވެލިއެވެ. އެވަގުތު އާރިއާގެ ހައިރާންކަން އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ކަންފަތަށް އެއިވުނު އަޑަކީ ހީވި ހީވުމެއް ނޫންކަމަށް ޤަބޫލުކުރާކަށް ނޭނގުނެވެ.
“ކޮންވާހަކައެއް؟” އާރިއާވެސް ހުރީ ބަލަހައްޓައިގެންނެވެ.
“ޕްރެގް ވާހަކަ ކީއްވެ އަހަރެން ކައިރީ ނުބުނީ؟” ރާކިންގެ ލޮލު ތެރެއަށް މަޑުމަޑުން ކަރުނަ ޖަމާވަމުން ދިޔައެވެ. އާރިއާއަށް ޖަވާބެއް ނުދެވުނެވެ. ތަޤްދީރު އޭނާއާއި ނުބައި ސަމާސާއެއް ކޮށްލަނީއޭ ހިތަށް އަރަމުން ދިޔައެވެ.
“ކީކޭ އަހަރެން ބުނާނީ؟ ބުނިނަމަ ރާކިން ޤަބޫލުކުރާނެތަ މީ ރާކިންގެ ދަރިއެއްކަމަށް؟” އާރިއާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އެވަގުތު އޭނާ އަވަސްއަވަހަށް ފުރަގަސްދިނެވެ. ކުއްލިއަކަށް އާރިއާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ފަހަތުން އޭނާގެ ހަށިގަޑުގައި ރާކިން ބައްދާލުމުން ނޭވާ ނުހުއްޓުނީ ކިރިޔާއެވެ.
“އާރިއާ. އަހަރެން… އަހަރެން ވަރަށް އުފާވެއްޖެ.” ރާކިންގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އުފާވެރިކަމުގެ ކަރުނުން އެދެލޯ ފުރިގެން އައެވެ. އަނެއްކޮޅުން އާރިއާއަށް އެއަޑު އިވުނީ ހުވަފެނެއްގައި އޮތްވާ ބުނެލުމުން އިވޭ އަޑެއް ފަދައިންނެވެ.
“ނޫން. ނޫން. މީ ހަޤީޤަތެއް ނޫން. މީ އަހަރެންނަށް ފެންނަ ހުވަފެނެއް. މިނުވާނެ ތެދަކަށް. ރާކިން އަހަރެންނާއި ސަމާސަކުރަނީ ދޯ؟ އަހަރެންނަށް އިނގޭ ރާކިން ތިއުޅެނީ އަހަރެން ބޭޒާރުކުރަން. އަހަރެންނަށް މަލާމާތް ކުރަނީދޯ؟” އާރިއާ ކުއްލިއަކަށް ރާކިންގެ އަތް ނައްޓުވާލާފައި އޭނާއާއި ކުރިމަތިލައިގެން ދުރުގައި ހުއްޓުނެވެ.
ނުނިމޭ