twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގޯސް ވާނީ ގޯހަށެވެ. އެކަމަމު ވަކިބަޔަކު ގޯސް ހެދީމައި ގޯހުގެ ގޯސްކަން ބޮޑުވެއެވެ.

Oct 2, 2012

.

ފަތުހުﷲ އިސްމާއީލް

ދަންނަވަންތޯއެވެ. ކާރު ގިނަވުމަކީ މައްސަލައެކެވެ. ތިމާވެއްޓަށެވެ. ވައި ނުސާފުވާނެއެވެ. އެކްސިޑެންޓްތައް އިތުރުވާނެއެވެ. މަގުތައް ހަލާކުވާނެއެވެ. މަގުތައް ތޮއް ޖެހޭނެއެވެ.

ހުޅަނގު އެފްރިކާގައި ގިނިއާ-ބިސާއު ކިޔާ ކުޑަކުޑަ ގައުމެއް އޮވެއެވެ. ގާތް ގަނޑަކަށް 1.3 މިލިއަން މީހުން އުޅޭ މި ގައުމަކީ ވަރަށްވެސް އާދަޔާ ޚިލާފު ގައުމެކެވެ. އދ އިން އަންދާޒާކުރާ ގޮތުގައި ގައުމުގައި ހިނގާ ޣަރިރު ޤާނޫނީ، މަސްތުވާތަކެތީގެ ވިޔަފާރި، ގައުމުގެ ޖީޑީޕީއަށް ވުރެ މައްޗެވެ. ޤައުމުގެ ފުލުހެއްގެ އާންމު މުސާރައަކީ 75 ޔޫރޯ އެވެ. އެއީ 1 ކިލޯ ގުރާމްގެ ކޮކެއިންގެ %2 އަށް ވުރެ މަދު މިންވަރެކެވެ. ބާރުގަދަ މަސްތުވާތަކެތި އެމެރިކާއަށާއި، ޔޫރަޕަށް ފޮނުވުމުގެ ކުރިން ބަނދަރު ކުރާ ބަނދަރަކީ މި ގައުމެވެ. ގައުމު އޮންނަ ތަނުގެ ގޮތުންނެވެ. އެޓްލާންޓިކް އޯޝަންގެ އަނެއް ފަރާތުން ކޮލަންބިއާ ފަދަ ގައުމުތަކުން ބޭރުކުރާ މަސްތުވާތަކެތި، ގިނިއާ-ބިސާއުގައި ބަނދަރު ކުރުމަށްފަހު ޔޫރަޕަށާއި އެމެރިކާއަށް ދަތުރުފަށައެވެ.

މިވީއެއް ނޫނެވެ. މި ގައުމުގެ މައި ދިފާޢީ ބާރުގެ ޗީފް އޮފް ސްޓާފް އަކީ މިކަމުގެ ބޮޑެކެވެ. ގައުމުގެ ކުރީގެ ހުދުމުހުތާރު ވެރިޔާގެ ދަރިއަކީ މިކަމުގައި ޝާމިލްވާ މީހެކެވެ. އަދި މިނޫނަސް ކުރިން ވެރިކަންކޮށްފައިވާ ރައީސުން މިވިޔަފާރި ތެރޭގައި ނިކަން ހަށިފޮޅާލާފައި އުޅެއެވެ. އަޅުގަނޑު މި ދެންނެވީ، ސަލާމަތީ ބާރުތަކާއި، ސިޔާސީ ވެރިންގެ ވާހަކަކަން ހަދުމަފުޅު ނައްތަވާ ނުލައްވާށެވެ. މަސްތުވާތަކެތީގެ މައްސަލަ ގިނިއަ-ބިސާއަށް ވެފައި ވަނީ ސަލާމަތް ނުވެވޭފަދަ ބަލި މަޑުކަމަކަށެވެ.

ދިވެހިރާއްޖެ ޖިއޯގުރަފީގެ ގޮތުން އޮންނަނީ ފަތުގެ ވިޔަފާރިއަށް ކިހާ މުހިންމުތަނެއްގައިކަން ތީގެން ގިނަ ބޭފުޅުންނަށް އެނގޭނެއެވެ. އުތުރުން އީރާނާއި އަފްއާނިސްތާނެވެ. އިންޑިއާ ކަނޑުގެ މެދުގައި އޮތުމުން ކަނޑުގެ އެއްފަރާތުން އަނެއްފަރާތަށް ދިއުމުގެ ކުރިން ބަނދަރުކުރެވޭ ތަނަކީ ރާއްޖެއެވެ.

ކަސްޓަމުން ހާމަކޮށްފައިވާ ހިސާބު ތަކަށް ބަލާއިރު، ކަސްޓަމާއި ޕޮލިހުން ގުޅިގެން ހިންގި އެކިއެކި އޮޕަރޭޝަން ތަކުގައި އަތުލައި ގަނެވުނު މަސްތުވާތަކެތީގެ އަގު 5.3 މިލިއަނަށް ވުރެ މައްޗެވެ. މިއީ އަތުލައިގަނެވުނު އަދަދެވެ.

“އެއީ ބޮޑު އޮޕަރޭޝަނެއް.” އަޅުގަނޑަށް ރާއްޖޭގެ ދެކުނުގެ ދެ އަތޮޅަކަށް މަސްތުގެ ބާވަތްތައް ފޯރުކޮށް ދިނުމަށް ހިންގުނު ވަރުގަދަ ވިޔަފާރި ގަނޑެއްގެ ވާހަކަ ކިޔާދެމުން އެކަމުގައި އުޅުނު ކުއްޖަކު ބުންޏެވެ.

“އަހަރަމެން ކައިރީ ބުނި، ބުނާގޮތަށް ހަދާށޭ. އިތުރަށް އެއްކަމެއްވެސް ނުކުރާށޭ. އެކަމަކުވެސް ބަސްޓް ވެދާނޭ.” އޭނާ ބުނިގޮތުން އޭނާއާއި މަސައްކަތް ހަވާލުކުރި ފަރާތުން ހައްޔަރުކޮށްފިނަމަ ގެންދާނީ ކޮންތަނަކަށް ކަމާއި، ލާނީ ކޮން ގޮޅިއަކަށްކަންވެސް ބުނެދިނެވެ.

ޖަހާނެ މުއްދަތާއި، ސިގިރޭޓް ބޭނުންވެއްޖެ ނަމަ ބުނާނީ ގޮޅީގައި ހުރި ކާކު ކައިރީގައި ކަމާއި، މޯބައިލް ފޯނު ގެނެސްދޭނީ ކޮން ގާޑެއްކަންވެސް ބުނެދިނެވެ. އަދި ކޯޓުން މައްސަލަ ސާބިތު ނުވާނޭ ކަމުގެ ޔަގީންކަން ދިންކަމުގައި އޭނާ ބުންޏެވެ. ކާކުގެ ޑީލެއްތޯ އަހާލުމުން ބުނީ އެއީ އަދި ތިޔަ ޕާޓީގެ ބޮޑެއްގެ ޑީލެއް ނޫންކަމަށެވެ. ދެން އަޅުގަނޑަށް އެއީ ކާކުކަން ދޭހަވާ ވަރަށް ޑީލްގެ ބޮޑު ބޮހަކީ ކާކުކަން ބުނެލަ ދިނެވެ. އޭގެ ފަހުން ސިފައިގޭގައި އުޅޭ “ހެޔޮވަރު ވަރެއްގެ” ދެ ޑީލަރުންގެ ވާހަކަ އޭނާ އަޅުގަނޑުކައިރީ ބުންޏެވެ. އިއްތިފާގުން އޭގެން އެކަކުވީ ކާރު އެތެރެކޮށް ވިއްކައި އުޅޭ މީހަކަށެވެ. އަދި ލޯޔަރުންގެ ތެރެއިން އެމީހުންނަށް އެހީވާ މީހުންނާއި، އެވިޔަފާރީގައި އުޅޭ ބައެއް މީހުންގެ ނަންތައްވެސް ހާމަކޮށްލަދިނެވެ. މިއަށް ވުރެ އަޅުގަނޑު ކޮސްވި ކަމަކީ ޕޮލިސް އިންޓެލްއަށްވެސް “ލިންކް” އަޅާފައި އޮންނާވެ ވާހަކަ ބުނުމުންނެވެ. ދެއްކި ވާހަކައިން ވަރުގަދަ ގިއުގަނޑެއް ގާއިމު ކޮށްފައިވާކަން އެނގެއެވެ

ބޮޑު ބޮސް މިހާރުވެސް އުޅުއްވަނީ އިންތިޚާބަކަށް ކުރިމަތިލައްވައިގެން ނުހަނު އަވަދިނެތިކަމާއެކުއެވެ. ކޮންމެއަކަސް އަޅުގަނޑުމެންނަކަށް އެބޭފުޅާގެ ސިޔާސީ ހަޔާތް ނިންމައެއް ނުލެވޭނެއެވެ. ނުވަތަ ނިންމާލާން އުނދަގޫވާނެއެވެ.

އެކަމަކު، އަޅުގަނޑުމެންގެ ބާރުގެ ދަށުގައިވާ ސިޔާސީ މީހުން ތަކެއް އެބަ ތިބި ނޫންތޯއެވެ. ކައުންސަލަރުންނާއި، ދެ މަޖިލިސް މެންބަރުން އެބަތިބި ނޫންތޯއެވެ؟

އަޅުގަނޑަށް މާ ގާތުން މިކަމުގެ ބޮޑު މަންޒަރު ނުފެނުނަސް ކޮންމެވެސް ވަރަކަށް އެނގެއެވެ. ފަތް ރަށަށް ގެންގޮސްދޭ ބައެއް ފަޅުވެރިން އިން ފެށިގެން ގަނެވިއްކައިދޭ އަތްފޯރާ ފަށުގެ ބައެއް ސިޔާސީވެރިންވެސް އެނގެއެވެ.

އަލަށާއި ބަލަށް ސިޔާސީ މައިދާނުން މަސްތުވާތަކެތި ވިއްކުމުގެ މައިދާނަށް އެކިއެކި ފެންވަރުގެ ސިޔާސީ ވެރިން ވަނީ ނުކުންނަން ފަށާފައެވެ. އަޅުގަނޑު މި ދަންނަވަނީ ހަމަ ސީދާ ކުޅުދުއްފުށީގައި ކަން ހިނގަމުން ދާ ގޮތުގެ ވާހަކައެވެ.

އަޅުގަނޑުމެންގެ ގައުމު ފަހަރުގައި ގިނިއަ-ބިސާއު އަށް ނުވެދާނެއެވެ. ނުވަތަ ހަމަ ވެދާނެވެސް މެއެވެ. އެކަމަކު އެއީ އަޅުގަނޑުމެން އެދޭނޭ ގޮތެއްނޫނެވެ. ވަކިން ހާއްސަކޮށް އަމިއްލަރަށުގެ އެންމެ މަތީ ސިޔާސީވެރިން އެހެން މީހުންގެ ބުއްދި ފިލުވައިލައިގެން ކައިގެން ބޮއިގެން އުޅޭތަން ދެކެން އަޅުގަނޑުމެންގެ ތެރެއިން ހަމައެކަކުވެސް ނޭދޭނެއެވެ. ވަގުތީ ފައިދާ އަކަށްޓަކައި މިކަން ކުރާ އަދި ތިމާގެ އަމިއްލަ ދަރި މީގެ ތެރެއަށް ވަދެދާނެކަން ނުވިސްނާ މީހާ މެނުވީއެވެ.

އަޅުގަނޑު ގިނިއަ-ބިސާއު ވާހަކަ ގެނައީ އެތަނުގައި ސަރުކާރުގެ އެންމެ އިސްވެރިން ރައްޔިތުންގެ ބުއްދި ފިލުވައިލައިގެން ކައިގެން ބޮއިގެން އުޅޭވާހަކަ ގެދެސްދޭށެވެ. އަޅުގަނޑު މިލިއުން މިލިއުނީ، އަތް ފޯރާ ފަށުގައި ތިބި ސިޔާސީ ލީޑަރުން ފަތުން ރައްކާތެރިކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކޭތީވެ، އެ ވާހަކަ ތިބޭފުޅުންނާއި ހިއްސާކޮށްލަން ވެގެންނެވެ.

އަޅުގަނޑު ޕާލިމެންޓް މެންބަރުން އެކަން ކުރެއެކޭ ނުބުނަމެވެ. ނަމަވެސް އެއަށް ވުރެ ކައިރިން އުޅޭ ބައެއް މެންބަރުން އެކަންކޮށްފާނޭ ކަމަށް ސަމާލުވެ ލައްވާންވާނެއެވެ. ވޯޓް ދެއްވަނީ ޕާޓީ ލައިނުން ކަމުގައި ވިއަސް ފަތުގެ ޑީލަރަކަށް އޮޅިގެން ނަމަވެސް ހެޔޮ ފާހަގައެއް ޖަހަން ހެޔޮ ނުވާނެއެވެ. ދަރިންގެ ވިސްނުން ޖަހައިގަނެފާނޭ ސިޔާސީ މީހުންގެ ސިޔާސީ ހަޔާތް ނިންމާލަން އަމިއްލަ ނަފްސު ހޭއަރުވާލަން އެބަޖެހެއެވެ. އެ ސިޔާސީ ލީޑަރަކީ ތިބޭފުޅާއަށާއި ތިބޭފުޅާގެ އާއިލާއަށް ކިތަންމެ ދަރުމަވެތިވާ މީހެއް ކަމުގައިވިއަސް، ވިސްނުން ނެތިކޮށްލާން އުޅޭ ސިޔާސީ ފަރާތަކަށް ޖާގަ ދީގެން ނުވާނެއެވެ.

މައިތިރިވެގެން ހުއްޓަކަސް ނުވާނެއެވެ. ތިމަންނަމެން ކޮންމެ މީހަކަށް ވޯޓުލިއަސް ތިމަންނާ މެނަކަށް މޮޅެއް ނުވާނޭ ކިޔައި ވޯޓް ފޮއްޓާއި ދުރުގައި ހުއްޓެއް ކަމަކު ނުދާނެއެވެ. މޮޅެއް ނުވެދާނެއެވެ. އެކަމަކު، ތިމަންމެން ގެއްލުމަކުން ސަލާމަތް ވެދާނެއެވެ. ނުބައި އެއްޗަކަށް ފަންވަރުހުރި ބާރެއް ލިބުނީމައި ނިކަން ގޯސްވާނެއެވެ. މީހެއް ހޮވަން ވޯޓް ނުލަންޔާ މީހެއް ހޮވިޔަ ނުދޭން ނަމަވެސް ވޯޓްލާން ވާނެއެވެ. އެހެން ނޫނީ ނުބައި އެއްޗަކަށް ހެޔޮނޫން ބާރެއް ލިބޭނެއެވެ. އަނެއްކާވެސް ހަނދާންކޮށް ދެމެވެ. އަޅުގަނޑު މި ދަންނަވަނީ ހަމަ މުޅިންވެސް އަތް ފޯރާފަށުގައި ދެ ކައުންސިލާއި، މަޖިލީހުގެ ދެ ގޮނޑީގައި ތިބި މީހުންގެ ވާހަކައެވެ. އެއަށް ވުރެން މަތިން އެއްޗެއް ބަދަލު ކުރަން އުޅެވޭނީ އެހާ ހިސާބު ހެޔޮ ކޮށްގެން ނޫންހެއްޔެވެ؟ އިސްލާހު ވާން ފަށަންވާނީ އަމިއްލަ ނަފްސުން ކަމުގައި ބުނޭ ނޫން ހެއްޔެވެ؟

ކޮންމެ ކާރަކީ އެއްވަރަށް ވެއްޓަށް ގެއްލުން ދޭނޭ ކާރެއް ނޫނެވެ. ބައެއް ކާރުތަކުން ވަރަށް ބޮޑަށް ގެއްލުންވެއެވެ. އިތުރުވާ ކާރުތަކަށާއި ގިނަވާ ފަތަށް ވިސްނަވާށެވެ.

ދެން މިފަހަރަށް ނިންމާލީއެވެ. ގަންޖާގެ ވާހަކައިން ތިބޭފުޅުން ކޮމެންޓް ކުރައްވަން ފައްޓަވަންވީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355