ހދ ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާ އިން އިންތިޒާމު ކޮށްގެން ބޭއްވި “ވިގަރ ކަޕް” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޓީމް އަހުލީ ހޯދައިފި އެވެ.
އަހުލީ ޗެމްޕިއަންކަން ހޯދީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހަނިމާދޫ ޓާރފް(ހަނިމާދޫ ސްޕޯރޓްސް ކޮމްޕްލެކްސް) ދަނޑުގައި ކުޅުނު މެޗް ރޫޚު ޓީމާއި ވާދަކޮށް 8 ލަނޑު 4 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ވިގަރ ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ސަޢީދު އިބްރާހިމް ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އަހުލީގެ ޖޯޒީ ނަމްބަރު 27 އަބްދުﷲ ޒުހާން އެވެ. މި މުބާރާތުގައި ޖުމްލަ 269 ގޯލް ޖަހާފައިވާއިރު އެންމެ ގިނަ ގޯލް ޖެހި ދެކުޅުންތެރިންނަކީ އަހުލީ ޓީމްގެ ޖޯޒީ ނަމްބަރ 77 އަލީ ހުސައިން އަދި ރޫޙް ޓީމްގެ ޖޯޒީ ނަމްބަރ 5 އަލީ ރަމީޒްއެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ 14 ގޯލް ޖަހާފައެވެ.
މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާ އެކުޅުންތެރިންނަށް ވެސް ވަނީ އިނާމްދީފައެވެ. އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރިއަލް ސްޓާރސްގެ ޖޯޒީ ނަމްބަރ 10 ޝުހުރާބް އަބްދުލް ލަތީފާއި، އަހުލީ ޓީމްގެ ޖޯޒީ ނަމްބަރ 77 އަލީ ހުސައިންއާއި ޔޫތު ފްރެންޑްސްގެ ޖޯޒީ ނަމްބަރ 22 ހަސަން ޝާހިދާއި ރޫޙް ޓީމްގެ ޖޯޒީ ނަމްބަރ 5 އަލީ ރަމީޒް އަދި ހަމަ އެޓީމްގެ ޖޯޒީ ނަމްބަރ 12 އާސިފް އަލީ އެވެ.
ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ދެއްވީ ޝަރަފްވެރި މެހެމާނާއި، ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް މަސްޢޫދު އާދަމެވެ.
ފާއިތުވި 6 އަހަރު ވިގަރ ކަޕް ގެ ޗެމްޕިއަން ޓީމަކީ ޔޫތު ފުރެންޑްސް އެވެ. އެހެން ނަމަވެސް މިއަހަރު ޔޫތު ފްރެންޑްސް ބަލިވެފައިވަނީ ސެމީ ފައިނަލްގައި އަހުލީއާއި ބައްދަލުކޮށް ފުލްޓައިމް ކުޅެވުނު އިރު 2-2 އެއްވަރުވެ ޕެނަލްޓީ ޖަހައިގެން އަހުލީ 5 އަދި ޔޫތް ފްރެންޑްސް 4 ންނެވެ.
މިއަހަރުގެ މުބާރާތުގައި 15 ޓީމް ވަނީ ބައިވެރި ވެފައެވެ. 4 ގްރުޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައިމިވަނީ މިދިޔަ މަހުގެ 21 ން 30 ށް ހަނިމާދޫ ވިގަރ ފިހާރައިގެ އެހީތެރިކަމާއެކުގައެވެ.