twitterviber whatsapp telegramfacebookyoutube instagram
21st November 2024

ވާހަކަ – މޮޔަ ހިތް މަގޭ (27)

Oct 16, 2012

.

މަރިޔަމް ޔަސްމާ

އޮކްޓޯބަރ 09 ވަނަ ދުވަހުގެ ބަޔާ ގުޅޭ

“ހައިޝަމް. ކޮންއިރެއް އަހަރެން ހޯދާތާ؟” ޒާނަ ކުއްލިއަކަށް ހައިޝަމްގެ އަތުގައި ހިފާލިއެވެ.

ޒާނަގެ އެއަމަލުން ހައިޝަމް ހައިރާންވިއެވެ. އެއަށްވުރެ ބޮޑަށް އުފާވެސް ވިއެވެ. ޒާނަ އެ އަތުގައި ހިފާލީމަށްވުރެ އޭނައާއި މުހާތަބް ކުރާއިރު އަބަދުވެސް ބޭނުންކުރާ ސަރ ކަނޑާލުމުން ހައިޝަމްއަށް ލިބުނު އުފާ ބޮޑެވެ. އެކަމަކު ޒާނަގެ އެހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އެހެން މަޤްސަދެއްކަން ހައިޝަމްއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ މިސްކު ހަސަދަވެރި ކުރުވުމަށްޓަކައި ޒާނަ އެހުރީ އަތުކުރި އޮޅާލައިގެންނެވެ.

ކޭކު ފަޅާ ނިމުނުފަހުން ދެން ހޭދަވެގެން ދިޔަ ކޮންމެ ވަގުތުކޮޅެއްވެސް ޒާނަ އުޅުނީ ހައިޝަމް ފަހަތުލައިގެންނެވެ. ވަށްކަޅިން މިސްކުއަށް ބަލަމުން އިރުއިރުކޮޅާ ހައިޝަމްގެ އަތުގައި ހިފާލައެވެ. ނޫނީ އޭނާގެ ކަންފަތްދޮށުގައި ހެއްވާ ވާހަކައެއް ކިޔާފައި ހީގަނެއެވެ. ޒާނަގެ މިފަދަ ކޮންމެ އަމަލަކުން ހައިޝަމްގެ ހިތަށް ވެދާނެ ގޮތަކާއިމެދު ޒާނަ ހިޔާލެއްވެސް ނުކުރެއެވެ. އަނެއްކޮޅުން މިސްކު ހުރީ އެދެމީހުން އެކުގައި ފެނުނު ފުރަތަމަ ވަގުތުން ފެށިގެން މޫޑް ކަޓާފައެވެ.

ޕާޓީ ނިމިގެން ހަތަރުމީހުން ނިކުންނަން ދިޔައީ އެކުއެކީގައެވެ. ޒާނަ ހުރީ އެވަގުތުވެސް ހައިޝަމްގެ މުލައްދަނޑީގައި ހިފާލައިގެންނެވެ.

“ހިނގާ އަހަރެން ގެންގޮސްދޭނަން.” ހައިޝަމް ކުއްލިއަކަށް ބުނެލިއެވެ.

“އޯކޭ. އައި ލަވް ޓު.” ޒާނަ ޅަގޮތަކަށް ހީލާފައި ކުރިއަށްވުރެވެސް ބޮޑަށް ހައިޝަމްއާއި ކައިރިވެލިއެވެ.

ދެމީހުން ގޮސް ސައިކަލަށް އެރީ މިސްކުމެން ކުރިމަތީގައެވެ. މިސްކުއަށް ފެންނާނެހެން ހައިޝަމްގެ ބުރަކަށީގައި ޒާނަ ރަނގަޅަށް ބައްދާލިއެވެ. މިސްކުގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ. އޭނާ ރުޅިއައިސްގެން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

“ޒާނަ!” ސައިކަލުން ފައިބައިގެން ޒާނަ އެތެރެއަށް ދާން ހިނގައިގަތުމުން ހައިޝަމް ގޮވާލިއެވެ.

އެނބުރި ބަލާލިއިރު ޒާނަގެ މޫނުގައި ކުރިން ހުރި އުފާވެރިކަމެއް ނެތެވެ. ކަންތައް ކުރެވުނު ގޮތުން ޒާނަ މާފަށް އެދެން ބޭނުންވި ވަގުތުކޮޅަކީ އެއީއެވެ. އެކަމަކު އޭނާއަށް އަނގަ ހުޅުވާލާނެ ފުރުސަތެއް ނުދީ ހައިޝަމް ވާހަކަދައްކަން ފެށިއެވެ.

“ޒާނަ އަހަރެންނަށް އިނގޭ މިކަހަލަ ވާހަކައެއްދައްކަން އަދި މާއަވަސްކަން. އެކަމަކު އަހަރެންގެ ނަޒަރުގައި ކަމެއްކުރަން އެންމެ ރަނގަޅު ވަގުތަކީ އެކަމަށް ހިތް އެދިގަންނަ ވަގުތު. ” ހައިޝަމް މަޑުޖައްސާލާފައި ބަލާލިއިރު އެދެލޮލުގައިވި ސީރިއަސްކަމަކުން ޒާނަގެ ހިތް ތެޅިގަތެވެ.

“ޒާނަ. އައި ލައިކް ޔޫ. އަދި އަހަރެން ވަރަށް ބޭނުން ޒާނަ އަހަރެންގެ ހަޔާތަށް ގެންނަން.” ހައިޝަމް ޒާނަގެ މޫނަށް ބަލަމުން ފާޅުކޮށްލިއެވެ.

ޒާނައަށް ހީވީ ބިންފަޅާފައި އަޑިއަށް ދެވުނުހެންނެވެ. ވަގުތުން އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ވާހަކަދައްކަންވެގެން އަނގަ ހުޅުވާލިތަނާ މިފަހަރުވެސް ކާމިޔާބު ވާގޮތެއްނުވިއެވެ.

“ޒާނަ ބޭނުން ވަރަކަށް ވަގުތުދީފިން. ޖަވާބަކަށް އަހަރެން އިންތިޒާރުކުރާނަން.” ހައިޝަމް ކުއްލިއަކަށް އަނެއްފަރާތަށް އެނބުރިފައި ސައިކަލަށް އަރައިގެން ގޮސް ލޮލުކޮޅަށް އޮބާލިއެވެ.

ޒާނައަށް ހުރެވުނީ ގުޑިލަން ނޭނގިފައެވެ. ވިސްނާ ނުލާ ކުރެވޭ އެފަދަ ކުދިކުދި ކަންތައްތަކުގެ ނަތީޖާ މިހާ ނުބައިކޮށް ނިކުމެދާނެކަން އޭނާއަށް ނުވިސްނުނީތީ އަމިއްލަ ނަފްސަށް މަލާމާތްކޮށްލެވުނެވެ. ޒާނަގެ ހަޔާތުގައި އޭނާ ވިސްނައިގެން ކުރި އެންމެ ކަމެއް ނެތެވެ. ފުރަތަމަ ރާކިން އާއި ކައިވެނި ކުރުމެވެ. އޭގެ ސަބަބުން މިސްކުގެ ލޯބިން މަހުރޫމްވީއެވެ. މިއަދު އަނެއްކާ މިސްކުއަށް ދެއްކެއްވެގެން މިކުރި ކަމަކުން ކަރަށް އެ މަހާލެވުނީ އަނެއް މަޅިގަނޑެވެ.

މިސްކު ކައިވެނިކުރަން އުޅޭ ޚަބަރު ލިބިގެން އެންމެ ބޮޑަށް ތެޅިގަތް އެކަކީ ރާކިންއެވެ. އެކައިވެންޏަށްޓަކައި ރާކިންގެ ހުރިހާ ވަގުތެއް ހުސްކުރަން އޭނާ ނިންމިއެވެ. މިސްކު ހަމަޖައްސާފައި އޮތީ ކުޑަ ކުޑަ ހަފްލާއަކުން ހުރިހާ ކަމެއް ނިންމާލާ ގޮތަށެވެ. އެކަމަކު ރާކިން އެދޭތެރެއަށް ވަދެގަނެގެން ކައިވެނީގެ ހުރިހާ ޒިންމާއެއް އަމިއްލަ ބޮލުގައި އަޅައިފިއެވެ. ހަމައެކަނި ޑެކަރޭޝަންއަށްވެސް އެތައް ހާސް ރުފިޔާއެއް އަރައެވެ. އެކަމަކު މިސްކުގެ ކައިވެނި އެހާ ކުއްލިގޮތަކަށް ކުރަން އުޅޭތީ އެންމެންގެ ހިތުގައިވެސް ސުވާލު އުފެދިފައިވެއެވެ. ހަފްތާއެއްގެ ތެރޭގައި މިސްކުގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާނެއެވެ.

ރޭގަނޑެވެ. ޒާނަ ހުރީ ލޯގަނޑު ކުރިމަތީގައި ހުއްޓިގެން އިސްތަށިގަނޑުގައި ފުނާ އަޅާށެވެ. މިސްކުގެ ކައިވެންޏަށް ވަގުތު ކުޑަތަން ވަމުން ދިޔައިރު ޒާނަ ތައްޔާރުވަމުން އެދަނީ އެ ހަފްލާގައި ބައިވެރިވުމަށެވެ. ފާއިތުވި ހަފްތާ އުދުހިގެން ދިޔައީ ހީކުރިވަރަށް ވުރެވެސް މާ އަވަހަށެވެ. ކައިވެނީގެ ތައްޔާރީތަކުގައި ރާކިން އުޅުނުއިރު ޒާނަވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ. ކުރެވެން އެއުޅެނީ ލޯބިވެރިޔާގެ ކައިވެނިކަން ހަނދާންވާ ކޮންމެ ފަހަރަކު ހިތް ކުދިކުދިވެގެން ދިޔަނަމަވެސް ބޭރުފުށުން ޒާނަ ހުރީ ހިތްވަރުގަދަ ކޮށްގެންނެވެ. ހުރިހާ ކަމެއް ޒާނަ ދޫކޮށްލީ ތަޤްދީރުގެ އަތްމައްޗަށެވެ. އެތަޤްދީރުގައި މިސްކު އާއި އޭނާގެ ކައިވެނި ރޭވިފައިވާނަމަ އެކަން ހުއްޓުވޭނެ އެކަކުވެސް ނާންނާނެއެވެ.

ޕާޓީ ތައްޔާރު ކުރެވިފައިވަނީ ސެންޓްރަލް ހޮޓެލްގައެވެ. އެންމެ ފުރަތަމަ، ކައިވެނި ކުރެވޭނީވެސް އެތަނުގައެވެ. ޒާނަ ނިމިގެން ނިކުންނަން އުޅެނިކޮށް ރާކިން އައިސް އެކޮޓަރީގެ ދޮރުހުޅުވާލާފައި ޒާނަ ތައްޔާރުވެ ނިމުނީތޯ އަހައިލިއެވެ. ޒާނަ ޖަވާބުދިނީ ލޯގަނޑަށް ބަލަން ހުރެއެވެ. ޑްރެސިންޓޭބަލް މަތީ އޮތް ޕާސް ނަގައިގެން ދޮރާއި ދިމާއަށް ދާންފެށިތަނާ ޒާނައަށް ރާކިން ފެނުނެވެ. ކަޅުކުލައިގެ ކޯޓް ފަޓުލޫނުގައި ރާކިންގެ ޝަހުސިއްޔަތު އިތުރަށް ފުރިހަމަވެފައިވާތަން ފެނުމުން ތައުރީފްގެ ބަސްތައް ނިކުތީ ޒާނަގެ އިޙުތިޔާރަކު ނޫނެވެ. އެއަޑުއަހާފައި ރާކިން ކުޑަކޮށް ހީލިއެވެ.

އެދެމީހުންނަށް ދެވުނުއިރު ހޯލްތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ ހަމައެކަނި ވޭޓަރުންނާއި އާތިފާގެ އާއިލާއަށް ނިސްބަތްވާ ދެތިންމީހެކެވެ. މެހުމާނުން އަންނަން ކަނޑައަޅާފައިވާ ވަގުތު އަދި ނުޖެހެނީއެވެ. ކައިވެންޏަށް ތައްޔާރުވެފައިވާ ޒުވާން ޖޯޑު ހޯލުގެ ދޮރުން ވަނީ ޒާނަ ބަލަން ހުއްޓައެވެ. އެވަގުތު މިސްކު ފެނިފައި ޒާނަ ގަދަކަމުން ހިނިތުންވެލިއެވެ.

“ހާދަ ރީއްޗޭ…” ޒާނަ ކުރިއަށް ޖެހިލާފައި އާތިފާގެ އުނަގަނޑުގައި ދެއަތުން ހިފާލިއެވެ. އެވަގުތު މިސްކުގެ ނަޒަރު ސީދާ ވެފައި ހުރީ ޒާނައަށެވެ.

“އަހަރެން ވަރަށް އުފާވެފައި މިހުންނަނީ. އެންމެ ފަހުން އާތިގެ ކައިވެނި ތިކުރެވެނީ އާތި އެންމެ ލޯބިވާ ފަރާތާ. ތީ ވަރަށް މަދު ބަޔަކަށް ނޫނީ ނުލިބޭނެ ނަސީބެއް. އެހެންވީމަ ކައިވެނީގެ ފަހުންވެސް ވާނެ ރަނގަޅަށް އުޅެން.” ޒާނަގެ ކޮންމެ ލަފްޒެއް މިސްކުގެ ހިތް ތޮރުފާލިއެވެ.

ބަލަހައްޓައިގެން ހުއްޓާ ޒާނަ ދެން އެނބުރުނީ މިސްކުގެ ކައިރިއަށެވެ. ހަތަރުކަޅި ބައްދަލުވެފައި ސިކުންތުކޮޅެއް ދިޔައީ ދެމީހުންނަށްވެސް ވާހަކަ ނުދެއްކިގެންނެވެ. ޒާނަ ގަދަކަމުން ހިނިތުންވެފައި މިސްކުގެ އަތްތިލައިގައި ހިފާ އުފުލާލިއެވެ.

“އަހަރެން ބުނެލަން އޮތްހާވެސް އެއްޗަކީ …ވަރަށް އުފާވެރި ބާއްޖަވެރި ކައިވެންޏަކަށް އެދެން..” ޒާނަގެ ދެލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް މިސްކު ދުށްޓެވެ.

އެކަމަކު އޭނާ ހުންނަންޖެހުނީ އަނގައިން ނުބުނެވިފައެވެ. ކުރެވޭ އެންމެކަމަކުން އާތިފާއަށް ޝައްކެއް ވާކަށް މިސްކު ބޭނުމެއް ނޫނެވެ. ވާހަކަދައްކާ ނިމިގެން ޒާނަ ކުއްލިއަކަށް މިސްކުގެ އަތުން ދޫކޮށްލާފައި ގޮސް ރާކިންގެ ކައިރިއަށް ހުއްޓިއްޖެއެވެ. ރާކިން ހުރީ ދުރުގައި ހުރި ވޭޓަރެއްކައިރީ ކޮންމެވެސް ވާހަކައެއް ދައްކަން މަޑުކޮށްލައިގެންނެވެ.

“އާތިފާ. އަހަރެން އެބަ އަންނަން.” މިސްކު ކުއްލިއަކަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ.

އާތިފާ ކަންބޮޑުވެފައި ދަނީ ކޮންތާކަށްތޯ އަހާލިނަމަވެސް މިސްކު އިވޭކަމަކަށް ނުހެދިއެވެ. އެތަން ފެނިގެން ރާކިން އައިސް މިސްކުގެ ކުރިމައްޗަށް ހުއްޓިފައި އާތިފާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“ރާކިން. އައި ނީޑް އަ މިނެޓް.” މިސްކުގެ ޖަވާބު ކުރެވެ. އެކަމަކު އޭގައިވަނީ ފުން މާނައެކެވެ. ރާކިން އެޖަވާބާއިމެދު ވިސްނަން ހުއްޓާ ދޮރުން ވަދެގެން އައީ އާރިއާއި ފަހަތުން އެއާއިލާގެ އެހެން މެމްބަރުންނެވެ.

“ހައެ ރާކިން.” އާރިއާ ޔޫންގެ އަތުގައި ހިފައިގެން އައިސް ރާކިންގެ ކުރިމައްޗަށް ހުއްޓިލިއެވެ. ރާކިންއަށް ލިބުނީ ހައިރާންކަމެކެވެ. އެތައް ދުވަހަކަށްފަހު އާރިއާ އެހާގާތްކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ތައުފީޤާއި ރާމިޒާވެސް ރާކިންއަށް ބަލާލާފައި ހިނިތުންވެލިއެވެ.

“މިފެންނަނީ ހުވަފެނެއްތަ؟” ތައުފީޤްމެން އެމީހުން ފަސްދީ އެތެރެއަށް ވަދެގެން ދިއުމާއެކު ރާކިން އަހާލިއެވެ. އެވަގުތު ޔޫން ބައްޕާއޭ ކިޔާ ޅައަޑުން ވާހަކަދައްކަން ފެށުމުން އާރިއާއަށް ޖަވާބު ދޭނެ ފުރުސަތެއް ނުލިބުނެވެ.

އެތެރެއަށް ވަންނަމުންދިޔަ މެހުމާނުން ތަކުތެރެއިން ފުރޭނިގެން މަގުމައްޗަށް ނިކުތް މިސްކުއަށް ނިކުމެވުނީ އަލިޔާންގެ ކުރިމައްޗަށެވެ. އަލިޔާން އަކީ މިސްކުގެ ރޫމް މޭޓެވެ.

“އޭ. ވަގުތު ކުޑަތަންވެފައި އޮތްވާ ނިކުމެގެން ތިދަނީ ކޮންތާކަށް؟” އަލިޔާން މިސްކުގެ ކުރިބައްދާފައި ސުވާލުކުރިއެވެ.

“ސައިކަލް ތަޅުދަނޑި ދީބަލަ. ޕްލީޒް!” މިސްކު ދެއްކީ މުޅިން ތަފާތު ވާހަކައެކެވެ.

“އެކީއްކުރަން ތަޅުދަނޑި؟ އޭ މިސްކު ހުރިހާ ކަމެއް ރަނގަޅުތަ؟” އަލިޔާން މިސްކުގެ ކޮނޑުގައި ހިފާލާފައި އެމޫނަށް ނިކަން ރަނގަޅަށް ބަލައިލިއެވެ. އަދި ކުއްލިއަކަށް ތަޅުދަނޑި ދިއްކޮށްލައިފިއެވެ.

ބާރުސްޕީޑްގައި މިސްކު ދުއްވަމުން ދިޔަ ސައިކަލް މަޑުކޮށްލީ ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު ކައިރިއަށެވެ. އެކިހިސާބުގައި މަދުމަދުން މީހުންހަރަކާތްތެރިވާތަން ފެނުނެވެ. ސައިކަލް ފައިބާފައި މިސްކު ގޮސް ހުއްޓުނީ މީހަކު ނެތް ހުސްތަނެއްގައެވެ. ތޮށިގަނޑުމައްޗަށް ކޮޅަށް އަރާފައި އޭނާ ބަލައިލީ ކަނޑާއި ދިމާއަށެވެ. އެންމެފަހުވަގުތު މިސްކުގެ ހިތް އެވަނީ އޮޅުންގަނޑެއްގެ ތެރޭގައެވެ. އެއޮޅުންގަނޑުން ބޭރަށް އައުމަށްޓަކައި މިސްކު ބޭނުންވީ އެކަނިވެރިކަމެވެ. ވިސްނާލަން ވަގުތުކޮޅެކެވެ. މިއޮތް ހުރިހާ ދުވަހު މިސްކު ޤަބޫލުކޮށްގެން ހުރީ އާތިފާއާއި ކައިވެނި ކުރުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައެވެ. އެކަމަކު މިފަހަކަށް އައިސް ސިކުނޑީގައި ވަނީ އެނިންމުމާއިމެދު އަރާރުމެއް އުފެދިފައެވެ. ހައިޝަމް އާއި ޒާނަގެ ގާތްކަން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން މިސްކުއަށް ހަމަޖެހުމެއް ނުލިބެއެވެ. އެތަކެއް ފަހަރު ހިތަށް އެރިއެވެ. ޒާނަ އެހެންމީހެއްގެ އަތުތެރޭގައި ވާތަން ދެކެން އޭނާއަށް ކެތްވާނެ ބާވައެވެ؟ އަދި މިއަދު ހޯލްތެރެއިން ބައްދަލުވުމަށްފަހު މިސްކުގެ ހިތްވަރު އެލިއްޖެއެވެ. ޒާނަގެ ބަސްތަކުން އޭނާގެ މަޤްސަދާއިމެދު ސުވާލު އުފެދިއްޖެއެވެ. އެކައިވެނީގެ ސަބަބުން އޭނާއަށް އުފަލެއް ނެތް ކަމުގައިވާނަމަ އާތިފާއަށް ލިބޭނީ ވަކި ކޯއްޗެއް ހެއްޔެވެ؟ ކައިވެންޏަށްފަހު ލޯއްބަށް ފުރުސަތު އޮވެވެސް ޒާނަގެ ހިތް ދިނީ މިސްކުއަށެވެ. އެދުވަހުވެސް ރާކިން ހުއްޓެވެ. އެއީ ހިތްތައް ފަތަޚަކޮށްލާފަދަ ރީތި ޒުވާނެކެވެ. އެކަމަކު ޒާނަ ލޯބިވީ މިސްކު ދެކެއެވެ. ވީއިރު ދެން އެލޯބި ރާކިންއަށް ބަދަލުވާނެ ގޮތެއް އެބައޮތް ހެއްޔެވެ؟

ނޫނެކެވެ. ނޫނެކެވެ. ޒާނަ ގުޅެންޖެހޭނީ ރާކިންއަކާއި ނޫނެވެ. ޒާނަ ގުޅެންޖެހޭނީ ހަމައެކަނި އަހަރެންނާއެވެ. އާއިލާތެރޭގައި ހިނގާދިޔަ ހާދިސާއަކަށްވެސް މިއަދު އެދެމެދަކަށް ހުރަހެއް ނޭޅޭނެއެވެ. އެއީ ފާއިތުވެ ގޮސްފައިވާ ދުވަސްތަކެކެވެ. މިސްކުގެ ހިތް ބުނެލިއެވެ.

ކައިވެނިކުރާ މީހުން އައިސް ހަމަވީއިރު މިސްކު ފެންނަން ނެތިގެން އެންމެން ހޯދަން ފަށައިފިއެވެ. ރާކިން ހާސްވެގެން ބޭރަށް ނިކުތްތަނާ މިސްކުގެ ފޯނެއް އައިސްގެން އަވަސްއަވަހަށް ނަގާފައި ކަންފަތުގައި ޖައްސާލިއެވެ.

“މިސްކު ކޮންތާކު ތިއުޅެނީ؟ ކައިވެނިކުރާ މީހުން އަތުވެއްޖެ.” ރާކިން ދެކޮޅަށް ހިނގަމުން ވާހަކަދެއްކިއެވެ.

“ރާކިން. އަހަރެން ބޭނުން ޒާނައާއި ވާހަކަދައްކާލަން. އޭނާއަށް ފޯން ދީބަލަ. ޕްލީޒް.” މިސްކުގެ ވާހަކައިން ރާކިންއަށް ލިބުނީ ސިހުމެކެވެ. އިތުރަށް ސުވާލުކުރަންވެގެން ތައްޔާރުކޮށްލިތަނާ ކޮންމެވެސް މީހަކު ރާކިންގެ ކޮނޑުގައި އަތްބާއްވާލުމުން ބަލާލިއިރު އާރިއާ ހުރީ ބަލަހައްޓައިގެންނެވެ.

“އަހަރެން ވާހަކަދައްކަން ބޭނުން.” އާރިއާ ބުނެލިއެވެ. ރާކިންއަށް ފޯން ތިރިކޮށްލެވުނީ އިޚުރިޔާރަކާ ނުލައެވެ.

“މުހިންމު ފޯނެއްގައިތަ ތިހުރީ؟ އެހެންވިއްޔާ އަހަރެން މަޑުކޮށްލާނަން.” އާރިއާއަށް ރާކިންގެ އަތުގައި އޮތް ފޯން ފެނިގެން ބަލައިލިއެވެ.

“ނޫނޭ. އަހަރެން މިހިރީ އަޑުއަހަން.” ރާކިން އެފުރުސަތު ނަގާލާކަށް ބޭނުމެއްނުވިއެވެ.

މިވަގުތު އޭނާއަށް އާރިއާގެ ވާހަކަ އެހުމަށްވުރެ މުހިންމު އެއްކަމެއް ނެތެވެ. އެހެންދިޔަ ވޭޓަރަކަށް ގޮވާލާފައި މޯބައިލް ޒާނައަށް ދޭށޭ ބުނެ ހަވާލުކޮށްފައި ރާކިން އާރިއާގެ މޫނަށް ބަލަހައްޓައިގެން ހުއްޓުނެވެ.

ވޭޓަރ އައިސް ފޯން ދިއްކޮށްލުމާއެކު ޒާނަ އެފޯނުގައި ހިފީ ހައިރާންވެ ހުރެއެވެ. ކަންފަތުގައި ޖައްސާލަމުން މަޑުމަޑުން ހަލޯއޭ ބުނެލުމާއެކު އެކޮޅުން މިސްކުގެ އަޑު އިވިފައި ހިތް ތެޅިގަތެވެ.

“މިސްކު ކޮންތާކު ތިއުޅެނީ؟ އެންމެން މިސްކު ހޯދަނީ؟” ޒާނަ ސުވާލުކުރިއެވެ.

“ޒާނަ. އަހަރެން ބޭނުން ބައްދަލުކުރަން. އާދޭ ރާކިންގެ ގެއަށް. އަހަރެން އެގޭގައި ޒާނައަށް އިންތިޒާރުކުރާނަން.” މިސްކު ބުނަން ބޭނުންވި ވާހަކަތައް އިއްވާލާފައި ވަގުތުން ފޯން ކަނޑާލިއެވެ.

ކަންބޮޑުވެފައިހުރެ ވަށައިގެންވާ އެންމެންނަށް ކަޅިއެއް އެއްލާފައި ޒާނަ އެތަނުން ނިކުންނަންވެގެން ދުވެފައި ދިޔައެވެ. ދޮރާއި ހަމައިން ރާކިންއާއި އާރިއާ ފެނުނެވެ. އެކަމަކު އެދެމީހުން ތިބީ ތަންކޮޅެއް އެއްފަރާތަކަށް ޖެހިގެން ވާހަކައެއް ދައްކާށެވެ. ރާކިންއަށް ޚަބަރު ދޭން އުޅެފައިވެސް ޒާނަގެ ހިޔާލު ބަދަލުވިއެވެ. މަގުމައްޗަށް ނިކުމެފައި އެހެންދިޔަ ޓެކްސީއަކަށް އަރައިގެން ޒާނަ މިސްކުގެ ކައިރިއަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ.

ނުނިމޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355