twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުއްޓަށް އެންމެ އޭޓީއެމްއަކުން ނުފުދޭ

Oct 22, 2012

.

ކުޅުދުއްފުއްޓަކީ މާލެއިން އުތުރުގެ އެންމެ އާބާދީ ބޮޑު ރަށެވެ. އުމްރާނީ ގޮތުން ތަރައްގީވެ ތަފާތު ގިނަ ވަސީލަތްތަކާއި ޚިދުމަތްތަކެއް ކުޅުދުއްފުށިން ލިބެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ކުޅުދުއްފުއްޓަށް ޒިޔާރަތްވެސް ކުރެއެވެ. ކުޅުދުއްފުށީގެ މީހުންނާއި ކުޅުދުއްފުށިން ޚިދުމަތްތައް ހޯދުމަށް އަންނަ ގިނަ ބަޔަކު އެ ޚިދުމަތެއްގެ ބޭނުން ހިފާ އެއް ޚިދުމަތަކީ ބޭންކާއި އޭޓީއެމްގެ ޚިދުމަތެވެ. ނަމަވެސް ކުޅުދުއްފުށި ފަދަ އާބާދީ ބޮޑު އަދި ގިނަބަޔަކު ޒިޔާރަތްކުރާ ރަށެއްގައި އެންމެ އޭޓީއެމް އެއް ހުރުމަކީ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން ކުޅުދުއްފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުޅިވިގެން ދިއުމުން ކުޅުދުއްފުއްޓާއި ސަރަހައްދުގެ ގިނަ ބަޔަކަށް އެކަމުގެ ފައިދާ ކުރަން ފެށިއެވެ. އަދި އޭގެ ފަހުން އާއިމާރާތެއްގައި ބޭންކްގެ ޚިދުމަތް ދޭން ފެށުމުން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދިޔައެވެ. އަދި ބޭންކުން ކޭޝްކާޑް ގެ ޚިދުމަތް ދޭން ފެށިތާ ދެތިން އަހަރު ފަހުން ކުޅުދުއްފުށީގައި ވެސް އޭޓީއެމް މެޝިނެއް ބަހައްޓައި އެޚިދުމަތް ދޭން ފެށުމަކީ ވެސް އެތައްބަޔަކު އެކަމަށް ޝުކުރު ކުރި ކަމެކެވެ.

ނަމަވެސް ބޭންކްގެ ޚިދުމަތްތައް ބޭނުން ކުރާމީހުން ގިނަވެ، އަދި ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ މީހުން އިތުރު ވުމުގެ ސަބަބުން އޭޓީއެމް އަށް ވެސް ވަނީ ބާރު ބޮޑުވާ ގޮތްވެފައި އެވެ. ހާއްސަކޮށް ކުޅުދުއްފުއްޓަށް އެންމެ ގިނައިން މީހުން އަންނަ ހޮނިހިރު ދުވަސްތަކުގައި އޭޓީއެމްގެ ދޮށުގައި ހެދޭ ކިއުއަކީ ދިގު ކިއޫ އެކެވެ. ހަމައެހެންމެ މަސް ފެށޭދުވަސްކޮޅު އޭޓީއެމްގެ ކައިރިން ޖާގައެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.

“އަސްލު އެންމެ އޭޓީއެމްއަކީ މިވަރުގެ ބޮޑު ރަށަކަށް ފުދޭ ވަރެއް ނޫން. އޭޓީއެމް ކިއޫ ވަރަށް ބޮޑު.” ކުޅުދުއްފުށީގެ އޮފީހެއްގައި މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.

އެންމެ އޭޓީއެމްއެއް ހުރުމުގެ ސަބަބުން ދަތިވުމުގެ އިތުރުން އޭޓީއެމް ހުންނަ ސަރަހައްދަކީ ވެސް ކުޅުދުއްފުއްޓަށް އަންނަ ބައެއް މީހުންގެ ނަޒަރުގައި އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ. ކުޅުދުއްފުއްޓަށް އަންނަ މީހުންގެ ތެރެއިން ހޮސްޕިޓަލްގެ ޚިދުމަތް ހޯދަން އަންނަ މީހުންނާއި ވިޔަފާރީގެ ބޭނުންތަކަށް އަންނަ ގިނަ ބަޔަކު ބަނދަރު މަތިން ޚިދުމަތްތައް ހޯދާއިރު، ފައިސާ ނެގުމަށްޓަކައި އޭޓީއެމްއަށް ދުރުހިސާބަކަށް ހިނގާފައި ދާންޖެހުމަކީ އެމީހުންގެ ޝަކުވާއެކެވެ.

“އަޅުގަނޑުމެން ކުޅުދުއްފުއްޓަށް އައިސް ބަނދަރު މަތިން ގިނަ ހިދުމަތްތަކެއް އެބަހޯދަން. އަދި ހޮސްޕިޓަލް ވެސް މިހުންނަނީ މިސަރަހައްދުގައި. އެހެންވީމާ އޭޓީއެމް އަށް ލާރި ނަގަން ހިނގާފައި އެއޮއްދުރަށް ދިއުމަކީ ފަސޭހަކަމެއް ނޫން.” ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށްފަހު ނުކުތް ނޮޅިވަރަމްގެ މީހަކު އޭޓީއެމް ޚިދުމަތާ ބެހޭގޮތުން ބުންޏެވެ.

އެންމެ އޭޓީއެމް އެއް ހުރުމުގެ ސަބަބުން އޭޓީއެމްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިއްޖެ ނަމަ ރައްޔިތުންނަށް ތަފާތު ދަތިތައް ވެއެވެ. އަދި ފަހަކަށް އައިސް ޚިދުމަތް ކެނޑޭ ވަގުތުތައް ގިނަ ވެފައި ވުމުން އެހެން އޭޓީއެމް އެއް ހުރުމުގެ މުހިއްމުކަން ވަނީ އިތުރު ވެފައި އެވެ.

ކުޅުދުއްފުށީގައި އޭޓީއެމްގެ ޚިދުމަތް ލިބެން ހުރުމަކީ ކުޅުދުއްފުށީގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުން އުފާކުރާ ކަމެކެވެ. ނަމަވެސް މިހާރު މިވަނީ އެންމެ އޭޓީއެމްއެއްގެ ބަދަލުގައި، އަދި އިތުރު އެހެން އޭޓީއެމްއެއް ބޭނުންވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355