twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރިވިއު: “ހިއްޗަށްވަޑައިގަތުން”

Oct 28, 2012

.

ނޯޓްފޮތް

ކުރުފަލިޖެހުމާއި، ދެޖިންސްގެ ދަފިނެގުމާއި ބޮޑުބެރާއި އެކީގައި މި އަހަރުގެ ޢީދުކުޅިވަރުތަކުގައި ކުރީއަހަރުތަކަށްވުރެ ސަގާފީކުލަޖެހިގެން ހިނގައްޖެއެވެ. ލަފާކުރެވޭ ގޮތުގައި ކުރީގައި އޮތް ހިންދުސްތާނު ލަވަތަކަށް ނެށުމުގެ ފޯރިކެނޑި، ފިލްމުސްޓާރުންގެ ވިދުން ފަނޑުވެ، ސަގާފީ ހޭލެވުމަކަށް ދިވެހިން ހޭލަނީއެވެ. އަހަރެންގެ މި ލަފާކުރުން ބަރާބަރުވެއްޖެނަމަ ކިތަންމެހައިވެސް ރަނގަޅެވެ.

މި ކޮލަމުގައި ކުރިންވާނީ ދަމުހިނގުމާއިބެހޭގޮތުން އަހަރެން ލިޔެފައެވެ. މިފަހަރު އަހަރެން އަޅައިގަތީ ހިއްޗަށްވަޑައިގަތުމުގައެވެ. ފުރަތަމަވެސް ބުނަން އޮތީ ކުރީ ފަހަރުތަކަށްވުރެ، ރަނގަޅުވާހަކައެވެ. ކޮމެޑީގޮތްގަނޑު ކުރީފަހަރުތަކަށްވުރެ ކުޑައެވެ. ރަދުން ބޮޑު “ބަނގުރާފުޅިއެއް” ހިއްޕެވި މަންޒަރު މިފަހަރަކު އަހަރެންނަކަށް ނުފެނެއެވެ. ހެދުންއެޅުންވެސް ކުރިއާއި އަޅާބަލާއިރު ރަނގަޅެވެ. ނަމަވެސް ރަނގަޅުކުރަންޖެހޭ އެތައްކަމެއް އަދިވެސް އެބަހުއްޓެވެ.

ހިއްޗަށްވަޑައިގަތުމަކީ އެންމެ މަތީ ދަރަޖައިގެ ރަސްމީ، ޝާހީ ހިނގާލުމެކެވެ. މި ދައްކަނީ ރަދުން ރަސްމީ ވާޖިބުތަކެއް އަދާކުރެއްވުމަށް، ހަތްކޮޅުނަގާބޭކަލުންނާއިއެކު ރަސްމީޢިއްޒަތުގައި ވަޑައިގަންނަވާ ވަޑައިގަތުމެއްގެ ވާހަކައެވެ. ޖޯކެއް، މާލިކުޅިވަރެއްގެ ވާހަކައެއް ނޫނެވެ. ސީރިޔަސްވާށެވެ.

ކުޅުދުއްފުށީގައި އީދުކުޅިވަރެއްގެ ގޮތުގައި ހިއްޗަށްވަޑައިތުމުގެ ނަމުގައި ކުރާކަންކަމަކީ ފަހަރެއްގައި ހަޖުލަކަށްވެސް ވެދާނެއެވެ. ނަމަވެސް އަހަރެން ހިތުން ހިއްޗަށްވަޑައިގަތުމުގެ ނަމުގައި އެކަންކުރާނަމަ އެކަންވާންޖެހޭނީ، ވީހާވެސް އަސްލާއިއެއްގޮތަށް ކުރާ، އެކަމުގެ ސަބަބުން އަހަރެމެންގެ ސަގާފަތާއި އާދަކާދައަށް ފަޚްރުވެރިވުމުގެ ޝުޢޫރެއް ހިތުގައި އުފެދޭފެންވަރުގައި ކުރާކަމަކަށެވެ.

ކުރިން ބުނިހެން މިއަހަރުގެ ހިއްޗަށް ވަޑައިގަތުން ކުރީއަހަރުތަކަށްވުރެ އަހަރެންނަށް ކަމުދިޔައެވެ. ނަގާފައިހުރި ހަތްކޮޅު އޭގެ އަސްލު ހަތްކޮޅަކާއި އަދިވެސް ވައްތަރު ކުރިނަމަ ރަނގަޅުވީހެވެ. އަދި އަޅާފައިހުރި ހެދުންތައް ރަނގަޅުކޮށްލުން ރަނގަޅުވާނެއެވެ.

މޫނުގައި ބޯކޮށް ފުށްޖަހާފައި، މާލިހެދިފައި ތިބުމުން ހީވަނީ، ކާބަފައިންކުރި ހުރިހާކަމަކީވެސް މާލިހެދިގެން އުޅުންހެންނެވެ. ދެން ފަހަރަކުން ކާކުކަން ނޭނގޭވަރަށް މޫނުގައި ފުށްނުޖަހައި އަހަރެމެނަށް ހިއްޗަށް ވަޑައިގަންނަވާ މަންޒަރު ސިފަކޮށްދޭނެކަމަށް އުންމީދުކުރަމެވެ.

ދެން އޮތީ ބެރެވެ. އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ކުޑަ ރިސާޗެއް ހަދާލައިގެންނަމަވެސް ބެރުދުންމާރީގެ އަސްލު ލަވަތައް ހޯދާލުން ރަނގަޅުވާނެއެވެ. ދުންމާރި ނުފުމެވޭނަމަ، މިޒަމާނުގައި ހެދޭނެ ބައިވަރު ގޮތްގޮތްވެސް އެބަހުއްޓެވެ. ހިނގަމުންދާއިރު ލައިވް ބެރާއިއެކު ދުންމާރީގެ އަޑު އިވޭ ގޮތްވެސް ހެދިދާނެއެވެ.

ކޮންމެޔަކަސް، ހިއްޗަށްވަޑައިގަތުން ރަނގަޅު ފެންވަރަކަށް ގެނެސްދިނުމަށް، ކަރުދާހުގެ ކުޑަ މަސައްކަތެއް، ދިރާސާއެއްގެ ގޮތުގައި ކުރަންޖެހޭނެއެވެ. ހެދުން އަޅާގޮތްތައް ހޯދައި، ދަސްކުރަންޖެހޭނެއެވެ. އަންނަ އަހަރުގެ ޢީދަށް މިހާރު ތައްޔާރުވާން ފެށިދާނެއެވެ.

އިތުރު ފޮޓޯތައް ބެއްލެވުމަށް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355