twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހުސައިން އާދަމްގެ ގުރްބާނީގެ އަގު ވަޒަންކުރެވޭތަ؟

Nov 3, 2012

.

ނަސްރުގެ ދުވަހުގެ ބަޠަލަކީ ކޯޕްރަލް ޝަހީދު ހުސައިން އާދަމެވެ. އެކަމާއިމެދަކު ޝައްކެއްނެތެވެ. ނަމަވެސް މިގޮތަށް އެންމެންނަށް، ޚާއްޞަކޮށް ދައުލަތުގެ ވެރިންނަށް ގަބޫލުކުރެވެންފެށުނީ ތަންކޮޅެއް ފަހުންކަމަށް ދެންނެވިދާނެއެވެ. ނޮވެމްބަރު 3 ގެ ޢުދުވާނުގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށިއިރު، މި ފަހަކަށް އައިސް ހުސައިން އާދަމަށް ތައުރީފްކުރާވަރަށް ތަޢުރީފެއް ނުކުރެއެވެ. މިއީ ކަންއޮތް ގޮތެވެ.

ޖަލާލުއްދީން ސްކޫލް ހުޅުވުނުއިރު އެސްކޫލުގައި މިހާރެކޭ އެއްގޮތަށް ހަތަރުބައި އޮވެއެވެ. ހަތަރު ބަޔަށް އޭރު ނަންކިޔާފައި އޮތީ ގައުމީ ބަޠަލުންގެ ނަމުންނެވެ. ނަމަވެސް، ސްކޫލްގެ ހަތަރުބައިގެ ތެރެއިން ރަތްބަޔަށް “ޝަހީދު ހުސައިން އާދަމް ހައުސް” ގެ ނަން ދިނުމުން، މާލޭގައި ތިއްބެވި ދައުލަތުގެ ވެރިންނަށް ކަމަކު ނުދިޔައެވެ. އެބޭފުޅުންގެ ނަޒަރުގައި، ޝަހީދު ހުސައިން އާދަމަކީ އަނެއް ތިން ބައިގެ ނަން ނިސްބަތްވާ ބަޠަލުންފަދަ ބަޠަލަކަށް ނުވާތީއެވެ.

މަލްޓިޕާޓީ ޑިމޮކްރަސީއާއިއެކު ކުޅުދުއްފުށީ މީހުންނަށް ދެންފެނުނީ، ޝަހީދު ހުސައިން އާދަމްގެ ނަން ސިޔާސީ ބޭނުމަށް ބޭނުންކުރަން ފެށިތަނެވެ. މިގޮތުން ޑީއާރުޕީއިން ކުޅުދުއްފުށީގައި، އުފެއްދީ ޝަހީދު ހުސައިން އާދަމްގެ ގޮތްޕެވެ. ޕޯޑިއަމް ދޮށުގައި އަޅުގަނޑުމެން ޖަޒްބާތީކުރުމަށް ޝަހީދު ހުސައިން އާދަމްގެ ނަން ބޭނުންކުރިއެވެ. އެވާހަކަތައް އަޑުއަހާފައި އަޅުގަނޑުމެން ވަރަށް ޖަޒްބާތީވީމެވެ.

ގައުމީ ބަޠަލުންނަކީ ކޮންމެ ގައުމެއްގައިވެސް ހުރިހާ ރައްޔިތުން އެބަޔަކަށްޓަކައި ފަހުރުވެރިވާ ބަޔެކެވެ. މިސާލަކަށް މަހާތުމާ ގާނދީ އާއިމެދު ވިސްނާލާށެވެ. އޭނާ އަކީ ހިންދޫއެކެވެ. އިންޑިޔާއަކީ އެތައް ސަތޭކަ ބަހަކުން ވާހަކަދައްކައި، އެތައް ދީނެއް އޮންނަ ގައުމެކެވެ. ނަމަވެސް މަހާތުމާ ގާނދީގެ ނަމަށް މުޅި އިންޑިޔާ ފަޚްރުވެރިވެއެވެ. ނަސްލަކަށް، ދީނަކަށް، ކުލަޔަކަށް، ބަހަކަށް، ސިޔާސީ ޕާޓީއަކަށް، ބެލުމެއް ނެތިއެވެ. އެއީ ހުރިހާ އިންޑިޔާ މީހުންގެ ބަޠަލެވެ. ޝަހީދު ހުސައިން އާދަމަކީ ބޮޑުތަކުރުފާނުފަދައިން ގައުމީ ބަޠަލަކަށް ފުރިހަމަ މާނައިގައި ހަދަންޖެހެއެވެ.

އަޅުގަނޑުމެންނަކީ ކުޅުދުއްފުށީ މީހުންނެވެ. ނަމަވެސް ޝަހީދު ހުސައިން އާދަމާއިބެހޭ އެއްވެސް މަޢުލޫމާތެއް އަޅުގަނޑުމެންގެ ނުވެއެވެ. ހޯދާކަށް ނުމެ އުޅޭމެއެވެ. އަޅުގަނޑުމެންގެ ސްކޫލުކުދިންނަށް އެކުދިންގެ ރަށަށް ނިސްބަތްވާ ބަޠަލަށްޓަކައި ފަޚްރުވެރިވާން ދަސްކޮށްދޭން އެބަ ޖެހޭކަމަކަށް ގަބޫލުކުރެވޭހެން ހީއެއް ނުވެއެވެ.

ގައުމީ ބަޠަލުންގެ ތެރެއިން އެންމެ މަތިވެރި ބަޠަލުންނަކީ، ގައުމަށްޓަކައި ފުރާނައިން ޤުރުބާން ވާ ފަރާތްތަކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އާންމު ގޮތެއްގައި މިފަދަ ފަރާތްތަކުގެ ފޮޓޯތައް ޢާންމުކުރާއިރު އެއީ މިލިޓްރީ ފަރާތެއްނަމަ އާއްމުކުރަނީ ދިރިހުރިއިރު ޔުނީފޯމުގައި ހުންނަ ފޮޓޯއެވެ. އެފަރާތަށް ކުރާ ގަދަރެއްގެ ގޮތުގައެވެ. އެއީ އެ ފަރާތުގެ ރަސްމީ ފޮޓޯފުޅެވެ. ޝަހީދުވެގެން ބިންމައްޗަށް ވެއްޓިފައި އޮންނަ ފޮޓޯ އެއީ ޢަރުޝީފުގައި ރައްކާކުރިކަމަށް ވިޔަސް ސަރުކާރުގެ މުއައްސަސާއަކުން ރަސްމީކޮށް ޢާއްމުކުރާ ފޮޓޯއެއް ނޫނެވެ. ނަމަވެސް އަހަރެމެންނަށް މިފެންނަނީ، އެމް.އެންޑީއެފްގެ ފޮޓޯ މައުރަޒަކުން ޢާއްމުކޮށްފައިވާ މިލިޔުމާއިއެކުވާ ފޮޓޯއެވެ. އަޅުގަނޑުމެންގެ ބަޠަލާއިމެދު ހިތުގައި އެއްވެސް ޣީރަތްތެރިކަމެއް، އިޙްތިރާމެއް ނެތީހެއްޔެވެ؟

ނޯޓް: ލިޔުމުގައިވާ ފޮޓޯ އާއްމުކޮށް ބޭނުން ނުކުރުމަކީ އަޅުގަނޑު އެދެގޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355