ޒިގްޒެގް ފޯރ ޔޫތު ލިންކޭޖްގެ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު ދެމެޗުގައި ޖުމްލަ 30 ގޯލު ޖަހައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗްގައި އަފީފުއްދީން ސްކޫލާއި ހޮސްޕިޓަލް ވާދަކޮށް އަފީފުއްދީންގެ މައްޗަށް ކުރިހޯދީ 9 ލަނޑު 2 ލަނޑުންނެވެ. ހޮސްޕިޓަލް ޓީމުން ވަނީ ފުރަތަމަ 8 މިނެޓް ތެރޭގައި 3 ލަނޑު ކާމިޔާބްކޮށްފައެވެ. އެއީ މެޗްގައި 4 ލަނޑު ޖަހާ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި މުހައްމަދު އަހުމަދު ޖެހި 2 ލަނޑާއި އަސްލަމް މުހައްމަދު ޖެހި ލަނޑެކެވެ. ނަމަވެސް ޖެހިގެން އައި މިނެޓްގައި އަފީފުއްދީންގެ އަބްދުﷲ މުހައްމަދު ވަނީ ލަނޑެއްޖަހާ އުއްމީދު އާކޮށްފައެވެ. ހޮސްޕިޓަލްގެ މުހައްމަދު އަހުމަދުގެ އިތުރުން އަސްލަމް ވެސް ވަނީ އިއްޔެގެ މެޗްގައި ހެޓްރިކް ހަދާފައެވެ. ދެވަނަ ހާފް ފެށުމާއެކު އަނެއްކާވެސް ހޮސްޕިޓަލްގެ ބޯޅަތައް އަފީފުއްދީންގެ ގޯލަށް އަމާޒްވަމުން ދިޔައެވެ. މިގޮތުން މި ހާފްގެ ފުރަތަމަ 10 މިނެޓް ތެރޭގައި ވަނީ 4 ލަނޑު ކާމިޔާބް ކޮށްފައެވެ. އެއީ މުހައްމަދު އަހުމަދުގެ 2 ލަނޑާއި އަސްލަމްގެ ލަނޑަކާއި އަރަފާތު އަލީ ޖަހައިދިން ލަނޑެކެވެ. މިހާފް ނިމުމުގެ ކުރިން އެޓީމްގެ އަހުމަދު އާދަމާއި އަސްލަމް ވަނީ އިތުރު ލަނޑެއްކާމިޔާބްކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. އަދި އަފީފުއްދީނުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބް ކޮށްދިން އަބްދުﷲ ވަނީ އިތުރުލަނޑެއް ޖަހާފައެވެ. މި މެޗްގެ މޭން އޮފް ދަ މެޗަށް އިނާމް ދެއްވީ މެޗްގެ ޝަރަފްވެރި މެހެމާން ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލީ މުފީދެވެ. ހޮސްޕިޓަލް އަކީ މިހާރު 6 ޕޮއިންޓް ހޯދާ ގްރޫޕް އޭ ގެ އެއްވަނަ ޓީމްވެސް މެއެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗަކީވެސް ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ މެޗެކެވެ. މިގޮތުން ދިރާގުން އޭއީސީ ގެ ގޯލަށް 15 ލަނޑު ޖަހާފައި ވާއިރު އޭއީސީއަށް ކާމިޔާބް ކުރެވިފައިވަނީ 4 ގޯލެވެ. މެޗްގެ ފުރަތަމަ މިނެޓްގައި ދިރާގުގެ މުހައްމަދު ހަސަން ލަނޑެއް ކާމިޔާބް ކުރުމާއެކު ޖެހިގެން އައި މިނެޓްގައި އޭއީސީގެ މުހައްމަދު އަބޫބަކުރު ވަނީ ލަނޑެއް ކާމިޔާބްކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި މުހައްމަދު ހަސަންއާއި ދިރާގުގެ އަހުމަދު ދާއޫދު، އަދި އަސްވަދު ރަޝީދު ވަނީ ހެޓްރިކް ހަދާފައެވެ. މިގޮތުން އަހުމަދު ދާއޫދު 4 ލަނޑު ކާމިޔާބު ކޮށްފައިވާއިރު އަސްވަދު ވަނީ 6 ލަނޑުޖަހާފައެވެ. މީގެ އިތުރުން ދިރާގުގެ މުހައްމަދު ހަސަނާއި މުހައްމަދު ފާހިރުވެސް ވަނީ މެޗްގައި 2 ލަނޑު ކާމިޔާބް ކޮށްދީފައެވެ. އަދި މުހައްމަދު ޒަކަރިއްޔާ ވަނީ މެޗް ނިމުމާއި ދާދި ގާތްވެފައިވަނިކޮށް ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އެއާއެކު ދެން ފެނިގެން ދިޔައީ އޭއީސީގެ މުހައްމަދު އަބޫބަކުރާއި އަހުމަދު އަބްދުﷲ ލަނޑެއް ޖަހާ ސްކޯ ބަދަލްކޮށްލި މަންޒަރެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަސްވަދު ރަޝީދަށް އިނާމް ހަވާލް ކޮށްދިނީ ޒިގްޒެގް ގެ އަހުމަދު މުހައްމަދެވެ.
މިމުބާރާތުގައި މިއަދުވެސް 2 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޕޮލިހާއި ކައުންސިލް އިދާރާއެވެ. އަދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޕޯޓްސް އާއި އެމްއެންޑީއެފް އެވެ.