.
ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ހޮސްޕިޓަލުގެ ޓީމް ބޮޑު ތަފާތަކުން ކާމިޔާބުކުރި އިރު ދެވަނަ މެޗު ކާމިޔާބުކޮށްފައިވަނީ ހަނި ގޮތަކަށް އެސްޓީއޯ އާރު ސީގެ ޓީމެވެ.
މިއަދުގެ ފުރަތަމަ މެޗް ހޮސްޕިޓަލް ކާމިޔާބްކުރީ ހދ އަތޮޅު ތައުލީމީ މަރުކަޒާ (އޭއީސީ) ބައްދަލުކޮށް 14 ލަނޑު 4 ލަނޑުންނެވެ. މިމެޗްގައި ހޮސްޕިޓަލް ޓީމްގެ މުހައްމަދު އަހުމަދާއި އަސްލަމް މުހައްމަދާއި އަހުމަދު ހަސަން ވަނީ ހެޓްރިކް ހަދާފައެވެ. އަދި އެޓީމްގެ އަހުމަދު މުހައްމަދާއި އަހުމަދު އާދަމް ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ކާމިޔާބްކޮށްދީފައެވެ.
ގާތްގާތުގައި ލަނޑުތައް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ހޮސްޕިޓަލް ޓީމުން ވަނީ 10 ލަނޑު ކާމިޔާބްކޮށްފައެވެ. މެޗްގެ މޮޅު ކުޅޫންތެރިއަކަށް ހޮވުނު ހޮސްޕިޓަލްގެ އަސްލަމް މުހައްމަދު ވަނީ 13 ވަނަ މިނެޓްގައި 2 ލަނޑު ކާމިޔާބްކޮށްފައެވެ. މިކުޅުންތެރިންގެ އިތުރުން އެޓީމްގެ އަރަފާތު އަލީ ވެސް ވަނީ މިއަދުގެ މެޗްގައި ލަނޑެއް ޖަހާފައެވެ.
މި މެޗްގައި އޭއީސީގެ މުހައްމަދު އަބޫބަކުރު ވަނީ 2 ލަނޑު ކާމިޔާބްކޮށްފައެވެ. މީގެ އިތުރުން އެޓީމްގެ އަނެއް ދެ ލަނޑު ޖަހާދީފައިވަނީ އަލީ ޝަރީފް އިބްރާހިމާއި ޒިޔާދު ރަޝާދު އެވެ.
މި މުބާރާތުގައި އޭއީސީގެ ގޯލަށް ޖުމްލަ 36 ލަނޑު ވަދެފައި ވެއެވެ. ދިރާގުން އޭއީސީ ކޮޅަށް 15 ލަނޑު ޖަހާފައި ވެއެވެ.
މިއަދުގެ ދެވަނަ މެޗްގައި އެސްޓީއޯ އާރ ސީ އާއި ދިރާގު ބައްދަލުކޮށް އެސްޓީއޯ އިން މި މެޗް ކާމިޔާބްކުރީ 2 ލަނޑު 1 ލަނޑުންނެވެ. މެޗް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ދިރާގުގެ އަސްވަދު ރަޝީދު ވަނީ 8 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އުއްމީދު އާކޮށްފައެވެ. ފުރަތަމަ ހާފް ނިމުނު އިރު ދިރާގު ކުރީގައި އޮތް ނަމަވެސް އެސްޓީއޯގެ އަހުމަދު ނަދީމް ވަނީ ދެވަނަ ހާފްގެ 5 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމކޮށްފައެވެ.
ފޯރިގަދަ މި މެޗްގެ ކުޅުން އެއްވަރެއްގައި އޮވެ ނިމެން ކުޑަތަންވެފައި ވަނިކޮށް، މޭން އޮފް ދަ މެޗްގެ މަގާމަށް ހޮވުނު ނަދީމް ވަނީ އަނެއްކާވެސް އިތުރު ލަނޑެއް ޖަހާ ޓީމަށް ކުރިހޯދާދީފައެވެ.
މިމުބާރާތުގައި މާދަމާވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ޕޯޓްސް ލިމިޓެޑާއި ކުޅުދުއްފުށި ކައުންސިލެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ޕޮލިސް އަދި ކަސްޓަމްސް އެވެ.
ޖުމްލަ 4 މެޗު ކުޅެގެން ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ހޮސްޕިޓަލެވެ. 3 މެޗު ކުޅެގެން އެސްޓީއޯ އަށްވެސް 9 ޕޮއިންޓް ލިބިފައިވާއިރު ހޮސްޕިޓަލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.