ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި އެމްއެންޑީއެފް ބަލިކޮށް ޕޮލިސް މުބާރާތުގެ ޗެމްޕިއަކަން ހޯދައިފި އެވެ.
ޕޮލިސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެމްއެންޑިއެފާއި ބައްދަލުކޮށް 3 ލަނޑު 1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. މިމެޗްގައި ޕޮލިސް ޓީމްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އަލީ ފިރާގް އިބްރާހީމެވެ. އެޓީމްގެ 2 ވަނަ ލަނޑު އަހުމަދު އިބްރާހިމް ޖަހާފައިވާއިރު ފަހު ލަނޑު ކާމިޔާބްކޮށްފައިވަނީ ފަރުހަތު މުހައްމަދެވެ. އެމްއެންޑީއެފުން މި މެޗްގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ އެޓީމުގެ އަހުމަދު އަލީ އެވެ.
މެޗް ނިމުމުން މުބާރާތުގައި ފާހަގަކޮށްލެވޭ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި ޓްރޮފީ ވަނީ ދީފައެވެ. މިގޮތުން ފައިނަލް މެޗް ގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ޖޯޒީ ނަމްބަރު 9 ފަރުހަތު މުހައްމަދެވެ. އަދި މުބާރާތުގައި 32 ލަނޑު ޖަހައިގެން ރަންބޫޓް ހާސިލްކޮށްފައިވަނީ އެސްޓީއޯ އާރްސީގެ ޖޯޒީ ނަމްބަރު 19 ހަސަން މުހައްމަދެވެ. މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒްގެ ޓީމެވެ. މި ފަރާތް ތަކަށް އިނާމްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިޔާގެ އެކްޓިން ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީއެވެ.
މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ވެސް މިއަދު ވަނީ ޓްރޮފީ ދީފައެވެ. އެ 5 ކުޅުންތެރިންނަކީ އެމްއެންޑީއެފްގެ ޖޯޒީ ނަމްބަރު 30 އަލީ އަބޫބަކުރާއި، އެޓީމްގެ ޖޯޒީ ނަމްބަރު 3 އަބްދުﷲ ނާސިފާއި، އެސްޓީއޯގެ ޖޯޒީ ނަމްބަރު 19 ހަސަން މުހައްމަދާއި، ކުޅުދުއްފުށީ ޕޮލިސްގެ ޖޯޒީ ނަމްބަރު 8 އަހުމަދު މުހައްމަދުގެ އިތުރުން އެޓީމްގެ ޖޯޒީ ނަމްބަރު 12 ހުސައިން އަލީ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރ އަޕް ޓީމަށް އިނާމާއި މެޑަލް އަދި ޓްރޮފީ ހަވާލްކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހެމާން ކުޅުދުއްފުށީ ކައުންސިލް މެމްބަރ ޖަމްޝީދު މުހައްމަދެވެ. އަދި މިމުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލު ކޮށްދެއްވީ ޒިގްޒެގްގެ ޗެއަރމަން އިބްރާހިމް އާސިފެވެ.
މިމަހުގެ 10 ން 27 ގެ ނިޔަލަށް ކުރިއަށް ދިޔަ މިމުބާރާތުގައި ބައިވެރިވެފައިވަނީ 11 ޓީމަކުންނެވެ. މިދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހޮސްޕިޓަލެވެ.