ޢަލީ ހާޝިމް
އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުމާ ޙަވާލުކުރެވިފައިވާ އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ވަނީ އުވާލެވިފައެވެ. އަދި، އެކަމުގެ ސަބަބުން، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ދުވަހަކު ވެސް ގޯސް ނުވާ މިންވަރަށް މިވަނީ ގޯސްވެފައެވެ. ވަކިން ޚާއްޞަކޮށް އިންޑިޔާގެ ނޫސްތަކުގައި މިކަމާ މެދު ކިޔޭ ފާޑުކިޔުންތައް ގިނަވެފައި، ރާއްޖެއަށް ދެވޭ އިންޒާރުތައް ވެސް މިދަނީ ހަރުކަށިވަމުންނެވެ.
ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ އެންމެ ބޮޑު އެއަރޕޯޓް ހިންގަން ޙަވާލުކުރެވުނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ ގޮތުން، އެ ކުންފުންޏާއި، ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓްގެ ތަރައްޤީއަށް ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރު ނުވަތަ 8 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ޕްރޮޖެކްޓްގެ އެކި ބައިތައް ނިމެމުން އައިސް، 2014 ވަނަ އަހަރުގެ ތެރޭގައި މުޅި އެއަރޕޯޓް އެކީއެކަށްޗަށް ނިންމުމަށް ވެސް ވަނީ ކަނޑައެޅިފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފެށިގެން ވެސް، މި ކަން ވިޔަ ނުދޭން އޭރު ރައީސް ނަޝީދުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގެންދިޔައީ މަސައްކަތްކުރަމުންނެވެ.
މި ގޮތަށް މިކަން ކުރިއަށް ދަމުން ގޮސް، 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް، ދެން ވެރިކަމަށް އައި ފަރާތްތަކުން ރައްޔިތުންނަށް ވީ 2 ވަޢުދުގެ ތެރެއިން އެއް ވަޢުދަކީ، ޖީއެމްއާރު ކުންފުނި އެއަރޕޯޓުން ބޭރުކޮށްލުމެވެ. އަނެއް ވަޢުދަކީ ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށްލުމެވެ. އެ ފަރާތްތަކުން ވެރިކަމާ ޙަވާލުވެ 9 މަސް ދުވަސް ފާއިތުވެގެން ގޮސް، ރައްޔިތުންނަށް ވީ 2 ވަޢުދު ވެސް ތޮޅިޔަށް ދާން ފެށި ހިސާބުން، ޢަދާލަތު ޕާޓީ އިސްވެ އޮވެ ހިންގަން ފެށި ޙަރަކާތާއި، ރައީސް ވަޙީދަށް ދެމުން ގެންދިޔަ ހަރުކަށި އިންޒާރުތަކުގެ ނަތީޖާއެއްގެ ގޮތުން، ރައީސް ވަޙީދަށް މަޖުބޫރުވެ ވަޑައިގަތީ އެންމެ ފަހުން ޢަދާލަތުގެ ކޮޅަށް ދީލާލައި، ޖީއެމްއާރުގެ އެއްބަސްވުމުގައި ނިމުމުގެ ސިއްކަ ޖަހާށެވެ.
އެއްބަސްވުން ބާޠިލްކުރުމުގެ ގޮތުން ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ، އެ އެއްބަސްވުމަކީ، އެއްބަސްވުން އުފަންވި އިރު ވެސް ބާޠިލް އެއްޗެއްކަމާއި، 7 ދުވަހުގެ ތެރޭގައި އެއަރޕޯޓް ސަރުކާރާ ޙަވާލުކޮށް، 30 ދުވަހުގެ ތެރޭގައި ފޮށިތަންމަތި ބަނދެގެން ރާއްޖެއިން ފުރައިގެން ދިޔުމަށެވެ. މި ކަން ސަރުކާރުން އިޢުލާން ކުރިތާ ގަޑިއެއްހާ އިރުގެ ތެރޭގައި، އިންޑިޔާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓްރީން ވަނީ ވަރަށް ހަރުކަށި ބަޔާނެއް ނެރެ، ދިވެހި ސަރުކާރަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެ ގޮތުން، ރާއްޖޭގައިވާ އިންޑިޔާގެ މަސްލަޙަތުތަކާއި، އިންޑިޔާގެ ރައްޔިތުންގެ ޙިމާޔަތުގައި، އިންޑިޔާ ސަރުކާރުން ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށާއި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލު ކުރުމަށް ވެސް ޤާނޫނީ މަގު ޚިޔާރުކުރުމަށް ވަނީ އަންގާފައެވެ. އަދި، މިކަންކަން ހަމަ މަގަށް އެޅުވުމަށް ގޮވާލާ، އެ ގޮތަށް ރާއްޖެއިން ޢަމަލުކުރޭތޯ ނުވަތަ ނޫންތޯ އިންޑިޔާ ސަރުކާރުން ވަރަށް ގާތުން ބަލަން ތިބި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ޖީއެމްއާރުގެ އެއްބަސްވުން ބާޠިލްކުރުމާއެކު، ރައީސް ވަޙީދު ވެސް، އަދި ރައީސް މައުމޫން ވެސް ވަނީ، އެ ކަމުގެ ސަބަބުން ދިވެހިރާއްޖެއާއި، އިންޑިޔާގެ ގުޅުމަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި، ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ވަނީ، އެއްބަސްވުން ބާޠިލުކުރުން ދިފާޢުކުރައްވައި، އޭގެ ސަބަބުން ރާއްޖެއަށް ބޭރުގެ އިތުރު އިންވެސްޓަރުން އަންނަން ހިތްވަރު ލިބިއްޖެކަމަށް އެ ބޭފުޅާގެ ޓްވީޓަރ އެކައުންޓްގައި ލިޔުއްވާފައެވެ.
ޖީއެމްއާރުގެ އެއްބަސްވުން ބާޠިލުކުރުމާއެކު، ރާއްޖޭގެ އިމިގްރޭޝަން ޑިޕާޓްމެންޓުން ވަނީ ޖީއެމްއާރުގެ ބިދޭސީ އެއްވެސް މުވައްޒަފަކަށް ދެން ވަރކް ޕާމިޓާއި ވަރކް ވީޒާ ދޫނުކުރާނެ ކަމަށް ހާމަކޮށްފައެވެ. އަދި ސަރުކާރުންވަނީ، ޖީއެމްއާރަށް ދީފައިވާ އެއަރޕޯޓް ހިންގުމުގެ ހުއްދަ ވެސް 7 ދުވަސް ހަމަވާ ދުވަހު ބާޠިލުކުރާނެ ކަމަށް އިޢުލާންކޮށްފައެވެ. ހަމަ އެހެންމެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ވަނީ 7 ދުވަސް ހަމަވާ ދުވަހު، އެއަރޕޯޓް ހިންގުމާ ޙަވާލުވާނެ ކަމަށާއި، ޖީއެމްއާރުގެ މުވައްޒަފުންގެ ތެރެއިން އެއަރޕޯޓްސް ކޮމްޕެނީއަށް ބަދަލުވާން ބޭނުންވާ މުވައްޒަފުންނަށް އެކަމަށް އެދޭ ފޯމެއް ތައްޔާރުކޮށް އެކަން ވެސް އިޢުލާންކޮށްފައެވެ.
ދިވެހި ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން ބާޠިލުކުރުމުން ޖީއެމްއާރް އިން ވަނީ، އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ސިންގަޕޫރުގެ ހައިކޯޓަށް އެ މައްސަލަ ހުށަހަޅާ، މައްސަލަ ޙައްލުކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ދިވެހި ސަރުކާރުގެ އަމަލުތައް ވަގުތީ ގޮތުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އަދި، އެ ޝަރީޢަތް ހުކުރު ދުވަހު ފަށައި، 3 ޑިސެމްބަރު ވާ ހޯމަ ދުވަހު ވަގުތީ އަމުރާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
މި ހުރިހާ ކަމެއް މިހެން ހިނގަމުންދާއިރު، އިންޑިޔާގެ މަސްރަޙު މި ކަމާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އިންޑިޔާއިން ދިވެހިރާއްޖެއަށް ދޭ އެހީތަކާ މެދު އަލުން ވިސްނަން ޖެހިދާނެ ކަމާއި، މި ޢަމަލަކީ ބައިނަލްއަޤްވާމީ ރަނގަޅު އުސޫލުތަކާއި، ވިޔަފާރީގެ ޢާންމު ގަވައިދުތަކާއި، އަޚުލާޤީ ހުރިހާ މިންގަނޑުތަކުން ވެސް ބޭރު ހައްދުފަހަނަ އަޅާފައިވާ ގޮތްކުޑަ ކަމެއް ކަމަށް އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވެ، ސިފަކުރައްވަމުންނެވެ.
މީގެ އިތުރުން، ޖީއެމްއާރު ކުންފުނީގެ އަނެއް ޙިއްސާދާރުކަމަށްވާ މެލޭޝިޔާގެ އެއަރޕޯޓް ކުންފުނީގެ ޙައްޤުތަކުގެ ޙިމާޔަތުގައި، މެލޭޝިޔާގެ ފޮރިން މިނިސްޓަރު ހުކުރު ދުވަހު ވަނީ ރާއްޖެ ވަޑައިގެން، ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް މިކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އަދި މިކަން އަވަސް ގޮތަކުން ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށް މެލޭޝިޔާއިން ވެސް ވަނީ ހާމަކޮށްފައެވެ.
ޖީއެމްއާރުގެ މައްސަލައިގައި، ރާއްޖެއިން އެޅި ފިޔަވަޅަކީ، ކިތަންމެ ގޮތަކުން ބަލާއިރު ވަރަށް ނާތަހުޒީބު، ބޭއަދަބީ ފިޔަވަޅެއް ކަމަށް ރާއްޖެއާއި، ބައިނަލްއަޤްވާމީ އެތައް ފަރާތްތަކަކުން ދެކެއެވެ. ވަކިން ޚާއްޞަކޮށް، އިންޑިޔާގެ ޗެމްބަރ އޮފް ކޮމާސް އާއި، ޖީއެމްއާރަށް ފައިނޭންސްކުރާ އިންޑިޔާގެ 3 ބޭންކު ކަމަށްވާ އިންޑިޔާގެ އެކްސިސް ބޭންކާއި، އިންޑިއަން އޯވަސީޒް ބޭންކާއި، އިންޑިޔަން ބޭންކުން ވަނީ، މި މައްސަލައިގައި އެ ބޭންކްތަކުގެ މަސްލަހަތު ހިމެނޭތީ، ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އެ ބޭންކުތަކުގެ އިންވެސްޓްމެންޓް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. މި މައްސަލައިގައި ދިވެހި ސަރުކާރުން ކަންތައް ކޮށްފައިވަނީ ޖަންގަލީގެ އުސޫލުން ކަމަށް ދިވެހިންގެ ތެރެއިން ވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި، ރައީސް ނަޝީދާއި، ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެސް ވަނީ މިކަމަކީ ވަރަށް ނުރައްކާތެރި، އަދި ރާއްޖޭގެ ފަތުރުވެރިކަމާއި، ދުރު މުސްތަޤުބަލުގެ ތަރައްޤީއަށް ގެއްލުން ހުރި ކަމެއް ކަމުގައި ހާމަކޮށްފައެވެ. ހަމަ އެހެންމެ، މިކަމުގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފަރާތްތައް ކުރިއަށް ނެރެ، މި ކަމުން އަމިއްލަ އަދި ސިޔާސީ މަޤްޞަދުތަކެއް ބަޔަކު ހާޞިލުކުރަން އުޅޭ އުޅުމަކީ، ޤައުމުގެ އިޤްތިޞާދީ، އަދި އިޖްތިމާޢީ ކުރިއެރުމާއި ހަމަޖެހުމަށް ހުރަސް އެޅޭނެ ކަމެއް ކަމުގައި ވެސް ދަނީ ބުނަމުންނެވެ.
ރައީސް ވަޙީދުގެ ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން ބާޠިލުކުރި ކުރުމާ މެދު އަލުން ވިސްނައި، އަވަހަށް މިކަން ހަމަ މަގަށް ނާޅުވައިފިނަމަ، އެ ކަމަކީ، ދިވެހިރާއްޖެއާއި އިންޑިޔާ އަދި މެލޭޝިޔާއާއި ޖެހި، އެ ގައުމުތަކާއެކު އޮތް ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ގައުމަށް އިންވެސްޓްކުރުމަށް އަންނަ އިންވެސްޓަރުންނަށް ދެވޭނެ ވަރަށް ނުރަނގަޅު މެސެޖަކަށް ވާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖެއަށް އެއް ފަރާތަކުން މިހާތަނަށް ގެނައި އެންމެ ބޮޑު އިންވެސްޓްމެންޓް މިހާ ހުތުރު ގޮތަކަށް ނިންމާލައިފިނަމަ، އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ ގެއްލުން ވަޒަން ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. މި ކަމުގެ ހަމައެކަނި ޙައްލަކީ، ދިވެހި ސަރުކާރުން ޖީއެމްއާރާއެކު މަޝްވަރާގެ މޭޒު ދޮށަށް އައުމެވެ. ހަރުކަށިކަމާއި، ގޮތް ދޫނުކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގެ އަވަށްޓެރި އަދި ދިވެހިރާއްޖެ އެ ގައުމަކަށް އެންމެ ބޮޑަށް ބަރޯސާވާ އިންޑިޔާގެ މައްޗަށް ހޯދޭނެ މޮޅެއް، ފައިދާއެއް ވެސް ނޯންނާނެއެވެ.
އެޑިޓަރުގެ ނޯޓް: މިއީ ކުޅުދުއްފުށި އޮންލައިންގެ ކިޔުންތެރިންނާއި ކޮމެންޓް ކުރައްވާ ފަރާތްތަކުގެ މަގުބޫލުކަން ހޯދާފައިވާ ޢަލީ ހާޝިމް، މި ނޫހުގައި ޝާއިއު ކޮށްދިނުމަށް އެދި ފޮނުއްވާފައިވާ ލިޔުމެކެވެ.