twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރައްޔިތެއްގެ ޝުއޫރު: އެންމެ ރަނގަޅުވާނީ ވޯޓުން ބަލިކޮށްފިނަމަ

Dec 10, 2012

ކުރީގެ ރައީސް މުހަންމަދު ނަޝީދު ހޯރަފުށީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޭނާ ޖަލަށް ލައިފިނަމަ، މެޓައިން ކަރުދާސް ވަކިކުރާހާ ފަސޭހަކަމާއެކު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ވައްޓާލާނެ ކަމަށެވެ. ފަސޭހަވާނީ މެޓައިން ކަރުދާސް ވަކިކުރުންތޯ ނުވަތަ ކަރުދާހުން މެޓާވަކިކޮށްލުންތޯ ސުވާލުނުކޮށް، އެހެން ނަޒަރަކުން މައްސަލަޔަށް ބަލާލަމާ ހެއްޔެވެ؟

ފަނޑިޔާރެއް ކިޑްނެޕްކުރުމުގެ ކުށް އެއޮތީ ނަޝީދުގެ މައްޗަށް އުފުލާފައެވެ. މައްސަލަ ވައްދާފައިވާ ކޯޓްގެ ސައްހަކަންވެސް އެޔޮތީ ސްޕްރީމްކޯޓުން މިހާރު ކަނޑައަޅާފައެވެ. ދެން އޮތީ މައްސަލަ ފައިސަލާކުރުމެވެ. ކުށް ސާބިތުވެއްޖެ ނަމަ، ނަޝީދަށް ޕާޓީގެ ރިޔާސީ ޓިކެޓް ގެއްލޭނެއެވެ.

ނަޝީދު ޖަލަށްލުމަށް ހުކުމްކުރިޔަސް ނުކުރިޔަސް ރިޔާސީ އިންތިޚާބުގެ ކުރިން، ސަރުކާރު ވައްޓާލެވިދާނެ ކަމަކަށް ނުފެނެއެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުރިން، އިންތިޚާބުގައި ވާދަނުކުރެއްވޭފަދަ ހުކުމެއް ނަޝީދުގެ މައްޗަށް އަތުވެއްޖެނަމަ، ދެ ޕްލަސް ޕޮއިންޓް އެމްޑީޕީއަށް ލިބޭނެއެވެ.

އެންމެ ފުރަތަމަ، ޕްލަސް ޕޮއިންޓަކަށް ވާނީ، ސަރުކާރަށް ބޭރުން އަތުވެދާނެ ޕްރެޝަރެވެ. ހައްގުން ކަމަށްވިޔަސް ރިޔާސީ ކެންޑިޑޭޓެއް، އަމުދުން ކުރީގެ ރައީސެއް ޖަލަށްލުމަކީ ފަސޭހަކަމެއް ނޫނެވެ. ބޭރު ދުނިޔެއިން އެ މައްސަލާގައި ދެކޭނީ، މުޅިން އެހެން ނަޒަރަކުންނެވެ. އެމްޑީޕީއަކީ، ބޭރުގެ ފަރާތްތަކާއި މުވާސަލާތުކުރުމާއި ޕްރޮޕަގެންޑާ ފެތުރުމުގައި ރާއްޖޭގެ އެއްވަނަ ޕާޓީއެވެ. އެޕާޓީގެ ފަހަތުގައި ސަޕޯޓަރުންގެ ބައިގަނޑެއް އޮތުމުގެ ސިއްރަކީ، މުހަންމަދު ނަޝީދަކީ ރީތި މީހަކަށްވާތީއެއް ނޫނެވެ. ނަމަވެސް އެއީ ތިލަކޮށް އާދައިގެ ބަހުރުވައިން އެމްޑީޕީއިން ގެންނަ ޕޮލިޓިކަލް ރެޓޯރިކްތަކާއި، ފަތުރާ ޕްރޮޕެގަންޑާގެ މޮޅުކަމެވެ. ނަޝީދު ޖަލަށްލައިފިނަމަ، އެއީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރު ވާދަކުރެއްވިޔަ ނުދިނުމަށް ކުރިކަމެއްކަމަށް ބޭރުދުނިޔެއަށް ދެއްކުމުގެ ބާރު އެމްޑީޕީއަށް ލިބިގެންވެއެވެ. ބައިނަލްއަޤްވާމީ ދުނިޔެއިން، އެގޮތަށް ދެކެފިނަމަ، ވަރަށްގިނަ ތުރާތަކާއި ސަރުކާރަށް ކުރިމަތިލާންޖެހި، ރިޔާސީ އިންތިޚާބުގައި، ‘އެންމެ ހެޔޮ’ ޕާޓީއަކީ އެމްޑީޕީކަމުގައި ދެއްކުމުގެ ފުރުސަތު އެމްޑީޕީއަށް ލިބޭނެއެވެ.

ނަޝީދު ޖަލަށް ލެވިއްޖެނަމަ ދެވަނައަށް އޮތް ޕްލަސް ޕޮއިންޓަކީ، އެމްޑީޕީގެ ރޫހް ކެކިއެރުމެވެ. ކޮންމެ އެއްޗެކޭ ކިޔަސް، ގަބޫލު ނުކުރިޔަސް އެމްޑީޕީގެ ފަހަތުގައި، ތިބީ ވަރަށް ފޯރިއާއިއެކު ހަރަކާތްތެރިވާ ޒުވާނުންނެވެ. ދެން ތިބީ މުސްކުޅި ޕެންޝަން ފައިސާ ލިބޭ ރައްޔިތުންނެވެ. އެއީ، އެމްޑީޕީއަށް ވޯޓްދޭނެކަން ވަރަށް ޔަގީންވާ ދެ ސެގްމެންޓެވެ. ކޮންމެ ރަށަކަށް ބެލިކަމަށްވިޔަސް މިކަން ފާހަގަކުރެވެއެވެ. އަނެއްކޮޅުން އެހެން ޕާޓީތަކުގައި ޒުވާނުންގެ ރޫހެއް، އެމްޑީޕީގައި އޮތްވަރާއި ގާތަށްވެސްނެތެވެ. ވީމާ، ކޯޓުގެ ހުކުމާއެކު ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވުނަސް، އެޕާޓީއިން ބަދަލުގައި ނެރޭ ކެންޑިޑޭޓް ހޮވުމަށް، ފޯރީގައި އެމީހުން ނުކުންނާނެއެވެ.

އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން، ދިވެހިންނަށް ދަސްކޮށްދިން ފިލާވަޅަކީ، އެމްޑީޕީއަކީ ޑިމޮކްރަސީއަށް ތެދުވެރި ޕާޓީއެއް ނޫންކަމުގެ ފިލާވަޅެވެ. މިއީ ހަގީގަތެވެ. ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ފައިދާހުރިގޮތަކަށް، އެމްޑީޕީ ބަލިކޮށްލެވޭނީ ވޯޓުންނެވެ. ރިޔާސީ އިންތިޚާބުގެ ކުރިން މުހަންމަދު ނަޝީދު ޖަލަށް ފޮނުވާލައިގެންނެއް ނޫނެވެ.

ވޯޓުން ބަލިކޮށްލައިފިނަމަ، އެމްޑީޕީގައި “އަޅާވޭން ގަދަވާނެއެވެ”. އަނެއްކޮޅުން އެމްޑީޕީ، އިސްލާހުކުރުމަށް ދޮރުހުޅުވި، ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވެ، މުހަންމަދު ނަޝީދުގެ ސިޔާސީ ކެރިއަރުގައި ސިއްކަޖެހިގެން ދާނެއެވެ.

ސުވާލަކީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރެވިދާނެ ހެއްޔެވެ؟ ކެމްޕެއިން ކުރުމުގައި މިހާރުވެސް އެމްޑީޕީ ފެންނަނީ ކުރީގައި އުޅޭތަނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355