twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޓޫރިޒަމަށް 40 އަހަރު ފުރުނު އިރު ހދ އަތޮޅުގައި އެންމެ ރިސޯޓެއް ވެސް ނެތް

Dec 16, 2012

ޓޫރިޒަމް ދިވެހިރާއްޖެއަށް ތަޢާރަފް ކުރެވުނީ 1972 ވަނަ އަހަރު އެވެ. އެއަހަރުގެ އޮކްޓޯބަރު މަހު މާލެ އަތޮޅު ވިހަމަނާފުށީ ގައި ހުޅުވުނު ރިސޯޓާއެކު ޓޫރިޒަމްގެ ފައިދާ ދިވެހިންނަށް ލިބެންފެށިއެވެ. ވިހަމަނާފުއްޓަކީ މިހާރު ކުރުބާ މޯލްޑިވްސް އެވެ. މަސްވެރިކަމަށް މުޅިންހެން ބަރޯސާވެފައި އޮތް ރާއްޖޭގައި، ހުޅުވުނު ރިސޯޓާއެކު މުޅިން އާ ސިނާއަތެއް ފެށިގެންދިޔައެވެ. އަދި މިއަދު ޓޫރިޒަމް ވެފައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާއަތަށެވެ.

ޓޫރިޒަމް ސިނާއަތު ފުޅާވަމުން އައިކަމުގައި ވިޔަސް، ސިނާއަތުގެ ފުރަތަމަ ތިރީހަކަށް އަހަރު ތެރޭގައި ރާއްޖޭގައި ހުޅުވުނު ގިނަ ރިސޯޓްތައް ހުޅުވާފައި ވަނީ މެދުރާއްޖެތެރޭގެ ރަށްތަކުގައެވެ. މީގެ ދިހަ އަހަރު ކުރިއަށް ބަލާއިރު ރާއްޖޭގެ ދެކޮޅުގައި އެންމެ ރިސޯޓެއްވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ނަމަވެސް ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ސަރުކާރުގެ ޓޫރިޒަމް މާސްޓަރ ޕްލޭންގެ ތެރެއިން ރާއްޖޭ ހުރިހާ ހިސާބަކަށް ޓޫރިޒަމް ފެތުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، އެކި ހިސާބުތަކުގައި ރިސޯޓްތައް ވަނީ ހުޅުވާފައެވެ. އަދި އެކަމުގެ ސަބަބުން އެހިސާބުތަކުގެ ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާތައް ދަނީ ލިބެމުންނެވެ. މިގޮތުން ވަޒީފާގެ ފުރުސަތުތައް ލިބިގެން ދިޔައިރު، ރިސޯޓު ސަޕްލައި އާއި އެހެނިހެން ގޮތްގޮތުން ރައްޔިތުން އަންނަނީ ފައިދާ ނަގަމުންނެވެ.

ޓޫރިސްޓް ރިސޯޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވިފައި ވީކަމުގައި ވިޔަސް، ތިލަދުންމަތީ ދެކުނުބުރީގެ ރައްޔިތުންނަށް އަދިވެސް ވަނީ އެއުފާ ނުލިބިއެވެ. ހދ އަތޮޅަކީ ރާއްޖޭގައި މިހާރު ރިސޯޓެއް ނެތް މަދު އަތޮޅުތަކުން އެއް އަތޮޅެވެ. ހދ އަތޮޅުގައި ރިސޯޓް ތަރައްގީ ކުރުމަށްޓަކައި 3 ރަށެއް މިހާތަނަށް ދޫކޮށްފައި ވީކަމުގައި ވިޔަސް، އެއިން އެއްވެސް ރިސޯޓެއް މިހާތަނަށް ވަނީ ނުހުޅުވިއެވެ. އަދި ހުޅުވޭނެ ދުވަހެއް ވެސް ވަނީ ނޭނގުމުގެ ތެރޭގައެވެ.

މީގެ ތެރެއިން އެއްރަށަކީ 2007 ވަނަ އަހަރު އެމްޓީޑީސީއަށް ދީފައިވާ ހދ. ނާގޯއްޓެވެ. އެމްޓީޑީސީ އިން ތްރީކޭ އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ނާގޯށީގެ މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާކަމަށް މިއަހަރުގެ ކުރީކޮޅު ބުނެފައިވެއެވެ. ނަމަވެސް އޭގެ ފަހުން މާބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ނާގޯއްޓާއި ހަވާލުވެހުންނެވި ކޮންސްޓްރަކްޝަން މެނޭޖަރު، ޖަމީލް އާދަމް މިދިޔަ ހަފްތާ ތެރޭ ވިދާޅުވީ އެރިސޯޓުން ނިމިފައި ވަނީ 42 އިންސައްތަ ކަމަށާއި، މަސައްކަތް ދިގުލައިގެން މިދަނީ ފައިސާގެ ދަތިކަން ކުރިމަތިވާތީ ކަމަށެވެ. އަދި މީގެ އިތުރުން ރިސޯޓުގެ ވެރިފަރާތް ކަމުގައިވާ އެމްޓީޑީސީގެ ހާލަތު އަހަރުން އަހަރަށް ދަށްވަމުން ދިއުމަކީ އިތުރު މާޔޫސްކަމެއް ގެނުވާ ކަމެކެވެ.

ހދ. އަތޮޅުން މީގެ އިތުރުން ދެން ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވަނީ ތްރީއޭ ކޮމްޕެނީ އަށް ކުއްޔަށް ދީފައިވާ ކުޑަމުރައިދުއެވެ. ނަމަވެސް އެކުންފުނިން އެރަށުން ވެލިނަގައިގެން އެހެންރަށަކަށް ވެލިގެންދާ ވާހަކަ ފިޔަވާ އިތުރު ވާހަކައެއް އެރަށާބެހޭ ގޮތުން ނީވެއެވެ.

އަދި ތިންވަނަ ރަށް ކަމުގައިވާ ހޮނޑާފުށީގެ އީއައިއޭ ހެދުމުގެ ވާހަކަ 2007 ވަނަ އަހަރު އިވިފައި ވެއެވެ. ހޮނޑާފުއްޓަކީ 200 އެނދާއެކު ގޮލްފްކޯސް އެއް ހިމެނޭ ގޮތަށް ތަރައްގީ ކުރުމަށް ރާވާފައިވާ ރަށެކެވެ. ގޮލްފްކޯސް ހެދުމަށްޓަކައި ކަނޑަންޖެހޭ ގަހާއި ކުރަންޖެހޭ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުން ދިރާސާ ކުރުމުގެ ހުއްދަ 2008 ވަނަ އަހަރު ދީފައިވާ ކަން އެނގެއެވެ. ޓޫރިޒަމް މިނިސްޓްރީ އިން މިދިޔަ ހަފްތާގައި ލިބުނު މަޢުލޫމާތު ބުނާގޮތުން އަދި އެރަށުގެ މަސައްކަތުން ނިމިފައި ވަނީ އެންމެ 15 އިންސައްތައެވެ.

މިނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ، ހދ. އަތޮޅުގައި ރިސޯޓް ތައް ތަރައްޤީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށެވެ. އަދި ހދ އަތޮޅުގައި ތަރައްޤީ ވަމުންމިދާ ރިސޯޓްތައް ބޭރުގެ ފެއަރ ތަކުގައިވެސް މާރކެޓް ކުރަމުން ދާކަމަށް ވިދާޅުވި އެވެ. މިގޮތުން ނޮޅިވަރަންފަރުގައި ވެސް ސިޓީ ހޮޓަލެއް އެޅުމަށް ހަމަޖެހިފައި ވާކަމަށް މަލީހު ވިދާޅުވި އެވެ.

ހދ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން އެންމެ އާބާދީ ބޮޑު އެއް އަތޮޅެވެ. އެހެންކަމުން އެވަރުގެ އާބާދީއަކަށް ފުދޭވަރާ ގާތަށް ވެސް އަތޮޅުގައި ވަޒީފާ އުފެދިފައެއް ނުވެއެވެ. ދޫކޮށްފައިވާ ތިން ރިސޯޓް ނިމިއްޖެ ނަމަ ވަޒީފާގެ ފުރުސަތުތައް ހުޅުވުމުގެ އިތުރުން އިގްތިސާދީ ފުދުން ތެރިކަން ވެސް އިތުރު ވެގެންދާނެއެވެ. މިއަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން އިރު ހދ އަތޮޅުގައި ރިސޯޓެއް ނެތުމީ ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް ސީރިއަސްކޮށް ވިސްނަން ޖެހޭނެ ކަމެކެވެ. ރިސޯޓު ހަދަން ހަވާލުކޮށްފައިވާ ފަރާތްތަކަށް އެކަން ނުކުރެވޭ ނަމަ، އެކަމަށް އަޅަންއޮތް ފިޔަވަޅެއް އަޅައިގެން ނަމަވެސް ރިސޯޓުތައް އަވަހަށް ހުޅުވުމަކީ އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355