twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގެ އޮށްވަޅުގޮނޑިތަކެއް ފަދަ މަގުތައް

Dec 22, 2012

ކުޅުދުއްފުށީގެ މަގުތަކުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އެތައް ސަތޭކަ ބަޔަކު އެކިއެކި ހާޖަތްތައް ފުއްދުމަށް ދުވާލަކު އެތައް ފަހަރަކު ބޭނުންކުރަންޖެހޭ ރަށުގެ މަގުތަކަކީ އިރުވައި މޫސުމުގައި ވިޔަސް ހުޅަނގު މޫސުމުގައިވިޔަސް މާ ހިތްފަސޭހަ މަގުތަކެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް ވިއްސާރަވެއްޖެނަމަ މަގުތަކުގެ ބޭނުން ހިފުން އެއީ ނުކޮށް ނުވިއްޔާ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ވިއްސާރައިގެ އަސަރު ކޮށްފިނަމަ މުޅި މަގުތަކުގައި އޮންނަނީ ފެންގަނޑު ހެދި ޗަކަ ވެފައެވެ. ފައި ތެންމާނުލާ މަގުން ހިނގުން އޮންނަނީ ދަތިކަމަކަށް ވެފައެވެ. ވަކިން ހާއްސަކޮށް ގިނަބަޔަކު ބޭނުން ކުރާ ބޮޑު ދެމަގު ކަމަށްވާ އަމީނީމަގާއި ބަންޑާރަމަގުގައި ހެދިފައިހުންނަ ކުދި ވަޅުތަކުގެ ސަބަބުން އާންމުންނަށް ވަނީ ބޮޑު އުނދަގުލަކަށް ވެފައެވެ. ސައިކަލު ދުއްވަމުން ދާއިރު މިދުއްވެނީ ރަށެއްގެ ފުއްޓަރު ގާތައް މަތީގައޭ ހީވާފަހަރުވެސް މަދެއްނޫނެވެ.   މާބަނޑު އަންހެނުން މިއިން މަގަކުން އުޅަނދެއްގައި ދަތުރުކޮށްފި ނަމަ ދަތުރު ނިމުމުގެ ކުރިން ނުވިހަ ހުރެދާނެބާއޭ ހީވާ ފަހަރުވެސް އާދެއެވެ.

ކުޅުދުއްފުށީގެ މަގުތަކަކީ ވަރަށް ކުރިއްސުރެ ފެން ބޮޑުވާ މަގުތަކެކެވެ. ބައެއް ސަރަހައްދު ތަކުގައި ފޫޓަކަށް ނުވަތަ ދޮޅު ފޫޓަށް ފެން ހެދޭފަހަރުވެސް ތަކުރާރުވަމުން ގޮސްފައި ވެއެވެ. ރަށުގައި ދުއްވާ ވެހިކަލްތައް ގިނަވުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވާ ކޮންމެ ފަހަރަކު މުޅި މަގު ހަލާކުވެގެންދެއެވެ. މި މަގުތަކުގައި ސްކޫލަށްދާ ކުދިން، ބައިސްކަލުގެ ފައިކަށި އަނބުރާލާއިރަށް ފެންގަނޑު ތެރެއަށް ބޫޓު ވަދެ ސްކޫލަށް ނުގޮސް އަނބުރާ ގެއަށް ދާންޖެހިފައި އެބަހުއްޓެވެ. އޮފީސް އޮފީހަށް ނުވަތަ އެހެންވެސް ބައްދަލުވުމަކަށް ދާ މީހުންގެ ފަޓުލޫނުގެ ފައިކުރިތައް ކިސަޑުން ޖަރީވެ، ލަދުގައި ބެދިފައިވެސްވެއެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށުގެ ރައްޔިތުން ވާރޭ ވެހިއްޖެނަމަ އުޅެން ޖެހެނީ މިފަދަ ގޮތަކަށެވެ. ފޮނި އުއްމީދުގައި ބޮޑު އަގުގައި ގަންނަ ކާރާއި ސައިކަލު ފަދަ ވެހިކަލްތައް ގެނެސް ދުއްވަން މިޖެހެނީ ބޮޑެތި އޮޅުތަކުގައެވެ. ތިމާގެ ލޯބިވެރިޔާ ފަދައިން ގެންގުޅޭ މި ވެހިކަލްތައް މާގިނަ ދުވަސްތަކެއްނުވެ ބާވެ ހަލާކުވަމުން ދެއެވެ. މާލޭގައި 5 އަހަރު ދުއްވާފައިވާ ވެހިކަލެކޭ ކުޅުދުއްފުށީގައި އަހަރުވެފައިވާ ވެހިކަލެކޭ ތަފާތެއް ނެތެވެ. އެހާވެސް މަގުގެ ހާލު ބޮޑެވެ.

ރައްޔިތުމީހާގެ އަތުން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފީއެއް ބަރާބަރަށް ދައްކަންޖެހެއެވެ. ނިކަމެތި ރައްޔިތުމީހާ މި ދެންނެވި ފީތައް ނުދައްކައިފި ނަމަ ޖޫރިމަނާތައް ކޮށް މުޅި މީހާގެ “ހަން” ދަމާލައެވެ. އެހެންނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ މިފަދަ އަސާސީ ޚިދުމަތްތައް ނުދީގެން ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. މާލޭގެ ފެންވަރު ރަނގަޅު މަގުތަކުގައި ދުއްވާ ވެހިކަލްތަކުން ނަގާ ފީއާއި އެއްވަރުގެ ފީއެއް ރާއްޖެތެރޭގެ “އޮއްވަޅު ގޮނޑި” މަގުތަކުގައި ދުއްވާ ވެހިކަލްތަކުން ނެގުމަކީ އިންސާފެއް ތޯއެވެ؟

މިފަދަ ކަންތައްތަކެއް އަޅުގަނޑުމެން ތަޖުރިބާ ކުރަމުންދާތާ ގިނަދުވަސް ތަކެއްމިވަނީ ވެފައެވެ. އެހެން ނަމަވެސް ކުލަވަރު ބަދަލުވެ މަންޒަރު ބަދަލުވާނެކަމުގެ އުއްމީދުގައި ގިނަ ރައްޔިތުން ތަކެއް އެބަތިއްބެވެ.

މިއީ އެތައް ރައްޔިތުންެގެ އެތައް ދުވަހެއް ވީ ޝަކުވާއެކެވެ. ދާއިމީ ހައްލެއް ލިބިދާނެކަމުގެ އުއްމީދެއް ނެތް ކަމެކެވެ. މަގު ހެދުމުގެ މަޝްރޫއެއް ރަށުގައި ކުރިއަށް ދިޔަނަމަވެސް، އެއީ ހަމައެކަނި އެންމެ މަގެއްގެ ވާހަކައެވެ. ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބެންޖެހެއެވެ. ރަށު ކައުންސިލުންނާއި ސަރުކާރުގެ ފަރާތުން، މަގުތައް ރައްޔިތުންނަށް އަމާން ތަނަކަށް ހެދުމުގައި މިހާރަށްވުރެ މުރާލި ވުމަކީ ހަމަ އެންމެ ރައްޔިތުންވެސް ބޭނުންވާނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355