twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށިން 2012 ވަނަ އަހަރު އެންމެ ފާހަގަ ކުރެވުނު ހަބަރުތައް

Dec 31, 2012

ނިމިގެން މިދާ 2012 ވަނަ އަހަރަކީ ކުޅުދުއްފުށީގައި ވެސް އާދަޔާ ހިލާފު ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ އަހަރެކެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ގެއްލުންބޮޑު ބިރުވެރި އިހުސާސްތަކެއް ކުރެވުނު ބައެއް ކަންކަމެވެ. ތިރީގައި އެވަނީ ކުޅުދުއްފުށިން ފާއިތުވި އަހަރު އެންމެ ފާހަގަ ކުރެވުނު ބައެއް ހަބަރުތަކުގެ ހުލާސާއެކެވެ.

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެންމެންގެ ރަށްޓެހި “ނޮޑީ” ނިޔާވުން

މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ އިރު އަރައިގެން އައީ މުޅި ކުޅުދުއްފުށި ސިއްސުވާލި ހަބަރަކާއިގެންނެވެ. ކުޅުދުއްފުށީގައި މީގެ ކުރިން ނުހިނގާވަރުގެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާން ދެ ކުދިން މިދުނިޔެ ދޫކުރި ހަބަރު އިރުގެ ދޯދިތައް ދުނިޔެއަށް ފާއްދާލިހެން ރަށުތެރެއަށް ފެތުރިގެން ދިޔައެވެ.

ކުޅުދުއްފުށީ ދިއްތުނޑި އަހުމަދު އިބްރާހީމް (ނޮޑީ) އާއި ފޭރުގަސްދޮށުގެ އާދަމް ސިނާހް މަރުވި ހާދިސާ ހިނގީ އެޕްރީލް 23 ވަނަ ދުވަހުގެ ފަތިހު އެވެ. ފުލުހުން އޭރު ބުނިގޮތުގައި އެ ދެމީހުން ދުއްވި ސައިކަލް ކުޅުދުއްފުށީ ހަވާނާގޭގެ ފާރުގައި ޖެހި އެކްސިޑެންޓްވެ އެކަކު އޮތީ ސައިކަލުގެ ދަށުގައި އެވެ. އަދި އަނެއް މީހާ އޮތީ ސައިކަލާ 14 ވަރަކަށް ފޫޓް ދުރުގައި ކަމަށާއި ފުލުހުން އެސަރަހައްދަށް ދިޔައިރުވެސް 2 މީހުން ވެސް އޮތީ ހޭނެތިފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭގެ ތެރެއިން އަހްމަދު އިބްރާހީމް މަރުވެފައިވަނީ އެކްސިޑެންޓް ހިނގި ދުވަހު އެވެ. ސިނާހް މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އެ މަހުގެ 30 ވަނަ  ދުވަހު މާލޭގައި އެވެ. (އިތުރަށް ވިދާޅުވޭ)

ސިކަންދަރު ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުން

ކުޅުދުއްފުއްޓާއި މާލެއާ ދޭތެރޭ ދަތުރުކުރާ, މުޅި ރާއްޖެއަށް ވެސް މަޝްހޫރު ސިކަންދަރު ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ފަތިހު އެވެ. އެހާދިސާގައި އެބޯޓުގެ ގެގަނޑުގެ މަތީ 3 ބުރި އަނދައިގެން ގޮސްފައި ވެއެވެ.

ބޯޓުގެ ވެރިފަރާތުން ބުނިގޮތުގައި ލިބުނު ގެއްލުން 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެއެވެ. އަލިފާނުގެ ހާދިސާއަށްފަހު ބޯޓުގެ ދަތުރުތައް އަލުން ފެށީ ހއ ދިއްދޫ އާއި ކުޅުދުއްފުއްޓާއި ދޭތެރޭގައި އެވެ. އެއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. (އިތުރަށް ވިދާޅުވޭ)

ކުޅުދުއްފުށީ ފަޅުތެރެއިން ފެނުނު ކަމަށް ބުނާ “ކަނޑު ގެރި”

މި ވާހަކަ އާންމު ވެފައިވަނީ ހުކުރު ދުވަހެއްގައި ކުޅުދުއްފުށީގެ މޫދަށް އެރޭ ސަރަހައްދުން ނެގި ފޮޓޯއެއް ކަމަށް ބުނެ ކުޅުދުއްފުށީގެ ގިނަ ޒުވާނުންގެ މަޤުބޫލުކަން ލިބިފައިވާ ފޭސްބުކް ގުރޫޕް ‘ކޭވައިޖީ’ ގައި ޖެހި ފޮޓޯ އަކާ ގުޅިގެންނެވެ.

އެ ފޮޓޯގައި ފެންނަ ކަޅުކުލައިގެ އާދަޔާ ޚިލާފު އެއްޗަކީ ކޯޗެއް ކަމެއް އެއްވެސް މީހަކަށް ނޭނގެ އެވެ. ބުނެވޭ ގޮތުގައި ފޮޓޯ ނެގި އިރު މި އެއްޗެއް އެދިމާލުން ފެންނާކަށް ނެތެވެ. ފޮޓޯ ނެގި މީހާއަށްވެސް މިއެއްޗެއް ފެނުނީ ފޮޓޯއިން ކަމަށް ވެ އެވެ. ރަށުތެރޭގައި އެވާހަކަ ފެތުރިގެން ދިޔައީ އެސަރަހައްދުން ކަނޑު ގެރި އެއް ފެނުނު ކަމަށެވެ. އަދި ފަހުން ރާއްޖޭގައި ހިނގާ އެންމެ މަޝްހޫރު ނޫސްތަކުގެ ސުރުހީތަކަށްވެސް އެ ހަބަރު އެރިއެވެ.

ފޭސްބުކް ގައި އަޕްލޯޑުކޮށްފައިވާ އެ ފޮޓޯގެ ހަގީގަތް ހޯދުމަށްޓަކައި އެ ފޮޓޯ ނެގި ކުޅުދުއްފުށީ ސޯސަންވިލާ އަބްދުއްލަތީފު އޭރު ބުނި ގޮތުގައި އެ ފޮޓޯ އަކީ އެޑިޓް ކޮށްފައިވާ ފޮޓޯއެއް ނޫނެވެ. އެއީ މި އަހަރުގެ ޤައުމީ ދުވަހު ހަވީރުގެ ވަގުތެއްގައި އާއިލާ އާއި އެކު މޫދަށް ގޮސް އުޅެމުން ނެގި ފޮޓޯތަކެއްގެ ތެރެއިން ފޮޓޯއެއް ކަމަށް އަބްދުއްލަތީފް ބުންޏެވެ. އަދި އެފޮޓޯގައި ވާ އާދަޔާ ހިލާފު އެއްޗެއް ފާހަގަ ކުރެވުނީ އެދުވަހުގެ ރޭ އެފޮޓޯތައް ކޮމްޕިއުޓަރަށް އަޅަން އުޅެނިކޮށް ކަމަށް އޭނާ ބުންޏެވެ.

ފަހުން ފުލުހުންވެސް ވަނީ އެސަރަހައްދުގެ މޫދުގެ އަޑި ފީނައިގެން ބަލާފައި އެވެ. އެހެންނަމަވެސް “ކަނޑުގެރި” އެއްގެ ނިޝާނެއް ފެނިފައެއް ނުވެއެވެ. (އިތުރަށް ވިދާޅުވޭ)

މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންއައި ފާޅު ބޯޓުގެ އިންޖީނުގައި އަލިފާން ރޯވުން

މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުން އައި ފާޅު ބޯޓުގެ އިންޖީނުގައި އަލިފާން ރޯވެ އެބޯޓުން ދަތުރުކުރި 2 މީހަކަށް އަނިޔާވީ މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އެވެ. އަނިޔާވި އެކަކުގެ ފައި ބިންދައިގެން ދިޔައިރު އަންހެނަކަށްވެސް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ.

170 އަށްވުރެ ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ އެ ބޯޓުގެ އިންޖީނުގައި އަލިފާންރޯވެ ހުއްޓުނުތާ ގިނައިރުތަކެއް ނުވެ ފުލުހުންނާއި ސިފައިން ގުޅިގެން ބޯޓުން ދަތުރުކުރި އެންމެން މާލެ ގެންގޮސްފައި ވެއެވެ. އަދި ބޯޓުވެސް މާލެއަށް ގެންގޮސްފައި ވެއެވެ.

ބޯޓުގެ މަރާމާތަށް 3 މިލިއަން ރުފިޔާ ހަރަދުވިއިރު ބޯޓުގެ ދަތުރުތައް އަލުން ފެށީ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ. (އިތުރަށް ވިދާޅުވޭ)

ޖަލާލުއްދީން ސްކޫލުގެ މަސައްކަތު މީހުންތަކަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރާ މީހެއްގެ ޝަރީއަތް ފެށުން

ޖަލާލުއްދީން ސްކޫލުގެ އަންހެން މަސައްކަތު މީހުންތަކަކާއެކު ގިނަ ދުވަސްތަކެއް ވަންދެން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަކަމަށް ތުހުމަތު ކުރެވޭ ކުޅުދުއްފުށީ މޭބިސްކަދުރުގެ އަބްދުލް ބާރީގެ ޝަރީއަތް ފަށާފައިވަނީ މިއަހަރުގެ ތެރޭގައި އެވެ.

އެ ސްކޫލުގެ ސަރުދާރުކަމުގެ މަގާމުގައި ހުރި ބާރީއާއެކު ވަޒީފާއަދާކުރަމުން ދިޔަ 8 އަންހެނަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ދައުވާގެ ޝަރީއަތުގައި ހެކިބަސްދީފައިވާއިރު އެ އެންމެންވެސް ހެކިބަސް ދީފައިވަނީ ބާރީ އާ ދެކޮޅަށެވެ. (އިތުރަށް ވިދާޅުވޭ)

ސަރުކާރު ބަދަލުވުމާއި ގުޅިގެން އެމްޑީޕީއިން ކުޅުދުއްފުށީގައި ކުރި މުޒާހަރާގައި ފުލުހުންގެ މަރުކަޒަށް ގެއްލުން ދިނުން

ފެބްރުއަރީ 7 ވަނަ ދުވަހު، ރައީސް ނަޝީދު ބަދަލުވުމާއި ގުޅިގެން ޖެހިގެން އައި ދުވަހު މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން، ކުޅުދުއްފުށީގައި އެމްޑީޕީން ކުރި މުޒާހަރާގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެއްލުންތަކެއް ދީފައި ވެއެވެ. ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ ބައެއް މެމްބަރުންވެސް ބައިވެރިވި މި މުޒާހަރާ ފަހުން ހަމަނުޖެހުމަކަށް ބަދަލުވެ ޕޮލިސް ސްޓޭޝަނުގެ މައި ގޭޓަށާއި އެމްއެންޑީއެފް ފަޔަރ ލޮރީއެއްގެ އިތުރުން ފުލުހުންގެ މަރުކަޒަށް ގެއްލުންތަކެއް ދީ އަދި ބައެއް ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ.

އެދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ކުޅުދުއްފިން އެކަނިވެސް 40 އަށްވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކޮށްފައި ވެއެވެ. އަދި މިހާރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށާފައި އެވެ.

(އިތުރަށް ވިދާޅުވޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355