twitterviber whatsapp telegramfacebookyoutube instagram
6th May 2024

ގާނޫނުގައި ވާގޮތަށް ކުޅުދުއްފުށީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާއެއް ނުކުރޭ

Jan 9, 2013

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރައްޔިތުންނަށް ލިބުނު އުފާވެރި ހަބަރެކެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެ ފަހަރަކު މައި ސަރުކާރުން ހުއްދަ ހޯދަން ނުޖެހި، ރައްޔިތުންނާ ވީހާވެސް ކައިރިން ކަންކަން ނިމިގެން ދާނެ އުޞޫލެއް ކަނޑައަޅާ ލޯކަލް ކައުންސިލްތަކެއް އުފެއްދުމުން ރަށްރަށުގެ ތަރައްގީގައި ރައްޔިތުންގެ ހިއްސާ ބޮޑު ކުރެވޭނެ ގޮތް ވެގެންދިއެވެ. ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ޑިމޮކްރަޓިކް އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށްދިނުމެވެ. އަދި ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ނަމަވެސް މިހުރިހާ ކަމެއް ބިނާވެގެންދަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ހޮވާ މެމްބަރުންގެ ގާބިލުކަމާއި އެމެމްބަރުންނަށް ޒިންމާ އުފެލޭ މިންވަރެއްގެ މައްޗަށެވެ.

ލާމަރުކަޒީ ގާނޫނުން ރަށްތައް ހިންގުމަށް ހަވާލުވާ ކައުންސިލްތަކަށް، ލާމަރުކަޒީ ގާނޫނުން ބާރުތަކެއް ވަނީ ދީފައެވެ. އަދި އެބާރުތައް ބައެއް އެހެން ގާނޫނުތަކާއި ކުރިން ހެދިފައިވާ ބޯދާ ގަވައިދުތަކާ ތައާރުޒު ވާތީ ބައެއް ކަންކަން ތަންފީޒު ކުރުމުގައި ދަތިތައް އެބަހުއްޓެވެ. ނަމަވެސް ގިނަ ޒިންމާ ތަކަކީ ކައުންސިލް ލެވެލްގައި ކުރެވެން ހުރި ކަންތައްތަކެވެ. އަދި ކައުންސިލަރުން ކޮށްފައިވާ ހުވާގެ ސަބަބުން އެކަންކަން ކުރުން ވާޖިބުވާ ކަންތައްތައް ވެސް އެބަހުއްޓެވެ.

ކައުންސިލްތަކުން ކުރަންޖެހޭ އަދި ރަށެއްގެ ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ ކަންތައްތަކުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން ހެދުމާއި، އާމްދަނީ އާއި ޚަރަދު ދެފުށް ފެންނަ އުސޫލުން ކުރިއަށް ގެންދިއުމާއި ބަޖެޓް ތައްޔާރު ކުރުން ހިމެނެއެވެ. އަދި މިކަންކަމާބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް ކައުންސިލްތަކުން އަމަލު ކުރަންވީ ގޮތްވެސް ގާނޫނުގައި ވަރަށް ސާފުކޮށް ލިޔެވިފައި ވެއެވެ.

ރައްޔިތުންނަށް މަޢުލޫމާތު ދިނުމާ ބެހޭގޮތުން ލޯކަލް ކައުންސިލް ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ “ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަން ވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ ޢާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަން ވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭންތަކާއި ބަޖެޓުގެ މަޢުލޫމާތު ޢާއްމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން ޢާންމުކޮށް ހާމަކުރަންވާނެއެވެ.”

ރައްޔިތުންނަށް މަޢުލޫމާތު ހިއްސާ ކުރަންވީ ގޮތް ސާފުކޮށް ގާނޫނުގައި ބަޔާން ކުރެވިފައި ވާއިރު، އެގޮތަށް ކައުންސިލްތަކުން އަމަލު ކުރަމުން ނުދާކަމުގެ ޝަކުވާއަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރާ ޝަކުވާއެކެވެ. ހަމައެފަދައިން ކުޅުދުއްފުށީ ކައުންސިލުން އެ ޒިންމާ އަދާނުކުރުމަކީ ރައްޔިތުން ސުވާލު އުފައްދާ ކަންކަމެވެ. ކައުންސިލްތައް އުފެދުންފަހުން މިހާތަނަށް ކުޅުދުއްފުށި ކައުންސިލްގެ ފަރާތުން ގާނޫނުގައި ބަޔާންކުރެވިފައި އެވާ ފަދަ ބައްދަލުވުމެއް ބާއްވާފައި ވަނީ 2011 ވަނަ އަހަރުގެ މެދުތެރޭގައި އެކަންޏެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ފެބްރުއަރީ އަދި ޖުލައި މަހު ވެސް އެފަދަ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.

އެކަމާގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ދެއްވާފައި ވަނީ ވަރަށް ފަރުވާކުޑަ ޖަވާބެކެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރާކަމަށެވެ. ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރަމުން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާވެސް ކުރަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރަން. އަދި މަޝްވަރާތައް ވެސް ކުރަން. ހަމަ ގޭގެއަށް ގޮސްގެންވެސް ރައްޔިތުންގެ ހިޔާލު ހޯދަން” ރަމީޒް ވިދާޅުވި އެވެ. “ބައްދަލުކޮށް މަޝްވަރާ ކުރަންޖެހޭ މީހުންނާ މަޝްވަރާ ކޮށްފަ ކަންކަން މި ކުރިއަށް ގެންދަނީ.”

ކައުންސިލުން އެބުނާ ގޮތަށް ރައްޔިތުންނާ ބައްދަލުކުރުމާ ކައުންސިލްތަކާބެހޭ ގާނޫނުގައި ރައްޔިތުންނާ ބައްދަލުކުރަން ބުނެފަ އޮތް އޮތުމާ ހާސްބައި ތަފާތެވެ. އެބުނާ ގޮތަށް ކައުންސިލުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަކީ ނެތްކަމެއް ނޫނެވެ. އެހެންނަމަވެސް ގާނޫނުން ލާޒިމު ކޮށްފައިވާ ގޮތަށް ތަރައްޤީގެ ޕްލޭނާއި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނާ ހިއްސާކުރަންޖެހެއެވެ. އަދި ކުރިއަށް އޮތް އަހަރަށް ރާވާފައި ހުރި ކަންކަމާބެހޭގޮތުން އާންމުންނާ މަޝްވަރާކުރަންޖެހެއެވެ.

ރައްޔިތުންނާ ބައްދަލުކޮށް ކަންކަން ނިންމަމުންދާ ކަމަށް ބުނާއިރު، ކުޅުދުއްފުށީގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ވެރިންގެ ތެރެއިން ބައެއް މުއައްސަސާތަކުގެ ވެރިންނާ ސުވާލުކުރުމުން ބުނެފައިވަނީ، ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ކައުންސިލުން މަޝްވަރާކޮށްފައި ނުވާކަމަށެވެ. ރަށުގެ ތަރައްޤީއާ ގުޅޭ ބޮޑެތި ކަންކަން ނިންމާއިރު ގިނަ ބައެއްގެ މަޝްވަރާ ނުހޯދާއިރު، ކަމުގެ ފަންނީ މީހުންގެ އިރުޝާދުތަކަށް ތަބާނުވާ ވާހަކަވެސް އެއީ އާންމު ވާހަކައެކެވެ.

ގާނޫނުގައި ބުނެފައިވާ ގޮތަށް ރައްޔިތުންނަށް ހުޅުވާލައިގެން އަހަރަކު 2 ފަހަރު ބާއްވަންޖެހޭ އާންމު ބައްދަލުވުން ނުބާއްވާ މައްސަލައިގައި ކުޅުދުއްފުށީ ކައުންސިލުގެ ބައެއް މެމްބަރުންގެ ތެރޭގައި ހިޔާލުތަފާތުވުން އެބަހުއްޓެވެ. އެގޮތުން ބައެއް ކައުންސިލަރުން އެ ބައްދަލުވުން ބާއްވަން ބޭނުންވެއެވެ. ކުޅުދުއްފުށިން ގޯތި ދޫކުރުމުގެ ކަންކަމުގައި ވެސް ކުޅުދުއްފުށީ ކައުންސިލް އިހުމާލުވެފައިވާ ކަމަށް ކުޅުދުއްފުއްޓަށް ނިސްބަތްވާ ހދ އަތޮޅު ކައުންސިލުގެ މެމްބަރަކުވެސް ދާދި ފަހުންވަނީ ތުހުމަތު ކުރައްވާފައި އެވެ.

ކޮންމެއަކަސް ކައުންސިލް ހިންގުމުގައި މައި ސަރުކާރުގެ އެއްބާރުލުން ނުލިބޭ މައްސަލައަކީވެސް ދޫކޮށްލައިގެން ވާނެ މައްސަލައެއް ނޫނެވެ. ބަޖެޓް ލިބުމާ ހިސާބުން، ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކުގެ އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާއަކީ ވެސް ކައުންސިލަރުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންނަމަވެސް، ރަށު ފެންވަރުގައި ކައުންސިލަރުންނަށް ކުރެވޭ ވަރުގެ ކަންކަން، އަދި ހާއްސަކޮށް ގާނޫނުގައި ލާޒިމުކޮށްފައިވާ ކަންކަން ވެސް ނުކެރެވިގެންދާ ކަމީ ދެރަ ކަމެކެވެ. ކުރިއަށް އޮތް ފެބްރުއަރީ މަހަކީ އަނެއްކާވެސް ކައުންސިލަރުން ރައްޔިތުންނާ ބައްދަލުކުރަންޖެހޭ މަހެކެވެ. ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންނަށް ހިއްސާކުރުމަށް ކައުންސިލަރުން ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށަން މިވަނީ ޖެހިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355