ކުޅުދުއްފުށީގައި ކުނި ނައްތާލުމަށް ހަދާފައިވާ ކުނިކޮށި ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ އިންވެގެން ރަށުގެ އިރުމަތީ ފަރާތުގައި އެވެ. ކުނިކޮށްޓާއި އިންވެގެން އުތުރުގެ ޒޯން ސްޓޭޑިއަމް ހުންނައިރު، ދުރުނޫން ހިސާބެއްގައި ހުންނަނީ އެތައް ސަތޭކަ ދަރިވަރުންނެއް ތައުލީމު ހާސިލުކުރަމުން އަންނަ އަފީފުއްދީން ސްކޫލެވެ. މީހުން ދިރިއުޅޭ ގެތައް އެހާ ކައިރީގައި ހުރިއިރު އެ ކުނިކޮށްޓަކީ ވަގުތީ ގޮތުން ކުނި ބަހައްޓާ ތަނެއް ނޫނެވެ. ހުރިހާ ކުނިތަކެއްހެން ނައްތާލަނީވެސް އެ ކުނިކޮށީގައި އެވެ.
ކުޅުދުއްފުށީގައި އުފެދޭ ހުރިހާ ޒާތެއްގެ ކުނި ޖަމާކޮށް އެ ކުނިތައް ނައްތާލަމުންދަނީ ސިއްހީގޮތުން އެއްވެސް މިންގަނޑަކަށް ފެތޭގޮތަކަށް ނޫނެވެ. ކުނި އަންދަމުންދާއިރު އޭގެތެރޭގައި އެންމެ ނުރައްކާތެރި ދުން އަރާ ޕްލާސްޓިކާއި ލަކުޑީގެ ބާވަތްތަކާއި އެހެންވެސް ވިހަ ދުން އަރާނެ އެތައް ކުންޏެއް އެތަނުގައި ރޯކުރެއެވެ.
ކުނިކޮށިން އަރާ ވިހަ ދުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާބެހޭ ގޮތުން ކުޅުދުއްފުށީގެ އާންމު ސިއްހަތު ބަލަހައްޓާ އިދާރާއިން މައުލޫމާތު ދޭގޮތުގައި، ކުނިކޮށީގައި އަންދާ ދުމުން ކާބަންޑައި އޮކްސައިޑާއި ކާބަން މޮނޮކްސައިޑް އަރާނެއެވެ. އެއީ ވިހަ ގޭސްތަކެއްކަމުން ނޭވާލާ ނިޒާމުގެ މައްސަލަތަށް ދިމާވެ ފުއްޕާމެއަށް ގެއްލުންވެއެވެ. އަދި ނޭވާ ހިއްލާ ކުދިންނަށް އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމަށް އެ އިދާރާއިން ބުނެއެވެ.
އިރުވައި މޫސުމުގައި އެއްވެސް ހުރަހެއްނެތި ކުނިކޮށިން އަރާ ދުންތައް ރަށުތެރެއަށް ފެތުރިގެން ދެއެވެ. ހާއްސަކޮށް ކުޅިވަރުކުޅޭ ސްޓޭޑިއަމްއަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އާދައިގެ ގޮތަށް އުޅޭ މީހަކަށްވުރެ ކުޅިވަރު ކުޅޭ ވަގުތު އެ ކުޅުންތެރިންނަށް ދުމުގެ ނުރައްކާ ބޮޑެވެ. އެއީ ކުޅިވަރުކުޅޭ ވަގުތު އިތުރަށް އޮކްސިޖަން ހަށިގަނޑަށް ބޭނުންވުމުގެ ސަބަބުން ގިނައިން ނޭވާލާން ޖެހޭތީ ކަމަށް ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވެއެވެ.
ކުޅުދުއްފުށީގެ އާންމު ސިއްހަތު ބަލަހައްޓާ އޮފިޝަލެއް ވިދާޅުވި ގޮތުގައި ކުނިކޮށިން އަރާ ދުމުގެ ސަބަބުން އެންމެ އަވަހަށް އެލާޖިކް ވުމުގެ ފުރުޞަތު ބޮޑީ ކުޑަކުދިންނަށެވެ. އެކަމުގެ ސަބަބުން ނޭވާލާން އުނދަގޫ ވުމާއި ގިނަގިނައިން އަރިދަފުސް ރޯގާ ޖެހެއެވެ. އެ އޮފިޝަލް ވިދާޅުވީ އިރުވައި މޫސުމާ ހިލާފަށް ހުޅަނގު މޫސުމުގައި ވެސް ކުނިކޮށިން ނުކުންނަ ޖަރާސީމުގެ ސަބަބުން ބޭރަށް ހިންގުމާއި ހޮޑުލުން އާންމުވާ ކަމަށެވެ.
ކުނިކޮށީގެ ކައިރި ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހަކު ބުނީ ބައެއް ދުވަސްދުވަހު ނޭވާލާން އުނދަގޫވެގެން ގެއިން ބޭރަށް ނުކުންނަން ޖެހޭކަމަށެވެ. ހާއްސަކޮށް އިރުވައި މޫސުމުގައި ގޭތެރޭގައި ދުމުގެ އަސަރު ހުންނާތީ ނޭވާކުރުވެ ހާއްސާވާގޮތްވާ ކަމަށެވެ. އަދި އެގޭ ކުޑަކުދިންނަށް ރޯގާއިން ސަލާމަތްވާ އިރެއް ނާންނަކަމަށް އެމީހާ ބުންޏެވެ.
ކުނިކޮށްޓައް ޖަމާވާ ކުނިތައް ކުނީގެ ބާވަތުން ކޮންމެވެސް ވަރަކަށް ވަކިކޮށްފައި ހުރެއެވެ. ކުނިކޮށީގައި ޕްލާސްޓިކާއި ކުނިވާޒާތުގެ ކުނިތައް އަޅަން ހާއްސަތަންތަން ދައްކައިދޭ ބޯޑު ބަހައްޓާފައި ހުރެއެވެ. އެހެންނަމަވެސް އެކަންކަމަށް ކުނި އުކާލަންދާ މީހުން ނުބެލުމުގެ ސަބަބުން ކުނި އަންދަމުންދާއިރު އޭގެތެރޭގައި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކްގެ އެކިބާވަތްތައް އަންދައެވެ.
މީގެ އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ އެތައް ކުޑަކުދިންނެއް ކޮންމެ ދުވަހަކުހެން ޖަމާވާ ސްކޫލެއް އެސަރަހައްދުގައި ހުރުމެވެ. ވިހަ ދުމުގެ ސަބަބުންނާއި ކުނިކޮށިން ދުވާ ނުބައި ވަހުގެ ސަބަބުން ކިޔަވައި ދަރިވަރުންގެ ކޮންސެންޓްރޭޝަންއަށް މައްސަލަތަކެއް އަންނާނެކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެއެވެ.
ކުނީގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަކީ ރަށު ކައުންސިލާއި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުން ކުރަންޖެހޭނެ ކަމެކެވެ. ކުޅުދުއްފުށި ފަދަ އާބާދީބޮޑު އަދި ތަރައްޤީވަމުން އަންނަ ރަށެއްގައި ކުނި ނައްތާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކުޅުދުއްފުށީގެ ކުނި ނައްތާލާނެ އިތުރު ރަށެއް ހޯދަންޖެހެއެވެ. މިފަދަ ކަންކަމަކީ ރަށުގެ ތަރައްޤީގެ ޕްލޭންތައް ރާވާ އެކަށައަޅާއިރު ވިސްނާލަންޖެހޭ މުހިއްމު ކަންކަމެވެ. މިހާރު ހުރި ކުނިކޮށްޓަށް ކުނި ޖަމާކުރިނަމަވެސް އަވަސް މުއްދަތެއްގައި އެތަނުން ކުނި އެހެން ތަނަކަށް ގެންދެވޭނެ ގޮތެއް އިންތިޒާމުކުރަން ޖެހެއެވެ. އަތޮޅު ކައުންސިލުން މުޅި އަތޮޅުގެ ތަރައްޤީގެ ކަންކަން ރާވާއިރު ކުޅުދުއްފުށި ފަދަ ބޮޑެތި ރަށްރަށުގެ މިފަދަ ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ.
އާންމު ސިއްހަތު ރައްކާތެރިކޮށްގެން މެނުވީ ދުޅަހެޔޮ މުޖުތަމައެއް ބިނައެއް ނުކުރެވޭނެއެވެ. ތުއްތު ކުދިންނަށް ވިހަ ދުމުގެ ސަބަބުން މިހާރު ލިބޭ ގެއްލުންތައް ފާހަގަ ނުވިކަމުގައި ވިޔަސް އެކަމުގެ އަސަރު އުމުރުގެ ފަހުކޮޅު ވަރަށް ހިތްދަތި ގޮތަކަށް ފެނުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ. އަދި ނުރައްކާތެރި އެތައް ޖަރާސީމެއްގެ އަސަރު ކުރާނީ ހަމައެކަނި އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކަމަށް ބަލައިގެން ނުވާނެއެވެ. މިއީ، މުޅި ރަށުގެ ރައްޔިތުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ ކަމެކެވެ.