twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދެކެވޭ ވާހަކަ – ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ދައުވާއަށް ވާނީ ކިހިނެތް؟

Feb 25, 2013

ނޯޓް: “ދެކެވޭ ވާހަކަ” މި ކޮލަމް ގައި މިހިމަނާލާނީ ދިވެހިރާއްޖޭގައި އެދުވަސްވަރެއްގައި ހިނގަމުންދާ ކަންތައްތަކާ މެދު އާއްމުން އެއްވެ އުޅޭ ތަންތަނާއި ކޮފީ މޭޒުތައް ދޮށުގަ އާއި ޓްވިޓާ އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާތަކުގައި އެންމެ ގިނައިން ވާހަކަ ދެކެވޭ މަޢުލޫތަކަށް ބިނާކޮށް އެތަންތަނުގައި ދެކެވޭ ވާހަކަތަކެވެ. މި ކޮލަމްގައި ހިމަނާ ވާހަކަތައް ނުވަތަ ގޮސިޕްތަކަކީ އެކިފަރާތްތަކުން ފާޅުކުރާ ހިޔާލުތަކެވެ. މިއީ އެއްވެސް ފަރާތަކުން ރަސްމީކޮށް ޔަގީން ކޮށްދޭ ކަންތައްތަކެއް ނޫނެވެ.

މިދުވަސްވަރު މާލެ ތެރޭގައި، އަދިކިޔެއްތަ، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެންމެ ބާރަށް ދެކެވޭ ވާހަކަ އަކީ ރައީސް ނަޝީދު އިންޑިއާގެ އެމްބަސީގައި ހުންނެވި ވާހަކަ އެވެ. އަދި މިވާހަކަ ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް މިހާރު ދެކެވެމުން ދަނީ ވަކި މަޑެއް ކޮށެއް ނޫނެވެ. މިކަމުގައި ބޭރު ގައުމެއްގެ އެމްބަސީއެއް ހިމެނުމާއި ކަމުގެ ބާވަތުން މިއީ ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ނުދައްކާ ދޫކޮށްލެވޭ ވަރުގެ ވާހަކައަކަށް ނުވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ހައްޔަރުކޮށް، 22 ރޭ ވަންދެން ހައްޔަރުގައި ބަހައްޓާފައި ހުރި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށް، ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނިކޮށް އެމަނިކުފާނު އިންޑިއާގެ އެމްބަސީގައި ހުންނެވުމާމެދު، އެކިފަރާތްތަކުން ފާޅުކުރާ ޚިޔާލުތައް މުޅިން ތަފާތެވެ. އަދި 11 ދުވަހަށް ފަހު އެމަނިކުފާނު އަމިއްލަފުޅަށް އިންޑިއާގެ އެމްބަސީ އިން ނުކުމެވަޑައިގަތުމުން މީހުންގެ ހިތުގައި އުފެދުނު ސުވާލުތައް ވެސް ބައިވަރެވެ.

ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީގެ ސަޕޯޓަރުން ދެކޭގޮތުން ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ސައްހަ ދައުވާއެއް ނޫނެވެ. އަދި އެޝަރީއަތް ހިންގާ ހުޅުމާލެ ކޯޓަކީ ވެސް ބައެއް ސަޕޯޓަރުން ދެކޭގޮތުން ޣައިރު ގާނޫނީ ކޯޓެކެވެ. އަދި ރައީސް ނަޝީދު އިންޑިއާގެ އެމްބަސީގައި “ހިމާޔަތް” ހޯއްދަވައިގެން 11 ދުވަސް ވަންދެން ހުންނެވީތީ އެކަމަށް ސަޕޯޓްކުރުމުގެ ގޮތުންނާއި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ 11 ރޭ ވަންދެން ކޮންމެ ރެޔަކު މާލެތެރޭގައި މުޒާހަރާ ވެސް ވަނީ ކޮށްފައެވެ. ރައީސް ނަޝީދު އެމްބަސީ އިން ނުކުންނެވުމުން މުޒާހަރާތައް ހުއްޓާލިއިރު، ނޫސްވެރިންތަކަކަށް ވަނީ ފުރާނައަށް ނުރައްކާ ވާވަރުގެ އަނިޔާތައް ވެސް ލިބިފައެވެ.

މީގެ އަނެއްކޮޅަށް ބަލާއިރު، ސަރުކާރު ސަޕޯޓަރުން ބުނަމުންދަނީ ރައީސް ނަޝީދު އިންޑިއާގެ އެމްބަސީގައި 11 ދުވަސް ވަންދެން ހުންނެވީ “ހިމާޔަތް” ހޯއްދަވައިގެން ނޫން ކަމަށާއި އެއީ “ފިއްލަވައިގެން” ހުންނެވީ ކަމަށެވެ. އަދި އެކަން ކުށްވެރިކުރުމުގެ އިތުރުން ކޮންމެ ރެޔަކު މުޒާހަރާ ކޮށްފައި ވާތީ އެކަމާދެކޮޅަށްވެސް ވާހަކަ ދައްކާފައި ވެއެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުން ދެކޭގޮތުން ސަރުކާރަށް ވަނީ ގޮތް ހުސްވެފައެވެ. ޑިޕްލޮމެޓިކް ރިލޭޝަންސް ގާއިމު ކޮށްފައިވާ ގައުމެއްގެ އެމްބަސީގައި ހުއްޓާ، އެތަނަށް ފުލުހުން ވަދެ ނަޝީދު ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ އެމްޑީޕީގެ ސަޕޯޓަރުން އެކަން ސިފަކޮށްފައި ވަނީ ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ. އަދި ބައިނަލްއަގުވާމީ ޕްރެޝަރުގެ ސަބަބުން ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތް ހުއްޓާލާނެ ކަމަށް ވެސް ބައެއް ސަޕޯޓަރުން ދެކެއެވެ.

ޝަރީއަތް ހުއްޓާލުމަށް ގޮވާލާ ކުރި މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ވެސް ވަނީ ޕްރެޝަރުތަކެއް ފޯރާފައެވެ. ނަމަވެސް ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ މިއީ ސަރުކާރުން ހިންގާ ޝަރީއަތެއް ނޫންކަމަށެވެ. އަދި ދައުވާ ކުރަނީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށާއި ދައުވާ އަނބުރާ ގެންދިއުމާމެދު ގޮތް ނިންމަވާނީ ވެސްޕްރޮސެކިއުޓަރ ޖެނެރަލް ކަމަށެވެ.

ސަރުކާރުގެ ސަޕޯޓަރުން ޓްވިޓަރ އާއި ފޭސްބުކްގައި ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު، ރައީސް ނަޝީދު 11 ދުވަހަށްފަހު އެމްބަސީއިން ނިކުމެވަޑައިގަތުމަކީ ރައީސް ނަޝީދު އަށް ލިބުން ނާކާމިޔާބީ އެކެވެ.  އެހެންވީމާ މިއީ ސަރުކާރު ނާކާމިޔާބު ވަނީ ނޫންކަމަށް އެމީހުން ބުނެއެވެ. އަދި ބައެއް ސަޕޯޓަރުން ބުނާގޮތުން ދައުވާ އަނބުރާ ގެންދިއުމަކީ ނާދިރު ކަމެކެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ ބަސްމަގު ވެސް ހުރީ އެފަދަ ގޮތަކަށެވެ.

ދެން އޮތް ސުވާލަކީ ރައީސް ނަޝީދުގެ ދައުވާ އަށް ދެންވާނީ ކިހިނެތް ބާއެވެ؟ އަދި ނަޝީދު ދެން ކުޅުއްވާނީ ކޮން ކުޅި އެއް ބާއެވެ؟

އިއްޔެ ކޮފީ މޭޒު ދޮށުން އިވުނު ވާހަކަ އެކެވެ. ރައީސް ނަޝީދު މިހާރު ބައްލަވަނީ މަޖިލިސް ފެށޭނެ އިރަކަށެވެ. އެއީ ޕްރޮސެކިއުޓަރ ޖެނެރަލް އަކީ މަޖިލީހުން އައްޔަން ކޮށްފައިވާ ފަރާތަކަށް ވެފައި މަޖިލިސް ފެށުމުން މަޖިލީހުގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލް މަގާމުން ވަކިކޮށް އެހެން މީހަކު އެމަގާމަށް އައްޔަންކޮށް، ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސްފާނެ ވާހަކައަކީ ވެސް ދެކެވޭ ވާހަކަ އެކެވެ. އޭގެ ފަހުން ނަޝީދު ނުކުންނަވާ ރިއާސީ އިންތިހާބު ކެމްޕެއިން ކުރިއަށް ގެންގޮސް އިންތިހާބު ކާމިޔާބުކޮށް ވެރިކަން އަލުން ކުރައްވާނެ ކަމަށް ސަޕޯޓަރެއް ބުންޏެވެ.

ނަމަވެސް މިއީ މުޅިން ވެސް ދެކެވޭ ވާހަކަ އެވެ. ވާނެ ގޮތް ބަލަން ތިބެމާ ހިނގާށެވެ. ދެކެވެމުންދާ ވާހަކަތަކަށް އެއްޗެއް އިތުރުކޮށްލަން ބޭނުންނަމަ، ކޮމެންޓް ގޮޅިއަށް އިތުރު ކޮށްލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355