twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހިރިމަރަދޫ ބަނދަރުގެ މައްސަލައާ ގުޅިފައިވާ އެހެން ވާހަކައެއް

Mar 25, 2013

ހދ އަތޮޅުގެ އެންމެ ކުޑަ އާބާދީއެއް އޮންނަ އެއް ރަށް ކަމުގައިވާ ހދ. ހިރިމަރަދޫގެ ހުރިހާ ރައްޔިތުންހެން މިހާރު އެރަށުގައި ކުރަމުން ގެންދާ މުޒާހަރާއަކީ އެރަށުގައި ބަނދަރެއް ހެދުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުން ކުރިއަށް ގެންދާ މުޒާހަރާ އެކެވެ. އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ރައްޔިތުން ޑިމާންޑު ކުރަމުންދަނީ އެރައްޔިތުންގެ ހައްޤެއް ހޯދުމަށްޓަކައި އެވެ. ކިތައްމެ އާބާދީ މަދުކަމުގައި ވީނަމަވެސް އެރަށު ރައްޔިތުންވެސް، ރައްކާތެރިކަމާއެކު ލަފާ ފުރުމުގެ ފުރުޞަތު ލިބުމަކީ މުހިއްމު ކަމެކެވެ. އެރައްޔިތުން ކުރާ އާދޭސްތަކާމެދު އެއްވެސް ޝަކުވާއެއް ނެތެވެ. އެހެންނަމަވެސް، އެ ރަށު ރައްޔިތުން މިހާރު އެތިބި ޖަޒުބާތީ ހާލަތުގެ ބޭނުން ސިޔާސީ ބައެއް ފަރާތްތަކުން މިހާރު ކުރަމުން އަންނަނީ އެންމެ ރަނގަޅު ގޮތެއްގައެއް ނޫނެވެ.

ހިރިމަރަދޫ ބަނދަރުގެ މައްސަލައާ ސިޔާސީ ފަރާތްތަކުން އެކަމުގައި ކުޅޭ ދައުރުގެ ވާހަކަ ފެށުމުގެ ކުރިން، ހިރިމަރަދޫ ބަނދަރުގެ މައްސަލައިގައި މިހާރު ކަންވަމުންދާ ގޮތުގެ ކުޑަ ތަފްސީލެއް ހިމަނާލަމެވެ. މީގެ 13 ވަރަކަށް ދުވަސް ކުރިން ފެށިގެން، އެރަށުގެ ބަނދަރުގެ މައްސަލައިގައި ރައްޔިތުން ނުކުމެ ރަށު ކައުންސިލް އިދާރާ ބަންދުކޮށްގެން މުޒާހަރާއެއް ކުރަން ފެށިއެވެ. އަދިވެސް އެ މުޒާހަރާ ކުރިއަށް ދާއިރު، އެ ފަރާތްތަކުގެ ޑިމާންޑަކީ އެރަށުގައި ބަނދަރެއް ހެދުމުގެ އަމަލީ މަސައްކަތް ފެށުމެވެ. މިވީ ދިގު ތާރީހުގައި އެއްވެސް ސަރުކާރަކުން އެރަށުގައި ބަނދަރެއް ހަދާދީފައެއް ނުވެއެވެ. ވިއްސާރަވެ ކަނޑު ގަދަ ދުވަސްވަރެއްގައި އެރަށަށް ލަފާ ފުރުމަކީ، ނުރައްކާތެރި ކަމެކެވެ. މިހާރުގެ ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް މަސައްކަތްކުރާ ކަމަށެވެ.

ހިރިމަރަދޫ ބަނދަރުގެ މައްސަލައިގައި ސިޔާސީ ފަރާތްތަކުން ކުޅެމުންދާ ދައުރަކީ، އެރަށު ރައްޔިތުން މިހާރު ތިބި ޖަޒުބާތީ ރޫހުގެ ބޭނުން ކޮށްގެން ސިޔާސީ ފައިދާ ހޯދުމެވެ. ސިޔާސީ މީހުންނަކީ އަބަދުވެސް، އެގޮތަށް އުޅޭނެ ބައެކެވެ. އެހެންނަމަވެސް، އަސްލު މައްސަލައަކީ، އެރަށު ރައްޔިތުންގެ ކުރިމަތީގައި، ސިޔާސީ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކެވެ. ވޭތުވެދިޔަ ދިގު 30 އަހަރާއި އޭގެ ފަހުން އައި އެމްޑީޕީގެ 3 އަހަރުވީ ސަރުކާރުންވެސް އެރަށުގައި ބަނދަރެއް ހަދާދީފައެއް ނުވެއެވެ. މުޅިންވެސް ދެއްކީ ވާހަކައެކެވެ. އަމަލީ މަސައްކަތެއް ނުފެށުނެވެ. އެކަމަކު މިހާރު ހަމަ އެޕާޓީތަކަށް ނިސްބަތްވާ މީހުން މިކަމުގައި “އަރުވަ ޖަހާފަ” އުޅޭއިރު ހީވަނީ މި ދެބައި މީހުންނަކީ ވެސް މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުޞަތު ނުލިބޭ ބައެއް ކަމަށެވެ.

ހިރިމަރަދޫ ބަނދަރު ހަދައިދިނުމަށް ތާއީދުކުރާ ހާލު، އެކަހަލަ އާބާދީ މަދު ރަށްރަށާމެދު ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް މިހާރުން މިހާރަށް ކަނޑައަޅަންޖެހޭ ކަމަށް ދަންނަވަން ޖެހެއެވެ. ކިތައްމެ އާބާދީ ކުޑަކަމުގައި ވީނަމަވެސް، ކަރަންޓާއި ނަރުދަމާއާ ސާފު ބޯފެން އެރަށަކުން ލިބެން ހުންނަން ޖެހެއެވެ. އަދި ރައްކާތެރިކަމާއެކު ލަފާފުރުމުގެ މަގު ތަނަވަސްކޮށްދޭން ޖެހެއެވެ. މިއީ، އިގްތިޞާދީ ވިސްނުމަކުން ބަލާއިރު، ގައުމަށް އެހާ ފައިދާވާނެ ގޮތެއް ނޫނެވެ. ކުރީ ސަރުކާރުގެ ހުޅުމާލެ ޕްރޮޖެކްޓާއި އޭގެ ފަހުން އައި ސަރުކާރުގެ ގުޅިފަޅު ޕްރޮޖެކްޓްގެ އަމާޒު ހިފަންވީ މިފަދަ ކުދި ރަށްރަށުގެ ރައްޔިތުންނަށް ރަނގަޅު އިނާޔަތެއް ދީގެން ނަމަވެސް ދިރިއުޅުން ބަދަލުކުރެވޭނެ ގޮތުގެ މައްޗަށެވެ.

މި ވިސްނުމާ ދެކޮޅު ބޭފުޅުން އެންމެ ފުރަތަމަ ވެސް ދެން ބުނާނެ ވާހަކައަކީ، ދަތުރުފަތުރު ނިޒާމަކުން ގުޅުވާލުމުގެ ވާހަކައެވެ. އެކަމާމެދު ބުނަން އޮތީ، ދަތުރުފަތުރުގެ ނިޒާމަކީ، ނިމިދިޔަ ސަރުކާރުގެ އަޅުގަނޑު އެންމެ ތާއިދުކުރާ އެއް ސިޔާސަތު ކަމަށެވެ. އެއީ ކޮންމެހެން ވެސް އޮންނަންޖެހޭނެ ނިޒާމެއްކަމެވެ. އެހެންނަމަވެސް، އޭގެ މާނައަކީ، 200 ނޫނީ 300 އެއްހާ މީހުން ދިރިއުޅޭ ގިނަބައިވަރު ރަށްރަށް ބޭއްވުމެއް ނޫނެވެ. އެހެނީ، އެންމެ އާދައިގެ މީހާއަށްވެސް ސިޔާސީ ތައައްސުބުން އެއްކިބާވެ ހުރެ ވިސްނާލައިފިނަމަ އިގްތިޞާދީ ގޮތުން އެއީ ފައިދާއެއް އޮތް ކަމެއް ނޫންކަން އެނގޭނެއެވެ.

އެހެންނަމަވެސް، އާބާދީ އެއްފަސްކުރުމަކީ، ހަމަ ހުރެފަ މިވެނި ރަށަކަށް ބަދަލުވާށޭ ބުނުމުން ވާނެ ކަމެއް ނޫނެވެ. އެއީ އުނދަގޫ ކަމެކެވެ. ހާއްސަކޮށް، އެމީހަކު އުފަންވެ އުޅެ ބޮޑުވި ރަށް ދޫކޮށް ދިރިއުޅުން ބަދަލުކުރުމަކީ ކުރަން އެންމެ އުނދަގޫ އެއް ކަންތަކެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގައި ވެސް އެކަން އޮތީ ކާމިޔާބު ވާންޖެހޭ މިންވަރަށް ނުވެފައެވެ. އަދި އޭގެ ފަހުން ވެސް، އެކަމުގައި ހުރި އުނދަގޫ ކަންކަމުގެ ސަބަބުން މޮޅު އެހެން ވިސްނުމެއް ރައްޔިތުންނަށް ވިސްނައިދީގެން އެއްފަސް ނުކޮށް ވާނެ ހުރިހާ ގޮތަކަށް އައީ މަސައްކަތްކުރަމުންނެވެ.

ހިރިމަރަދޫ ރައްޔިތުންނަށް ބަނދަރެއް ހޯދައިދިނުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތްކުރާހެން، އެރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ ރަނގަޅު އިންތިޒާމެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް ބާރުއެޅުމަކީ ކުރިމަގަށް ބަލާއިރު، އެރަށުގެ ރައްޔިތުންނަށް މާ ފައިދާވާނެ ކަމެކެވެ. ސިޔާސީ ފަރާތްތަކުން ސަރުކާރަށް މިދެންނެވި މަގަށް ޕްރެޝަރު ކޮށް، އެރަށު ރައްޔިތުންނަށް އެހެން ރަށަކަށް ބަދަލުވުމުގެ މުހިއްމުކަން ވިސްނައިދިނުމަކީ މުހިއްމު ކަމެކެވެ. ދެން އަންނަން އޮތް ސަރުކާރު ތަކުންވެސް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަންޖެހެއެވެ. ހާއްސަކޮށް ދިގުރާސްތާ ތަޞައްވަރެއްގެ ގޮތުގައި، ރާއްޖޭގައި ވަކި އަދަދަކަށް މީހުން މަދު ރަށްރަށް ނޯންނާނެ ގޮތަކަށް ސިޔާސަތުތަށް ކަނޑައަޅަންޖެހެއެވެ. އެހެން ނޫންނަމަ އަބަދުވެސް އަޑުއިވޭނީ 300 މީހުން އުޅޭ ރަށަކަށް ހޭނައްތާ ޑޮކްޓަރަކު ނެތިގެން ޝަކުވާ ކުރާ އަޑެވެ. އެއީ 4 މަސްވެގެން ދާއިރު އެކަކު ހޭނައްތަން ނުޖެހުނު ކަމުގައިވީނަމަވެސް އެވެސް އޮންނާނީ “ހައްޤަކަށް” ބަދަލުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355