twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ހުއްޓިފައި ހުރި ތަރައްޤީގެ މަޝްރޫއުތައް ފެށުމަށް އެންމެން އެކަތިގަނޑަކަށް ވާންޖެހޭ

Apr 22, 2013

މިދިޔަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ނުކުމެ ހިންގި ކަންތައްތަކެއްގެ ސަބަބުން ކުއްލި ގޮތަކަށް ރާއްޖޭގެ ވެރިކަން ބަދަލު ވުމަށްފަހު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އިވެމުން ދަނީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވި، ލަސްވެ ފަސްވެ ބައެއް މަޝްރޫޢުތައް އެއްކޮށް ވަޅުލެވިފައިވާ ކަމުގެ އަޑުތަކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީގެ ތަރައްޤީއަށް ބޭނުންތެރި ބޮޑު 21 މަޝްރޫއު އެއް 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުު ފެށުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައި އެވެ. އެހެން ނަމަވެސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު މި ދެންނެވި ޕްރޮޖެކްޓުތަކަށް ވީނުވީ އެއް ނޭނގި ވަނީ ނިޒާމުން ބޭރުކޮށްލާފައެވެ.

ފުލެޓު އެޅުމާއި، ރޯހައުސް އަދި އަމީނީ މަގު ރަނގަޅު ފެންވަރަކަށް ބަދަލުކުރުމުގެ މަސައްކަތް އިބިލީހު ކައިވެންޏަށް ވެފައިވާއިރު ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގައި އަޅަން ނިންމި އެންމެ ބޮޑު ޒުވާނުންގެ މަރުކަޒު ކުޅުދުއްފުށީގައި އަޅަން ނިންމާ، އެމަސައްކަތް ބަޔަކާއި ހަވާލުކޮށް ބިން ދައްކާފައިވަނިކޮށް ސަރުކާރު ބަދަލުވުމުން 27 މިލިޔަން ރުފިޔާގެ މި ޕްރޮޖެކްޓްވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ހަމައެއާއެކު 28.5 ހެކްޓަރުގެ ހިއްކި ބިމުގައި ހަދަން ނިންމާފައިވާ ސިޓީ ހޮޓަލުގެ މަސައްކަތާއި، ވެލިގަނޑުގެ ވަށައިގެން ފަސްގަނޑުގެ ހިމާޔަތުގައި ޖަހަން ނިންމާފައިވާ ރިވެޓްމެންޓު ތަކުގެ މަޝްރޫއުތަކުގެ އެއްވެސް ވާހަކައެއް މިސަރުކާރުން ދައްކާފައެއް ނުވެއެވެ. މިއަހަރުގެ ބަޖެޓުގައިވެސް އަދި މިހާރުގެ ރައީސް ޑރ. ވަހީދު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް އެ މަޝްރޫއުތަކާ ގުޅޭ ވާހަކަތަކެއް ދައްކަވާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު 23 ޑިސެމްބަރުގައި ޤައުމީ ޚަރަކާތުން ބޭއްވި ބޮޑު މުޒާހަރާ އާއި ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށްދާތީ އެކަމާއި ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާއާއި، ދާދި ފަހުން މަޖިލިސް މެމްބަރުންގެ އިމްތިޔާޒުތަކާއި ބެހޭ ޤާނޫނާއި ހިތްހަމަ ނުޖެހިގެން ކުރި މުޒާހަރާތަކުގައި ބައިވެރި ވުމުގެ ގޮތުން ކުޅުދުއްފުށީގައި ވެސް މުޒާހަރާތަކެއް ކޮށްފައި ވެއެވެ. އަދި ކުޅުދުއްފުށީގެ ހޮސްޕިޓަލުގެ ފެންވަރު ދަށްވަމުންދާ ކަމަށް ބުނެ ނަޝީދުގެ ސަރުކާރާ ދެކޮޅު މީހުންވެސް އިހުތިޖާޖުކޮށް، ހޮސްޕިޓަލުގެ ކުރިމަތީގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައި ވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު އިހުހުރި ދަރަޖައަށް ދަށްވަމުންދާއިރު އެދުވަހު މުޒާހަރާކުރި ގޮތަށް އެކަންކަން އިސްލާހު ކުރަން ބަޔަކު އަޑުއުފުލާ މަންޒަރެއް މިއަދަކު ނުފެނެއެވެ. ހަމަ އެގޮތަށް ކުޅުދުއްފުށީގެ ކުރިމަގާ ގުޅިފައިވާ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ނިޒާމުން ބޭރުކޮށްލާފައިވާއިރު އެމްޑީޕީއިން ވެސް އަދި ނަޝީދުގެ ސަރުކާރާ ދެކޮޅަށް އޭރު ނިކުތް މީހުންވެސް މުޒާހަރާކޮށް އިހުތިޖާޖު ކުރާތައް ނުފެނުމަކީ މިމީހުން އިހުލާސްތެރިކަމާއި މެދު ކުޅުދުއްފުށީ ރައްޔިތުން ސުވާލު އުއްފަދާ ކަމެކެވެ.

ކުޅުދުއްފުށީގެ މުސްތަގުބަލާ ގުޅިފައިވާ މުހިއްމު މަޝްރޫއުތަކެއް ވީނުވީއެއް ނޭގި ގެއްލިފައިވާއިރު، އަދި އެމަޝްރޫއުތަކަށް ދެން ވާނެ ގޮތެއް ނޭގޭއިރު، އެކަމާމެދު ރައްޔިތުން ވިސްނާ ވަކި ކުލައަކަށް ބެލުމެއްނެތި އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކުރަންޖެހެއެވެ. ތަރައްޤީގެ އެމަޝްރޫއުތަކުން ރަށަށް ލިބެން އޮތް ފައިދާ ހޯދަން އަތުކުރި އޮޅާލަންޖެހެއެވެ. ތިމާގެ ސިޔާސީ ފިކުރަށްވުރެ ރަށުގެ ތަރައްޤީ މުހިއްމުވާން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355