twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީގައި ބޮޑުބެރުގެ ރޫހު އަލުން އުފެއްދި “މިސްގާލް” ދެގޮތެއްނުވެ ކުރިއަށް

May 4, 2013

ބޮޑުބެރަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ވަރަށް ފޯރިގަދަ ކުޅިވަރެކެވެ. ހަމަ އެގޮތަށް ބޮޑުބެރުގެ އަސަރު ކުޅުދުއްފުށީގައިވެސް އެކި ދުވަސްވަރު އެކި މިންވަރަށް ހަރުލާފައިވެއެވެ. މި ފަހުން ކުޅުދުއްފުށީގައި ބޮޑުބެރަށް އިންޤިލާބެއް ގެނުވީ “މިސްގާލް” ބޮޑުބެރު ގުރޫޕު ވުޖޫދަށް އައި ހިސާބުންނެވެ. 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ރަޖިސްޓްރީ ކުރެވުނު މި ގުރޫޕަކީ މިސަރަހައްދުގައި އޮތް އެންމެ މަޤްބޫލު ބޮޑުބެރު ގުރޫޕެވެ. “ނެތްތަ ރަހުމެއް ހިތުގައި ކަލޭނޭ.. އެންމެ މިސްގާލޭ…” މިލަވައިގެ މިކަޑިން “މިސްގާލް” މި ބަހުގެ ސަމާލުކަން ހޯދާ ނަންދެވުނު މި ގުރޫޕަކީ “އުނަގަނޑަށް  ބެރުނެގި” އުތުރުގެ ފުރަތަމަ ގުރޫޕް ވެސް މެއެވެ.

ކުޅުދުއްފުށީގެ މި ބޮޑުބެރު ގުރޫޕްގެ ފަރިތަކުރުންތައް ބެލި ބެލުމުގައި އެކުވެރިންތަކެއްގެ ތެރެއިން އުފެދުނު މި ގުރޫޕުގައި މިހާރު 29 މެމްބަރުން އެބަތިއްބެވެ. ގުރޫޕުގެ ފުރަތަމަ އަހަރީ ޝޯވ ދިނުމާ ހަމައިން އާއްމުންގެ މަޤްބޫލުކަން ހޯދި މިސްގާލްއަށް ހިތާނީ މޫސުން އޮންނަނީ ބޮޑު އީދަކަށް ވެފައެވެ. ރެއަކު ގެއެއް ނިންމާލާއިރު ފުލުފުލުގައި ދައުވަތުތައް ލިބެމުންދާ ކަމަށް އެގުރޫޕުން ބުނެއެވެ.

ހުސްވަގުތު ފުރާލުމުގެ ގޮތުން ބޮޑުބެރު ޖަހަން ފެށި މި ގުރޫޕުން މިހާތަނަށް 150 އަށްވުރެ ގިނަ ޝޯވތަކެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އަލިދޫ ރިސޯޓާއި އައިލެންޑް ހައިޑް އަވޭ ރިސޯޓް (ދޮނަކުޅި) ހިމެނޭއިރު، ހދ ގެ ބައެއް ރަށްރަށް ކަމަށްވާ ކުމުންދޫ، ފިނޭ، ކުރިނބީ، ނެއްލައިދޫ ހަނިމާދޫ އާއި ނޮޅިވަރަމް އަދި ނޮޅިވަރަމް ފަރުގައިވެސް އެގުރޫޕުން ވަނީ ޝޯވ ހުށަހަޅައިދީފަ އެވެ. އަދި މީގެ އިތުރުން ހއ ދިއްދުއާއި ށ. ކަނޑިތީމުގެ އިތުރުން މާލޭގައިވެސް އެގުރޫޕުގެ ހަރަކާތްތައް ވަނީ ދައްކާލާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ޕޮލިސް ސްޓޭޝަނުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްދިން ޝޯވ ތަކާއި، ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް، އާރތް އަވަރ، ދިރާގު ސަބްމެރިން ކޭބަލް ލޯންޗް ކުރުމުގެ ރަސްމިއްޔާތާއި ރައީސް ވަހީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ރަސްމިއްޔާތާއި ހުބަސާނައާއި ދިރާގު އަހަރީ ޝޯވގެ އިތުރުން އެކިއެކި އީދު ޝޯވ ތަކުގައި ވެސް މިސްގާލް ބޮޑުބެރު ގުރޫޕުން ވަނީ އެ ގުރޫޕުގެ ހުނަރު ދައްކާލާފައި އެވެ.

މިސްގާލު ބޮޑުބެރު ގުރޫޕުން ބުނީ އެގުރޫޕުގެ ހުރިހާ ޝޯވއެއްގެ ތެރެއިންވެސް އެހުށަހެޅުމަކަށްޓަކައި ފަޚުރުވެރިވާ ހުށައެޅުމަކީ ހަނިމާދޫ އެއަރޕޯޓު އިންޓަރނޭޝަލް އެއަރޕޯޓަކަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުށަހަޅައިދިން ބޮޑުބެރުގެ ހަރަކާތްކަމަށެވެ.

އަމިއްލަ ބެރާއި އަމިއްލަ ސައުންޑު ބޭނުން ކުރާ މި ގުރޫޕުން މީހުންގެ އޯޑަރަށް ބެރު ތައްޔާރުކޮށް ވިއްކަމުންދާ ކަމަށްވެސް އެގުރޫޕުން ބުނެއެވެ. މި ގުރޫޕުގެ ހިންގުމުގައި ދާއިމީ ގޮތެއްގައި، ކުޅުދުއްފުށީ ފަގުޑި މުހައްމަދު ނައީމާއި، ދުރުމި އާދަމް އިބްރާހިމް ދޭ އެހީތެރިކަން އެގުރޫޕުން ފާހަގަ ކުރިއެވެ. އަދިގުރޫޕު އުފެއްދުމަށް އެންމެ ބޮޑަށް އެހީތެރިވި ނޫރަލީގެ އިބްރާހިމް އުމަރާއި، އާދަމް ޔޫސުފް (ސިކްސް އެކްސް އާދަމްބެ) އާއި “ފުރަދަން”ގެ ބެރުޖެހުންތެރިޔާ ހަސަން އަރީފު ނުވަތަ “ކައިރޭ”ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށްވެސް މިސްގާލް ބޮޑުބެރު ގުރޫޕުން ބުނެއެވެ.

ކުޅުދުއްފުށީގައި ސަޤާފީކުޅިވަރު ދިރުވާ އާލާކުރުމާއި ޒުވާނުންނަށް މަޖާ މާހައުލެއް ޤާއިމު ކޮށްދިނުމުގެ އިތުރުން ތިލަދުންމަތީގެ އެންމެ މަޝްހޫރު ގުރޫޕަށް ވުމަށް މަސައްކަތްކުރާ މިސްގާލަކީ ވަން ޖަހާ ގުރޫޕަކަށް ނުވިނަމަވެސް އެގުރޫޕުން ސަޤާފީ އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. “ބޮޑުބެރު ޗެލެންޖް 2012″ ގެ ނަމުގައި ފިތުރު ޢީދާ ގުޅުވައިގެން ދިރާގާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ބޭއްވި ބޮޑުބެރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިސްގާލުން ފުރުޞަތާއި ބަޖެޓެއް ލިބިއްޖެނަމަ ޓީވީ މޯލްޑިވްސް އިން ބާއްވާ ބޮޑުބެރު ޗެލެންޖަށް ދިޔުމުގެ ޚިޔާލެއްވެސް ގެންގުޅެއެވެ.

މިސްގާލް ބޮޑުބެރު ގުރޫޕުން ބުނީ ބޮޑުބެރު ކުރިއެރުވުމަށް ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި މިހާތަނަށް އެއްވެސް ވިޔަފާރިވެރިއަކު އެގުރޫޕަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެގުރޫޕުން އޮތީ ކޮންމެ ހާލެއްގައިވެސް ކުރިއަށް ދިޔުމަށް ތައްޔާރަށެވެ. އެ ހިތްވަރު އެ ގުރޫޕުގައި އެބަހުއްޓެވެ. ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުޚީބު ކުރިއަށް ދިޔުމުގެ ބާރަކަށް އެގުރޫޕަށް ފުދެއެވެ. އަދި ގުރޫބުގެ ހުރިހާ ސަޕޯޓަރުންގެ ތަރުހީބު ވަރަށް އުފަލާއި ޝުކުރުވެރިކަމާއި އެކު އެގުރޫޕުން ބަލައިގަނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355