twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އަމީނީމަގުގައި އަޅަން ޖެހޭނީ “ގައު” ނޫނީ “ތާރު” ތަ؟

May 25, 2013

ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއު މިއަދާ ހަމައަށް ނުނިމި ދިގުލައިގެން ދާއިރު، މިހާރު ކުރެވޭ އެންމެ އާންމު ސުވާލަކީ އެމަގުގައި އަޅަންޖެހޭނެ އެއްޗަކާމެދު ކުރެވޭ ސުވާލެވެ. އެއްބަޔަކު ތާރު އަޅަންޖެހޭނެ ކަމަށް ބުނާއިރު އަނެއްބަޔަކު ބުނަމުންދަނީ އެ މަގުގައި އަޅަންޖެހޭނީ ގައު ކަމަށެވެ.

އަމީނީމަގު ހެދުމަކީ ކުޅުދުއްފުށީ ރައްޔިތުންނަށާއި އެމަގުގެ ބޭނުންކުރާ އެންމެންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެކެވެ. މިހާރު އޮތް އަމީނީމަގަކީ، ވިއްސާރަ މޫސުމުގައި ބޮޑު ކުޅިއަކަށް އަދި ވާރޭ ހުއްޓާލުމުން އޮށްވަޅުގޮނޑިއަކަށް އަދި ވިއްސާރަ އަލިވުމުން ހިރަފުސް ސަހަރާއަކަށް ބަދަލުވާ މަގެކެވެ. ކުޅުދުއްފުށީގެ މައި މަގުގެ ހާލަތު ހުރީ މިދެންނެވި ގޮތަށް ކަމަށްވާއިރު، މަގު ނުހަދާ ބަހަނާ ދައްކައިގެން ތިބެވޭކަށް ނެތެވެ.

ކޮންމެއަކަސް އަމީނީ މަގު އޮތީ  މިހާރު އޮތް ވަރަށްވުރެ ރަނގަޅު ފެންވަރަކަށް ހަދަންޖެހިފައެވެ. މިހާރު އުފެދޭ ސުވާލަކީ އެމަގުގައި އަޅަންޖެހޭނީ ތާރު ނުވަތަ ގައު ކަމާމެދު އުފެދޭ ސުވާލު އެވެ. އެސުވާލު އުފެދެން ޖެހުނީ ދާދި ފަހުން، ރައީސް ވަހީދު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި، ރައްޔިތުންގެ ތެރެއިން ބަޔަކު އެއްކޮށް އެސުވާލު އައްސަވައި ވޯޓު ނެގުމާ ގުޅިގެންނެވެ. އެބައްދަލުވުމަށްފަހު، މިހާރު ގިނަ ބަޔަކު އެ ސުވާލުކޮށް އެމީހަކަށް ފެންނަގޮތަކަށް ހިޔާޅުފާޅުކުރެ އެވެ. އެހެންނަމަވެސް،  އެދައްކާ ވާހަކަތަކަކީ އޭގެ ޒާތުގައި މާ އޮއްޓަރުހުރި ވާހަކަތަކެއް ނޫނެވެ.

ކުޅުދުއްފުށީ މަގު ތަރައްޤީ ކުރާއިރު އަޅަންޖެހޭނެ އެއްޗެއް ކަނޑައަޅާނީ ރައްޔިތުން ކައިރީ އަހައިގެންނެއް ނޫނެވެ. މަގުގައި ލައިޓު ހަރުކުރާނީ ކިހާ ދުރުމިނެއްގައި ތޯ، އަދި މަގުގެ ކާނުތައް ބަހައްޓާނީ ކިހިނެތްތޯ ނުވަތަ ޓްރެފިކް ސައިންތައް ހުންނަންޖެހޭނެ ތަނަކާއި ސްޕީޑް ބްރޭކަރ ފަދަ ތަކެތި ހުންނަންޖެހޭނެ ތަންތަން ކަނޑައަޅަންޖެހޭނީ ވޯޓު ލައިގެންނެއް ނޫނެވެ. މިއީ ޑިމޮކްރެޓިކް ޒަމާނޭ ބުނެ ބަލި މީހާއަށް ދޭންޖެހޭ ބޭހެއް ކަނޑައަޅާނީ ރައްޔިތުންގެ ވޯޓަށް އަހައިގެން ކަމަށް ވާނަމަ ހަގީގީ ތަރައްޤީގެ ބަދަލުގައި ހުރިހާ ދިމާލަކުންވެސް ފެންނާނީ ގައުމު ހަލާކުވާ ތަނެވެ.

މަގު ހަދާއިރު އެ މަގުގައި ތާރު އެޅުމަކީވެސް އަދި ގައު އެތުރުމަކީވެސް އޭގެ ޒާތުގައި މައްސަލައެއްނޫނެވެ. އެހެންނަމަވެސް، ރާއްޖޭގެ ތަޖުރިބާއަށް ބަލާލުމަކީ މުހިއްމު ކަމެކެވެ. މާލޭގެ މަގުތަކުގައި އަޅާފައިހުންނަ ވައްތަރުގެ ގައު ކުޅުދުއްފުށީގެ މަގުތަކުގައި އެޅުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ވިއްސާރަވެއްޖެނަމަ އޮމާން ޓައިލްސް އެކޭ މާލޭގެ މަގުތަކުގައި އަޅާފައި ހުންނަ ގަލެކޭ ތަފާތެއްނެތެވެ. ތަފާތު އެކި މަސައްކަތަށް ކޮންމެ ދުވަހަކު އެއްފަހަރު ގައުތައް ނަގައިގެން ނުހަދާ މަގެއް ނޯވެއެވެ. ޓީވީ ކޭބަލެއް އަޅަންވިޔަސް ގެއަކަށް ކަރަންޓު ނަރެއް ވައްދަންޖެހުނަސް މަގުގެ ގައުތައް ނަގަން ޖެހެއެވެ. ވިއްސާރަ ދުވަހެއް ނޫންނަމަވެސް ގައުތަކުގެ މައްޗަށް ވެލި އެޅިއްޖެނަމަ އެއީވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބެވެ. އަމީނީމަގުގައި ގައު އަތުރާފައި ދެން އެމަގާއި ގުޅިފައިހުރި ގޯޅިތަކާއި މަގުތަކުގައި ގައު ނުއަތުރާނަމަ އަމީނީމަގުގައި ކޮންމެ ޖަންކްޝަނެއްގައި އޮންނާނީ ވެލި އެޅިފައެވެ. މިއީ ތާރު އެޅިނަމަވެސް ހަމަ ކަންތައްތައް ވާނެ ގޮތެވެ. އެހެންނަމަވެސް ދުއްވާ އެއްޗެއްސަށް ބޮޑަށް ނުރައްކާ ވާނީ އެފަދަ ހާލަތެއްގައި ގައު އަތުރާފައި އޮންނަނަމައެވެ.

އަމީނީމަގުގައި “މަގުގެ އަޑީގައި” ކުރަން ހުރި މަސައްކަތް ނުނިންމާ ތާރު އަޅައިފިނަމަ ކޮންމެ ދުވަހަކު ތާރު ކަފައިގެން ނަގަންޖެހުމަކީ ހަމަ ކުރަންޖެހޭނެ ކަމެކެވެ. ވަޅުލަންޖެހޭ ކޭބަލްތަކާއި ބޭނުންކުރަންޖެހޭ އެހެނިހެން ތަކެތި މަގުގެ ޕޭވްމަންޓްގެ ތެރެއަށް ނުވަތަ އެނޫންވެސް ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ހަމަނުޖައްސާ ތާރު އެޅުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އަދި ނަމެއްގައި ތާރު އެޅީމޭ ބުނަންވެގެން ތާރު އަޅައިފިނަމަ އައްޑޫގައި ސާކު ސަމިޓަށް ތާރު އެޅި މަގުތަކެކޭ މާބޮޑު ތަފާތެއް ނޯންނާނެވެ. ތާރު އެޅިނަމަވެސް އަމީނީމަގާ ގުޅިފައިހުރި މަގުތަކުން މައި މަގަށް ވެލި ނޭޅޭނެ ގޮތެއް ހަދަންޖެހެއެވެ. ރަނގަޅަށް ފެން ހިންދޭނެ ނިޒާމަކާއެކު ރަނގަޅު ފެންވަރުގެ ތާރު އަޅައިފިނަމަ މަގު ދުއްވާ މީހުންނަށް ހާއްސަކޮށް، ސައިކަލާއި ބައިސްކަލުގައި އުޅޭ މީހުންނަށް މާ ރައްކާތެރި ވާނެއެވެ.

މިއީ ގައު އަތުރާފައި އޮތް މާލެއާއި ތާރު އަޅާފައިއޮތް ބައެއް މަގުތަކުން ކުރެވުނު ބައެއް ތަޖުރިބާތަކުގެ ވާހަކައެވެ. އެހެންނަމަވެސް ކުޅުދުއްފުށީ އަމީނީމަގު ހަދާއިރު ތާރު ވިޔަސް އަދި ގައު އެތުރިޔަސް އެކަން ކުރަންވާނީ ކަމާގުޅޭ ދިރާސާތަކާއި ޓެކްނިކަލް ބޭފުޅުންގެ ލަފަޔާ އެއްގޮތަށެވެ. މަގުގައި ދުއްވާ ފަރާތްތަކަށާއި އެނޫންވެސް ފަރާތްތަކަށް ރައްކާތެރި ގޮތަަކަށެވެ. ގަލާއި ތާރަކީ ދެ ސިޔާސީ ފިކުރުކަމަށް ބަލައިގެން “އެޕާޓީން ތާއިދުކުރަނީ ގަލަށް، އަހަރެމެން ތާރަށް” މިފަދަ ގޮތަކަށް ވާހަކަ ދައްކައިގެން މިކަމުގައި އެންމެ ރަނގަޅުގޮތާ ހަމައަށް ވާސިލުވުމަކީ ވާނެކަމެއް ނޫނެވެ. ކުޅުދުއްފުށީ މަގު ހަދަންޖެހޭނީ ނަމަކަށް ނޫނެވެ. އެމަގު ވާންޖެހޭނީ ގިނަ ދުވަހަށް ބޮޑު މަރާމާތަކާ ނުލާ ބޭނުންކުރެވޭނެ މަގަކަށެވެ. އެމަގުގައި އަޅާނެ އެއްޗެއް ނިންމަންޖެހޭނީ ސިޔާސީ ޕާޓީތަކަކުން ނޫނެވެ. އަދި ސިޔާސީ ވިސްނުމަކުވެސް ނޫނެވެ. އެއީ އެއަށްވުރެ ފަންނީ ދިރާސާތަކެއްގެ މައްޗަށް ނިންމަންޖެހޭ ނިންމުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355