ހދ ކުރިނބީން އަބްދުލް ވާހިދު ހަސަން
އާބާދީގައި 700 އެއްހާމީހުން ދިރިއުޅޭ ހދ ކުރިނބީގެ ބޮޑުމިނަކީ 32 ހެކްޓަރެވެ. ރަށުގެ ދިގުމިނުގައި 800 މީޓަރ އަދި ފުޅާ މިނުގައި 540 މީޓަރ ހުންނަ މިރަށުގެ ރައްޔިތުންނަކީ މަސައްކަތްތެރި ހީވާގި ފުދުއްތެރި ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެކެވެ.
ހދ ކުރިނބީ އަކީ ވަރަށް އިހުޒަމާނުން ފެށިގެން މާލެ ދަތުރުކޮށް ބިލެތް ވިއްކައިގެން ތަނަވަސްކަމާއެކު އުޅުނު ރައްޔިތެއް ދިރިއުޅެމުން ދިޔަ ރަށެކެވެ. ޒަމާން ބަދަލުވެ މިއަދު މާލެ ދަތުރު ކުރާ ބޯޓެއް މިރަށަކު ނެތެވެ. ޒަމާން ބަދަލުވިނަމަވެސް މިރަށުގައި ވައްކަމާއި ފޭރުން އަދި މަސްތުވާތަކެތީ ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ބަޔަކު ނޫޅެއެވެ. ކިތަންމެ ހާމަކޮށް މުދާ ބައްހަޓާފައި ހުރި ކަމަށްވިޔަސް ވައްކަމެއް އެރަށުގައި ނުކުރެއެވެ.
ހދ އަތޮޅުގެ ވެރިކަންކުރާ ކުޅުދުއްފުއްޓާއި 5 މޭލު ދުރުގާ އޮންނަ މިރަށުގެ ރައްޔިތުން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކަކީ ދަނޑުވެރިކަމާއި ރީޓެއިލް ވިޔަފާރިއެވެ. އަދި އިމާރާތް ކުރުމާއި ވަޑާމަށްވެސް ފަހި ރައްޔިތުން މިރަށުގައި އުޅެއެވެ. އަންހެންވެރިންގެ މަސަކަތްތަކީ ފަންގި ވިއުމެވެ. މީހުން ދިރިއުޅުމަށް 184 ގޯތި ދޫކުރެވިފައިވާއިރު މީހުން ދިރިއުޅެނީ އޭގެ ތެރެއިން 90 ވަރަކަށް ގޭގައެވެ. މިރަށުގައި ހައްދާ ދަނޑުވެރިކަމުގެ ތަކެތީގެ ތެރޭގައި ބިލެތާއި ފަޅޯ، ބަށި ފަތްކެޔޮ އަދި ކަރާ ހިމެނެއެވެ. އާއްމުކޮށް ދަނޑުތަކުގައި ހައްދާ މޭވާ އާއި ތަރުކާރީ ވިއްކަނީ ކުޅުދުއްފުށީގެ ބާޒާރަށެވެ.
ޕްރީ ސްކޫލަކާއެކު 2 ސްކޫލު މިރަށުގައި ހުރެއެވެ. ޕްރީސްކޫލު ހިންގަނީ މިރަށުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކުރިމަގު ޖަމިއްޔާާ އިންނެވެ. 101 ދަރިވަރުން މިއަހަރު ތައުލީމް ހާސިލުކުރަމުން އަންނަ ކުރިނބީ ސްކޫލަކީ ސާނަވީ ތަޢުލީމަށް ކިޔަވައިދޭ ސްކޫލެކެވެ. މިރަށުގައި ސަރުކާރުން ސިއްހީ މަރުކަޒެއް ގާއިމުކޮށް ފައިހުންނައިރު އާއްމު ބަލި ތަކަށް މިތަނުން ފަރުވާ ލިބެން ހުރެއެވެ. ކުރިނބީ ސިއްހީ މަރުކަޒުގައި 1 ޑޮކްޓަރަކާއި 3 ނަރުހުން ތިބެއެވެ. އަދި އެމްބިއުލާންސްގެ ހިދުމަތްވެސް އެ މަރުކަޒުން ދެއެވެ.
ސަރުކާރުގެ އެކި ދާއިރާތަކުގައި ރަށުގައި 60 އެއްހާ މީހުން މަސައްކަތް ކުރާ މިރަށުގައި އެއްތަނުން އަނެއް ތަނަން ދިއުމަށްޓަކައި ރަށުގެ ގިނަ މީހުން ބޭނުން ކުރަނީ ބައިސްކަލެވެ. ކުރިނބީގައި 100 އަށް ވުރެގިނަ ބައިސްކަލު ހުންނައިރު 17 ސައިކަލް ހުރެއެވެ. އަދި 2 ޕިކަޕް މިރަށުގައި ބޭނުން ކުރެއެވެ. މުރާލި ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ މިރަށުގައި ފިރިހެނުންނަށް ހާއްސަ ދެ މިސްކިތަކާއި އަންހެނުންގެ ނަމާދުގެއެއް ހުރެއެވެ.
2005 އިން ފެށިގެން 24 ގަޑިއިރު ކަރަންޓުގެ ހިދްމަތް ލިބޭ މިރަށުގައި ވިޔަފާރި ކުރާ 6 ފިހާރަ ހުރެއެވެ. މިހުރިހާ ފިހާރަ ތަކަކީވެސް އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތް ކޮށްފައިހުރި ފިހާރަތަކެވެ. ރަށުގެ ދެ ސަރަހައްދުގައި 2 ރެސްޓޯރެންޓް ހުރެއެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި މިރަށުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 469 މީހުން ތިބި ކަމަށް އިލެކްޝަން ކޮމިޝަނުން ނެރެފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން ދައްކައެވެ.
މޫދު ލޮނުގަނޑުން ފެށިގެން 1.5 މީޓަރ އުސްމިނުގައިވާ މިރަށަކީ ރާއްޖޭގެ އެހެން ރަށްތަކެކޭ އެފަދައިން ރަށްގިރުމުގެ ނުރައްކަލާ ކުރިމަތި ވެފައިވާ ރަށެކެވެ. ރަށުގައި ބަނދަރެއް ހަދާފަ އޮތްނަމަވެސް ބޭރު ތޮށި ލާފައި ނެތުމުން ވިއްސާރަވެ ކަނޑު ގަދަ ދުވަސްވަރެއްގައި މިބަނދަރުގެ ބޭނުމެއް ނުހިފެއެވެ. ރޭގަނޑު ކަމުގައި ވިޔަސް މޫސުން ގޯސްވެ ކަނޑު ގަދަވާ ކޮންމެ ފަހަރަކު ބަނދަރުގައި އަޅާފަ އޮންނަ އޮޑި ދޯނިފަހަރު ނެރެ ބޭރުގައި އަޅަން ޖެހުމަކީ އޮޑިވެރިންނަށް ޖެހިފައިވާ ބުރަ ބޮޑު މަސައްކަތެކެވެ. ރަށުގައި އިންޖިނުލީ 7 ދޯންޏަކާއި 1 ލާންޗު އޮވެއެވެ.
ކުރިނބީ ކައުންސިލުގައި ތިއްބަވަނީ ޕީޕީއެމަށް ނިސްބަތްވާ 4 ކައުންސިލަރުންނާއި އެމްޑީޕީ އަށް ނިސްބަތްވާ 1 ކައުންސިލަރެކެވެ.
ހދ ކުރިނބީގައި މީހުން ދިރިއުޅެން ފެށި ވަކި ތާރިހެއް އެނގެން ނެތްކަމުގައި ވިޔަސް މިރަށަކީ ވަރަށް އިހުގައި މީހުން އާބާދުވި ރަށެއް ކަމަށްވެއެވެ. މީހުން ދިރުއުޅެން ފެށީއްސުރެ 2 ފަހަރަކު މިރަށް ފަޅުވެފައިވާ ކަމަށް ރަށުގެ ދުވަސްވީ މީހުން ބުނެއެވެ. މިރަށުގައި އެންމެ ފަހުން އާބާދުވީ ރ އަތޮޅު ކޮތާފަރު ބައެއްކަމަށް ކުރިނބީގެ ދުވަސްވީ ހަރުމީހުން ބުންޏެވެ.