twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޑަ އިއްބެ – ކުޅުދުއްފުށީގެ އެހެން ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރިއެއް

Jun 24, 2013

އެއީ ފުޓްބޯޅަ ދަނޑަށް އާ ނަމެއް ނޫނެވެ. ހުނަރުގެ ގޮތުންނާއި އަހުލާގުގެ ގޮތުންވެސް ދަނޑުމަތީގައި އެހެން ކުޅުންތެރިންނާ ތަފާތު ކުޅުންތެރިއެކެވެ. ކުޅިވަރުގެ މައިދާނުގައިވެސް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ރީތި ސިފަތަކެއްގެ ވެރިއެކެވެ. އެންމެންނާވެސް ރަހުމަތްތެރި އެންމެން އިހުތިރާމާއި ލޯބި ލިބިފައިވާ ފަރާތެކެވެ. ދަނޑުމަތީގެ ނަމުންނަމަ “ކުޑަ އިއްބެ” އެވެ.

ހދ ކުޅުދުއްފުށީ ރޯޝަންހާރު އިބްރާހިމް ހަސަން، އެކުވެރިންގެ ނަމުންނަމަ “ކުޑައިއްބެ” އަކީ ކުޅުދުއްފުށީގެ ނަން މަޝްހޫރު ކުޅުންތެރިންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. 2000 ވަނަ އަހަރުގެ ޒޯންމުބާރާތުގައި “ރަތް” ކުލައިގެ ޖޯޒީގައި މަގުލަސް ކުލަބު ތަމްސީލު ކުރުމަށް، އުމުރުން އެންމެ 16 އަހަރުގައި ނުކުތް ކުޑަ އިއްބެ މިއަދު ވެފައި ވަނީ ފޯވާޑަށް ކުޅޭ ހަލުވި ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ކުޅުންތެރިއަކަށެވެ. މާލޭގައި ބާއްވަމުން އަންނަ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ކުލަބް މޯލްޑިވްސް ކަޕާއި ޒޯން މުބާރާތްތަކާއި، ސިކްސް އަ ސައިޑް ކަޕްތަކުގައި ވަނީ ބައިވެރިވެފަ އެވެ.

ކުޑައިރު ގެކައިރީގައި ބޯޅަ ކުޅެންފެށި ކުޑަ އިއްބެ މިހާތަނަށް “ހިރަފުސް” ، “ޒުވާނުންގެ ޖަމިއްޔާ” ،”ސޮލެނޮއިޑް” އާއި “ޒިގްޒެގް” ފަދަ ކުޅުދުއްފުށީގައި ކާމިޔާބު ހޯދަމުންދާ ޓީމުތަކަށް ކުޅެ އެޓީމުތަކަށް ހިތްގައިމު ގޯލްތަކެއް ވަނީ ޖަހާދީފައި އެވެ. އަދި އެއިން ކޮންމެ ޓީމަކަށް ލިބުނު ކާމިޔާބީގައި ކުޑަ އިއްބެގެ ބޮޑު ހިއްސާއެއް ވެއެވެ.

ސްކޫލު ދައުރުން ފެށިގެން ފުޓުބޯޅަ ކުޅުމަށް ފޯރިހުންނަ ކުޑަ އިއްބެއަކީ ބޭންކު އޮފް މޯލްޑިވްސްގެ ޒިންމާދާރު މަގާމެއްގައި މަސައްކަތްކުރާ ހީވާގި މުއައްޒަފެއްވެސް މެއެވެ. “ސައިޒުން” ކުޑައެއް ކަމަކު މާލޭގައި ބޭއްވުނު ބޭންކްގެ އިންޓަރ ޑިޕާޓްމެންޓް ފުޓްސަލް މުބާރާތުގައި އަތޮޅު ބްރާންޗްތަކުން ހޮވާލެވުނު ޓީމުގައި ވެސް ކުޑަ އިއްބެ ވަނީ އޮފީސް ތަމްސީލު ކޮށްފައެވެ. އެޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދާ މުބާރާތް ނިންމާލި އިރު ކުޑައިއްބެ ވަނީ ގިނަ ސަޕޯޓަރުންގެ ހިތް އަތުލާފައެވެ.

ކުޅުދުއްފުށީގައި މޮޅު ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެދެމުންދާ ވާހަކައަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ހަގީގަތެކެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކުޅުންތެރިއަކު މާލޭގެ ޓީމަކުން ނުފެންނަނީ ކުޑައިއްބެ ގަބޫލު ކުރާގޮތުގައި ރަށުގައި ވަޒީފާގައި އުޅެން ގިނަ ކުޅުންތެރިން ބޭނުންވާތީ އެވެ. އިއްބެ ވެސް އާއިލާ އާއި ވަޒީފާ ދޫކޮށްލާފައި ކުލަބަކުން ފުރުސަތު ލިބުނު ކަމުގައި ވީނަމަވެސް ދިޔުމުގެ ޚިޔާލެއް ނެތެވެ. އެހެން ނަމަވެސް ކުޑަ އިއްބެ މިހާރު އެންމެ ދެކެން ބޭނުންވާ އެއްދުވަހަކީ ކުޅުދުއްފުށީގެ ކުޅުންތެރިއެއް މާލޭގެ ކުޅުންތެރިންނާއި އެއް ހަމައެއްގައި ވާދަކުރާނެ ދުވަހެކެވެ.

“މިހާރު ކަންތައްތައް ހުރިގޮތުން އަޅުގަނޑަށް މާލޭގެ ކުލަބަކަށް ބަދަލުވެވޭކަށް ނެތް. އެކަމަކު ރަށުގެ ކުއްޖަކު މާލޭގެ ކުލަބެއްގަ އުޅޭތަން ދެކެން ވަރަށް ބޭނުން.” އިއްބެ ބުންޏެވެ.

ފުޓުބޯޅައިގެ ރޮނގުގައި މޭން އޮފް ދަ މެޗާއި މޭން އޮފްދަ ޓޯނަމެންޓުގެ އިތުރުން ބެސްޓް ސްކޯރަރގެ މަގާމް އެތައް ފަހަރެއްގެ މަތިން އެކިއެކި މުބާރާތް ތަކުގައި ހޯދާފައިވާ ކުޑައިއްބެ ގަބޫލުކުރާ ގޮތުގައި މިދާއިރާއިން އަދި މާބޮޑު ނާކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.

ފުޓްބޯޅައިގައި މަޝްހޫރު ކޯޗުންގެ ފަރާތުން ބޮޑެތި ތަމްރީނުތަކެއް ހާސިލުކޮށްފައި ނުވިނަމަވެސް ކުޑައިއްބެ ގަބޫލުކުރާގޮތުގައި އޭނާގެ ފުރަތަމަ ކޯޗް ކުޅުދުއްފުށި ހިމާލިޔާގެ އަބްދުއްރަޝީދު ސައީދު (އަބުސީ) ގެ ފަރާތުން ލިބުނު އިރުޝާދުތަކާއި ހިތްވަރަކީ މިދާއިރާގައި ކުރިއަށްދިޔުމުގެ ބާރެވެ.

ކުޑައިއްބެ އެންމެ ފުރަތަމަ މުބާރާތަކަށް ނެރެދިން އަބްސީ ކުޑައިއްބެ ސިފަކުރަމުން ވިދާޅުވީ އޭނާއަކީ މެޗްގެ ނަތީޖާ ބަދަލުކޮށްލުމަށް ދެވަނައެއް ނެތްފަދަ މޮޅު ކުޅުންތެރިއެއް ކަމަށެވެ. ކުޅުމުގައި ސްޓައިލް މި ކުޅުންތެރިޔާއަކީ ކުޅުދުއްފުށީގެ އެހެން ކުޅުންތެރިނަށް ނަމޫނާ ކުޅުންތެރިއެއްކަން ފާހަގަކުރައްވަމުން އަބްސީ ވިދާޅުވީ ކުޑައިއްބެ މިއަދާއި ހަމައަށް މިކަމުގައި ހަރުދަނާކަމާއެކު އެހުރީ ކުޅުމުގެ ޑިސިޕްލިން އަށަގެންފާވާތީ ކަމަށެވެ.

“އިއްބެ އަކީ ނަމޫނާ ކުޅުންތެރިއެއް. މެޗެއްގެ ނަތީޖާ ބަދަލުކޮށްލަން 99 ޕަސެންޓް ރޯލު އޭނާ އަދާކުރާނެ. ހަގީގަތުގަ އިއްބެ މިގޮތުގަ އެހުންނަނީ އޭނާގެ ޑިސިޕްލިންގެ ސަބަބުން. ރަށުގެ އެހެން ކުދިން ނަމޫނާ އަކަށް ބަލަން އިއްބެ ރަނގަޅުވާނެ.” އަބްސީ ވިދާޅުވި އެވެ.

އަބްސީ އިތުރަށް ވިދާޅުވީ އިއްބެ އަކީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ އާއިލާއެއް ބަލަހައްޓާ ކުޅުންތެރިއެއް ކަމަށާއި ކަމެއް ނުކޮށް ރަށުގައި ތިބޭ ބައެއްކުދިން ވަގުތު ނުވެގެން ޝަކުވާ ކުރާއިރު އިއްބެގެ ފަރާތުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށެވެ.

ވަޒީފާގައި އުޅެމުން ކުޅެން ވަގުތު ހޯދުމަކީ ދަތިކަމެއް ނަމަވެސް މިކަމުގައި ކުރިއަށް ދިޔުމުގައި އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ކުޑަ އިއްބެއަށް ލިބޭ އިތުރު ހިތްވަރެކެވެ. ވަޒީފާގައި އުޅެމުން 4 އަހަރުގެ ދަރިފުޅާއި އަންހެނުންނަށް ވަގުތު ހުސްކުރަމުން ފުޓުބޯޅައާ މެދު އިއްބެ ބަހައްޓާ ގާތްކަން އެނގެއެވެ.

އުމުރުން 29 އަހަރުގެ ކުޑައިއްބެ މިދާއިރާގައި ކާމިޔާބުތަކެއް ހާސިލުކޮށް ގިނަ މުބާރާތް ތަކެއްގައި ކުޅެފައިވާއިރު އޭނާގެ މައިން ބަފައިންނާއި އަންހެނުންނާއި ރަހުމަތްތެރިންގެ ފަރާތުން ލިބޭ ހިތްވަރާއި ތަރުހީބު ޝުކުރުވެރިކަމާއި އެކު ބަލައިގަންނަ ކަމަށް ކުޑަ އިއްބެ ބުންޏެވެ.

[yass cats=28]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355