twitterviber whatsapp telegramfacebookyoutube instagram
8th May 2024

ކޮންމެ ރަށެއްގައި އޭލެވެލް އަށް ކިޔަވައިދޭން ޖެހޭ ހެއްޔެވެ؟

Jun 19, 2013

ތައުލީމަކީ ރާއްޖޭގައި ދެވޭ އަސާސީ ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތެވެ. އަދި ތައުލީމު ހާސިލް ކުރުމަކީ ކޮންމެ މީހަކަށް ވެސް އަދި ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ހައްގެކެވެ. އެހެންވީމާ ކޮންމެ ރަށެއްގައި މަދަރުސާއެއް ނުވަތަ ސުކޫލެއް ހުރުން ލާޒިމެވެ. އެއީ އެރަށުގެ ދަރިވަރުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތެއް ދިނުމުގެ ބޭނުމުގަ އެވެ. ނަމަވެސް އަޅުގަނޑުގެ ސުވާލަކީ ކޮންމެ ރަށެއްގައި އޭލެވެލް ފެންވަރަށް ކިޔަވައިދޭން ޖެހޭ ހެއްޔެވެ؟

އަޅުގަނޑުގެ ޖަވާބަކީ ނޫނެކޭ އެވެ. މިސުވާލަށް މިގޮތަށް ޖަވާބު ދިނުމުން ބައެއް ރަށްރަށުގެ މީހުން ހިތްހަމަ ނުޖެހުން އެކަށީގެން ވެއެވެ. ކޮންމެ ރަށެއްގައި ވެސް ކިޔެވެން ހުންނަން ވާނެކަމަށް ބުނާނެއެވެ. އެއީ އަސާސީ ހައްގެކޭ ބުނެ ވަކާލާތު ވެސް ކުރާނެ އެވެ. މިސުވާލަށް ނޫނެކޭ ބުނެ ޖަވާބު ދޭން ޖެހޭ ސަބަބުތައް ބައިވަރެވެ. މިކަމުގައި މިހާރު އޯލެވެލް ހެދުމުގެ ފުރުސަތު ދީފައިވާ ސްކޫލުތަކާއި ދަރިވަރުންގެ ތަޖުރިބާއަށް ބަލާލުން ވެސް މުހިއްމެވެ.

ކޮންމެ ރަށެއްގައި އޯލެވެލް ހެދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން ކޮންމެ ރަށެއްގައި ހެން ސްކޫލުތައް ވަނީ އިމާރާތް ކޮށްފަ އެވެ. ކިތަންމެ ކުޑަ އާބާދީއެއް އޮންނަ ރަށެއް ކަމުގައި ވިޔަސް، އެންމެ ކުޑަމިނުން އޯލެވެލް ހެދޭނެ އިންތިޒާމު މިހާރު އެބަހުއްޓެވެ. ނަމަވެސް އެއީ ވެސް އެންމެ ރަނގަޅު ގޮތްތޯ އެއީ ކުރަން ޖެހޭ ސުވާލެކެވެ.

ކޮންމެ ކުއްޖަކީ ބޮޑުވަމުން އަންނައިރު ހުވަފެންތަކެއް ދެކޭ ކުއްޖެކެވެ. ޑޮކްޓަރަކަށްވުން، ޓީޗަރަކަށްވުން، ޕައިލެޓަކަށްވުން، އިންޖިނޭރަކަށްވުން، އެކައުންޓެންޓަކަށްވުން، ބިޒްނަސްމެންއަކަށްވުން، ޕޮލިޓީޝަނަކަށްވުން ފަދަ ކަންތައްތަކަކީ ކޮންމެ ކުއްޖެއްވެސް ހިޔާލު ކުރާ ކަންތައްތަކެވެ. ނަމަވެސް އޯލެވެލް ހަދާ ސްކޫލުތައް އިތުރު ކުރުމުގެ ގޮތުން އެފުސަތު ސްކޫލުތަކަށް ދޭއިރު، ގިނަފަހަރު އޮންނަނީ އެންމެ ސްޓްރީމެކެވެ. ކިޔަވަން ފުރުސަތު ލިބެނީ މަދު މާއްދާތަކެކެވެ. މިހެން ވުމުގެ ސަބަބުން ކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން މާއްދާތައް އިހުތިޔާރު ކުރުމަށް އޮންނަ ފުރުސަތު ކުޑަވެއެވެ. އަދި ކުދިން ގިނަ ކަންތައްތަކާ ވިސްނާ ފިކުރު ކުރުމަށް ލިބޭ ޖާގަ ހަނިވެއެވެ.

ފެސިލިޓީޒާއި ޓީޗަރުންގެ މައްސަލައަކީ ވެސް އެއް މައްސަލަ އެވެ. މިހާރަކަށް އައިސް އަބަދުވެސް އިވޭ އެއްއަޑަކީ ސްކޫލުތަކުގެ ޓީޗަރުން މަދުވެގެން ބެލެނިވެރިން ކޮންމެވެސް ހަޅުތާލެއް ކުރާ އަޑެވެ. އެއްދުވަހު ސްކޫލު ބަންދު ކުރާނެ އެވެ. އަނެއް ދުވަހު ޕްރިންސިޕަލް ރަށުން ބޭރު ކުރާނެ އެވެ. ޓީޗަރުންނާއި ފޮތްލިސްޓް ހަމަނުވެގެން އަހަރު ދެބައިވާއިރު ކިޔަވައި ނުދެވޭ ސްކޫލުތައް އެބަހުއްޓެވެ. މީޣެ އިތުރުން ސްކޫލުގައި ދަރިވަރުން ބޭނުންކުރާނެ ލެބްތަކާއި އިންޓަނެޓްގެ ހިދުމަތްތަކެއް ނުހުރެއެވެ. މިކަމުގެ ސަބަބުން ވެސް ހުރިހާ ގެއްލުމެއް ލިބެނީ ހަމަ ދަރިވަރުންނަށެވެ.

ދެން ހަރަދަށް ބަލަމާތޯވެ. ކޮންމެ ރަށެއްގައި ސްކޫލެއް އަޅަން އެބަޖެހެއެވެ. ނަމަވެސް ގްރޭޑް އަށެއްގައި 4 ކުދިން، ނުވައެއްގައި 7 ކުދިން އަދި ދިހައެއްގައި 9 ކުދިން ތިބޭ ރަށެއްގައި އޯލެވެލް ހެދުމަށް ތައްޔާރު ވުމަށް ކޮންމެ މާއްދާއަކުން ޓީޗަރުން ގެނެސް، ކޮންޕިއުޓަރު ލެބާ ޕިޒިކްސް ލެބާ، ބައޮލޮޖީ ލެބް އަދި ކެމިސްޓްރީ ލެބް އެޅުމަކީ ހަރަދު ފޫބެއްދޭ ވަރުގެ ކަމެއް ހެއްޔެވެ. މިއީ އޯލެވެލް ހަދާ ބައެއް ރަށްރަށުގެ ހާލެވެ. ހަރަދުގެ ގޮތުން ބެލިކަމުގައި ވިޔަސް މިއީ ފޫބެދޭ ކަމެއް ނޫނެވެ.

މަތީގައި ފާހަގަ ކޮށްލެވުނު ކަންތައްތަކަކީ ކޮންމެ ރަށެއްގައި އޯލެވެލް ހެދޭގޮތަށް ފުރުސަތު ދިނުމުން މިހާރު ވެސް ކުރެވެމުންދާ ތަޖުރިބާތަކެވެ. އޭލެވެލް ފެށި ބައެއް ރަށްރަށަށް ބަލާއިރު ވެސް މިފަދަ މަންޒަރުތައް ވަނީ ފެށިފައެވެ. ސަރުކާރުގެ “ދީލަތިކަމުން” އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލި ބައެއް ރަށްރަށުގައި ދަރިވަރުންގެ އަދަދު ހަމަކުރުމާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ވަނީ ހުއްޓާލާފައެވެ. އޭގެ ތެރޭގައި ށ. ފުނަދޫ އާއި ބ. ތުޅާދޫ ހިމެނޭނެ އެވެ.

ކަންމިހެން އޮއްވާ އޭލެވެލް ހެދުމުގެ ފުރުސަތު ރަށްތަކަށް ދޭން ފެށުމަކީ އެހާ ރަނގަޅު ކަމެއްގެ ގޮތުގައެއް ނުފެނެ އެވެ. މިހަފްތާގެ ހަބަރެއްގައި 3 ސްކޫލެއްގައި އޭލެވެލް އަށް ކިޔަވައިދޭން ފެށި ވާހަކަ އޮތެވެ. އޭގެ ތެރެއިން އެއް ސްކޫލެއްގައި އޭލެވެލް އަށް ކިޔަވާ ކުދިންގެ އަދަދަކީ އެންމެ ފަހަކެވެ. މިއަދު އެންމެ ސްކޫލަކަށް އެފުރުސަތު ދީފިނަމަ، ސިޔާސީ ބޭނުންތަކުގެ ސަބަބުންނާއި ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން އެހެން ހުރިހާ ސްކޫލެއްގައި އެފުރުސަތު ނުދީ ފަރުޖެއްސޭނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އެކަން ދައުލަތައް ފޫބެއްދޭ ވަރުގެ ހަރަދަކަށް ނުވާނެ އެވެ. ޓީޗަރުންނާއި ފެސިލިޓީޒް ހޯދުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ. އަދި ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ހަނިވެ ފުރުސަތުތައް ވެސް މަދުވާނެ އެވެ.

ރާއްޖޭގައި ގްރޭޑް ހަތެއް ނިންމައިގެން ފުއްދާލެވުން ޒަމާނެއް ދިޔައެވެ. އޭގެ ފަހުން އޯލެވެލްއަށް އެ ސްޓޭންޑަޑް މަތިވި އެވެ. ނަމަވެސް މިހާރު އޭލެވެލް އަކީ ވެސް ކޮންމެ ދަރިވަރަކު ނިންމަން ޖެހޭ އެއްޗަކަށް ވަނީ ހަދަން ޖެހިފައެވެ. އަދި އެ ފުރުސަތު ކޮންމެ ކުއްޖަކަށް ވެސް ލިބެން ޖެހެއެވެ. އަޅުގަނޑު މިދަންނަވަނީ އެފުރުސަތު ނުދޭށެކޭ ނޫނެވެ. ނަމަވެސް ކޮންމެހެން އެފުރުސަތު ހޯދައިދިނުމަށް ކޮންމެ ރަށެއްގައި އޭލެވެލް އަށް ކިޔަވައިދޭކަށް ނުޖެހެ އެވެ.

ކޮންމެ ރަށެއްގައި އޭލެވެލް ތައާރަފް ކުރުމުގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި ވެސް ފެންވަރު ރަނގަޅު އެކެއް ނުވަތަ ދެއެއް އޭލެވެލް ސެންޓަރު ބެހެއްޓުން ކިހިނެތް ވާނެތޯ އެވެ. އެ ސުކޫލުގައި ފުރުސަތުތައް ގިނަކޮށް ފެސިލިޓީޒް ރަނގަޅު ކުރުމުން ހަރަދު ކުޑަވެފައި ކުދިންނަށް އޭގެ މަންފާ ބޮޑުވާނެ އެވެ. އަދި ކުދިންގެ ފެންވަރު ވެސް ރަނގަޅު ކުރެވޭނެ އެވެ. ދެން އޮތީ އެކުދިން ރަށްރަށުން އައިސް ތިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވާހަކަ އެވެ. ކޮންމެ ރަށެއްގައި އޭލެވެލް ހެދުމަށް ހަރަދުވާނެ ފައިސާ ބޭނުން ކޮށްގެން އެހެން ރަށްރަށުގެ ކުދިން އޭލެވެލް ހެދޭ ސްކޫލު ހުންނަ ރަށަށް އައިސް ތިބޭނެ ބޯޑިން ހޯމެއް ހެދުމުން ކުދިން ތިބުމުގެ އިންތިޒާމު ހަމަޖެއްސުން ކިހިނެތް ވާނެތޯއެވެ. އެއީ އަދި ރާއްޖެއަށް ބީރައްޓެހި އުސޫލެއް ނަމަވެސް ރަނގަޅު ނިޒާމެއްގެ ދަށުން އެކަންކޮށް ބޯޑިން ހޯމްތަކުގެ އިތުބާރު ބެލެނިވެރިންނަށް ހޯދާ ދެވިއްޖެ ނަމަ އެއީ ރަނގަޅު އުސޫލަކަށް ވާނެ އެވެ.

އޭރުން ހަރަދުވެސް ކުޑަ ކުރެވުނީ އެވެ. ދަރިވަރުންނަށް ހުޅުވޭ ފުރުސަތުތައް ވެސް ގިނަ ކުރެވުނީ އެވެ. އޯލެވެލް އިން ފެށިގެން މާސްޓާޒްއާ ހަމައަށް ވެސް އަމިއްލަ ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބުމަކީ ހުރިހާ އެންމެންވެސް ބޭނުންވާ ގޮތެވެ. ނަމަވެސް އެކަމުގެ ފައިދާ ގައުމަށާއި ރައްޔިތުންނަށް އެންމެ ބޮޑަށް ލިބޭނެ ގޮތަކަށް ވިސްނުން ބެހެއްޓުން މުހިއްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355