twitterviber whatsapp telegramfacebookyoutube instagram
29th March 2024

އާބާދީ ބޮޑު ކުޅުދުއްފުށީގައި މަހަށް ފުރާ އެންމެ ދޯންޏެއް

Jun 20, 2013

ކުޅުއްފުއްޓަކީ ޒަމާނުއްސުރެ މަހަށް ފުރާ ދޯނި ގިނަ، ރަށުގެ ދޯނިތަކުން ރަށަށް ބޭނުންވާ މިންވަރަށް ރަށަށް މަސްބާނާ ރަށެކެވެ. ކުރިން މިޔަރުގެ މަސްވެރިކަން ކުރި ޒަމާނުގައި ވެސް މަހަށް ފުރާ ދޯނި މަދުވެގެން މަސް ނުލިބިގެން ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހިފައެއް ނުވެއެވެ. އެ ސަބަބުތަކަށްޓަކައި ރައްޔިތުން “ލޮނުކަން” ނުލިބިގެން އުޅެންޖެހިފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންގެ ރަށުން ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ. މަސްއޮޑި ލަފާއިރު ޔަގީންކޮށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި މީހުން “ކުޑަ ފޮށާ” ޖަހައިގެން ބަނދަރުމަތީގައި ވަގުތުތައް ހޭދަކުރަން ފަށައިފި އެވެ.

ދިހަ ހާހެއްހާ މީހުން ދިރިއުޅޭ ކުޅުދުއްފުށީގައި މިވަގުތު މަހަށްދާން އެއް ދޯނި އޮވެ، ބޭނޭ މަސްކޮޅު މަދުވެ އަގުތައް ވަނީ އުފުލިފައެވެ.  އެގޮތުން ކުޑަ ސައިޒުގެ މަހެއްގެ އަގު އުޅެނީ 60 ރުފިޔާއަށް ވުރެ މަތީގައެވެ.

މިދުވަސްވަރު ކުޅުދުއްފުށީގައި މަހަށްދާ އޮތީ ހަމަ އެންމެ ދޯންޏެކެވެ. “މިޔަރެން” ދޯނީގެ ވެރިފަރާތް ކަމަށްވާ މުހައްމަދު އަލީ (ކަޅު މުހައްމަދު) ބުނީ މިދުވަސްވަރު މަސްވެރިކަން ވަރަށް ދަށްކަމަށާއި އެހެން ކަމުން އަގު ބޮޑުވަނީ ކަމަށެވެ.

“މިދުވަސްކޮޅު ދަށްކޮށް މިއުޅެނީ. އެއް ދުވަހު ބޭނިއްޖެއްޔާ އަނެއް ދުވަހު އެއްޗެއް ނުލިބޭނެ.” މުހައްމަދު ބުންޏެވެ.

12 މީހުން މަހަށްދާ މިޔަރެން ދޯނީގެ ވެރިޔާ ބުނީ ގިނައިން ބޭނޭ ދުވަހެއްގައި ވެސް ބެވެނީ 2 ޓަނުގެ މަސް ކަމަށާއި އެއީ ވެސް ވަރަށް ކުދި އެއްޗެހި ކަމަށެވެ.

ކުޅުދުއްފުށީގެ މަޝްހޫރު ކެޔޮޅު އާދަމް ހަސަން (ފޯ އާދަނު) ބުނީ “ރިކޯޑު” ދޯނި މަހަށް ނުދަނީ އެދޯނި ވިއްކާލާފައި އޮތުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެހެން ދޯންޏެއް ގަނެފައިވާ ކަމަށާއި މާދަމާ ބާލާނެ ކަމަށްވެސް އާދަމް ބުންޏެވެ. އެހެން ކަމުން ހޮނިހިރު ދުވަހު އެދޯނި މަހަށްދާން ފަށާނެ ކަމުގެ އުފާވެރި ހަބަރުވެސް އާދަމް ދިނެވެ.

ކުރީގެ “ހޯގުޅާ” ދޯނީގެ ކެޔޮޅު ކަމަށްވާ ޖައުފަރު މުހައްމަދު (ލަބަރި ޖައުފަރު) ބުނީ ހޯގުޅާ ދޯނި ވިއްކާލާފައިވާ ކަމަށާއި އަދި އެހެން ދޯންޏެއް ގެނެވޭނެ ދުވަހެއް ބުނަން ދަތި ކަމަށެވެ.

ކެޔޮޅުންގެ ބަސްމަގު މިހެން ހުރި އިރު މިވަރުގެ އާބާދީއެއްގައި 2 ނުވަތަ 3 ޓަނުގެ މަސް “އެކައްޗަކަށް”ވެސް ނުވާނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހެ އެވެ. އެހެން ނަމަވެސް ދުރުނޫން މުސްތަގުބަލެއްގައި ކުޅުދުއްފުށީގައި މަހަށް ފުރާ ދޯނި އިތުރުވެ ކަނޑުރޯދި ތިޔާގި ވުމަކީ ރައްޔިތުންއެދޭ ގޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355