twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެހެން ހުރިހާ ކަމަކަށް ވުރެ ޕާޓީ ލޯބި އިސްކުރުން ރަނގަޅުތޯ؟

Jun 26, 2013

ނަޒީހާ އަބްދުއްސައްތާރު / ހދ. ކުރިނބި

ތިމާ ތާއީދުކުރާ ކުލައަށް ނުވަތަ ސިޔާސީ ޕާޓީއަށް ސަޖިދަ ޖަހާ، އިންސާނީ ހުދޫދުން ބޭރު ވާ ހިސާބުގައިވާ މީހުން މަދެއް ނޫނެވެ. ﷲ ސުބްޙާނަހޫ ވަތައާލާގެ މަތިން ހަނދުމަ ކުރާ ވަގުތަށް ވުރެ ގިނަ ވަގުތު ޕާޓީ ޕްރޮމޯޓް ކުރުމުގައި ހޭދަކުރާތަން ފެނުމަކީ މަދު ކަމެއްވެސް ނޫނެވެ. ނަމާދު ވަގުތު ފާއިތުވެ ދާއިރު ހޭބޯ ނާރައި ޕާޓީގެ ހަރުގެ އެޅުމުގައި ވަގުތުތައް ހޭދަކޮށް ދުވަސް ނިންމާލުމުން އެ ދުވަހަކީ ބާއްޖަވެރި ފާގަތި ދުވަހަކަށް ވާނެތޯއެވެ؟ އަނެއް ދުވަހު އެ ބޭފުޅުންވެސް ދައްކަވާނީ އެހެން މީހުން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ނުހިތާ ވާހަކައެވެ. އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ކުރިން އަމިއްލަ ނަފްސު އިސްލާހު ކުރަން ޖެހިފައިވާކަން ހަނދާން ނުވަނީ އެވެ.

އާއިލާއަށް ދެވިފައިވާ ލޯތްބައް ވުރެ ފުން ކަނު ލޯތްބެއް ތިމާ ލޯބިވާ ކެންޑިޑޭޓަށް ބައެއް މީހުންގެ ހިތުގައި ދެވިފައި ވެއެވެ. އާއިލާއަށް ދޭން ޖެހޭ ވަގުތުތައް ލޯބިވާ ކެނޑިޑޭޓަށް ހުސްކޮށް އާއިލާ ތެރޭ ހައިޖާނު އުފެދި އެންމެ ފަހުން ބޭއިންސާފުވެރި ކަމާއެކު ވަރީގެ ނިޔާ އިއްވިގެން ދެއެވެ. ޕާޓީ ޒުވާބޭ މިކިޔާ އެއްޗެއްގެ ސަބަބުން އަޚްވަންތަ ކަމުގެ ގުޅުންތައް ހީނަރުވެ ނެތިދާތަން ފެނެއެވެ. ސުލްހަ މަސަލަސްކަން ނެތިކޮށް ކުލައިގެ އަޅުންގެ ހަނގުރާމައިގެ މައިދާނަކަށް މި ގައުމު ވެއްޖެ އެވެ. މިއީ ޑިމޮކްރަސީ ދައްކުވައިދޭން ބޭނުންވި ބޮޑު މަންޒަރު ތޯ އެވެ؟

ޖޯޝާއި ފޯރިއާއެކު ރަށް ރަށުގެ ތަރައްޤީއަށް ކުރެވެމުން ދިޔަ މަސައްކަތްތައް ވަޅުޖެހި ގެންނަން ބޭނުންވި ތަރައްގީ ގެނައުމަށް ނުކުޅެދިއްޖެ އެވެ. އަޚްވަންތަކަމާއި އެކުވެރިކަމުގެ ގުޅުންތައް ހީނަރުވެ ގޮސް ދިވެހިން ބައިބައި ކުރުވައިފި އެވެ. އެއީ އެ ބަޔަކު ހިތްއެދޭ ޕާޓީން އިންދަވައި ދެއްވާ ގަހެއްގެ މޭވާ ނޫނީ ނުކާން ތިބި ރައްޔިތުން ތަކެއްގެ ވިސްނުމުގެ ކޮށި ކަމުންނެވެ. ކުލަ ޒުވާބުގައި އިޖުތިމާއީ ވެށި ބިމާ ހަމަވެއްޖެ އެވެ. ސުލްހަ މަސަލަސްކަން ނެތިކޮށް ކުލައިގެ އަޅުންގެ ހަނގުރާމައިގެ މައިދާނަކަށް މި ގައުމު ވެއްޖެ އެވެ.

މައުސޫމު ޅަ ދަރިންނަށް ސިޔާސީ ކަންކަމުގެ ތެރެއިން ފާޅުގައި ޖާގަދެއްވައި ވަކަރުގޭ ބަހުރުވައަށް އެ ޅަ ސިކުނޑިތައް އަހުުލުވެރި ކުރުވަނީ ލޯބިވާ މައިންބަފައިންނެވެ. “ގަންޖާ ބޯ”، “ގޮޅާ ބޯ”ގެ ވާހަކަ ތުއްތު ކުދިންގެ ދޫތަކުން ބޭރު ވުމުން ހައިރާން ވުމުގެ މާނައެއް ނެތެވެ. ހިތް ނޭދޭ އެދުރުވެރިޔާއަށް އެ ކުދިން ބޭނުން ބަހުރުވަ އަކުން މުޚާތަބު ކުރާނެތާ އެވެ. މަންމަ އާއި ބައްޕަވެސް ހިތްހަމަ ނުޖެހޭ ކެނޑިޑޭޓުންނާއި މުޚާތަބު ކުރަނީ އެ ބަހުރުވައިން ވިއްޔާ އެވެ.

ފެނި ހާމަ ވަމުންދަނީ ބޮޑެތި ސިޔާސީ ލީޑަރުން ނުވަތަ އެ ބޭބޭފުޅުންގެ އަރިސް ބޭކަލުން ކުށުގެ ވެއްޓެއް ގާއިމު ކުރުމަށް ފައިމުޑި ވިއްދާފައިވާ ކަޅު ތަސްވީރު ތަކެވެ. ސިޔާސީ ހަސަދައެއް ފިލުވައިލުމަށްޓަކައި ބޮޑެތި މަހުޖަނުން ހިތްހެޔޮކަމުން ދެއްވާ މަދު ފައިސާ ކޮޅަކަށް ކުށްވެރިން ވިކި ނިމިއްޖެ އެވެ. ދިވެހި ޖައްވާއި ފަޒާ އަނިޔާގެ ލެއިން ކަޅި ވެއްޖެ އެވެ. މި ގައުމުގައި ހިނގާ ގިނަ މާރާމާރީތަކުގެ އަސްލާއި ގުޅިފައިވާ ނާމާން ހިޔަންޏަކީ ހައްލު ނުވެ އޮތް ސިޔާސީ ކޯޅުން ތަކެވެ. މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވައި އަމިއްލަ އެދުން ކުރިޔަށް ނެރެ އަދުލުވެރިކަމުގެ ތިލަފަތް އެއްކޮޅަށް ބަރު ވެއްޖެ އެވެ.

އެއްޗެއް ލިބުމުން އެ އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ނުހިފިއްޖެ ނަމަ އެ އެއްޗެއް ބީވެ ދިޔުމަކީ ގާތުގައިވާ ކަމެކެވެ. އަޅުގަނޑުމެންނަށް ބަސް ބުނުމުގެ މިނިވަންކަން ލިބިދީފި އެވެ. މީޑިއާތަކަށް މިނިވަންކަން ލިބިފައި ވެއެވެ. ނަމަވެސް ބޭނުން ހިފަނީ ބަހުގެ ކުދި އޮށްގަލުން މީހުންގެ އަބުރާއި އިއްޒަތް ރަޖަމު ކުރުމަށެވެ. ވަކި ކޮޅަކަށް ބުރަވެ ދޮގު މައުލޫމާތާއެކު ލިޔެވޭ ރިޕޯޓުތަކުން މީހުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ.

އަޅުގަނޑުމެންނަށް މިގޮތް ހަމަ “އޯކޭ” ތޯއެވެ؟ މިއީ ރައްޔިތު މީހާ އެދި އެދި ހުރި ގޮތްތޯއެވެ؟ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ބާވެ ހަސްފަސްވެ ކުނޑިއަށް ވެ ނިމެންދެން ދޫކޮށްލާނީތޯއެވެ؟ ހަމައިން ބޭރުން ނުހައްގު ގޮތުގައި އެއްޗެއްގެ ބޭނުން ހިފާނަމަ އޭގެ ފައިދާ ކުރާނެތޯއެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355