twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިހުލާސްތެރިކަމެއް ނެތް ބަޔަކަށް ބޮޑު މުސާރަ ދޭނެކަމެއް ނެތެވެ.

Aug 12, 2013

ވޭތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭގައި ދިވެހިރާއްޖެއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ 2008 ވަނަ އަހަރު ފާސްކުރެވުނު އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމެވެ.

އެ އާ ގާނޫނު އަސާސީއާއެކު ދިވެހިންނަށް ވަނީ ޒަމާނީ ޑިމޮކްރަސީގެ ކުލަ ފެނިފަ އެވެ. ހިޔާލު ފާޅުކުރުމާއި ބަސްބުނުމުގެ މިނިވަންކަން މީގެ ކުރިން ލިބިފައި ނުވާ ދަރަޖައަށް ވަނީ ލިބިދީފަ އެވެ. ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ވަނީ އުފެދިފަ އެވެ. އަދި ވެރިކަމުގެ ބާރުތަކަށް ފާރަލާ އިސްލާހު ކުރުމަށް ތަފާތު އެކި ނަންނަމުގައި ކޮމިޝަންތައް ވެސް ވަނީ އުފައްދާފަ އެވެ. ނަމަވެސް މިހުރިހާ ކަމަކާއެކު ދިވެހިރާއްޖޭގެ އިގްތިސާދަށް އޭގެ އަސަރު ސީދާ ގޮތަށާއި ނުސީދާ ގޮތަށް ވަނީ ފޯރާފަ އެވެ. އޭގެ ތެރެއިން އެއްކަމަކީ ދައުލަތުގެ ހަރަދުތައް އޮބި ނޯންނަވަރަށް މައްޗަށް ދިއުމެވެ. މީގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްކަމަކީ ދައުލަތުގެ ރިކަރަންޓް ހަރަދުގެ ތެރޭގައި ހިމެނޭ މުސާރަތަކެވެ.

ގާނޫނު ހެދުމުގެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަނީ އިތުރު ވެފައެވެ. ކޮންމެހެންވެސް ނިންމަން ޖެހޭ މުހިއްމު އެތައް ގާނޫނެއް އޮތްއިރު، ޓީވީތަކަށް ދެއްކުމަށް ބަހުސްކޮށް ޒުވާބުކޮށް ވަގުތުތައް ނަގާލާ މެމްބަރުންގެ ހަމައެކަނި މުސާރައަށް ބެލިނަމަވެސް އެއީ އެތައް މިލިއަނަކުން ގުނާލެވޭނެ އަދަދެކެވެ. އަދި އެމެމްބަރުންގެ އާއިލާތަކުގެ ހެލްތު އިންޝުރެންސާއި އެހެނިހެން ހަރަދުތަކަށް އެތައް ބައިވަރެއް ދައުލަތުން ދައްކަން ޖެހެއެވެ. މިހާރު 77 މެމްބަރުން ތިބި ކަމުގައި ވިޔަސް، އެއަދަދު އަންނަ ދައުރުގައި އިތުރުވާނެ އެވެ.

ހަމަ އެފަދައިން ޝަރުއީ ނިޒާމަށް އައިބަދަލުތަކާއެކުވެސް ދައުލަތުގެ ހަރަދުތައް މެކުހަށް ދިޔަ އެވެ. ގާޒީންނަށް ބޮޑު މުސާރަދީ، އިނާޔަތްތައް އިތުރު ކުރުމުގެ ސަބަބުން މީގެ ކުރިން ދުވަހަކު ވެސް ބޮޑު ނުވާވަރަށް ޝަރުއީ ނިޒާމުގެ ހަރަދުތައް ވަނީ ބޮޑުވެފައެވެ. އަދި އެއިދާރާތައް ހިންގުމަށް ކުރާ ހަރަދުތައް ވެސް ވަނީ މައްޗަށް ގޮސްފަ އެވެ.

ސަރުކާރު ހިންގުމުގެ ބާރު ވެސް ހަމައެހެންނެވެ. މިނިސްޓަރުންނަށާއި ނައިބުން އަދި ސްޓޭޓް މިނިސްޓަރުންނަށް ދެވޭ މުސާރަތައް ބޮޑު ވިއެވެ. އަދި އިތުރު ވެގެން ދިޔަ ސިޔާސީ މަގާމުތަކުގެ ސަބަބުން ބަޖެޓުގެ ތިލަފަތް ހަރަދުގެ ފަޅިއަށް ބަރުވަމުން ދިޔައެވެ. އަދި ކައުންސިލްތަކުގެ މުސާރަތައް ކޮބައިތޯ އެވެ.

ހަމަ އެހެންމެ ދައުލަތުގެ ބާރުތަކަށް ފާރަލާ ބެލުމަށް ހަދާފައިވާ މިނިވަން މުވައްސަސާތަކަކީ ވެސް ބަޖެޓުގެ މުސާރަ ކޯޑަށް ބާރުބޮޑު ކުރި އެއްކަމެވެ. މިނިވަން ކޮމިޝަންތަކުގެ މެމްބަރުންނަށް ބޮޑު މުސާރަ ހަމަޖެއްސުމުގެ އިތުރުން އެތަންތަނުގެ އިދާރީ މުވައްޒަފުންގެ މުސާތައް ވެސް ވަނީ ބޮޑު ވެފައެވެ.

މިދެންނެވުނު ހުރިހާ ތަނެއްގެ މުސާރަ ބޮޑުކުރެވިފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެކަން ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާން ކުރެވިފައި ވެއެވެ. އެއްކަމަކީ އެމީހުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ. ރިޝްވަތާއި ހިޔާނާތުން ދުރުހެލިގެން ތިބެވޭފަދަ ސާފުތާހިރު ދިރިއުޅުމެއް ހޯދައިދިނުމެވެ. އަދި އެހެންމީހުންގެ ކައިރީގައި ސަލާންޖަހަން ނުޖެހި ފުދިގެން އުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އެމީހުން ކޮށްދޭންޖެހޭ ކަމަކީ ގައުމަށާއި ރައްޔިތުންނަށް އިހުލާސްތެރިވުމެވެ. އެމީހުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކޮށް ޒަމާނީ ޑިމޮކްރަސީގެ މީރު ރަހަ ރައްޔިތުންނަށް ހޯދައިދިނުމެވެ. ރައްޔިތުންގެ ނަމުގައި ވަކާލާތު ކުރުމެވެ. ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދިނުމެވެ. ރައްޔިތުންނަށް އިންސާފު ހޯދައިދިނުމެވެ. ނަމަވެސް ކަންވަނީ އެހެންތޯއެވެ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފެންނަނީ ވޯޓު ދީގެން އެމީހުން ހޮވި ރައްޔިތުންގެ މަތިން ހަނދާން ނެތި ޕާޓީ ބަދަލު ކުރުމުގައި އަވަދިނެތި އުޅޭތަނެވެ. ރިޝްވަތާއި ހިޔާނާތުގައި ފޯވެ ކަޅިވެފައިވާ ތަނެވެ. ރައްޔިތުންގެ ފައިދާއަށް ވުރެ ތިމާ އާއި ތިމާގެ ޕާޓީއަށް ބޮނޑި ބަނދެވޭގޮތަށް މަސައްކަތް ކުރާތަނެވެ.

ފަނޑިޔާރުގެއާ ބެހޭ އެތައް ޝަކުވާއެއް ހުރިއިރު، އަދި ފަނޑިޔާރުގޭގެ ފަރާތުން ބޭނުންވާ އަސާސީ އެތައް ކަމެއް ހުރިއިރު އެދާއިރާ ހަމަމަގަށް އެޅުވުމަށްޓަކައި ގާނޫނުއަސާސީން ހަދާފަ އޮތް ކޮމިޝަނަކީވެސް ބަޖެޓުން އެތައް ހަރަދެއް ކުރާ، ނަމަވެސް ނަތީޖާ ނުފެންނަ ކޮމިޝަނެކެވެ. މުސާރައާ އިނާޔަތްތައް ބޮޑު ނަމަވެސް، ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން އިވެމުންދާ އަޑުތަކާ ފަޅާއަރަމުންދާ ވީޑިޔޯތަކާއެކު ބްލެކްމެއިލް ކުރެވިފައި ތިބި ފަނޑިޔާރުންނަށް އިންސާފާއެކު ނިޔާ ކަނޑައެޅޭނެ ތޯއެވެ؟ މިނިވަން މުއައްސަސާ ތަކާ ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރެވޭ ތޯއެވެ. އެމީހުންގެ ދައުރަކީ ކަމެއް ހިނގުމުން ރިޕޯޓެއް ނެރުމާއި ނޫސްބަޔާނެއް ނެރުން އެކަނިތޯ އެވެ.

ކަންމިހެން ހުރިއިރު އާ ގާނޫނު އަސާސީއެއް ގެނެސް، ވެރިކަން ބައިބައިކޮށް، މަގާމުތައް އުފައްދާ، ބޮޑު މުސާރަ ދީ، ދައުލަތުގެ ހަރަދު ބޮޑުކޮށްގެން ގައުމު ބަނގުރޫޓް ވެގެންދާތަން ބަލަން ތިބެންވީ ހެއްޔެވެ؟ މިއީ ކޮންމެ މީހަކު ވެސް ވިސްނާލަން ޖެހޭނެ ސުވާލެކެވެ. ސަބަބަކީ އެމީހުންނަށް މުސާރަ ދެނީ އަހަރެމެންގެ ޖީބުން ދައްކަމުން މިދާ ޓެކްސް އިން ކަމުގައި ވާތީ އެވެ. ގައުމަށް ބޭނުންވަނީ އިހުލާސްތެރި ހިދުމަތްތެރިން ތަކެކެވެ. އިހުލާސްތެރިކަމަކީ ބޮޑު މުސާރަ ދީގެން ހޯދޭނެ ކަމެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355