twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޯޓްފޮތް – ހޮނިހިރު ބާޒާރު ހިތްގައިމު ތަފާތު ބާޒާރަކަށް ހަދާނީ ކިހިނެއް؟

Aug 11, 2013

ނޯޓްފޮތް

ހޮނިހިރުދުވަހަކީ ކުޅުދުއްފުއްޓަށް ވިޔަފާރިކުރުމަށް އެންމެ ގިނަ މީހުން އަރާދުވަހެވެ. އެދުވަހުގެ އެންމެ ޚާއްސަކަމަކީ ބަންޑާރަމަގުގައި އޮންނަ، ދަނޑުވެރިންގެ ބާޒާރެވެ. އެއީ ގަނެވިއްކުމުގެ ބާޒާރެއްގެ އިތުރުން އުތުރުގެ ތިން އަތޮޅުގެ މީހުންނާއި ކުޅުދުއްފުށީ މީހުން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް އުޅޭ އިޖްތިމާއީ ޖަގަހައެކެވެ.

މި ދެންނެވި ބާޒާރު މިހާރަށްވުރެ، ނަފާވެރިންނަށް ފަސޭހަ، ކަސްޓަމަރުން ހިތްހަމަޖެހޭ ތަނަކަށް ބަދަލުކުރަންވެއްޖެ އެވެ. މިކަމަށް މާމޮޅު ޚިޔާލެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.

މިލިޔުމުގައި އެވަނީ ކެލިފޯނިޔާގެ ވޯލްނަޓް ކުރީކް ގެ މިފަދަ ބާޒާރެއްގެ ދެތިންގަނޑު ފޮޓޯއެވެ. އަހަރެން ހިތުން މި ފޮޓޯއިން އެ ފެންނަ ކަހަލަ ހިޔާތަކެއް ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ބެހެއްޓިދާނެ އެވެ. މި ހިޔާތައް ބެހެއްޓުން ރަށުކައުންސިލްގެ މުނިސިޕަލް މަސައްކަތެއްގެ ގޮތުގައި ކޮންމެ ހޮނިހިރުދުވަހެއްގައި ކުރެވިދާނެއެވެ. މިއީ މާ އަގުބޮޑު ހިޔާތަކެއްވެސް ނޫނެވެ. ފޮޓޯއިން އެ ފެންނަ ޒާތުގެ ހިޔާތަށް ހޯދަން އުނދަގޫކަމަށްވާނަމަ، ތައުލީމީ މަރުކަޒުގެ ދެކުނު ފަރާތު މަގު ހިޔާކޮށްފައިވާ ގޮތަށް ދަގަނޑުން އޮނިގަނޑެއްހަދައި، ހުދު ސަތަރިވެސް ދެމިދާނެއެވެ. އެއިރުން ވާރެޔާއި ގަދަ އަވިން މޭވާ އާއި ތަރުކާރީގެ އިތުރުން އެންމެން ސަލާމަތްވީ އެވެ.

ތިރީގައި މިވާ ފޮޓޯއިން އެފެންނަނީ ކެލިފޯނިޔާގެ ވޯލްނަޓް ކުރީކް ގެ ދަނޑުވެރިންގެ ބާޒާރުގައި ހުރި ހިޔަލެއްގެ ދަށުގައި ލަވަކިޔާ މަންޒަރެވެ. މިތާ ލަވަކިޔާ މީހުން، އެމީހުންގެ ހުނަރު މާކެޓްކުރުމުގެ އިތުރުން، ތަފާތު އުފެއްދުންތައްވެސް ވިއްކައެވެ. އެމީހުންގެ އުފެއްދުންތަކުގެ މޮޅުވާހަކަ ލަވައެއްގެ ސިފައިގައި ހުށަހަޅަ އެވެ.

މި ފޮޓޯ ފެނުމުން ހަނދާނަށް އަންނަނީ ރޯދަމަހު މަސްވެރިންގެ އުތުރު މައިޒާނުގައި ސައިފުރަސްގެފާނު ވާހަކަ ކިޔަން ތިބޭ މީހުންގެ މަތިންނެވެ. އަދި ކޮންމެ ހޮނިހިރުދުވަހެއްގައި، ބާޒާރުގައި ބެރުވިއްކަން އިންނަ މީހާގެ މަތިންނެވެ. ސައިފުރަސްގެފާނު ވާހަކަ ކިޔަމުންދާއިރު ހަމައެކަނި އަޑުއަހަނީކީ ނޫނެވެ. އެމީހުންނަށް ފެންނަ އެއްޗެއް ބުނެ، ފާޑުކިޔާ ހަދައެވެ.

އަހަރެން ހިތުން ފޮޓޯއިން އެފެންނަ ޒާތުގެ ފަންނުވެރިންގެ ހިޔަލެއް، ވާހަކަ ކިޔުމާއި، ޅެމާއި ރައިވަރު ހުށަހެޅުމާއި، ބެރުޖެހުންފަދަ، ލަވަކިޔުންފަދަ ފަންނުތައް ހުށަހެޅުމަށް ބެހެއްޓިދާނެއެވެ. އަދި މިކަމުގެ ތެރެއިން އެމީހުންނަށް ކޮންމެވެސް އެއްޗެއް ވިއްކިދާނެއެވެ. މިސާލަކަށް މޭވާ ވިއްކާ މީހަކު މި ހިޔަލަށް އައިސް އޭނާގެ މޭވާތަކުގެ ތާޒާކަމުގެ ވާހަކަ ގޮވާލާ، ފަރިއްސެއް ހުށަހަޅާލަނިކޮށް އޭނާގެ މޭވާތަކަށް އެހެން މީހުން ގެ މޭވާތަކަށް ނުލިބޭ ސަމާލުކަމެއް ލިބިދާނެއެވެ. ހަމަ އެގޮތަށް ބެރުވިއްކާ މީހާ އަށް އޭނާގެ ބެރުޖެހުމުގެ ހުނަރު ދައްކާލެވިދާނެ އެވެ. ހޮނިހިރުދުވަހެއްގައި، މިކަހަލަ ހިޔަލެއްގެ ދަށުގައި، ކުޅުދުއްފުށީ ޑީއެލްޑީ ބޭންޑްގެ ލަވަ ހުށަހެޅުން ވަރަށް ފައްކާވާނެކަމަށް ފެނެއެވެ.

ކުޅުދުއްފުއްޓަކީ ހަމައެކަނި ވިޔަފާރި ރަށަކަށް ހެދުމުގެ ބަދަލުގައި އެއީ ފަންނުވެރި، ފަންނަށް ލޯބިކުރާ ސަގާފީ މަރުކަޒަކަށް ބަދަލުކުރުން މުހިންމެވެ. މިކަން އެންމެ ފަސޭހައިން ކުރެވޭނީ ވިޔަފާރިއާއި ފަންނާއި ގުޅުވާލުމުންނެވެ. ފަންނުވެރިކަމާއި ކުރިއޭޓިވް ޚިޔާލުއެއީ ތަހުޒީބު މުޖުތަމައުގެ ސިފައެކެވެ. އެއްބަޔަކު ބާޒާރުކުރަމުން ދާއިރު އަނެއްބަޔަކު ފަންނީ ލުއި ހުށަހެޅުންތައް ހުށަހަޅަމުން ދާއިރު މުޅި މާހައުލު އޮންނާނީ އުފާވެރި ޢީދެއްގެ ސިފަޔަށް ބަދަލުވެފައެވެ. މީގެ ސަބަބުން ގަނެވިއްކުން އިތުރުވުމުގެ އިތުރުން އިޖްތިމާޢީ ގުޅުމަށް ރަނގަޅު އަސަރެއްކުރާނެ އެވެ. ފޫހިފިލާ މަޖާދުވަހަކަށް ކޮންމެ ހޮނިހިރުދުވަހެއް ބަދަލުވާނެ އެވެ. ބައެއް ހޮނިހިރުގައި ދިރާގު، ވަތަނިއްޔާ ފަދަ ކުންފުނިތަކުގެ ޕޮރޮޑަކްޓްތަކުގެ ޕޮރޮމޯޝަންތައް ހިންގުމަށް ފަންނުވެރިންގެ ހިޔާ ދޫކުރެވިދާނެ އެވެ.

ބޭނުންވަނީ ކުޑަ ހިތްވަރަކާއެކު ހޮނިހިރު ބާޒާރު މިހާރަށްވުރެ ތަފާތުކޮށްލުމެވެ. ހޮނިހިރު ދުވަސް އެއީ އެދުވަހަކަށް އެންމެން އިންތިޒާރުކުރާ، އަދި ފިހާރަތަކަށް މިހާރަށްވުރެ ބާރުބޮޑުކޮށްލާ ވަތްގަނޑަށް ގިނަ ނޫޓު ވަންނަ ދުވަހަކަށް ހެދުމަށް ހޮނިހިރު ބާޒާރު ‘އަޕްގުރޭޑް’ ކޮށްލަން އެބަޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355