twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮންމެ ރައްޔިތަކީ ސިޔާސީ މީހަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް ގައުމާމެދު ވިސްނަން ޖެހޭނެ އެވެ.

Sep 1, 2013

ހަތަރު ރަހުމަތްތެރިން އެއް މޭޒެއްގެ ދޮށުގައި އިށީނދެވުނު ދުވަހެކެވެ. ދުވަސްވަރުގެ ގޮތުން މައުލޫއަކަށް ވީ ގައިދަށްވަމުން އަންނަ ރިޔާސީ އިންތިހާބެވެ. އެކިމީހުންގެ ހުރީ އެކި ސިޔާސީ ވިސްނުމެވެ. އެހެންކަމުން ވަކި މީހަކަށް ވޯޓު ލާންވީ ކީއްވެ ކަމާއި ވޯޓު ނުލާންވީ ކީއްވެ ކަމުގެ ބަހުސް ކުރެވެމުން ދިޔަ އެވެ. ވާހަކައިގެ ތެރެއިން އެންމެ އަޅައިގަތީ އެތަނުން އެކަކު އިނދެ ދެއްކި ވާހަކަ އެކެވެ.

“ކޮންމެ މީހަކީ ޕޮލިޓީޝަނަކަށް ވާހަކަށް ނުޖެހޭ. ރާއްޖޭގެ ބައެއް މީހުންގެ މައްސަލައަކީ ކޮންމެ މީހަކަށް ވެސް ސިޔާސަތާއި އިގުތިސޯދާ އެއްޗެހި މާ އެނގިގެން އުޅޭތީ. އަހަރެމެން ނުޖެހޭ ކޮންމެހެން އިގުތިސޯދަށް ވިސްނާކަށް. އެކަމާ ވިސްނަން ތިބޭނެ ސަރުކާރުގަ އަދި މަޖިލީހުން މީހުން. އެމީހުން އެކަމާ ވިސްނާނެ. އަހަރެންނަށް މުހިއްމީ ހިލޭ ބޭސްފަރުވާ ލިބުން. ތަރައްގީ ލިބުން. ބަޖެޓް ޑެފިސިޓް ވެދާނެތީ، ގައުމު ދަރަނިވެރި ވާތީ އަހަރެމެން ނުޖެހޭ ވިސްނާކަށް.” ރަހުމަތްތެރިޔާ އޭނާގެ ހިޔާލު ފާޅުކުރި އެވެ.

މިއީ ހަމައެކަނި އޭނާގެ ވިސްނުމެއް ނޫނެވެ. މިފަދައިން ވިސްނާ އެތައްބަޔަކު ރައްޔިތުންގެ ތެރޭގައި ތިބޭނެ އެވެ. އޭނާ ދެއްކި ވާހަކައިގައި ގަބޫލު ކުރެވޭ ކަންތަކާއި ގަބޫލު ނުކުރެވޭ ކަންތައްތައް އެބަހުއްޓެވެ.

އޭނާގެ ވާހަކައިގައި ސިޔާސީ މީހަކަށް ވުމޭ ބުނެވިފައި އެވާ ބަހުގެ މާނައަށް ބަލާއިރު، އޭނާ ބުނެފައި އެވަނީ އެއީ ކޮންމެ މީހަކުވެސް ގައުމުގެ ކަންތައްތަކާމެދު ނުވަތަ އިގްތިސޯދާ މެދު ވިސްނުމެވެ. އަދި އެކަންކަމާމެދު ބަސްބުނުމެވެ. ކޮންމެ މީހަކު އެހެން އުޅެން ނުޖެހޭ ވާހަކަ އެވެ. ނަމަވެސް މިއީ މުޅިއަކުން އެއްބަސްވެވެން އޮތް ވާހަކައެއް ނޫނެވެ.

ތެދެކެވެ. ރައްޔިތުންނަށް އެންމެ މުހިއްމީ ޚިދުމަތްތައް ލިބުމެވެ. ފަސޭހައިން ބޯހިޔާވަހިކަމާއި އަތްފޯރާފަށުގައި ތަކެތީގެ އަގުތައް ހުރުމާއި ހިލޭ ބޭސްފަރުވާ ލިބުމެވެ. މިފަދަ ހިދުމަތްތަކެއް ލިބޭނަމަ ރައްޔިތުން ތިބޭނީ ވެސް ވަރަށް ހިތްހަމަޖެހި އުފަލުންނެވެ. ނަމަވެސް ގައުމުގެ ރައްޔިތުންނަށް އެހިދުމަތްތައް ލިބިގެންދާއިރު، ޖުމްލަ ގޮތެއްގައި ގައުމުގެ ހާލަތައް ކޮންމެ މީހަކު ވެސް ވިސްނަން ޖެހޭނެ އެވެ. އެހިދުމަތްތައް މިއަދު ފަސޭހައިން ލިބިގެންދަނީ ކިހިނެތްތޯ ވިސްނަން ޖެހޭނެ އެވެ. ދައުލަތުގެ ހަރަދުތައް ހުރީ ކިހިނެތްތޯ ވިސްނަންޖެހޭނެ އެވެ. ދައުލަތް ދަރަނިވެރި ވެފައިވަނީ ކިހާވަރަށްތޯ ވިސްނަން ޖެހޭނެ އެވެ. އެހެންނޫންނަމަ އެއީ ރައްޔިތުންނަށް ލިބޭ ވަގުތީ އުފަލަކަށް ނޫނީ ނުވާނެ އެވެ.

ގައުމެއްގެ އިގުތިސޯދު ފުނޑިގެން ދިއުމުން އޭގެ އަސަރު ކުރާނީ ހަމައެކަނި ސަރުކާރަކަށް ނޫނެވެ. އެންމެ އާދައިގެ މީހާއަށް ވެސް އޭގެ އަސަރު ކުރާނެ އެވެ. އެއީ ދައުލަތަށް ލިބޭ އާމްދަނީއާ ރައްޔިތުންނާ ގުޅިފައި ވާތީ އެވެ. އަދި ރައްޔިތުންނަށް ލިބޭ އާމްދަނީއާ ދައުލަތް ގުޅިފައި ވާތީ އެވެ.

ކުޑަ މިސާލަކަށް ބަލާލަމާތޯ އެވެ. މިސާލަކަށް 2014 ވަނަ އަހަރު ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ލިބުނީ އެވެ. އަދި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ވެސް ލިބުނީ އެވެ. ރަށްރަށުގެ ބަނދަރުތަކާއި ނަރުދަމާ ވެސް ހަދާ ނިންމާލީ އެވެ. ބްރިޖްތައް ވެސް އަޅީ އެވެ. ލެޕްޓޮޕް ވެސް ބެހީއެވެ. މުސާރަތައް ވެސް ބޮޑު ކުރީ އެވެ. މި ހުރިހާ ހަރަދެއް ދައުލަތުން ކުރީ ލިބުނު އާމްދަނީގެ އިތުރުން ބޭރު ގައުމުތަކުން ލޯނު ނަގައިގެންނެވެ. (ޕީޕީޕީގެ ދަށުން ވެސް ޕްރޮޖެކްޓްތައް ހިންގިދާނެއެވެ. ނަމަވެސް މި މިސާލުގައި އެބައެއް ނުހިމަނަމެވެ.) އެހެންކަމުން ދައުލަތުގެ ދަރަނި އޭރުން އޮންނާނީ ގައުމުގެ އުފެއްދުން ތެރިކަމުގެ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް އަރާފަ އެވެ. ދެން އޮތީ ލޯނުތައް ދެއްކުމެވެ. ދަރަނި އިތުރުވި ވަރަށް އުފެއްދުން ތެރިކަން އިތުރު ނުވުމުގެ ސަބަބުން ލޯނު ދައްކާނެ ލާރި ވެސް އޮންނާނީ ނެތިފައެވެ. ދައުލަތުގެ ދަރަނި ބޮޑު ވުމުން އިތުރަށް ލޯނު ދޭނެ ގައުމެއް ވެސް ދެން އޮންނާނީ ނުވެފައެވެ.

ނަތީޖާއަކަށް ވެގެންދަނީ ގައުމުގެ އިގުތިސޯދު ފަހަތަށް ޖެހެން ފެށުމެވެ. ސަރުކާރަށް ހަރަދު ކުޑަކުރަން މަޖުބޫރު ވާނެ އެވެ. ސަރުކާރުން އިއުލާން ކުރާ ޕްރޮޖެކްޓްތަކާއި އެސްޓިމޭޓް އުސޫލުން ހަވާލު ކުރާ މަސައްކަތްތައް މަދުކުރާނެ އެވެ. އެކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ އަޑިއަޅައިގެން ދާނެ އެވެ. ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް ހާލުގައި ޖެހުމުން މުވައްޒަފުންތަކަށް ވަޒީފާ ގެއްލޭނެ އެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފުން ވެސް ވަޒީފާ އިން ވަކިވާން ޖެހިދާނެ އެވެ.

ވަޒީފާ ނެތް މީހުން ގިނަ ވުމުން އެމީހުން ހަރަދު ކުރާލެއްވެސް މަދުވާނެ އެވެ. އެހެންކަމުން ސަރުކާރަށް ވަންނަ ޖީއެސްޓީ ވެސް މަދުވެގެން ދާނެ އެވެ. ދައުލަތް އަނެއްކާވެސް އިތުރަށް ނިކަމެތި ވީއެވެ. ރައްޔިތު މީހާ ވެސް ނިކަމެތި ވީއެވެ.

މިދެންނެވުނީ ގައުމެއްގެ އާމްދަނީ އިތުރު ނުވާވަރަށް ނުވަތަ އުފެއްދުންތެރިކަމާ ނުބައްދަލު ވާވަރަށް ހަރަދުތައް މައްޗަށް އެރުމާއި ބަޖެޓް ޑިފިސިޓް ވުމުން ވެދާނެ ކަންތަކެވެ. މިސާލަށް ނަގަނީ ނަމަ ދާދިފަހުން ގްރީސް އަށް ވީގޮތާމެދު ވިސްނާލާށެވެ.

މި ދަންނަވާލީ ގައުމެއްގެ އިގުތިސޯދުގެ ކުޑަކުޑަ ބައެކެވެ. އެއީ ބަޖެޓް ޑިފިސިޓް ބޮޑު ވެގެން ގޮސް ވެދާނެ ގޮތެއްގެ ވާހަކަ އެވެ. އަދި އެހެން ކަންތައްތައް ކޮބައިތޯ އެވެ. އެހެންކަމުން ރައްޔިތުންގެ ކޮންމެ މީހަކީ ވެސް ސިޔާސީ މީހުން ދައްކާ ހުވަފެންތަކާމެދު ވިސްނަން ޖެހޭ މީހެކެވެ. އެއީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް ގުޅިފައިވަނީ ރައްޔިތުންނާ ކަމަށް ވީތީ އެވެ. ހަރަދުތަކެއް ކޮށް ރައްޔިތުންނަށް ހިދުމަތްތަކެއް ދޭއިރު، ދައުލަތުގެ އާމްދަނީ އިތުރު ކުރެވެނީ ކިހާވަރަކަށްތޯ ވިސްނާލުން އެއީ މުހިއްމު ކަމެކެވެ.

ތެދެކެވެ. ކޮންމެ މީހަކީ ސިޔާސީ މީހަކަށް ވާކަށް ނުޖެހެ އެވެ. ކޮންމެ މީހަކު ސިޔާސީ ޕާޓީއަކަށް ވަންނާކަށް ވެސް ނުޖެހެއެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކާއި މުޒާހަރާ ތަކުގައި ބައިވެރިވާކަށް ވެސް ނުޖެހެ އެވެ. ނަމަވެސް ކޮންމެ މީހަކީ ވެސް ގައުމާމެދު އަދި ގައުމު ހިންގަން އަހަރެމެން ހަވާލު ކުރާ ބަޔަކު ކުރާ ކަންތައްތަކާމެދު ވިސްނާ ފިކުރު ކުރަން ޖެހޭނެ މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355