twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިންތިހާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށީގެ ސިޔާސީ ކުލަތައް ބެހިފައިވަނީ ކޮން ގޮތަކަށް

Sep 10, 2013

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާތައް އާންމުކުރިއިރު، ދެވަނަ ބުރަކަށް ގޮސްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓާއި ޕީޕީއެމްގެ ކެނޑިޑޭޓެވެ. އެމްޑީޕީން މުހައްމަދު ނަޝީދު 45 އިންސައްތަ ވޯޓު ހޯދިއިރު ޔާމީނަށް ލިބިފައިވަނީ 25 އިންސައްތަ ވޯޓެވެ. ދެވަނަ ބުރަކަށް ދާއިރު މިހާރު އެންމެ ގިނަ މީހުން ކުރާ ސުވާލަކީ ދެވަނަ ބުރުގައި ނަތީޖާ ނުކުންނާނެ ގޮތަކާމެދު ކުރެވޭ ސުވާލުތަކެވެ. މިދެންނެވި ސުވާލުތަކަށް ޖަވާބު ދޭއިރު އިންތިހާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށީގައި ސިޔާސީ ކުލަތައް ބެހިފައިވާ ގޮތް ބަލާލުމަކީ މުހިއްމު ކަމެކެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓު ލުމަށް ކުޅުދުއްފުށީގެ 539 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު އޭގެތެރެއިން 499 މީހުން ވޯޓުގައި ބައިވެރިވެފައި ވެއެވެ. މާލޭގައި ކުޅުދުއްފުށީ މީހުންނަށް ހާއްސަކޮށްގެން ބެހެއްޓި ދެ ފޮށީގެ ޖުމްލަ ނަތީޖާ އާއި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރައްޔިތުންނަށް ބަހައްޓާފައިވާ 8 ފޮށީގެ ޖުމްލަ ނަތީޖާތަކަށް ބަލާއިރު ގާސިމަށް ޖުމްލަ ލިބިފައިވަނީ 1302 ވޯޓެވެ. އެއީ 27 އިންސައްތަ ވޯޓެވެ. ވަހީދަށް ލިބިފައިވަނީ 307 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 6 އިންސައްތަ އެވެ.

ދެވަނަ ބުރަށް ދަތުރުކުރި ޔާމީނަށް ލިބިފައިވަނީ 1147 ވޯޓެވެ. އެއީ 27 އިންސައްތަ ވޯޓެވެ. އަދި ނަޝީދަށް ލިބިފައިވަނީ 2083 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 43 އިންސައްތައެވެ.

ފުރަތަމަ ބުރުގެ ނަތީޖާ ދައްކާގޮތުން ކުޅުދުއްފުށީ ރައްޔިތުންގެ ގިނަ ބަޔަކު އެއް ކެނޑިޑޭޓަކަށް ވޯޓު ދީފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދަށެވެ. ދެވަނަ ލިބިފައިވަނީ ގާސިމް އިބްރާހީމަށެވެ. އަދި ތިންވަނަ ލިބިފައިވަނީ ޔާމީނަށެވެ.

ކުޅުދުއްފުއްޓަކީ އާބާދީގެ ގޮތުން ރާއްޖޭގެ އެންމެ ކުރީގައި އުޅޭ އެއް ރަށަށް ވާތީ ރިޔާސީ ކެނޑިޑޭޓުން މިދެންނެވި ނަތީޖާތަކަށް ވަރަށް ބޮޑަށް ބަލާނެއެވެ. ދެވަނަ ބުރުގައި ޕީޕީއެމްގެ ކެނޑިޑޭޓް ޔާމީނާއެކު ކޯލިޝަން ހެދުމަށް ޖުމުހޫރީޕާޓީއާއި ރައީސް ވަހީދު ނިންމަވައިފިނަމަ ކުޅުދުއްފުށީގެ ނަތީޖާ ބަދަލުވެގެން ހިނގައިދާނެ ގޮތަކާމެދު ތަޞައްވަރެއް ކޮށްލަންޖެހެވެ. ފުރަތަމަ ބުރުގައި ގާސިމް، ޔާމީން އަދި ވަހީދަށް ވޯޓު ދިން މީހުންގެ ޖުމްލައަކީ 2756 އެވެ. އެއީ ކުޅުދުއްފުށިން ރައީސް ނަޝީދަށް ލިބުނު ވޯޓަށްވުރެ 673 ވޯޓު އިތުރުވުމެކެވެ. އެހެންނަމަވެސް ޕާޓީތަކުން ކޯލިޝަންތައް ހެދި ކަމުގައި ވީނަމަވެސް ފުރަތަމަ ބުރުން ސީދާ ލިބުނު އަދަދަށް ދެވަނަ ބުރުގައި ވޯޓު ނުލިބިދާނެ އެވެ. ނުވަތަ އެއަށްވުރެ އިތުރަށް ވެސް ވޯޓު ލިބިދާނެ އެވެ. ހަމަ އެއާއެކު ފާހަގަ ކޮށްލަންޖެހޭ އަނެއް ނުކުތާއަކީ ގާސިމްއާ ޑރ. ވަހީދަށް ވޯޓު ދިން ހުރިހާ މީހުން ޔާމީނަށް ތާއީދުކުރާނެ ކަމަކަށް މިހާރު ފެންނަ މަންޒަރުތަކުން ގަބޫލުކުރަން ދަތިކަމެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައިވަނިކޮށް ޕީޕީއެމްގެ އުމަރު ނަސީރަށް ތާއީދުކުރާ ގިނަ ބަޔަކު ޖުމުހޫރީ ޕާޓީއާ ގުޅުނު އިރު އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ޕީޕީއެމްގެ ކެނޑިޑޭޓަށް ވުރެ ގާސިމްގެ ވޯޓު ކުޅުދުއްފުށީގައި ގިނަ އެވެ. އަދި ބައެއް ސިޔާސީ ފަރާތްތަކުން ގަބޫލުކުރި ވަރުގެ ސަޕޯޓެއް އެމްޑީޕީގެ ކެނޑިޑޭޓް ނަޝީދަކަށް ވެސް ކުޅުދުއްފުށިން ހޯދިފައެއް ނުވެއެވެ. ކުޅުދުއްފުށިން ނަޝީދަށް ސާފު މެޖޯރިޓީއެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރުގެ ކެމްޕެއިން ފެށިގެންދާއިރު ނަތީޖާ ބަދަލުވެގެންދާނެ ގޮތެއް އަދި ނޭގެއެވެ. ފުރަތަމަ ބުރުން އެނގިގެން ދިޔައީ ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން އެއްވެސް ކެނޑިޑޭޓަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބޭ ކަމެވެ. ދެވަނަ ބުރުގެ ކެމްޕޭން ފަށައިގެން ކުރިއަށްދާއިރު ފުރަތަމަ ބުރަށްވުރެ ފޯރިގަދަ ކެމްޕެއިނެއް ފެނިގެންދާނެ ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355