twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ބިންގާ އެޅުނު ދެ ޕްރީ ސްކޫލުގެ އަމަލީ މަސައްކަތް 4 މަސް ވެގެން ދިޔައިރު ވެސް ނުފެށި

Sep 14, 2013

ކުޅުދުއްފުށީގައި ދެ ޕުރީ ސްކޫލް އިމާރާތް ކުރުމަށް މީގެ ހަތަރު މަސް ކުރިން، އެޑިއުކޭޝަން މިނިސްޓަރ ޑރ.އާސިމް އަހުމަދު ވަނީ ބިންގާ އަޅުއްވައި ދެއްވާފައެވެ. އެހެންނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް މިއަދާއި ހަމައަށްވެސް ވަނީ ފެށޭގޮތް ނުވެފައެވެ.

މިއަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު ކުޅުދުއްފުށީގައި ބިންގާ އެޅުނު މި ދެ ސްކޫލަކީ ކުޅުދުއްފުށީގައި މިހާރު ހުރި 2 ޕްރީ ސްކޫލް ކަމަށްވާ އިރުމަތި އަވަށު ޕްރީ ސްކޫލާއި އަމީރު އަމީން ސްކޫލުގައި ޖާގައިގެ ދަތިކަމުގެ ސަބަބުން އަޅަން ނިންމި ދެ ސްކޫލެވެ.

މި ދެ ސްކޫލްގެ މަސައްކަތް ގޮސްފައިވާ ހިސާބަކާ ބެހޭގޮތުން ރަށު ކައުންސިލްގެ ބަހެއް ހޯދުމަށް ރަށު ކައުންސިލާ ގުޅާލުމުން އެފަރާތުން ބުނީ މި ޕުރޮޖެކްޓަކީ އަތޮޅު ކައުންސިލާ ހަވާލު ކުރެވިފައިވާ މަސައްކަތެއް ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ މި ޕުރޮޖެކްޓްގެ ބަޖެޓް ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލަށް ކަމަށެވެ. އަދި ރަށު ކައުންސިލްގެ މަސައްކަތަކީ ޕުރީ ސްކޫލް އިމާރާތް ކުރާނެ ބިމެއް ދެއްކުން ކަމަށާއި އެކަން އެބޭފުޅުން ކުރައްވާފައިވާ ކަމަށްވެސް ރަމީޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް އަތޮޅު ކައުންސިލުގެ ވާހަކަ ހުރީ މިއާ މުޅިން ތަފާތު ގޮތަކަށެވެ. އަތޮޅު ކައުންސިލުން ބުނީ ރަށު ކައުންސިލްގެ އެވާހަކަ ތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ދައްކާފައިވާ ވާހަކައެއް ކަމަށާއި އެބޭފުޅުން ހުރިހާ ކަމެއް ވެސް ވަރަށް ފިނި ގޮތަކަށް ނިންމާލާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އަތޮޅު ކައުންސިލްގެ ނައީބް ރައީސް ނަސްރުﷲ އިސްމާއިލް ވިދާޅުވީ އަތޮޅު ކައުންސިލުގެ ދައުރަކީ ބިޑް ހުށަހެޅުމުގެ ކަންކަން ބެލެހެއްޓުމާއި ކޮންޓްރެކްޓަރ އެއް ހޯދުމުގެ މަސައްކަތް ކުރުން ކަމުގައެވެ. ނަމަވެސް އެކަން އެބޭފުޅުންނަށް ކުރެވެން އަންނަނީ ރަށު ކައުންސިލުން ބިމެއް ދެއްކުމުން ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އަދި ކައުންސިލުން ބިމަކަށް ދައްކާފައިވަނީ ކުޑަކުދިންގެ ޕާކެއް ކަމަށާއި އިތުރު ބިމެއް އެބޭފުޅުންނަށް ދައްކާފައި ނުވާ ކަމަށެވެ.

ޕްރީސްކޫލު ޖާގައަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އިރުމަތި އަވަށު ޕްރީ ސްކޫލުގައި އިމާރާތް ކުރަމުންދާ ކުލާސްބަރީގެ މަސައްކަތް ނިންމާލެވިފައި ނުވާއިރު އެ ކްލާސްތަކުގެ ބޭނުން ހިފަން ފެށޭނެ ދުވަހެއް އަދި ނޭގެއެވެ.

މިހާރު ހުރި ދެ ޕްރީ ސްކޫލުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، އަހަރުން އަހަރަށް ސްކޫލަށް ވަންނަ ކުދިން އިތުރު ވަމުން އަންނައިރު ޖާގައިގެ މައްސަލައިގެ ސަބަބުން ބެލެނިވެރިން ވަނީ ކަންބޮޑުވެ ފައެވެ.

މިކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355