twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގެސްޓްހައުސްގެ ވިޔަފާރި: ރައްޔިތު މީހާގެ ޖީބަށް ޑޮލަރު

Sep 17, 2013

ޢަލީ ހާޝިމް ދީދީ

މި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކިއެކި ޕާޓީތަކުންނާއި ކެންޑިޑޭޓުން ހުށަހެޅި މެނިފެސްޓޯތަކަށް ބަލާއިރު، އެންމެ ރަނގަޅު އިޤްތިޞާދީ ސިޔާސަތެއް ކަމުގައި ގިނަ ބައެއްގެ ތެރޭގައި އެންމެ މަޤްބޫލުވެގެން ދިޔަ ސިޔާސަތަކީ އެމްޑީޕީން ހުށަހެޅި ގެސްޓްހައުސްގެ ވިޔަފާރި އެވެ. މިއީ، އެތައް ޒަމާނެއް ވަންދެން މާ މުޤައްދަސް އެއްޗެއްގެ ގޮތުގައި ބެލެވި، ރާއްޖޭގެ މަދު މަހުޖަނުންތަކެއް ކޮންޓްރޯލްކުރަމުން އައި ޓޫރިޒަމްގެ ނަފާ ސީދާ ރައްޔިތު މީހާއަށް ކުރާނެ ވިޔަފާރިއެއް ކަމަށް އިޤްތިޞާދީ މާހިރުން ވެސް އެއްބަސްވެ އެވެ.

ގެސްޓްހައުސްއަކީ އޭގެ ސީދާ އަދި ނުސީދާ މަންފާ ވެސް ބޮޑު، ރަށު ފެންވަރުގައި ބޮޑު ތަރައްޤީއަކަށް މަގު ކޮށައިދޭނެ ހަރުދަނާ ވިޔަފާރިއެކެވެ. ގެސްޓްހައުސްއަކީ ތިމާގެ ގެއެވެ. މި ވިޔަފާރިއަށް ފަށައިގަތުމަށްޓަކާ ކުރަން ޖެހޭހައި ވެސް ކަމަކީ، ތިމާގެ ގޭގެ ކޮޓަރިތައް ރަނގަޅުކޮށްލައި، ޓޫރިސްޓުންނަށް މެހެމާންދާރީ އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސާލުމެވެ. ގޭތެރޭގައި ހުންނަ ބޭނުން ނުކުރާ ތަކެތި އުކާލާ، ގެ ސާފުކޮށް، އާބާތުރަ ފިލުވައިލުމެވެ. މި ވިޔަފާރި އިތުރަށް ފުރިހަމަކުރުމަށްޓަކާ، ކޮޓަރިއަށް އެއަރކޯނާއި، ޓީވީއާއި، ކުދި އައިސްއަލަމާރިއާއި، މި ނޫން ވެސް މިޒާތުގެ އެއްޗެހިލައި ފަޅުފިލުވައިދެވިދާނެއެވެ. އަދި، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގައި ގެސްޓްހައުސްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކާ ފުރިހަމަކުރާން ޖެހޭ ކަންކަން ފުރިހަމަކޮށް، ރަޖިސްޓްރީކުރުމުން އެހެރީ ގެސްޓްހައުސް ހުޅުވިފައެވެ.

ގެސްޓްހައުސް އިން ސީދާ ލިބޭ ނަފާ

ގެސްޓްހައުސްގެ ވިޔަފާރިވެރިޔާއަށް ކިތަންމެ ގޮތަކުން ސީދާ ނަފާ ލިބޭނެއެވެ. ކޮޓަރީގެ ކުލި އެއީ، އޭގެ އެންމެ ފުރަތަމަ ނަފާއެވެ. މި ކުލި ނަގަނީ ޑޮލަރުން ކަމަށްވާތީ، ވިޔަފާރިވެރިޔާގެ ޖީބަށް ޑޮލަރުވަނީއެވެ. ރާއްޖޭގައި އެންމެ ތަދު އެކައްޗަކީ ހަމަ ޔަޤީނުން ވެސް ޑޮލަރެވެ. ހައްޖަށް ދާ މީހުންނާއި، އެކި ކަންކަމުގައި ރާއްޖެއިން ބޭރަށް ދާ މީހުންނާއި، މުދާ އިމްޕޯޓްކުރަން ބޭނުންވާ ވިޔަފާރިވެރިން ޑޮލަރު ހޯދަން އެކަކު ގާތުން އަނެކަކު ގާތުން ސަލާން ޖަހަމުން ހިނގާ ހިނގުން މީގެ ސަބަބުން މަދުވާނެއެވެ. އާދައިގެ 500 އެއްހާ މީހުން އުޅޭ ރަށެއްގައި، މީގެ ހައެއްކަ ގެސްޓްހައުސް ހުރުމުން، އެ ރަށުގައި ހަމަގައިމު ވެސް ޑޮލަރު ހުންނާނެއެވެ.

ގެސްޓްހައުސްގެ ސީދާ ފައިދާގެ ތެރޭގައި، ގެސްޓުންނަށް ކެއިންބުއިމުގެ ޚިދުމަތްދީގެން ލިބޭ އާމްދަނީ ހިމެނެއެވެ. އަދި ސްވިނިއަރގެ ގޮތުގައި ހިމެނޭ، ކުދި ދޯންޏާއި، މަލާފަތާއި، ލިޔެލާ ޖެހި ގުޅިއާއި، ދިވެހި ފޭއްޔާއި ބޮއްޔާއި، މި ނޫން ވެސް މިކަހަލަ ކިތަންމެ އެއްޗެއް ގެސްޓުންނަށް ވިއްކޭނެއެވެ. މިއީ ގެސްޓްހައުސްގެ ތެރޭގައި ވެސް އިތުރަށް ކުރެވިދާނެ ސައިޑް ނުވަތަ ހަވާސާ ވިޔަފާރިއެވެ. މީގެ އިތުރުން، ގެސްޓުންގެ އަންނައުނު ދޮވެދިނުމާއި، އިސްތިރިކުރުމާއި، އެމީހުން ގޮވައިގެން މަހަށް ދިޔުމާއި، މަސްފިހުމާއި މި ފަދަ އެތައް ހަރަކާތްތަކެއް އިންތިޒާމުކޮށްގެން ވެސް ގެސްޓްހައުސްގެ ވެރިންނަށް އިތުރު އާމްދަނީ ނެރެވިދާނެއެވެ.

ގެސްޓްހައުސް އިން ލިބޭ ނުސީދާ ނަފާ

ގެސްޓްހައުސްއެއް ހިންގާނަމަ، ގެސްޓުހައުސްގައި ވަޒީފާ އަދާކުރާނެ މީހުން ބޭނުންވާނެއެވެ. އާދައިގެ 4 ނޫނީ 5 ކޮޓަރީގެ ގެސްޓްހައުސްއެއްގައި ނަމަ، މަދުވެގެން 5 ނޫނީ 6 ކުދިންގެ ވަޒީފާ އުފެދޭނެއެވެ. އޭގެ ތެރޭގައި، ރިސެޕްޝަނިސްޓުންގެ ވަޒީފާއާއި، ފޮޅާ ސާފުކުރުމުގެ ވަޒީފާއާއި، ހިސާބު ކިތާބު ބެލެހެއްޓުމުގެ ވަޒީފާއާއި، އަދި މި ނޫން ވެސް އެކިއެކި ކަންކަމަށް ވަޒީފާތައް އުފެދޭނެއެވެ. އޭގެ ސަބަބުން، ރަށުގައި ތިބޭ ކުދިންނަށް ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. މި ކަމުން، އެ ކުދިންގެ ޢާއިލާތަކަށް ވެސް ދިރުން އަންނާނެއެވެ.

މި ދެންނެވި ވަޒީފާގެ ފުރުޞަތުގެ އިތުރުން، މޭވާ، ތަރުކާރީ ހައްދާ މީހުންނާއި، ކުދި ދޯނި، ލޯންޗް ފަހަރު ގެންގުޅޭ މީހުންނާއި، މަސްވެރިންނާއި، ލިޔެލާ ޖަހައި، އަދި އެނޫން ވެސް އަތްތެރި މަސައްކަތްތަކާއި، ބޮޑުބެރު އަދި ބަނޑިޔާ ގްރޫޕްތަކާއި، ނަށައި މިއުޒިކް ކުޅޭ ކުދިންނާއި، ޖާދޫ، ޗަރުކޭސް ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގައިދޭ ގްރޫޕްތަކަށް ވެސް ދެމިހުންނަނިވި ގޮތެއްގައި ދާއިމީ އާމްދަނީއެއް ލިބެން ފަށާނެއެވެ. އެއީ، މި ކަންކަން އެއީ ޓޫރިސްޓުންގެ ހިތްހަމަޖައްސައިދިނުމަށްޓަކާ ކޮންމެހެން ކުރާން ޖެހޭ ކަންކަމަށް ވާތީއެވެ. އަދި ހަމައެހެންމެ، ރަށުގެ ފިހާރަތަކުގެ ވިޔަފާރި ރަނގަޅުވެ، ވިޔަފާރި އިތުރުވެގެންދާނެއެވެ. ކާބޯތަކެއްޗާއި، ހިފާގެންގުޅޭ ތަކެތި، އަދި ފަރުނީޗަރާއި، ގޭގެ މަރާމާތަށް ބޭނުންވާ ތަކެތީގެ ވިޔަފާރި އިތުރުވެގެންދާނެއެވެ. މިއީ ހަމަ ޔަޤީނުން ވެސް މުޅި ރަށުގެ ޢާންމު ދިރިއުޅުން ތަނަވަސްވެގެންދާނެ ކަމެކެވެ.

މި ހުރިހާ ކަމެއް އެކުވުމުން، އެމްޑީޕީން ލަފާކުރާ ގޮތުގައި، ކޮޓަރިއެއް ރެއަކު 80 ޑޮލަރުގެ ރޭޓުން ނުވަތަ ގާތްގަނޑަކަށް 1250 ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާނެއެވެ. އެހެންކަމަށްވާނަމަ، އެއީ ގެސްޓްހައުސްގެ ވެރިޔާއަށް ކޮންފަދަ ބޮޑު އާމްދަނީއެއްތޯއެވެ؟ އިސާހިތަކު، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، ތަނަވަސްކަމުގެ އަހުލުވެރިންނަށް ރައްޔިތުން ބަދަލުވާނެއެވެ. މި ވިޔަފާރިއަކީ، ދަތުރުފަތުރުކުރުމާއި، ކާބޯތަކެއްޗާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އަތްތެރި މަސައްކަތާއި، މުނިފޫހިފިލުވުމާއި، އަދި މި ނޫން ވެސް އެތައް ކަމަކާ ގުޅިފައިވާ ވިޔަފާރިއަކަށްވުމުން، މީގެ ސަބަބުން މުޅި ގައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ކުރާނެއެވެ. ގެސްޓްހައުސްތަކުން އަހަރަކު 306 މިލިޔަން ޑޮލަރު (4.7 ބިލިޔަން ރުފިޔާ) މުޅިން އަލަށް އަދި އިތުރަށް އާމްދަނީގެ ގޮތުގައި ރައްޔިތުންގެ އަތްމައްޗަށް އަރާ އެއިން ދައުލަތަށް 24 މިލިޔަން ޑޮލަރު (370 މިލިޔަން ރުފިޔާ) ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އެމްޑީޕީން އަންދާޒާކުރެއެވެ. އަދި، މުޅި ރާއްޖޭގައި އެންމެ މަދުވެގެން 10500 ވަޒީފާގެ ފުރުޞަތު އުފެދިގެން ދާނެ ކަމަށް ވެސް ލަފާކުރެވިފައިވެއެވެ.

މިހެން ކަމުން، އެމްޑީޕީގެ ސަރުކާރެއް ރާއްޖޭގެ ވެރިކަމާ ޙަވާލުވެއްޖެނަމަ، މި ސިޔާސަތު ހިންގާނެއެވެ. އަދި މިއީ ބަނގުރަލާއި، އޫރުމަހާ ނުލައި، ކާމިޔާބުކަމާއެކު ރާއްޖޭގައި ހިންގޭނެ ޓޫރިޒަމެއްކަން ސާބިތުކޮށްދޭނެއެވެ. މި ކަމުގެ އާޚިރު ނަތީޖާއަކަށްވާނީ، ޓޫރިޒަމްގެ ސިނާއަތު ކޮންޓްރޯލްކޮށްގެން ތިބި މަދު މަހުޖަނުންނަށް އޭގެ ކޮންޓްރޯލް ގެއްލި، ހުރިހާ ރައްޔިތުންނަށް ޓޫރިޒަމްގެ ނަފާކުރަން ފެށުމެވެ. އަދި ރައްޔިތުންގެ އަތްމަތި ތަނަވަސްވެ، ދިރިއުޅުމުގެ ފެންވަރު މަތިވުމެވެ. މި ސިޔާސަތާ ގޮންޖަހާލެވޭ ވަރުގެ އިޤްތިޞާދީ މޮޅު އެހެން ސިޔާސަތެއް، އެހެން އެއްވެސް ޕާޓީއަކުން ވެސް، އަދި ކެންޑިޑޭޓަކު ވެސް މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355