ހަނޑަސް ބުރިއަށް ދާ ވާހަކައަކީ މިއަދު މާޒީ އެވެ. އަދި ގޭތެރޭގައި ހުރި ޖަންކްޝަން ވަޅުގަނޑު ވެސް މިއަދު އެވަނީ މާޒީއަށް ވެގެން ގޮސްފަ އެވެ. ކުޅުދުއްފުއްޓަކީ ދިވެހިރާއްޖޭގައި މާލެ ނެގުމަށްފަހު އެންމެ ފުރަތަމަ ނަރުދަމާ ނިޒާމު ގާއިމު ކުރެވި ބޭނުންކުރަން ފެށި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށް ވާނެ އެވެ. އެތައް ދުވަހެއްގެ އިންތިޒާރަކާއި އެތައް އާދޭހަކަށްފަހު ކަމުގައި ވިޔަސް، އެއީ ކުޅުދުއްފުށީގެ ރަށްވެހިންނަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ.
ވަރަށް ބޮޑު ނަސީބަކަށް އެކަން ވެގެން ދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ނަރުދަމާ ނިޒާމުގެ ހިދުމަތް ރާއްޖޭގައި ނިސްބަތުން އަދި ލިބެނީ މަދު ރަށެއްގަ އެވެ. އަދި ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވިޔަސް، ދުނިޔޭގެ އާބާދީގެ 75 އިންސައްތައަކީ ނަރުދަމާ ނިޒާމެއްގެ ނަސީބެއް ލިބިފައި ނުވާ މީހުންނެވެ.
ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ރަނގަޅު ނަރުދަމާ ނިޒާމެއް ވަރަށް މުހިއްމެވެ. ސަބަބަކީ އެފަދަ ނިޒާމެއް ނެތްތަނެއްގައި އެފަދަ ނިޒާމެއް ހުރިތަނަކާ އަޅާ ބަލާއިރު ސިއްހީ މައްސަލަތައް ގިނަ ވުމެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލޭގައި ފުރަތަމަ ފަހަރަށް ނަރުދަމާ ނިޒާމެއް ގާއިމުކުރަން ޖެހުނީވެސް މިދެންނެވި ފަދަ ސިއްހީ އެތައް މައްސަލަތަކެއް ނުކުންނަން ފެށުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މާލޭގައި ރަނގަޅު ނަރުދަމާ ނިޒާމެއް ނެތް ދުވަސްވަރު، ޝިގެއްލާ، ކޮލެރާ އަދި ބޭރަށް ހިންގުމާއި ނަޖިސް ފެނުގެ ސަބަބުން ކުރިމަތިވާ އެތައް ބަލިތަކެއް ގިނަވެގެން ދިޔައެވެ.
ކުޅުދުއްފުށީގެ ހޮސްޕިޓަލްގެ ކުރިއާއި މިހާރުގެ ސިއްހީ ރިކޯޑްތައް ރަނގަޅަށް އަޅައިކިޔައިފި ނަމަ އެކަން ވަރަށް ރަނގަޅަށް ފެނިގެން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ސީދާ ފެނުގެ ސަބަބުން ކުރިމަތިވާ ބަލިތަކާބެހޭ ރަނގަޅު ތަފާސް ހިސާބު ނުހޯދުނު ކަމުގައިވީނަމަވެސް، ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ފަހުން އެފަދަ ބަލިތަކުގެ އަދަދު މަދުކަން ހޮސްޕިޓަލުންވެސް ފާހަގަކުރެއެވެ.
ނަމަވެސް އަދި ވެސް ރައްޔިތުންގެ ތެރެއިން މަދު ބަޔެއް ނަރުދަމާ ނިޒާމުގެ ބޭނުން ކުރަން ވަނީ ފަސްޖެހިފައެވެ. އެމީހުން އަދިވެސް ދަނީ އަހަރެމެންގެ ސާފު ފެންފަށަލައިގެ ތެރެއަށް ނަޖިސްފެން ދޫކުރަމުންނެވެ. ފަހަރުގައި އެއީ ނަރުދަމާ ނިޒާމު ބޭނުން ކުރާތީ ދައްކަންޖެހޭ ފީ އެއްގެ ސަބަބުން ކަމުގައި ވެދާނެ އެވެ. ނަމަވެސް ދައްކަން ޖެހޭ ކުޑަ ފީ އެއްގެ ސަބަބުން މުޅި މުޖުތަމައުގެ ސާފުތާހިރުކަމަށް އަސަރު ކުރާ ފަދަ ކަމެއް ކުރަން ޖެހޭ ހެއްޔެވެ؟ ދުނިޔޭގެ ކޮންމެ ގައުމަކީ މިހިދުމަތް ހިލޭ ލިބޭ ގައުމެއް ނޫނެވެ. އަސާސީ ހިދުމަތަކަށް އަގެއް ނަގައިގެން ނުވާނޭ ބުނެ އަހަރެމެންގެ ފެންފަށަލަ ތަޣައްޔަރު ކޮށް ބަލިތަކަށް ހުށަހެޅޭނީތޯ ނޫނީ ލިބިފައި އޮތް ނަސީބުގައި ހިފާނީތޯ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ.
ދެން އޮތީ ކުޅުދުއްފުށީގައި މިހިދުމަތް ބޭނުން ކުރާ މީހުންގެ ވާހަކަ އެވެ. ނަރުދަމާ ނިޒާމު ގާއިމު ކުރެވިގެން ދިޔައިރު، މަސައްކަތް ރޭވިފައި އޮތް ގޮތުން، ނަރުދަމާ ނިޒާމުގެ ގުޅުންތައް ލައިދީފައި ވަނީ އެކަމަށް ރައްޔިތުން އެދިގެން ރެޖިސްޓަރ ކުރިވިގެންނެއް ނޫނެވެ. މަސައްކަތް ކުރިއަށް ދިޔައިރު އަނގަބަހުން އާއެކޭ ބުނި ކޮންމެ ގެޔަކަށް އެ ނިޒާމުގެ ގުޅުންތައް ވަނީ ގުޅައިދީފަ އެވެ. އެހެންކަމުން ރެޖިސްޓަރ ކޮށްގެން ނަރުދަމާ ނިޒާމުގެ ހިދުމަތް ހޯދާ ގެތަކާއި ރެޖިސްޓަރ ނުކޮށް އެހިދުމަތް ހޯދަމުން ދާ ގެތަކެއް ކުޅުދުއްފުށީގައި އެބަހުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރެޖިސްޓަރ ނުކޮށްތިބި ގިނަ ބަޔަކު މިހާރު ވަނީ އެހިދުމަތައް ރެޖިސްޓަރ ކޮށްފަ އެވެ. އެހެންނަމަވެސް އަދިވެސް 200 އާ ގާތްކުރާ އަދަދަކަށް ގެތަކުގައި ނަރުދަމާގެ ގުޅުން ވަނީ ރަޖިސްޓްރީ ނުކޮށެވެ. މިހާރު ރަޖިސްޓަރ ނުކޮށް ތިބި ފަރާތްތައް ވެސް ވީހާވެސް އަވަހަކަށް ރެޖިސްޓަރ ކުރުމަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މިވާހަކަ މިތަނުގައި ފާހަގަ ކޮށްލަން މިޖެހުނީ އަނެއްކާ ވެސް ރައްޔިތުންގެ ތެރެއިން ބަޔަކު “އެއް ފިޔަވަޅު ފަހަތައް” އަޅާފާނެ ހެން ހީވާތީ އެވެ. އެއީ ހިދުމަތަށް ފީއެއް ދައްކަން ޖެހިދާނެތީ ރެޖިސްޓަރ ނުކޮށް ތިއްބާ ހިދުމަތް ކަނޑާލައިފި ނަމަ، އެ ގެތަކުން ކުރިން ބޭނުންކުރަމުން ދިޔަ ސެޕްޓިކް ޓޭންކު (ބިމަށް ނަޖިސް ބޭރުކުރަން ހަދާފަ ހުންނަ ވަޅުތައް)ގެ ބޭނުން ކުރަން ޖެހޭނެތީ އެވެ. އެހެންނަމަވެސް އެއީވެސް މިހާރު އަމަލު ކުރަމުންދާ ތިމާވެއްޓާބެހޭ ގަވާއިދުގައި މަނާކަމެކެވެ. އެހެނީ ނަރުދަމާ ނިޒާމު ގާއިމުކޮށްފަ ހުންނަ ރަށެއްގައި ސެޕްޓިކް ޓޭންކް ބޭނުންކޮށްގެން ބިމަށް ފެން ހިންދުމަކީ މަނާކަމެކެވެ. އަދި މީގެ އިތުރުން އެހެންވެސް ގޮތަކުން ބިމަށް ނަޖިސް ފެން ހިންދާ ނިޒާމެއްގެ ބޭނުން ކުރަން ފެށުމުން އަނެއްކާ ވެސް ފެންފަށަލަ ތަޣައްޔަރު ކުރާ ގުރޫޕަށް މީހުންތަކެއް ނުވަތަ ގެތަކެއް އިތުރު ވެގެން ދާނެއެވެ. އެހިސާބުން ނަރުދަމާ ނިޒާމެއް ގާއިމު ކުރުމުގެ މައިގަނޑު މަގުސަދު ގެއްލިގެން ދިޔައީ އެވެ.
މިހާރު ކުޅުދުއްފުށީގައި ދެމުން އަންނަ ނަރުދަމާ ނިޒާމުގެ ހިދުމަތަށް މަހަކު ދައްކަންޖެހޭ ފީއަކީ އެހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި ނަގާ ފީއެއްކަން ޔަގީނެވެ. ކުރިން ބޭނުން ކުރަމުންއައި ސެޕްޓިކް ޓޭންކްތައް ސާފުކުރުމަށް ދާ ޚަރަދާއި އަދި އެކަން ކުރުމުގައި އެގެއެއްގައި އުޅޭ މީހުންގެ ސިއްހަތަށް ކުރިމަތިވާ ނުރައްކަލާއި އެކަމުގެ ސަބަބުން ކުރިމަތިވާ އެހެނިހެން އުނދަގޫތަކާ އަޅާބަލާއިރު މިހާރު ރަށުގައި ގާއިމުކޮށްފައިވާ ނިޒާމު ބޭނުންކުރުމަށް މަހަކު ދައްކަންޖެހޭ 100 ރުފިޔާއަކީ ހަމަ ހަގީގަތުގައިވެސް ކުޑަ އެއްޗެކެވެ.
އެހެންކަމުން މުޖުތަމައުގެ ފައިދާއަށް ވިސްނުމަށްފަހު ވިޔަސް، ނަރުދަމާ ނިޒާމުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެބަޖެހެއެވެ. އެއީ އެ ހިދުމަތަށް ދާއިމީ ގޮތެއްގައި ދިނުމަށް އެ ހިދުމަތް ދޭ ފަރާތަށް ކުޑަ ފީއެއް ދައްކައިގެން ވިޔަސް ކުރަން ޖެހޭ ކަމެކެވެ. އެއީ މުޖުތަމައުގެ ސާފުތާހިރު ކަމަށާއި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މުހިއްމު ކަމަކަށް ވާތީއެވެ. އަހަރެމެންގެ އެންމެންގެ ލާބަ އަށްޓަކައެވެ. ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ކުރި އިންވެސްޓްމެންޓް މަދު ބައެއްގެ ސަބަބުން ބޭކާރުވެގެން ދިޔަ ނުދިނުމަށްޓަކައެވެ.