twitterviber whatsapp telegramfacebookyoutube instagram
24th April 2024

ތިބާގެ ޙައްޤަކީ ތިބާގެ ޙައްޤެކެވެ. ތިބާއަކީ މިނިވަނެކެވެ.

Oct 12, 2013

ނަބީލް

އެހެން މީހެއްގެ ޙައްޤެއް ނޫނެވެ. އެހެން މީހަކަށްޓަކައި ކޮށްދޭންޖެހޭ ކަމެއް ވެސް ނޫނެވެ. ވޯޓުލުމަކީ ތިބާގެ ޙައްޤެކެވެ. ޤާނޫނު އަސާސީ ތިބާއަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ.

ވާޖިބެއް ވެސް ނޫނެވެ. ޙައްޤެކެވެ. ޙައްޤު ބޭނުންކުރުމާއި ނުކުރުމަކީ ވެސް ތިބާގެ ޙައްޤެކެވެ. އެހެން މީހަކަށް ފޯރުވޭނެ ނުފޫޒެއް، ދެއްކޭނެ ގަދައެއް ނޯންނާނެއެވެ.

ވަކި މީހަކަށް ތިބާ ވޯޓުލުމަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ވޯޓުލާން ނުކުތުމަކަށް ވެސް މަޖުބޫރެއް ނުކުރެވޭނެއެވެ. މިނިވަންކަމާއެކު ދިރިއުޅޭށެވެ. ޙައްޤު ޙައްޤެއްގެ ގޮތުގައި ބޭނުންކުރާށެވެ. ބޭނުންނަމައީ ވޯޓުލާށެވެ. އެއީ ބުރައެއް ކަމުގައި ދެކޭނަމަހީ، އަމިއްލަ ނަފުސަށް ތަކުލީފު ނުޖައްސާށެވެ. އަރާމުކުރާށެވެ.

މިނިވަންކަމާއެކު ދިރިއުޅޭށެވެ. ނުފޫޒުތަކާއި ޖަޒުބާތްތަކުން، ނަފުރަތްތަކާއި ރުޅިވެރިކަމުން މިނިވަންވެ އަމިއްލަވެގަންނާށެވެ. ކޮޅުކޮޅަށް ނަޒަރު ހިންގާށެވެ!

ކުރިމަތިލާފައިވާ މީހުން ދައްކާ ވާހަކަތައް އަޑުއަހާށެވެ. އަޅާބަލާށެވެ. ވިސްނާށެވެ. ފިކުރުކުރާށެވެ. ހަމަ ކޮންމެ މީހަކުވިޔަސް ނުކުރެވޭނެ ވަރުންކިޔާ ކަންތަކަށް ހެއްލިނުގަންނާށެވެ. ރަންބުއްދި ނުވާށެވެ. މިނިވަންކަމާއެކު ވިސްނާށެވެ!

ބަލާށެވެ. އިޚްލާސްތެރިވާނެހެން ހީވަނީ ކާކުތޯ ބަލާށެވެ. މާޒީގައި ތިބާގެ ވިސްނުމުގައި ރަނގަޅީ ކާކުން ކަނޑައަޅައި ތަކުރާރުކޮށް އަދި އެއްފަހަރު މުރާޖަޢާކޮށް އަލުންބަލައި ކަނޑައަޅާށެވެ.

ކަނޑައަޅާށެވެ! މިނިވަންކަމާއެކު ކަނޑައަޅާށެވެ. އެހެން މީހުންގެ ސިކުނޑީން ނުވިސްނައި އަމިއްލައަށް ވިސްނާށެވެ. އަމިއްލަ ލޮލުން ބަލައި އަމިއްލަ ކަންފަތުން އަޑުއަހައި އަމިއްލަ ބުއްދިން ވަޒަންކުރާށެވެ! އަމިއްލަ ވިސްނުމުގައި ދިރިއުޅޭށެވެ. ޚިޔާލުކުރާށެވެ. އަމިއްލަ ޚިޔާލުކުރާށެވެ. މިނިވަންކަމާއެކު ވިސްނާށެވެ. ހިތްހަމަޖެހިގެން ހިތަށް ތަނަވަސްކަންދީގެން ބުއްދިއަށް އަރާމުދީގެން އުޅޭށެވެ. މިނިވަންކަމާއެކު ދިރިއުޅޭށެވެ.

ދައްކާ ވާހަކައެއް ވިއްޔާ އަޑުއެހުމަކުން މައްސަލައެއް ނެތެވެ. ނާހަން އުޅޭ ބައެއް އަޑު އިވޭނެމެއެވެ. އަޑު އަޑަކަށް ވަނީ އިވޭތީއެވެ. އިއްވާށެވެ. އަހާށެވެ. އިވުނަދޭށެވެ. އިއްވިޔަދޭށެވެ. ނަމަވެސް ކޮންމެ އަޑަކީ ޙަޤީޤަތެއް ނޫންކަން ދަންނާށެވެ! މިނިވަންކަމާއެކު އަޑުއަހާށެވެ.

ބަލާށެވެ! މިނިވަންކަމާއެކު ބަލާށެވެ. ހުރިހާ މަންޒަރެއް ބަލާށެވެ! ރީއްޗާއި ހުތުރު ވަކިކުރުމުގައި އަމިއްލަ ލޮލުން ބަލާށެވެ! ބަލާށެވެ. ބެލުނަދޭށެވެ! ބެލިޔަދޭށެވެ! އެއަށްފަހު ވަކިކުރާށެވެ! މިނިވަންކަމާއެކު ވަކިކުރާށެވެ.

ބޭނުމިއްޔާ ވޯޓުލާށެވެ. މިނިވަންކަމާއެކު ވޯޓުލާށެވެ. އަމިއްލަ ވިސްނުމުން ކަނޑައަޅާށެވެ. މީހެއްގެ ނުފޫޒުގައި ހައްޔަރު ނުވެ މިނިވަންކަމާއެކު މުސްތަޤްބަލު އެމައްޗަށް ބިނާވެދާނެ ބޮޑު ނިންމުމެއް ނިންމާށެވެ. ވޯޓުލާން ނޫނީ ނުލާން ނިންމާށެވެ. މިނިވަންކަމާއެކު ނިންމާށެވެ. ނިންމާނީ ތިބާއެވެ. ޙައްޤަކީ ތިބާގެ ޙައްޤެވެ. ތިބާގެ ޙައްޤު ތިބާ ޙައްޤުކުރާށެވެ. މިނިވަންކަމާއެކު ކަށަވަރުކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355