twitterviber whatsapp telegramfacebookyoutube instagram
28th December 2024

“އެމީހުންނަށް ބަޑި ޖެހޭނީ ހަށިގަނޑަށް. ހުވަފެންތަކަށް ނޫން.”

Oct 14, 2013

މަލާލާ ޔޫސުފްޒައި ކޯމާ އިން ހޭވެރިކަން ވީއިރު ތަންދޮރު ވަކި ވާވަރުވީ ކިރިޔަ ކިރިޔާ އެވެ. މަލާލާއަށް ހުވަފެނުން ފެނުނު ކަންތައްތަކެއް ހަނދާނަށް އަންނަން ފެށި އެވެ. އެއީ ގެކައިރިއެއް ނޫނެވެ. ސްކޫލާ ކައިރި ހިސާބެކެވެ. މަލާލާ އަށިގަނޑަކަށް ލައިގެން ގެންދަނީ އެވެ. ނަމަވެސް އެއީ ހުވަފެނެއްގެ ހަނދާންތަކެއް ނޫނެވެ. އެއީ ކުރިން ހިނގާދިޔަ ކަންތައްތަކުގެ ހިޔާލުތަކެވެ.

“ނަރުހުންނާއި ޑޮކްޓަރުން، ހުރިހާ އެންމެންވެސް ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސި ބަހުން. އެހިނދު އަހަރެންނަށް އެނގުނީ އަހަރުން އޭރު އޮތީ ޕާކިސްތާނުގައި ނޫންކަން.” މަލާލާ ހަނދާން ކުރަމުން ކިޔާދިނެވެ.

މަލާލާ ކުރަން ބޭނުންވިހާވެސް ކަމަކީ ސްކޫލަށް ގޮސް ކިޔެވުމެވެ. މަލާލާ އޭރު ދިރުއުޅެމުން ދިޔައީ ޕާކިސްތާނުގައި ތާލިބާނުން ކޮންޓްރޯލް ކުރަމުން ދިޔަ ރަށެއް ކަމުގައިވާ ސްވަޓް ވެލީ ގައެވެ. އެރަށުގައި ތާލިބާނުންގެ ހަރުކަށި ސިޔާސަތުތައް ވަނީ ތަންފީޒުކޮށްފަ އެވެ. މިއުޒިކް ކުޅުން ފަދަ ކަންތައްތައް ވަނީ މަނާކޮށްފަ އެވެ. އެންމެ ބޮޑު އެއްކަމަކަށް ފާހަގަ ކުރެވެނީ އެރަށުގައި އަންހެން ކުދިން ސްކޫލަށް ދިއުން މަނާ ކޮށްފައި އޮތް އޮތުމެވެ.

ތާލިބާނުންގެ ސިޔާސަތުތަކާ ދެކޮޅަށް މަލާލާ ވަނީ ތެދުވެފައެވެ. އަދި އަންހެނުންގެ ހައްގުތަކާއި އަންހެން ކުދިންނަށް ތައުލީމު ލިބެންޖެހޭނެ ކަމަށް އަޑު އުފުލަން ފެށިއެވެ. އެކަމަށްޓަކައި މަލާލާގެ އުމުރުން އެންމެ 15 އަހަރުގައި ތާލިބާނުން މަލާލާއަށް މަރުގެ ހަމަލާއެއް ދިނެވެ. ނަމަވެސް މަލާލާ ވަނީ މަރުގެ ތުންފަތްމަތިން ސަލާމަތްވެ އަނެއްކާ ވެސް އޭނާގެ އަޑު އުފުލަން ފަށާފަ އެވެ. ނަމަވެސް މިހާރު ކުރިއަށް ވުރެ ބާރަށެވެ.

“ތާލިބާނުން ބުނަނީ އަހަރެމެން ހަނގުރާމަ ކުރަމުން މިދަނީ އިސްލާމް ދީނަށްޓަކައި ކަމަށް. އެހެންވީމަ އެމީހުން އެދައްކާ ވާހަކަ ވެސް އަޑުއަހަން ޖެހޭ. ނަމަވެސް އަހަރުން އެމީހުންނަށް ބުނީ ސުލްހަވެރިވާށޭ. އެންމެ ރަނގަޅު ޖިހާދަކީ ބަހުންނާއި ގަލަމުން ކުރާ ޖިހާދޭ. އެ ޖިހާދު ކުރާށޭ. އަހަރެންގެ ހައްގު ހޯދުމަށާއި ކޮންމެ އަންހެން ކުއްޖެއްގެ ހައްގުގާ އަހަރެން ކުރަމުން މިދަނީ އެޖިހާދޭ.” މަލާލާ ކިޔައި ދިނެވެ.

ހަފްތާއެއް ވަންދެން ކޯމާގައި އޮތުމަށްފަހު މަލާލާއަށް ހޭލެވުނު އިރު އޭނާ ނޭވާލަމުން ދިޔައީ އަނގައިން ވައްދާފައި އޮތް ހޮޅިއަކުންނެވެ. ހޭލެވުމާއެކު އޭނާ ފުރަތަމަ އިޝާރާތްކުރީ ގަލަމަކާއި ގަނޑެއް ގެނެސްދިނުމަށެވެ.

“އަހަރެންގެ ފުރާނަ ހުރި ކަމަށްޓަކައި އަހަރެން އެންމެ ފުރަތަމަ ހެއްދެވިފަރާތަށް ޝުކުރު އަދާކުރިން.” މަލާލާ ކިޔައިދިނެވެ. “އެމީހުން އަހަރެންގެ ކައިރީގައި ބުނި އަހަރެންގެ ބައްޕަ އެބަ އާދެއޭ.”

“ދެން އަހަރެންގެ ހިތަށް އެރި ސުވާލަކީ އަހަރެންގެ ފަރުވާތަކަށް ފައިސާ ދައްކައިދެނީ ކާކުބާއޭ. އެއީ އަހަރެންނަށް އެނގޭ އަހަރެންގެ އަތުގައި ފައިސާއެއް ނެތްކަން. އަދި ސްކޫލެއް ބަލަހައްޓަމުން އަންނަ އަހަރެންގެ ބައްޕަގެ އަތުގައި ވެސް އެއްވެސް ފައިސާއެއް ނުހުންނާނެކަން. ސްކޫލުގެ އިމާރާތް ހިންގަމުންދަނީ ކުލީ އިމާރާތެއްގަ. ގޭގެ ކުލި ވެސް ދައްކަން ޖެހޭ. ދެން އަހަރެން ހިތައިގެން ހުރީ ބައްޕަ މީހުން އަތުން ދަރަންޏަށް ފައިސާ ހޯދީއޭ.”

ސްވަޓް ވެލީގެ ހާލަތު

މަލާލާގެ ސްވަޓް ވެލީއަށް ތާލިބާނުން އަތްގަދަ ކުރިއިރު އޭނާއަށް އެންމެ ދިހަ އަހަރެވެ.

“އަހަރެންނަކީ މަލާލާ. މޮނީބާ އާއި އަހަރެން ޓްވައިލައިޓްގެ ފޮތްތައް ކިޔަން. ތާލިބާނުން އައުން އަހަރެމެންނަށް ސިފަވީ ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ވެމްޕަޔަރުން ރަށަށް އަރައިގަތުން ފަދަ ކަމަކަށް.”

ތާލިބާނުން އެރަށަށް އަތްގަދަ ކުރުމަށް ފަހު އެރަށުގެ ރޭޑިއޯއިން ތަފާތު އަމުރުތައް ނެރެމުން ދިޔަ އެވެ. އެ ރޭޑިއޯ ޗެނަލްއަށް މީހުން ދިންނަމަކީ “މުއްލާ އެފްއެމް” އެވެ.

ފުރަތަމަ އެމީހުންގެ ފަތުވާތައް މެދުމިނުގައި ހުރިކަމުގައި ވިޔަސް، ދުވަސްކޮޅެއް ފަހުން އެފަތުވާތައް ހަރުކަށި ވެގެން ދިޔައެވެ. އަދި ޓީވީ ބެލުމާއި މިއުޒިކް މަނާ ކުރި އެވެ. އެއަށްފަހު އެމީހުން އިއުލާން ކުރީ މަލާލާ އަށް ގަބޫލު ނުކުރެވޭ ވަރުގެ އަމުރެކެވެ.

“އެއްވެސް އަންހެން ކުއްޖަކު ސްކޫލަށް ގޮސްގެން ނުވާނެ. ގޮސްފިނަމަ ހަދާނެ ގޮތް އެނގޭނީ އަހަރެމެންނަށް.” ތާލިބާނުންގެ ޗެނަލުގެ އިއުލާން މަލާލާ ކިޔާލި އެވެ.

ނަމަވެސް ތާލިބާނުންގެ އެގޮވާލުމަށް މަލާލާ ދިނީ ބީރު ކަންފަތެކެވެ. އޭނާ ސްކޫލަށް ދިއުން ހުއްޓައެއް ނުލައެވެ. އަދި އޭނާއަށް އެންމެ ކަމުދާ ޖަސްޓިން ބީބާ އާއި ސެލީނާ ގޮމޭޒްގެ ލަވަތައް އަޑު އަހަމުން ދިޔަ އެވެ. މީހުންގެ ސަމާލުކަމުން އެއްކިބާވުމަށް މަލާލާ ސްކޫލަށް ދިޔައީ ޔުނިފޯމްގެ ބަދަލުގައި އާދައިގެ ހެދުމުގަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ޕާޝްޓޯ ޓީވީ އިން ސްކޫލު ކުދިންގެ އިންޓަވިއުއެއް ނެގިއެވެ. އަދި އޭގެ ފަހުން ގައުމީ ޗެނަލް ކަމުގައިވާ ޖިއޯ ޓީވީއަށް މަލާލާ އިންޓަވިއު ދިނެވެ.

“އަހަރެން ހަނު ހުންނާކަށް ބޭނުމެއް ނޫން. އެއީ މިހެން ތިބޭނަމަ ޖެހޭނީ އަބަދަށް މިހެން ތިބެން. އެމީހުން އަހަރެމެން މަރާނެ. އެކަމަކު މިވާހަކަ ދެއްކުމަށްފަހު މެރިޔަސް ފަރުވާލެއް ނެތް.”

އެ ބިރުވެރި ދުވަސް

2012 ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު މަލާލާ އިނީ ސްކޫލުން ގެއަށް ދިއުމަށްޓަކައި ސްކޫލު ބަހަށް އަރައެވެ. އެދުވަހަކީ އިމްތިހާނެއް ހެދި ދުވަހަކަށް ވުމުން އެ އިމްތިހާނާ ބެހޭގޮތުން ރަހުމަތްތެރިންނާއެކު ވާހަކަ ދައްކާ މަޖާކުރަމުން ދިޔަ އެވެ. ދެން ކުއްލިއަކަށް ފެނުނީ ބަޑިހިފައިގެން ތިބި ދެމީހުން ބަހުގެ ކުރިމައްޗަށް އަރާ ބަސް ޑްރައިވަރަށް ބިރު ދެއްކިތަނެވެ.

“އެތަނުން މީހަކު ބަހަށް އެރި. އަދި އަންހެން ކުދިންތަކާ ދިމާލަށް ބުނި. ކޮބާ މަލާލާ؟ އަހަރެމެން ތިބީ ވާނުވާ ނޭނގިފަ. ދެވަނަ ފަހަރަށް އެމީހާ އެހި. މަލާލާ ކޮބާ؟ އަހަރެމެންނަށް ޖަވާބެއް ނުދެވެނީސް އެމީހާ 3 ވަޒަން ފޮނުވާލި. އެތަނުން އެއް ވަޒަން އަހަރެން ގެ ބޮލުގެ އެއްފަރާތަށް އެރި.”

އޭގެ ފަހުން ދުނިޔޭގެ އަލިކަމެއް މަލާލާއަށް ފެނުނު އިރު އޮތީ ޕާކިސްތާނާ އެތަށް މޭލެއް ދުރުގައެވެ. އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގަ އެވެ. އެދުވަހު “މަލާލާ” އަކީ ދުނިޔޭގެ ގިނަ ބަޔަކު ދަންނަ ނަމަކަށް އޮތީ ވެފަ އެވެ.

“އަހަރެންނަކަށް ނޭނގޭ މުޅި ދުނިޔޭގެ އެތައްބަޔެއް އަހަރެންގެ ފުރާނައަށް ދުއާ ކުރަމުން ދިޔަ ކަމެއް. އަދި އަދިވެސް ދަނީ ދުއާ ކުރަމުން. ޕާކިސްތާނު މީހުން އެކަންޏެއް ނޫން. އަދި މުސްލިމުން އެކަންޏެއް ވެސް ނޫން. ޣައިރު މުސްލިމުންވެސް އަހަރެންނަށް ދުއާ ކުރަމުން އެބަދޭ.”

ސިޔާސީ ޝަހުސެއްގެ ފެށުން

މަލާލާ ކުޑައިރު އޭނާ ބޭނުންވީ ބޮޑުވެގެން ޑޮކްޓަރަކަށް ވާށެވެ. މަލާލާގެ ގްރޭޑްތައް ހަމަ އެއްވަނަ އެވެ. އެއީ މޮޅު ކުއްޖެކެވެ. އެފަދަ މުޖުތަމައެއްގައި ބޮޑުވާ ކުއްޖަކަށް އާއްމުކޮށް ވެވެނީ ޑޮކްޓަރަކަށް ނޫނީ ޓީޗަރަކަށެވެ. ނަމަވެސް މަލާލާގެ ބައްޕަގެ އުއްމީދުތައް އެއަށްވުރެ ބޮޑެވެ. އެންމެ ކުޑައިރުންސުރެ މަލާލާ ވާހަކަ ދައްކާ ބަސްބުނުމަށް ބައްޕަ ހިތްވަރު ދެމުން ދިޔައެވެ. އަދި ސިޔާސީ ޝަހުސަކަށް ވުމަށް ބާރު އެޅިއެވެ.

“އަހަރެން ހިތަށް އެރީ ޑޮކްޓަރަކަށް ވެއްޖެނަމަ އަހަރެންނަށް އެހީވެވޭނީ މަދު ބަޔަކަށޭ. ނަމަވެސް ސިޔާސީ މީހަކަށް ވެއްޖެނަމަ މުޅި ގައުމަށް އަހަރެންނަށް އެހީތެރިވެދެވޭނެ އޭ. އާއްމުކޮށް ޕާކިސްތާނުގަ ޑޮކްޓަރުންނަށް ޖެހޭނީ ހަނގުރާމައިގަ އަނިޔާ ލިބޭ މީހުންނަށް ފަރުވާދޭން. އެހެންވީމަ އަހަރެން ބޭނުންވަނީ ހަމަލާ ދޭމީހުން ހުއްޓުވަން. އެވާނީ ޑޮކްޓަރުންނަށް ވެސް ވެވޭ އެހީއަކަށް.”

“އަހަރެން ބޭނުންވަނީ ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ވާން.”

މަލާލާގެ މަސައްކަތް

“ތާލިބާނުންގެ ހަރަކާތްތައް ފެށުމުގެ ކުރިން އަހަރެންގެ ރަށުގައި ތައުލީމު ލިބޭ. ސުކޫލަށް ދެވޭ. ކޮންމެ ދުވަހަކު ބޮޑު ފޮތްދަބަހެއް ކޮނޑުގައި އަޅުވައިގެން ހިނގަން ޖެހުނަސް އެއީ އަހަރެމެން ބޭނުންވާ ގޮތް. އަހަރެމެން ހޯމް ވޯކް ހަދަން. އަދި ރަނގަޅު މާކްސް ވެސް ހޯދަން. ނަމަވެސް އެމީހުން އައިސް އެހުރިހާ ކަމެއް ހުއްޓުވި. އެމީހުން ތައުލީމު ދެކެ ބިރުގަނޭ. އަދި އަހަރެމެންނަށް ތައުލީމު ލިބިދާނެތީ ޖެހިލުންވޭ.”

“އެމީހުންނަށް އަހަރެން މަރާލެވިދާނެ. އެމީހުންނަށް މަލާލާ މަރާލެވިދާނެ. އެކަމަކު އެމީހުންނަށް އަހަރެން ކުރަމުން މިދާ މަސައްކަތް ނުހުއްޓުވޭނެ. ސުލްހަ ހޯދުމަށް މިކުރާ މަސައްކަތެއް ނުހުއްޓުވޭނެ. ތައުލީމަށް މިކުރާ މަސައްކަތެއް ނުހުއްޓުވޭނެ. އިންސާނީ ހައްގަށްޓަކައި މިކުރާ މަސައްކަތެއް ނުހުއްޓުވޭނެ. ހަމަހަމަކަމަށް މިކުރާ މަސައްކަތަށް ހުރަހެއް ނޭޅޭނެ.”

“އެމީހުންނަށް މިހަށިގަނޑަށް ހަމަލާ ދެވިދާނެ. އެކަމަކު އަހަރެންގެ ހުވަފެންތަކަކަށް އެމީހުންނަށް ހަމަލާއެއް ނުދެވޭނެ.”

ނޯޓް: މަލާލާ މިހާރު ދިރިއުޅެމުން ދަނީ އިނގިރޭސިވިލާތުގެ ބާމިންގހަމްގައެވެ. މަލާލާ މަރާލުމަށް ދެވުނު ހަމަލާއަށް ފަހު، މަރުން ސަލާމަތްވެ މަލާލާ ވަނީ އަންހެން ކުދިންގެ ތައުލީމަށާއި ސުލްހައަށް ގޮވާލާ އަޑު އުފުލަމުންނެވެ. އޭނާ ވަނީ އޭނާގެ 16 ވަނަ އުފަން ދުވަހުގައި އދ ގައި ތަގުރީރު ވެސް ކޮށްފަ އެވެ. އޭނާއަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ. އަދި ތަފާތު ޓީވީ ޗެނަލްތަކުން ދަނީ އޭނާއާ އިންޓަވިއުކޮށް އޭނާގެ ވާހަކަތައް ގެނެސްދެމުންނެވެ. މިއީ ސީއެންއެންގެ އަމަންޕޫރު ޕްރޮގްރާމަށް އޭނާ ދީފައިވާ އިންޓަވިއުގައި ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް ލިޔެފައިވާ ހުލާސާ ލިޔުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355