twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުޅުދުއްފުށި ރަމްޒު ކޮށްދޭ ސަގަފީ ކުޅިވަރުތަކެއް މިއަހަރަކު ނެތް

Oct 15, 2013

ސިޔާސީ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ކުޅުދުއްފުށި ރަމްޒު ކޮށްދޭ ހާއްސަ ސަގާފީ ކުޅިވަރުތަކެއް މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފި އެވެ. މިގޮތުން ކުޅުދުއްފުއްޓަށް ހާއްސަ ދަމުހިނގުމުގެ ކުޅިވަރު މިއަހަރު ނޯންނާނެ އެެވެ. އަދި ފަހަކަށް އައިސް ވައިގަ ހިފާފައިވާ މަށިމާލި ޕެރޭޑްވެސް މިއަހަރު ވަނީ ނުބާއްވަން ނިންމާފަ އެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގެ ރަށްތަކަށް ބަލާއިރު އެންމެ ކުލަގަދަކޮށް، ޒަމާނުއްސުރެ ބޮޑުއީދު ފާހަގަ ކުރާ އެއް ރަށެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ އެހެން ރަށްތަކުގައި ނުކުޅޭފަދަ ތަފާތު ސަގާފީ ކުޅިވަރުތައް ވެސް ކުޅެމުން އަންނަ ރަށެކެވެ. ކޮންމެ އީދެއްގައިހެން ރާއްޖޭގެ އެކި ހިސާބު ތަކުން މީހުން އައިސް ކުޅުދުއްފުށި “ފުރާލަ” އެވެ. މިކަމުގެ ސަބަބުން ރަށަށް މާލީ ގޮތުންވެސް ނުހަނު ފައިދާވެ އެވެ. ވިޔަފާރިތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރި ރަގަޅުވެ އެވެ. އެހެން ނަމަވެސް މިއަހަރުގެ ބޮޑު އީދަކީ ކުޅުދުއްފުށީގެ ތާރީހުގައި ވެސް އައި އެންމެ “ވަނދު” އީދޭ ބުނުމަކީ ދޮގަކަށް ނުވާނެކަން ކަށަވަރެވެ.

ބޮޑު އީދުގައި ކުޅުދުއްފުށި ރަމްޒު ކޮށްދޭ އެންމެ  ވަރުގަދަ ކުޅިވަރު ތަކެއް މިއަހަރަކު ނެތެވެ. ދަމުހިނގުމާއި ހިއްޗަށް ވަޑައިގަތުމާއި މަށިމާލި ޕެރޭޑެއް ވެސް މިއަހަރަކު ނެތެވެ. ކުޅުދުއްފުއްޓަށް ބޭރު ރަށްރަށުން އީދުގައި އަންނަނީ ސްޓޭޖް ޝޯވްތައް ބެލުމަށްވުރެ ކުޅުދުއްފުއްޓަށް ހާއްސަ ކުޅިވަރުތައް ބަލައިލާ މަޖާކޮށްލާށެވެ. ނަމަވެސް މިއަހަރުގެ އީދު ވެފައިވަނީ “ސިޔާސީ ކަޑަ” އީދަކަށެވެ.

“މަށިމާލި ޕެރޭޑް މިއަހަރު ބޭއްވެން ނެތީ މާލީ ހާލަތު ހުރިގޮތުން. އަދި އެކަށީގެން ވާވަރަށް އެއްބާރުލުން ނުލިބުމުގެ ސަބަބުން.” މަށިމާލި ޕެރޭޑް އިންތިޒާމްގައި ކޮންމެ އަހަރަކުވެސް އިސްކޮށް އުޅޭފަރާތެއް ކަމަށްވާ ފޯރަމް އާދަމް ބުންޏެވެ.

އާދަމް ބުނީ މަށިމާލި ޕެރޭޑް މިއަންނަ އަހަރު ބޭއްވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނެކަމަށެވެ. އެހެންނަމަވެސް މިއަހަރު މުޅިން އަލަށް ކުޅޭ ކުޅިވަރެއް ކަމަށްވާ “ބަންދުދުވުން” މިއަދު ހަވީރު އަމީނީމަގުގައި  އޮންނާނެ އެވެ.

ކުޅުދުއްފުށީގެ ހާއްސަ ސަގާފީ ކުޅިވަރު ދަމުހިނގުމުގައި ކޮންމެ އަހަރަކު ވެސް އިސްކޮށް އުޅޭ ފަރާތެއް ކަމަށްވާ މުހައްމަދު ހުސެއިން (މަރުހަބާ) ބުނީ ދަމުހިނގުން މިފަހަރުވެސް ބޭއްވޭތޯ އެކަމުގައި އިސްކޮށް އުޅޭ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް ވާހަކަ ދެއްކި ކަމަށާއި އެހެންނަމަވެސް ސިޔާސީ ކަންތައްތައް ބޮޑުވެ، މިއަހަރުގެ ދަމުހިނގުން ބޭއްވޭނެ “ހަނދުވަރެއް” ނުފެނުނު ކަމަށެވެ. އަދި ހިއްޗަށްވަޑައިގަތުން ވެސް ބޭއްވޭތޯ ޒުވާނުންގެ  ގުރޫޕަކާ ވާހަކަ މިހާރުވެސް ދައްމުން ދާކަމަށް މަރުހަބާ ބުންޏެވެ.

މަރުހަބާ ބުނީ  އީދުމަހުގެ 12 ވަނަ ދުވަހު ބަންޑާރަމަގުގައި ހަވީރު ކޯޑިނެގުން އޮންނާނެ ކަމަށެވެ.

ރަށަށް ހާއްސަ ކުޅިވަރުތައް ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ގެއްލިގެން މިގޮތަށް ދިއުމަކީ ރަށަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ރަށުން ބޭރުން ކުޅިވަރުތައް ދެކިލުމަށް އަންނަ މީހުން ރަށުން އީދު ނިމުމުން ދަނީ ރަށުގެ އިގުތިސޯދަށް ފައިސާތަކަށް ވައްދާފަ އެވެ. އަދި މިފަދަ ގޮތަކަށް ކަންތައްތައް ދާނަމަ މި ކުޅިވަރުތައް ނެތިގެން ދިއުމުގެ ބިރު އެބައޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355