ދަފި ނެގުމަކީ ޒަމާނުއްސުރެ ކުޅުދުއްފުށީގައި ކުޅެވެމުންދާ ކުރިވަރެކެވެ. ވަކިން ޚާއްސަކޮށް އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދަފި ނެގުމަކީ ޒަމާނީ އާދައަކަށްވެފައި އޮންނަ ކަމެކެވެ. މިގޮތުން ކުޅުދުއްފުށީގައި ދަފިނަގަން ފެށި ދުވަސްވަރު ތާރީޚުން އެނގެން ނެތް ނަމަވެސް ޔަގީންވާ ކަމަކީ މިކަން މިރަށުގައި ކުރެވެމުންދާތާ ވަރަށް ގިނަދުވަސްވެފައިވާ ކަމެވެ.
އެހެނީ ކުޅުދުއްފުށީގައި ދަފިނެގުމުގައި ހަރަކާތްތެރިވާ އުނިގަސްދޮށުގެ، އާއިޝަތު އަލީ ނުވަތަ ދޮންއައިސްދައިތަ އަކީ މި ކުޅިވަރު ކުޅުދުއްފުށީގައި ފެށިގެން އައި ދުވަސްވަރުން ފެށިގެން ދަފިނެގުމުގައި ހަރަކާތްތެރިވާ މީހެކެވެ. މިހާރު އުމުރުން 62 އަހަރުވެފައިވާ ދޮންއައިސްދައިތަ ދަފީގެ ތެރެއަށް ވަދެފައިވަނީ އުމުރުން 15 އަހަރުގައި ލޯ ބަނޑިޔާ ޖެހުމުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. އެ ދުވަސްވަރަކީ ފިރިހެނުންގެ ދަފި ނަގަމުން އައި ދުވަސްވަރެއް ނަމަވެސް އަންހެނުންގެ ދަފި ގުރޫޕެއް އުފެދިފައި ނެތުމަކީ ދުވާލު ވަގުތުގައި އަންހެނުން ކުޅޭނެ ކުޅިވަރެއް ނެތުމަށް ދިމާވި ސަބަބެއްކަމަށް ދޮންއައިސްދައިތަ ކިޔައިދިނެވެ. އެހެންކަމުން ގާތްގަނޑަކަށް މީގެ 47 ވަރަކަށް އަހަރުކުރިން ކުޅުދުއްފުށީގައި އަންހެނުން ދަފި ނަގަންފަށާފައިވަނީ ސަފަކަށް 10 ކުދިން ހިމެނޭގޮތަށް ވެޔޮދޮށުގެ ހަސަންބެގެ އެހީތެރިކަމާއެކުއެވެ.
“ދަފި ނަގަންފެށީ އުމުރުން 15 އަހަރުގަ. އޭރު ދެން ނޯންނާނެ އަންހެނުން ކުޅެން ދުވާލު ކުޅިވަރެއް ބަނޑިޔާ ނޫނިއްޔަކާ. ފިރިހެނުން ދަފިނަގާނެ އެކަމަކު، އަހަރެމެން ޖަހަނީ ބަނޑިޔާ. ހަމަ ލޯ ބަނޑިޔާ.” ދޮންއައިސްދައިތަ ކިޔައިދިނެވެ.
މިހާތަނަށް ގުނާ އަދަދު ނުކުރެވޭހާ ގިނައިން ދަފި ނަގާފައިވާ ދޮންއައިސްދައިތަ ބުނީ ޚާއްސަ ރަސްމިއްޔާތުތަކުގައިވެސް ވަރަށް ގިނައިން ދަފިނަގާފައިވާނެ ކަމަށެވެ. މިގޮތުން އެކި އެކި ރައީސުން ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ރަސްމިއްޔާތުތަކާއި ހަނިމާދޫ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރި ރަސްމިއްޔާތުގައިވެސް ދަފިނަގާފައިވާނޭ ކަމަށް އައިސްދައިތަ ބުންޏެވެ. ދަފި ނެގުމަށް އެކި ރަށްރަށަށްވެސް ޒިޔާރަތް ކޮށްފައިވާކަން ފާހަގަ ކުރަމުން ދޮންއައިސްދައިތަ ބުނީ ހަނިމާދުއާއި ނޫމަރާ އާއި ފިނޭގެ އިތުރުން ހޯރަފުއްޓާއި ފޯކައިދުއަށްވެސް ޒިޔާރަތްކޮށްފައިވާނެ ކަމަށާއި އެ ރަށްރަށުންވެސް ކުޅުދުއްފުށީ އަންހެނުންގެ ދަތްޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ރައީސް ނަޝީދަށް މަރުހަބާކިޔުމަށް ދަފި ގުރޫޕު ނުދިޔަ ނުދިއުމަކީ ވަރަށް ދެރަވި ކަމެއްކަމަށް ދޮންއައިސްދައިތަ ބުންޏެވެ.
ދެކުނު އަވަށު އަންހެނުން ދަފި ގުރޫޕުގެ މެމްބަރެއްގެ ހައިސިއްޔަތުން ދަފިނެގުމުގެ ތެރެއަށް ނުކުތް ދޮންއައިސްދައިތަ ވަނީ 3 ގްރޫޕެއްގައި ދަފި ނަގައިދީފައެވެ. މިގޮތުން ގޮމަށިގެ ތެރެއިން އުފެދުނު ގުރޫޕާއި މިހާރުގެ މަލަކާ ގުރޫޕުގެ ނަން ދޮންއައިސްދައިތަ ފާހަގަ ކުރިއެވެ. 47 އަހަރު ދަފީގައި އުޅެވުނު އިރު ދޮންއައިސްދައިތަ އަކީ ބެރުޖެހުމާއި ދަފީގެ ލަވަކިޔުމުގައިވެސް ނަން މަޝްހޫރު ފަރާތެކެވެ. އަދި އުމުރުން ދުވަސްވެ މިހާރު ނުނެށި ނަމަވެސް ޒުވާން ކުދިން ލައްވާލާ ކޮންމެ “ބަނޑި އަކަށް ބަނޑިއެއް” ލައްވާލާނެ ކަމަށް ދޮންއައިސްދައިތަ ބުންޏެވެ.
“މިހާރުދެން ނުނަށަނީ. އުމުރުންވެސް ދުވަސްވީމަ. އެކަމަކު އަދިވެސް އިރާދަކުރެއްވިއްޔާ ޒުވާން ކުދިން މި ލައްވާލާ ކޮންމެ ބަނޑިއަކަށް ބަނޑިއެއް ލައްވާލާނަން.” ދޮންއައިސްދައިތަ ހިނިއައިސްފައި އިނދެ ބުންޏެވެ.
އަވަށު ކުޅިވަރެއްގެ ގޮތުން ހިލޭ ސާބަހަށް ނަގަންފެށި ދަފި “ވައިގާ” ހިފާ މިކަމުގެ ފޯރި އިތުރުވެ ދަތްޕަކަށް ލިބޭ އަދަދު މިހާރު ވަނީ ބޮޑުވެފައެވެ. ކުރިން ބޯވަޅު އެޅި ރަތްލިބާހުގައި ދަފި ނަގަމުން އައި ނަމަވެސް މިހާރު ޒަމާނީ ޘަޤާފީ ހެދުމުގައި ދަފި ނެގުން ކުޅުދުއްފުށީގައި މިވަނީ އާއްމުވެފައެވެ. ވޭތުވެދިޔަ ދެއަހަރުގެ އީދުގައި މިހާރު ދޮންއައިސްދައިތަ ހަރަކާތްތެރިވާ މަލަކާ ގުރޫޕުގެ ދަފި މިކަހަލަ ހެދުމުގައި ހުށައަޅައިދެމުން ގޮސްފައިވާކަން ފާހަގަ ކޮށް ދޮންއައިސްދައިތަ ބުނީ އަދިވެސް އެންމެ ކަމުދަނީ ބޯވަޅުއެޅި ލިބާސް ކަމަށެވެ.
ބޮޑުބެރުޖެހުމާއި ކުރުފަލި ޖެހުމުގައިވެސް ހަރަކާތްތެރިވާ ދޮންއައިސްދައިތައަކީ ދަފިނެގުމުގައި އަލަށް ހަރަކާތްތެރިވާ ކުދިންނަށް މިކަން ދަސްކޮށްދޭ ފަރާތެއްވެސްމެއެވެ. މިގޮތުން ލިބޭ ހުސްވަގުތު ތަކުގައި ދޮންއައިސްދައިތަ މިފަދަ ފަރާތްތަކަށް އެހީތެރިވަނީ މިއީ އާލާކުރަންޖެހިފައިވާ ޘަޤާފީ ކުޅިވަރަކަށް ވާތީ ކަމަށް ފާހަގަކުރިއެވެ. 20 އަހަރަށްވުރެ ގިނަ ދުވަހު އެކިއެކި ވަޒީފާގައި އުޅުނު ދޮންއައިސްދައިތަ މިހާރު އެއްވެސް މަސައްކަތެއް ނުކޮށް “ގޭގައި” އިނދެ ލިބޭ ފުރުސަތުތަކުގައި ހިތްހަމަޖައްސާލުމަށް ކުރާކަމަށް ދަފިނެގުން މިހާރު މިވަނީ ވެފައެވެ.
ދޮންއައިސްދައިތަ ދަފި ނެގުމުގައި ކުރިއަށް ދިޔުމަށް އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކުރަމުން ބުނީ ދަރިންނަށާއި ދަރިންގެ އަނބިންނަށްވެސް ދަފި ނެގުމަށް ބާރު އަޅާފައިވާނޭ ކަމަށާއި ދަރިއަކާއި ދަރިއެއްގެ އަނބިމީހާވެސް ދަފި ނަގާފައިވާނޭ ކަމަށެވެ. އަދި ފިރިހެނުންގެ ދަފީގައި ފިރިހެން ދަރިއަކާއި ފިރިހެން މާމަދަރިއެއް ހަރަކާތްތެރިވާކަންވެސް ފަޚުރުވެރިކަމާއެކު ދޮންއައިސްދައިތަ ފާހަގަކުރިއެވެ.
ކުޅުދުއްފުއްޓަކީ ދަފީގެ ފޯރި ވަރަށް ބޮޑަށް ހިފާފައިވާ ރަށެއް ކަމަށާއި މިއަހަރުގެ އަޟްހާ އީދުގައިވެސް 8 ދަފި ހުށަހަޅާފައިވާ ކަމަށް ދޮންއައިސްދައިތަ ބުންޏެވެ. އަދި މި ދާއިރާއަށް ގުޅެން ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް ތައްޔާރަށް ހުރި ކަމަށާއި ކެރިގެން ކުރިމަތިލުމަށް ދޮންއައިސްދައިތަ ނަސޭހަތްތެރިވިއެވެ. ސިއްހަތު ސަލާމަތުން ހުރެ ހެޔޮ ހާލުގައި ހުރިހާ ދުވަހަކު މި ކުޅިވަރު ދޫކޮށްނުލާނެ ކަމަށާއި މިކަމުގައި ކުރިއަށްދާނޭ ކަމަށްވެސް ދޮންއައިސްދައިތަ ބުންޏެވެ. އެހެން ކަމުން ދަތްޕަށް ދޮންއައިސްދައިތަގެ ހިތުގައި ދެވިފައިވާ ޤަދަރާއި މަގާމު އަދި ލޯބި މި ކަމުންވެސް ހާމަވެގެންމިވަނީ ގޮސްފައެވެ. އުމުރުގެ 47 އަހަރު ދަފީގައި ހަރަކާތްތެރިވުމަކީ ދޮންއައިސްދައިތަގެ މިކަމަށް “ދެވި ހިފާފައި” ވާކަމުގެ ހެއްކެއްވެސް މެއެވެ.