twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޝަހީދު ހުސެއިން އާދަމްގެ މަންމަގެ ލޮލުން އޮހޮރުނު ކަރުނައިގެ އަގު އަހަރެމެން ވަޒަން ކުރާނީ ކިހިނެތް؟

Nov 4, 2013

ރާއްޖޭގެ ބަޔަކާއި ތަމަޅަ ޓެރަރިސްޓު ޖަމާއަތެއް ގުޅިގެން 1988 ގައި ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ދިން ނުރައްކާތެރި ހަމަލާއަށް ނޮވެމްބަރ 3 ވަނަ ދުވަހު  25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ގައި މިއަހަރު ބޭއްވުނު ޖަލްސާއަކީ ވަރަށް ތާރީހީ ޖަލްސާ އެކެވެ. އަދި ވަރަށް ހާއްސަ ޖަލްސާ އެކެވެ.

ކުޅުދުއްފުށީގައި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އަޅުގަނޑު ލޮލުގައި އަޅައިގަތް އަދި އަޅުގަނޑަށް އެހާމެ އަސަރު ކުރި ވަގުތު ކޮޅެއް ފެނިގެން ދިޔަ އެވެ. އެމަންޒަރަކީ އަޅުގަނޑުގެ އުމުރުގައި މިހާތަނަށް އެންމެ އަސަރު ކުރި އެއް ވަގުތު ކޮޅު ވެސް މެއެވެ. ނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑަށް ތަޖުރިބާ ކުރެވިގެން ދިޔަ އެ އަސަރުން ފުރިގެންވާ ވަގުތު ކޮޅު، އަޅުގަނޑުގެ ކޮށި ގަލަމުން ކޮންމެ ވެސް ސިފައެއްގައި، ސިފަ ކޮށްދެވޭތޯ މަސައްކަތް ކޮށްލާނަމެވެ.

ރޭގެ ޖަލްސާގެ ކޮންމެ ހިނދު ކޮޅަކީ ވެސް ހާއްސަ ހިނދު ކޮޅެކެވެ. އެހެންނަމަވެސް ނަސްރުގެ ދުވަހުގެ ބަތަލް ހުސެއިން އާދަމްގެ ހާއްސަ ޑޮކިއުމެންޓަރީ ދައްކަމުން ދިޔަ ވަގުތު ކޮޅަކީ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރި ވަގުތެކެވެ. މުޅި ގައުމު ފަހުރުވެރިވާ ޝަހީދު ހުސެއިން އާދަމްގެ އެ ހާއްސަ ޑޮކިއުމެންޓަރީ ބަލަމުން ދިޔަ ވަގުތު އެބަތަލުގެ މަންމަގެ ލޮލުން ވޭނީ ކަރުނަ ތިކިތައް އޮހޮރެމުން ދިޔަ އެވެ. ދަރިއަކު ބޮޑުވެ ނޫކަށި ފުރާ ޒުވާނަކަށް ވާހިނދު ކޮންމެ މަޔަކުވެސް އެދަރިއަކާމެދު ކުރާ ފޮނި އުއްމީދު ތަކެއް ވާނެއެވެ. ނަމަވެސް އެޒުވާނާގެ ނިމުން އައިގޮތް އެޑޮކިއުމެންޓްރީ އިން ސިފަކޮށްދިން އިރު އެއީ މައިލަގޮނޑިއަށް ކެއްކުރެވޭ ވަރަށްވުރެ ހިތާމަވެރި ކަމެކެވެ.

އުމުރުން ހަތްދިހައިގެ އަހަރުތައް މިހާރު ގުނަމުން އަންނަ އައިޝަތު ހަސަން، އޭނާގެ ދަރިފުޅާމެދު ކުރަމުން ދިޔަ ފޮނި އުއްމީދުތައް އޭނާގެ މޫނު މަތިން އެވަގުތު ފާއްދަމުން ދިޔަ އެވެ. އަސަރުން ފުރިގެންދިޔަ ވޭނީ ވަގުތު ކޮޅެކެވެ. ލޮލުން ފައިބަމުން ދިޔަ ކަރުތައް ހިތްވަރާއެކު ރުމާލަކުން މަޑުމަޑު ފޮހެމުން ދިޔަ އެވެ. މައިވަންތަކަމުގެ ލޯބި، އިހްސާސް ކުރެވިފައިވާ މަޔަކަށް މެނުވީ އެ އިހުސާސް ނޭނގޭނެކަން ކަށަވަރެވެ. ނުވަމާހާއި ނުވަ ދުވަހަށް ފަހު ކިރު ތުބުންވީއްލި، ތައުލީމީ ދޮރުތައް ހުރަސް ކުރުމަށްފަހު، ދުނިޔޭގެ އެންމެ ޗާލު އުމުރުގައި އޭނާގެ ދަރިފުޅު މިގައުމުގެ ގައްދާރުންގެ ކިބައިން ނަސްރު ހޯދުމަށް ހަނގުރާމަ ކުރަނި ކޮށް މީގެ 25 އަހަރު ކުރިން ޝަހީދު ކޮށްލެވުނު ދުވަސް ހަނދާން އާ ކުރަމުންދިޔަ އެޖަލްސާގެ އެވަގުތު އޭނާގެ ދަރިފުޅުގެ ހާއްސަ ޑޮކިއުމެންޓަރީ ބަލަމުންދިޔަ އިރު އެމަންމަ އަށް ކުރެވުނު އިހުސާސް ހިތަށް ގެންނަން އެއީ ފަސޭހަ ކަމެއް ނޫނެވެ.

ޝަހީދު ހުސެއިން އާދަމް މިގައުމަށް ވީ ޤުރުބާނީގެ ހަނދާންއާކޮށް، އެމާތް އިންސާނާގެ މަންމަގެ ލޮލުން ވެއްޓޭ ކަރުނައިގެ އަގު އަޅުގަނޑުމެން ވަޒަން ކުރާނީ ކިހިނެތްތޯ އެވެ. ތިޔަ ބޭފުޅުން ވިސްނަވާ ބައްލަވާށެވެ. އެއީ ތިޔައިން ބޭފުޅެއްގެ ދަރިއެއް ނަމަ ކުރާނެ ވޭނީ އިހްސާސްތައް ވިސްނަވާށެވެ. ހިތަށް ގެނެސްގެން ބަލާށެވެ. މުސްކުޅިފުޅު އުމުރުގައި އެޖަލްސާގައި އެކަމަނާ އެކުރެއްވި ހިތްވަރަށް އަޅުގަނޑު ހަމަ ސާބަސް ދެމެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ވާނެކަމެއް ނޫނެވެ.

ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ހިތްވަރުގަދަ މަންމަގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ ވަގުތު، އޭނާއަށް ކައިރީގައި އިންނެވި އަދި އެޖަލްސާގެ ޝަރަފްވެރިމެހެމާނާ ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު އެ މަންމައަށް ހިތްވަރު ދެމުން ދިޔަ މަންޒަރުވެސް ފެނިގެން ދިޔަ އެވެ. އަދި އެ ޖަޒުބާތުން ފުރިގެން ދިޔަ ވަގުތު އާޒިމާ ކީރިތި ކުރެއްވިތަން ވެސް ފެނިގެން ދިޔަ އެވެ.

ޖަލްސާގެ ޝަރަފްވެރި މެހެމާނާ އައިޝަތު އާޒިމާ ޝަކޫރު ޖަލްސާ ފައްޓަވައި ދެއްވަމުން އެކަމަނާގެ އިހްސާސްތައް ބަނޑުން ކޮށްލަމުން ވިދާޅުވީ މަޔެއްގެ ހައިސިއްޔަތުން އަޅުގަނޑަކީވެސް މަޔަކަށް ވުމުން ހުސެއިން އާދަމްގެ މައިންބަފައިންގެ ހިތުގައި ހިނގާނެ ކެކުޅުންތައް ވަރަށް ރަގަޅަށް އިހްސާސް ކުރެވޭކަމަށާއި މިއަދު ހުސެއިން އާދަމްގެ މައިން ބަފައިންނަކީ ނަމޫނާ ބޭފުޅުންކަމަށް މުޅިގައުމު އެކުގައި ގަބޫލުކުރާކަމަށާއި ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިންނަށް މި ޤައުމު ދަރަނި ވެރިވެފާވާ ކަމަށް ރޮވިފައި ހުރެ އާޒިމާ ވިދާޅުވި އެވެ.

އެ ޑޮކިއުމެންޓަރީ ބަލަމުން ދިޔަ އިރު އެޖަލްސާ އަށް ޖަމާވެފައިވާ ގިނަ ބައެއް ރޮމުން ދިޔަ މަންޒަރު ފެނިފައިވެ އެވެ. ފުލުހުންގެ ބައެއް އޮފިސަރުންނާއި ބޮޑެތި ފިރިހެނުން ވެސް ފެންކަޅިވި މަންޒަރުން ފެނިގެން ދިޔަ އެވެ.

މިޖަލްސާ އަކީ މީގެ ކުރިން ދުވަހަކު ވެސް މީހުން ނުދާވަރަށް ގިނަ ރައްޔިތުން ބައިވެރިވި ޖަލްސާ އެކެވެ. މި ޖަލްސާ ވެގެންދިޔައީ ސްކޫލު ތަކުގެ ދަރިވަރުންނާއި ޒުވާނުންނާއި ފިރިހެން، އަންހެން ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވި ޖަލްސާ އަކަށެވެ. ނަސްރުގެ ދުވަހަށް 25 އަހަރު ފުރުނު އިރު ކުޅުދުއްފުށި އެދި ގޮވަމުންދަނީ ޝަހީދު ހުސެއިން އާދަމް ފަދަ ކެރޭ ހިތްވަރުގަދަ ގައުމަށާއި ދީން ހިމާޔާތް ކުރަން ކެރޭނޭ އެހެން ހުސެއިން އާދަމް ތަކެއް ކުޅުދުއްފުށީގެ ފަސްގަނޑުން އުފަން ކޮށްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355