ހދ ހަނިމާދޫގެ ތަރައްޤީ އަށް މަސައްކަތްކުރަމުން އަންނަ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އިން އެޖަމިއްޔާގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން އެބަގެންދެ އެވެ. 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ވުޖޫދަށް އައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އިން 20 ވަނަ އަހަރީ ދުވަސް ފަޚުރުވެރި ކަމާއެކު ފާހަގަ ކުރަމުންދާއިރު އެޖަމްއިއްޔާ އަކީ މާޒީގަޔާއި މިހާރުވެސް ހަނިމާދުއަށް ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެއްކަން ފާހަގަ ކޮށްލެވެ އެވެ.
ޖަމިއްޔާ އުފެދުނުތާ 20 އަހަރު ފާއިތުވެ، 21 ވަނަ އަހަރަށް ދުވަސްތައް ގުނަން ފެށިއިރު އެ ޖަމިއްޔާއިން ކޮށްފައިވާ މުހިއްމު ބައެއް ކަންކަމުގެ ވާހަކަ ހިމަނާލުމަކީ ނެތް ކަމެއް ނޫނެވެ. މިގޮތުން އެޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި އާދަމް ސަލީމް ކަޕާއި ފާހަގަ ކުރާ ދުވަސް ތަކަކީ ރަށުގެ ރައްޔިތުންގެ އެކުވެރިކަން އާލާވެގެން ދިޔަ ކަންކަމެވެ. ކައުންސިލާ ގުޅިގެން އީދު ނަމާދު ހުސްބިމެއްގައި ކުރާނެ އިންތިޒާމުތައް ހަމަޖެއްސުމާއި އެހީތެރިކަން ބޭނުންވެފައިވާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ކުރީގެ ރައީސެއް ކަމަށްވާ މުހައްމަދު އާދަމް (ބޮޑޭ) އަށް އެހީތެރިވުމުގެ ގޮތުން ހިންގި ތަފާތު ޚަރަކާތް ތަކަކީ މީޑިޔާވެސް އެކަމަކަށް ސަމާލުކުރުވި ކަންކަމެވެ.
އެޖަމިއްޔާގެ ހުރިހާ ހަރަކާތްތަކާއި ޚިދުމަތް ތަކުގެ ތެރެއިން އެންމެ ފަޚުރުވެރި ވަނީ މެދުކެނޑުމެއްނެތި 10 އަހަރަށް ވުރެ ގިނަދުވަހު ޕްރީ ސްކޫލު ހިންގިފައިވާތީ ކަމަށް އެޖަމިއްޔާގެ ރައީސް އިބްރާހިމް ޚަލީލް ވިދާޅުވިއެވެ. 2001 ވަނަ އަހަރުން ފެށިގެން ހަނިމާދޫގެ ޒުވާނުންގެ ޖަމިއްޔާއިން އެރަށުގައި ހިންގަމުން އަންނަ ސައާދާ ޕްރީ ސްކޫލުން 1200 އަށް ވުރެ ގިނަ ދަރިވަރުން ޅަފަތުގެ ތައުލީމު ހާސިލް ކޮށްފައިވާ ކަމަށާއި އެ ޕްރީ ސްކޫލުން ތައުލީމު ހާސިލް ކުރި ދަރިވަރުން މިއަދު ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި ތިބިކަމީ ފަޚުރުވެރިވުން ހައްގުކަމެއް ކަމަށްވެސް ޚަލީލް ފާހަގަ ކުރެއްވިއެވެ.
ޖަމިއްޔާގެ ޚަރަކާތްތައް ހިންގުމުގައި އެންމެ ދަތިވަނީ ބަޖެޓުގެ ތާށިކަމުގެ ސަބަބުން ކަން ފާހަގަ ކުރައްވަމުން ޚަލިލު ވިދާޅުވީ ހަނިމާދޫ ވިޔަފާރިވެރިންގެ ފަރާތުން ވެދިޔަތަނުގައި ފައިސާގެ އެހީތައް ވެފައިވާ ކަމަށެވެ. އަދި މިސްކިތްތައް މަރާމާތުކުރުން ފަދަ ކަންކަމުގައި ސޮނީ ފަދަ ބޮޑެތި ވިޔަފާރިވެރިންގެ ދީލަތި އެހީ ލިބިފައިވާ ކަމަށާއި ސްކޫލުގެ ކަންކަމުގައި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަންވެސް ޚަލީލް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންނަށް ހަމަ އެންމެ ކުރިމަތި ވަނީ ފައިސާގެ ދަތިކަން. ކަންތައް ކުރާނެ ބަޔަކު ނުވެގެން ކަމެއް ނުކުރެވިފަ ތިބޭކަށް ނުޖެހޭ. ކޮންމެ ކަމަކަށް ގޮވާލިޔަސް ޖަމިއްޔާގެ މެމްބަރުން ތައްޔާރަށް ތިބޭ.” ޚަލީލް ވިދާޅުވި އެވެ.
އަހަރީ ދުވަހު ހަރަކާތް ތަކުގެ ތެރެއިން މިމަހުގެ 2 ވަނަ ދުވަހު ޖަމިއްޔާގެ މެމްބަރުންގެ މެދުގައި މަޖާކޮށް އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ކުޅިވަރު ޚަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށާއި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބާއްވާ މި ޖަލްސާގައި އެޖަމިއްޔާއަށް އެހީތެރިވި ފަރާތްތަކުގެ އަގު ވަޒަން ކުރުމާއި އެޖަމިއްޔާގެ މާޒީ ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ދެއްކުން އޮންނާނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
ގުނަން ފެށުނު އައު އަހަރު ކުޅިވަރުގެ ހަރަކާތްތައް އިތުރު ކުރާނެ ކަމަށާއި ޖަމިއްޔާގެ ހަރަކާތްތައް އިތުރުވެ މިގޮތުގައި ފެނިގެން ދާނެ ކަމަށާއި މެމްބަރުން ސާބިތުކަން މަތީގައި ދެމި ތިބިކަމީ ޖަމިއްޔާ އާއިމެދު އޮންނަ ލޯބީގެ ހެއްކެއް ކަމަށްވެސް ޚަލީލް އިތުރަށް ވިދާޅުވިއެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް 20 އަހަރު ފުރުއިރު އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި 195 މެމްބަރުން އެބަތިއްބެވެ.