twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޯޓްފޮތް – ހދ. ކުޅުދުއްފުށި، ތ. ތިމަރަފުށިން ދަސްކުރަންވީ ކޮންކަމެއް؟

Nov 19, 2013

ނޯޓްފޮތް

ކުޅުދުއްފުށީ މީހުންނަކީ އެމީހުންނާ ގުޅޭކަންކަން ނިންމުމުގައި، އެމީހުންގެ ވެރިންގެ ގޮތުގައި ރަށުމީހުނަށްވުރެ ބީރެއްޓެހިން ބައިތިއްބަން ވަރަށް ޝައުގުވެރިވާ ބައެއްކަމަށް ފެނެ އެވެ. މިފަހަކަށް އައިސް ކުޅުދުއްފުށި ފިޔަވައި، ރާއްޖޭގެ ގިނަރަށްރަށުގެ ރައްޔިތުން އެމީހުން ތަމްސީލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހޮވާފައިވަނީ އެރަށެއްގެ މީސްމީހުންނެވެ. ފެންނަ ފެނުމަށް ބައެއް ރަށްރަށުގެ މަޖިލީސް މެންބަރުކަމަށް ރަށުން ބޭރުމީހުންނަށް ކުރިމަތިލާހާ ހިއްވަރުވެސް ހުންނަހެން ހީނުވެއެވެ.

އެކަމަކު، ކުޅުދުއްފުށި ތަފާތެވެ. ކުޅުދުއްފުށީގެ ދެގޮނޑިއަށް އަބަދުވެސް ހޮވޭނެކަމުގެ ޔަގީންކަމާއެކު ބީރެއްޓެހީން ކުރިމަތިލައެވެ. ކުޅުދުއްފުށީ މީހުން އެމީހުނަށް ވޯޓުދީ ގޮނޑިއަށް ހޮވައެވެ.

މިގޮތުން ހޮވާފައިވާ “ބީރެއްޓެހިން”ގެ ފަރާތުން ސްކޫލްގެ އެތުލެޓިކްސް ޓީމަށް އެހީވުން، އިނާމެއް ސްޕޮންސާކޮށްލުން، ޓީވީއެއް ހަދިޔާކޮށްލުން ފިޔަވައި، މާބޮޑު މަންފާއެއް، ރަށަށް ނުމެ ލިބޭމެއެވެ. ކިޔުންތެރިޔާއަށް ތިޔަވަމުންދާގޮތް އަހަރެންނަށް އެބަފެނެ އެވެ. ވީމާ، މިހިސާބަށް މިވާހަކަ ބާއްވާފައި ތ. ތިމަރަފުށީގެ ވާހަކަ ފަށަމާހިނގާށެވެ.

ތިމަރަފުށީ މެންބަރާއި އެއާޕޯޓް

ތ. ތިމަރަފުއްޓަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލައި ހޮވުނު މުހަންމަދު މުސްތަފާ އަކީ ތިމަރަފުށީ މީހެކެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރީ، ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާނު މައުމޫނާއި ‘ހަނގުރާމަކޮށް’ ބަލިކޮށްފަ އެވެ. އާދެ، ބާރުހުރި ބޭފުޅެއްގެ ޒުވާން ތައުލީމީ ދަރިކަލަކާ ވާދަކޮށްފަ އެވެ.

އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރަށް ތިމަރަފުށީގެ ތަރައްގީގެ ކަންކަމުގައި މުހަންމަދު މުސްތަފާ ނިކަން ޕްރެޝަރުކޮށް، އަޑުގަދަކޮށް ހަދާލިއިރު އޭނާ ހީވީ ދިވެހި ޒިރިނޯސްކީހެންނެވެ. ތިމަރަފުށީ ރައްޔިތުންގެ ބޭނުންތައް ހާސިލްކުރުމުގައި ސަރުކާރާއެކު ވަރަށް މުހިންމު ދައުރެއް މުސްތަފާ ކުޅުނެވެ. ޚާއްސަކޮށް އެރަށުގެ ބިން، ހިއްކުމާއި އެއާޕޯޓް އެޅުމުގެ ކަންކަމުގައި އެމްޑީޕީގެ ފަހަތުފަޔަށް ބަރުވަމުން ދާންފެށުމުން ރައީސް ނަޝީދަށް ބާރުބޮޑުކޮށް ސިޔާސީގޮތުން “ބިރުގެންނެވުމުގައި” އޭނާ ވަރަށް ބޮޑަށް ބައިވެރިވި އެވެ.

ސާބިތު ދަރަނީގެ މައްސަލައެއްގައި މުސްތަފާގެ ގޮނޑިގެއްލުމުން އެގޮނޑިއަށް ޕީޕީއެމުން ކުރިމަތިލީ ތިމަރަފުށީ އަހުމަދު ޝަރީފެވެ. އެ ރަށު ރައްޔިތުން އޭނާ ހޮވައި، ޕީޕީއެމަށް މަޖިލިސްގައި ޕާޓީގެ ހައިސިއްޔަތު ހޯދައިދިނެވެ. ތިމަރަފުށީގެ އެއާޕޯޓްގެ ކަންކަން ފަސްވަމުންދާން ފެށުމުން، އެކަމަށް ހުރަސްއަޅަނީ އޭނާގެ ޕާޓީކަމަށްވާ، ޕީޕީއެމުން ކަމަށްބުނެ، ޕީޕީއެމަށް ‘ބިރުދައްކައި’ އެންމެ ފަހުން ޕާޓީއިން ކެނޑިގެން ގޮސް ރައީސް ވަހީދުއާ ގުޅުނެވެ. އަދި ދެން ހުއްޓާލާނީ، އެއާޕޯޓް އަޅާފައިކަމަށް ބުނެ، ރައީސް ވަހީދު ލައްވައި އެއާޕޯޓް އަޅުވައި، އެއާޕޯޓަށް ފުރަތަމަ ފުލައިޓް ޖެއްސުމާއެކުހެން އެނބުރި ޕީޕީއެމަށް އައެވެ.

ކުޅުދުއްފުށީ މެންބަރާއި ތާރުއެޅިމަގު އަދި އެއާޕޯޓް

ކުޅުދުއްފުށީ މަގުހެދުމުގެ ކަންކަން ލަސްވަމުން ދިޔައިރު ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު، ޢަބްދުލް ޣަފޫރު މޫސާގެ، އެއްވެސް ޕްރެޝަރެއް އޭނާގެ ޕާޓީ އެމްޑީޕީއަކަށް ވެސް އަދި ފަހުން ރައީސް ވަހީދަކަށް ވެސް ނުކުރެއެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ މެޖޯރިޓީއޮތް އޭނާއަށް ތާއީދުކުރާ ރަށު ކައުންސިލުން ދިޔައީ އެކަމަށް ކުރެވެން އޮތް ޖެއްސުމެއްވިއްޔާ ކުރަމުންނެވެ. ވަކި ދުވަހެއްގެ ކުރިން މަގުގައި ތާޅުއަޅައިފިނަމަ، ތިމަންނަ ހިނގާނީ އެކޮޅުކޮޅުންނޭ މަޖިލިސް މެންބަރު ބުނުމުން އޭނާގެ އަސްލު ސިފަ ފެނިގެންދިޔަ އެވެ.

ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދަކީ އަބަދުވެސް އަޑުމަޑު މެންބަރެއްކަމުން، ކުޅުދުއްފުށީގެ ތަރައްގީގެ ކަންކަމުގައި އުފުލަންޖެހޭ އަޑެއް އޭނާގެ ނުނުކުމެއެވެ.

ކުޅުދުއްފުށީގައި، އެއާޕޯޓެއް އަޅާވާހަކަ ޕީޕީއެމްގެ އަބްދުﷲ ޔާމީން އިއުލާންކުރުމުން އުތުރުދާއިރާގެ މެންބަރު އެކަމަށްވެސް ޖެހީ ޖޯކެވެ. ތިމަންނަގެ ޕާޓީ، އެމްޑީޕީއަކީ، ތިން މަސްދުވަހުން އެއާޕޯޓް އަޅާ ފާޓީކަމަށް ބުނެ، ތިމަންނާގާތު ކުޅުދުއްފުށީ އެއްވެސް މީހަކު އެއާޕޯޓެއް ބޭނުންވާވާހަކަ ނުބުނާކަމަށް ބުނެ، ކުރީ މަލާމާތެވެ. ތިމަރަފުށީ މެންބަރުންނާއި ކުޅުދުއްފުށީ ބީރެއްޓެހި މެންބަރުންގެ ތަފާތަކީ މިއެވެ.

އަހަރެން ހިތުން ކުޅުދުއްފުއްޓަށް، ތިމަރަފުށިން ވަރަށް މުހިންމު ކަމެއް ދަސްކުރެވިދާނެއެވެ. އެއީ، ރަށުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި، ބަސްބުނުމަށް، ޚާއްސަކޮށް މަޖިލީހަށް ރަށުމީހުން ހޮވުމުގަ އެވެ. އެމީހުންނަށް ޕްރެޝަރުކޮށް، އެމީހުންލައްވައި ރަށަށް ތަރައްގީގެނައުމުގައި ސަރުކާރަށް މަޖުބޫރުކުރުވުމުގަ އެވެ.

މިދިޔަ މަޖިލީސް އިންތިޚާބުގައި ވާދަކުރި ކުޅުދުއްފުށީ އެއް ކެންޑިޑޭޓެއްގެ ސްލޯގަންއަކީ “ރަށަށް ރަނގަޅުވާނީ ރަށުމީހެކެވެ” މިއެވެ. މި ސްލޯގަންގެ ބަރާބަރުކަން ތިމަރަފުއްޓާއި ކުޅުދުއްފުށީގެ ހާލަތު އަޅާކިޔާލުމުން އެބަ އެނގެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355