twitterviber whatsapp telegramfacebookyoutube instagram
27th April 2024

އާއިލީ ގުޅުން ހީނަރުވެގެން ދިޔަ ނުދޭށެވެ.

Dec 1, 2013

ސީމާ ހަސަން

އާއިލީ ގުޅުމަކީ އެހާމެ މާތް އަދި މުހިއްމު ގުޅުމެކެވެ. އާއިލީ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނާނެކަމަށް އަންގަވާފައި އޮތުމުންވެސް މިގުޅުމުގެ މަތިވެރިކަން ހާމަވެ އެވެ. މުވާސަލާތުގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި ގުޅުން ދެމެހެއްޓުމަކީ މާއުނދަގޫ ކަމެއްނޫނެވެ. އެހެންނަމަވެސް ކަންތައްވަނީ ދިމާ އިދިކޮޅަށެވެ. އެއް އުޚްތެއް އަނެކާއާ ދޭތެރޭ އޮންނަންވާ އެއްބަނޑު އެއްބަފާވަންތަ ކަމުގެ ގުޅުން ހީނަރުވަމުންގޮސް މިއަދު މިއޮތީ އެގުޅުން އަލުން އާލާނުކުރެވޭވަރަށް ގޮސްފައެވެ. ކަންމިހެންމިވަނީ ކޮންމެސް ސަބަބުތަކެއް މެދުވެރިވެގެންކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ.

އާއިލީ ގުޅުން ބަދަހިކުރުމަށް ބައެއް އާއިލާތަކުގައި “ފެމިލީ ޓައިމް” ގެނަމުގައި ވަކި ދުވަހެއް ކަނޑައަޅާ ވަގުތު ހޭދަކުރެ އެވެ. އެންމެން ތިބޭނީ އެއްތާކުއެވެ. އެހެންނަމަވެސް މިހާރުގެ އާދައަކީ ކިތަމެ ކުޑަހުސްވަގުތެއް ލިބުނަސް ފޭސްބުކަށް ވަނުމެވެ. އެއްބަޔަކު ތިބޭނީ ފޯނުން ގޭމުކުޅޭށެވެ. އަނެއްބަޔަކު ތިބޭނީ ޗެޓުކުރާށެވެ. އެކަކުއަނެކަކާ ވާހަކަދައްކާލާ ހީސަމާސަކުރެވޭތަނެއް ނުފެނެ އެވެ. އެއްސީރީޒްއަށްފަހު އަނެއްސީރީޒް ފެށިގެންދާއިރު ކައިރީގައި ޓީވީބަލަން އިންނަމީހާއާވެސް އަނގައިން ބުނެވޭ ފަހަރު ނާދެއެވެ. އެހެންކަމަށްވުމުން، އާއިލާތެރޭ ބަސްމަދުވެ، ގުޅުން ހީނަރުކުރުވާ މައިގަނޑު އެއްސަބަބަކީ މީޑިޔާއެވެ.

އާއިލީގުޅުން ދިރުވޭނީ، އެންމެ ކުޑަމިނުން އާއިލާތެރޭ ތިބޭބައެއްވެސް އެނގިގެންތާ އެވެ. ދަރިން ޅަފަތުގައި، އެކުދިންގެ މައިންބަފައިން އެކުދިންނަށް ތިމާގެ މީހުންނަކީ ކޮބައިކަމެއް ދަސްކޮށެއްނުދެއެވެ. ނަތީޖާއަކަށްވަނީ، ބޮޑުވަމުންދާއިރު، ބޮޑުދައިތައެއް، ބޮޑުބޭބެއެއް ވަކިނުވެ އެމީހުން ގޮވާލިޔަސް އެއީ ކާކުކަމެއް ނޭނގުމެވެ. އެންމެފަހުން ކައިވެނިކުރެވޭއިރު މިއިނދެވެނީ ކައިވެނި ހަލާލު މީހަކާކަމެއްވެސް ނޭނގުމެވެ. ޢީދު ދުވަސްފަދަ، އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ލިބޭ ދުވަސްތަކުގައި ތިމާގެ މީހުންނަށް ޒިޔާރަތްކޮށްލުމަށް މިހާރު ވަރަށް ނުނިކުމެއެވެ. ގިނަ މައިންބަފައިން، އެމީހުންގެ ދަރިން ބޭރަށްދިއުމަށް ހުރަސްއަޅާތީކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވުމުން ލޭގެގުޅުންތައް ދާނީ ހައްތަހާވެސް ބޮޑަށް ހީނަރުވަމުންނެވެ.

މިއަދު ގިނަމީހުންގެ ޝަކުވާއަކީ މަސައްކަތުގެ މައިދާނުގައި އުޅެންޖެހިފައިވާލެއް ބުރަކަމުން އިތުރުކަމެއް ކުރުމަށް ވަގުތު ނޯންނަކަމެވެ. އެންމެ ކުޑަމިނުން ޖީބުގައި އޮންނަ ފޯނުނަގައި މައިންބަފައިންގެ ޙާލުބަލާލާނެ ވަގުތެއްވެސް ނޯވެއެވެ. ދައްކާނެ ވާހަކައެއް ނެތޭކިޔާފަ އެވެ. މިއީ ލަދުގަންނަންވީ ކަމެކެވެ. ގުޅާލެވޭ އެންމެ ފޯނުކޯލެއްގެ ސަބަބުން އެމީހުން އިންތިހާއަށް އުފާވެ އެވެ. އެހެންނަމަވެސް މިގޮތަށް ކަންތައްކުރިއަށްދާނަމަ ދަރިންނާއި މައިންބަފައިން އެއްތަންވާ ހިނދު އޮންނާނީ ހަމަހިމޭންކަމެވެ. އެހެންކަމަށްވުމުން، ގުޅުންހީނަރުވެގެންދާ އަނެއްސަބަބަކީ “ބިޒީ” ކަމަށްބުނެ ބަހަނާ ދެއްކުމެވެ.

އާއިލާތެރޭ ޖެހޭމައްސަލަ އަވަހަށް ހައްލުކުރުމަކީ މުހިއްމުކަމެކެވެ. އެހެންނަމަވެސް މިއަދު މިފެންނަނީ ޒައްރެއްވަރުކަމެއް ބައްރަކަށް ހަދައިގެން މަސްލަހަލު ވަރަށް ގޯސްވާތަނެވެ. ޖެހޭކުދިކުދި މައްސަލަތަކާ ހެދި އަނެކާދެކެ ރުޅިއާދެވެ އެވެ. ގޮތްދޫނުކޮށް މާފްނުކުރާތަން އާދެއެވެ. ނަތީޖާއަކަށްވަނީ ދެބެން ވާހަކަނުދައްކާ ގިނަދުވަސްވެ ދެބީރައްޓެހިންނަށް ވުމެވެ. އެހީއަށް އެދެން ލަދުގަތުމެވެ. އެހެންކަމުން އެކަކު އަނެކަކަށް މާފްނުކުރުމަކީ ގުޅުން ހީނަރުވުމަށް މެދުވެރިވާ ސަބަބެކެވެ.

އެއްއާއިލާއެއް އަނެއްއާއިލާއާ ދެމެދު އޮންނަންވާ ގާތްގުޅުން ހީނަރުވާ އަނެއްސަބަބަކީ ހަސަދަވެރިކަމެވެ. ތިމާގެ ދަރި ތިމާގެ އުޚްތުގެ ދަރިއަށްވުރެ ދަށްވީމާ “ހަޖަމުކުރަން” ދަތިވެއެވެ. ހަސަދަވެރިކަން އިންތިހާއަށްގޮސް ސިހުރުހެދުމާ ހަމައަށްވެސް އާދެއެވެ. މިކަމުގެ ސަބަބުން މުޅިއުމުރަށްވެސް ދެއާއިލާ ރުޅިވެ ގުޅުން އެކަށް ކެނޑޭގޮތްވެއެވެ. އެހެންކަމަށްވުމުން ހަސަދަވެރިކަމުގެ ނުބައި ސިފައިން އެންމެންވެސް ރައްކާތެރިވުން މުހިއްމެވެ.

އާދެ، އާއިލީ ގުޅުމަކީ އެހާމެ ބޮޑަށް ހީނަރުވެފައިވާ ގުޅުމަކަށްވިއަސް އާލާކުރެވޭނެ އެއްޗެކެވެ. މީޑިޔާވެސް ހެޔޮގޮތުގައި ބޭނުންކުރެވިއްޖެނަމަ އޭގެ ފައިދާ ފެންނާނެއެވެ. ފޭސްބުކުގައި ގުރޫޕު ހަދައިގެން ގުޅުންބަދަހިވެއެވެ. ވަގުތު ލިބޭނީ ވަގުތު ހޯދީމައެވެ. މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅޭމީހަކުވެސް އާއިލާއަށް ކޮންމެވެސް ސިކުންތުކޮޅެއް ހުސްކުރުމަކީ ލާޒިމްކަމެކެވެ. މައިންބަފައިންގެ ޒިންމާއެއްވެސް ވަކި ކުޑައެއްނޫނެވެ. ދަރިންނައެކީ ތިމާގެ ގެތަކަށް ޒިޔާރަތްކުރުމަކީ އެމީހުންގެ ވާޖިބެކެވެ. އާދެ، އެއްބައިވަންތަ މުޖުތަމަޢުއެއް ބިނާކުރެވޭނީ އެންމެ ފުރަތަމަ އާއިލާ އެއްބައިވެގެންނެވެ. އެހެންކަމަށްވުމުން، ވަގުތު ފާއިތުނުވަނީސް، މިކަމާމެދު އެންމެން ވިސްނާލާށެވެ.

ނޯޓް: މިއީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 11 ގެ ދަރިވަރެއް ކަމުގައިވާ ސީމާ ހަސަން ލިޔެފައިވާ މަޒުމޫނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355