ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ވަނީ ކެމްޕޭންގެ މަސައްކަތް ފަށާފައެވެ. މަޖިލީހަށް ވާދަކުރާ ކެނޑިޑޭޓުންގެ އިތުރުން، އެ މެމްބަރުންނަށް ވޯޓު ދޭން ތިބި ރައްޔިތުންގެ މެދުގައި ވެސް ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. ހޮވާނީ ރަށު މީހެއް ތޯ ނުވަތަ އެ ދާއިރާއަކަށް ނިސްބަތްވާ މީހެއްތޯ މިއީ ވަރަށް ގިނައިން މި ދުވަސްކޮޅު އަޑު އިވޭ ސުވާލުތަކެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި މި ސުވާލުކުރާ މީހުން ގިނައެވެ.
އިދާރީ ދާއިރާތަށް ކަނޑައަޅައިގެން ކޮންމެ އިދާރީ ދާއިރާއަކަށް މެމްބަރެއް ހުންނާނެހެން މަޖިލީހުގެ އިންތިހާބު ބާއްވަނީ މުޅި ރައްޔިތުން ތަމްސީލުކުރާ މެމްބަރުންތަކެއް މަޖިލީހުގައި ބޭތިއްބުމަށެވެ. އެއީކީ އެ ދާއިރާ ނުވަތަ އެ ރަށެއްގެ ފަރާތުން ހަމައެކަނި އެ ދާއިރާއެއް ނުވަތަ އެ ރަށެއްގެ ފަރާތުން ވަކާލާތުކުރަން ހޮވާ މީހެއް ނޫނެވެ.
ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކުވެސް އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މެމްބަރެއްގެ އަމިއްލަ މަސްލަހަތެއް އޮންނަކަމެއްގައި ނުވަތަ އޭނައާ ގުޅުންހުރި ބައެއްގެ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ސަރީހަ އިބާރާތުން ގާނޫނުއަސާސީގައި ބުނެފައި ވެއެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ވެލްފެއަރ ބަލަހައްޓާ މީހާ ކަމަށެވެ. ނުވަތަ ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުވުމަށް މެދުވެރިއެއްގެ ރޯލް އަދާކުރަންޖެހޭނީ މަޖިލީހުގެ މެމްބަރުކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. އެކަމަކު ހަގީގަތަކީ ރައްޔިތުންގެ މަޖިލިސް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ގާނޫނު ހެދުމަށް އިންތިހާބުކޮށްފަ ތިބޭ މެމްބަރުންކަމަށް ވުމެވެ. ވަކި އިދާރީ ދާއިރާއަކުން އިންތިހާބުކުރާ ގޮތަށް އޮންނަނީ އެއީ ރައްޔިތުންތަކެއްގެ ވޯޓުން ހޮވަންޖެހޭ މަގާމަކަށް ވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގައި ވަކާލާތުކުރާއިރު އަދި ކެމްޕޭން ކުރާއިރުވެސް އެމީހަކު ހޮވިއްޖެނަމަ އެ ރަށަކަށް މިވެނި ކަމެއް ކޮށްދޭނެކަމަށް ބުނެއެވެ. އެއީ އެ މެމްބަރެއްގެ އަމިއްލަ ކަމެކެވެ. އެއްވެސް ހާލެއްގައި އެއީ މަޖިލީހުގެ މެމްބަރަކަށް ގާނޫނީގޮތުން ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތެއް ނޫނެވެ. ތަރައްޤީގެ މަސައްކަތްތަކާއި އުމްރާނީ އަދި އިޖްތިމާއީ ހިދުމަތްތައް ދިނުމާއި ރަށްކުރިއަރުވާ ހެދުމަކީ ސަރުކާރާއި ކައުންސިލްތަކުގެ ޒިންމާއެކެވެ. އެކަންކަމަށް ބޭނުންވާ ގާނޫނުތައް ހެދުމާއި ބަޖެޓް ހޯދުމަށް މަޖިލީހުގެ ދާއިރާގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުން ފަދަ ކަންކަން ކޮށްދޭން ތިބޭ ބަޔަކީ މަޖިލިސް މެމްބަރުންނެވެ. އަދި ސަރުކާރުން ކުރާ ކަންތައްތަކަށް ފާރަވެރިވެ ސަރުކާރު ހަމައަކަށް އަޅުވާ ޒިންމާދާރުކުރުވާ ބަޔަކީ ވެސް މަޖިލިސް މެމްބަރުންނެވެ.
މަޖިލީހަށް މެމްބަރަކު ހޮވާއިރު ބަލަންޖެހޭނީ މަޖިލީހުގައި ކުރަންޖެހޭ މަސައްކަތަށް އެންމެ އެކަށޭނެ މީހަކު ހޮވުމަށެވެ. ކޮންމެހެން އެއީ ރަށު މީހަކަށް ނުވަތަ އާއިލާ މީހަކަށް ވާކަށް ނުޖެހެއެވެ. އެހެނީ މަޖިލީހުގެ ހަމަ ކޮންމެ މެމްބަރަކުވެސް އޭނާގެ މަގާމުގެ ބޭނުން ކުރަންޖެހޭނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވާގޮތަށް އެމީހަކު ހޮވުނު ދާއިރާ ނުވަތަ ރަށަކަށް ބަލައިގެންނެއް ނޫނެވެ. އޭނާ މަސައްކަތްކުރަންޖެހެނީ މުޅި ރައްޔިތުންގެ ފައިދާ އަށެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި މަޖިލީހުގައި އެންމެ މޮޅު މެމްބަރަކީ އޭނާގެ ބާރުގެ ބޭނުންކޮށްގެން އެ ރަށަކަށް ސަރުކާރުގެ ތެރެއިން ކޮންމެވެސް ކަމެއް ކޮށްދޭ މެމްބަރެކެވެ. އެކަމަކު އެއީ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުއަސާސީން މަތިކޮށްފައިވާ މަސައްކަތެއް ނޫނެވެ. އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އަދި ހުރިހާ ރައްޔިތުންނަށް ވެސް އެކަމުން ފައިދާ ލިބޭނެ ކަންކަމުގައި މަޖިލީހުގެ މެމްބަރުންނަށް ވަކާލާތު ކުރެވިދާނެއެވެ. އެކަމަކު މަގާމުގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދުމަށް ސަރުކާރުގެ ތެރެއިން މަސައްކަތްކުރުމަކީ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ މަސްއޫލިއްޔަތާ ފުށުއަރާ ކަމެކެވެ.