twitterviber whatsapp telegramfacebookyoutube instagram
17th September 2026

އަދަބިއްޔާތު – “ޙައްޤުގައި ލޯބީގެ ތިޔަ ދީފާނަމޭ މިހިތާ މެޔާ”

Dec 25, 2013

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

ރާގު: ޢަޞްރު ދިޔައީ ގެއްލިގެން އުންމީދު ކުރަމުން އައިނަޔާ..

ޢިޝްޤުގައި ގުޅިފައިވި މިދެހިތް ވަކި ނުވާނޭކަން ހުވާ

ޖިސްމުގައި ވިންދާ ލެޔާ ހުރިހާ ހިނދަކު މީއޭ ދުޢާ

ކޮންމެ ތާކުން ފެނިލިޔަސް ލޯބީގެ ރާހަތު ރޫޙުގައި

އެންމެ ފުންމިނުގައި ހިނގާ ލިބެޔޭ ހިތަށް ހުރިހާ އުފާ

މަދަދު ބޭނުންވާ ފަރާތެއް ނެތްމެޔޭ ތިޔަ ނޫންމަގޭ

އަބަދުވެސް ލޯތްބާ ވަފާ އެދެނީ ތިބާގެ ޙިމާޔަތާ

ކޮންމެ ފަދަ ވޭނެއް ތުރާލެއް ލިބުނަކަސް މިޙަޔާތުގައި

އެންމެ ކުޑަ ހިނިތުންވުމެއް ފުދެޔޭ މަށަށް ލިބުމަށް ޝިފާ

ކޮށްލިޔަސް ކުޑަ ކުޑަ އިޝާރާތެއް ތިބާ އެސްފިޔަތަކުން

ކޮންމެ ހާލެއްގައި ވިޔަސް އެކަމަށްޓަކައި ވާނަން ފިދާ

ހިތުގެ އިޚްލާޞްތެރިކަމާ ތެދުވެރި ވަފާތެރި ކަންމަތީ

ޚިދުމަތުން މިތުރާގެ ތިޔަ އެއްކޮށް މަލާނަން ރޭދުވާ

ވަކިވެގެން ދިޔަޔަސް މި ދުނިޔޭން ހަށިގަނޑާ މިފުރާނަޔާ

ވަކިވެގެން ނުމެދާނެޔޭ މިހިތެއް މަގޭ ތިޔަ ސޫރަޔާ

އެންމެ ބޭނުން ލޯތްބަކީ ތިޔައޭ މަގޭ މިޙަޔާތުގައި

ޙައްޤުގައި ލޯބީގެ ތިޔަ ދީފާނަމޭ މިހިތާ މެޔާ

މެރިލިޔަސް ލޯ ހީވެޔޭ ތިޔަ ސޫރަވާހެން ކުރިމަތީ

މަރުވިޔަސް ދުލަކުން މަގޭ ނުކިޔާނަމޭ ފަހު އަލްވިދާ

ފަހުވަގުތުގައި ވެސް ތިބާޔާ އެކުވުމަށް ބޭނުންވަމޭ

މަޙުޝަރުގެ ބިމުގައި ދެހިތް އެކުގައި ވުމަށް ކުރަމޭ ދުޢާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293