twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (53)

Feb 11, 2014

 ޖެނުއަރީ 28 ވަނަ ދުވަހުގެ ބަޔާގުޅޭ

ފޯނު ތިރިކޮއްލި ގޮތަށް ސުދާ އިނީ ގަނބުވެފައެވެ. ޒަވީންގެ ފޯނަށް އައި ކޯލު އޭނާ ނެގީ ޒަވީންއަށް  ނިދިފައި އޮތުމާއި އެކުގައެވެ. އީރާގެ އަޑު އޭނާއަކަށް ނޯޅެއެވެ. އިވުނު ބަސްތަކުން އޭނާގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި ކަހަލައެވެ.

ޔޫއާން މިސްރާބު ހުރީ ގެއިން ނިކުމެ ސިކުނޑި ހަމަޖައްސާލެވޭނެ ދިމާލަކަށެވެ. އޭނާ ބޭނުންވަނީ އަމާން މާހައުލެކެވެ. ކާނިވަލް ސަރަހައްދުގައި އެކަނި މާއެކަނި ރޭގަނޑުގެ ވަގުތު ހޭދަކޮށްފައި ފަތިހުގެ އަލިކަން ފެނިލުމާ އެކު އެނބުރި ދާން ހިނގައިގަތެވެ. ގެއަށް ދިއުމުގެ ބަދަލުގައި ރަޙްމަތްތެރިއެއްގެ ޚިޔާލު ބޭނުންވާތީ މިސްރާބު ބަދަލުކޮށްލިއެވެ.

ލޮލު ފިޔަޖަހާ ނުލައި ވިސްނުމުގައި ހޭދަކޮށްފައި ޝާޔާ ތެދުވީ ކުޑަދޮރުން އިރުގެ އަލިކަން ފެނިލުމުންނެވެ. މޫނުދޮވެލައިގެން އަވަހަށް ކޮޓަރިން ނިކުތެވެ. ސިއްރު ސިއްރުން ގޭތެރެއަށް ބަލާލާފައި މީހެއްގެ ހިލަމެއް ނެތުމުން ނިކުންނަން ހިނގައިގަތެވެ. ގޭތެރެއިން ފިޔަވަޅު ތަކެއްގެ އަޑު އިވިފައި ޝާޔާ ބޭނުންވީ އަވަހަށް ނިކުންނާށެވެ. ޒާފް ވާހަކަ ދައްކާ އަޑު އިވުމުން ފަހަތް ބަލަން ހުރެފައި ތަޅުގައި ހިފާ އަނބުރާލެވުނީ ވަރަށް ބާރަށެވެ. ދޮރު ހުޅުވުނު ވަގުތު ކުރިއަށް ފިޔަވަޅެއް އަޅައިލިތަނާއި ޖެހުނީ ފިރިހެނެއްގެ ގައިގައެވެ. ޝާޔާ ސިހިފައި އިސްއުފުލާލިވަގުތު ކުރިމަތީގައި ހުރި މީހާ ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.

”މަންމީ.” ފަހަތުން ޒާފްގެ އަޑު އިވުނު ނަމަވެސް އިތުރު ދިމާލަކަށް ނަޒަރު ހުއްޓާލެވޭ ވަރެއް ނުވިއެވެ. ކުރިމަތީގައި ހުރި މީހާއަށް ބަލަން ހުރެވުނީއެވެ. ޒާފް ދުވެފައި އައިސް ޝާޔާގެ ފައިގައި ބައްދާލައިފިއެވެ.

”ޔޫއާން.” އެތަނުގައި ހުއްޓެމުން ޒިޔާދު ގޮވާލިއެވެ. ޔޫއާންއަށް އެތެރެއަށް ވަންނަން ޒިޔާދު ހުއްދަ ދިނުމުން ޝާޔާ އެއްކައިރިއަށް ޖެހި ތަން ދެއްކިއެވެ. ޒާފްއަށް ނުފެނި ދާން ނިކުން ޝާޔާއަށް ޖެހުނީ ޒާފް ގޮވައިގެން އެތެރެއަށް ވަންނާށެވެ.

”އެއީ ކޮންކަމެއް؟” ޔޫއާން ގޮސް ވަނީ ޒިޔާދުގެ ކޮޓަރިއަށެވެ.

”ކަމެއް ލައިގަނެގެން މިއުޅެނީ. ޒާފް މަންމަ ގެނެސްދޭށޭ ކިޔަ ކިޔާ ހުއްޓާ އިއްތިފާޤުން ދިމާވި ގޮތް.” ޒިޔާދު ޝާޔާ އެގެއަށް ގެނައި ގޮތް ކިޔައިދިނެވެ. އަދި އިރުއެރުމުގެ ކުރިން ޝާޔާ ކައިރީ އެގެއިން ނިކުމެގެން ދިއުމަށް ބުނެފައިވާކަމަށްވެސް ބުނެލިއެވެ. ޔޫއާން ސުވާލު އުފެދިފައި ހުރެވުނެވެ. ޝާޔާ މަގުމަތީގައި ހުރީ ކީއްވެ ކަމާއި މެދު ވިސްނާލެވުނެވެ.

”ޒިޔާދު. އޭނާ މިގޭގައި ބަހައްޓައިދީބަލަ.” ޔޫއާން އެގޮތަށް ނިންމީ ކީއްވެބާއޭ ޒިޔާދުގެ ހިތަށް އެރިއެވެ.

”ކީއްވެ؟” ޒިޔާދުއަށް އަހާލެވުނެވެ.

”ދާނެ ތަނެއް އޮތް ނަމަ ރޭގައި މަގުމަތީގައި އޭނާ ނުހުންނާނެ އެއްނު. އަހަންނަށް ކޮއްދޭ ކަމެއްގެ ގޮތުގައި ދުވަސްކޮޅަކަށް އޭނާ ބަހައްޓައިދީބަލަ.” ޔޫއާން ސަބަބެއް ނުބުނެއެވެ.

”އެ މަންޖެއަށް ހިތްކީތަ؟” ޒިޔާދު ސަމާސާ ރާގެއްގައި ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

”ސަމާސާއެއް ނޫނޭ. ބޮޑު ކަމެއްގެ މަޝްވަރާއަށް އެދެން މިއައީ..” ޔޫއާން އަސްލު މައުޟޫއަށް ދިޔައެވެ.

”ހޮސްޕިޓަލުން ހެދި ޓެސްޓެއް ޔަޤީން ކުރެވޭނީ ކިހިނެއް؟” ޔޫއާން ދެޖީބަށް އަތްޖަހާލަމުން ބުނެލިއެވެ.

”ކަމެއް ޖެހުނީތަ؟” ޒިޔާދުގެ މޫނުމަތިން ފެނުނު ސަމާސާ ގޮތްގަނޑު ކަނޑުވާލިއެވެ.

”މަ ބޭނުން ޓެސްޓެއް ޔަޤީންކުރަން. ޓެސްޓް ހެދި މީހާއިން ފެށިގެން ޑޮކްޓަރާ ހަމަޔަށް ދާންޖެހުނަސް މައްސަލައެއް ނެތް. ޒިޔާދު ކައިރިއަށް މިއައީ ވަރަށް އިތުބާރުކޮށްފަ. ތިއީ ހޮސްޕިޓަލުގެ ސީ.އޯ ވީމަ.” ޔޫއާންގެ ޖީބުން ނެގީ ޝާޔާ ހަދާފައި އިން ޓެސްޓުގެ ނަތީޖާއެވެ.

ސަލަފް  އޮފީހަށް ދާން ތައްޔާރުވަމުން ދިޔައެވެ. ޓައި އަޅަން ލޯގަނޑު ކުރިމަތީގައި ހުރިއިރު ލޯގަނޑުން ފަޅުވެފައިވާ އެނދު ފެނެއެވެ. ސަލަފްއަށް ވަގުތުން އެނބުރިފައި ބަލާލެވުނެވެ. އެއީ ދެމީހުންގެ ލޯބިކުރި ދާނެވެ. ސަލަފް ފެންކަޅިވިއެވެ. އެ ސިކުންތުގައި ހިތާމައިގެ މައްޗަށް ރުޅި ގަދަވެގަތެވެ.

އެންމެ ފަހަރަކުވެސް އޭނާއަށް ނިންމުނު ނިންމުމަކީ ވިސްނާނުލައި ނިންމުނު ކަމެއްކަމުގައި ނުދެކެއެވެ. ރުޅި އާދެވެނީ ޝާޔާ ބޭވަފާވީއޭ ހިތައެވެ. ބޭވަފާވި އަންހެނެއް ދެކެ ލޯބިވެވުނީތީ އެކަމާއެވެ. ސަލަފް ދެކޭގޮތުގައި އޭނާއަށް ވެވުނީ ހަރުދަނާ ލޯތްބެކެވެ. އިތުބާރު ގެއްލެއްދެން އިތުބާރު ކުރިމެއެވެ.

އީރާ ކޮޓަރިން ނިކުން އިރު އަނީސާ އިނީ ސިޓިންރޫމްގައެވެ. އެތައް ދުވަހެއް ވަންދެން ބަންދުކޮށްފައި ހުރި އެގޭގެ ހުރިހާ އެއްޗެއް ވަނ ހިރަފުހުން ފުރިފައެވެ. ބަދިގެ ތެރޭގައި ކައްކައިގެން ކެވޭނެ ގޮތެއް ނެތެވެ. އަތްލާ ގެންގުޅޭ އެއްޗެހިތައް އަނީސާ އުކާލީ އެގެއަށް އެނބުރި އަންނަން ޖެހިދާނެ ކަމަށް ހިތައް ނޭރީތީއެވެ. އަނީސާ ރުޅިގަދަވެފައި އިނީ ޝާޔާ ދެކެއެވެ. ފަޤީރު ހާއްޔަށް އެނބުރި އަންނަން ޖެހުނީ ޝާޔާގެ ސަބަބުންނޭ އޭނާގެ ހިތަށް އަރައެވެ. ޝާޔާއަށް އުޅެން އެނގުނުނަމަ މިހެންނެއް ނުވީހެވެ.

”ޝާޔައްތަ ކޮބާ؟” އީރާއަށް ހުޅުވިފައި ހުރި ޝާޔާގެ ހުސްކޮޓަރި ފެނެއެވެ. އެތަނުގައި ޝާޔާ ނެތްކަން އެނގުމުން އަހާލެވުނެވެ. އޭނާ ޓެކްސީއިން ފޭބި ގޮތަށް ކޮޓަރިއަށް ވަނީއެވެ. ގޭތެރޭގައި ހިނގައިދިޔަ ކަންތައް ރެއަކާއި ނުލައެވެ.

”ތިނަން ކިޔާ ދަރިއަކު މަގޭ ނުހުންނާނެ. ހަރުކަށިކަން ދައްކައިގެން ވިއަސް ސަލަފް އާއި އޭނާ ދެވީ އަހަރެމެން ތިންމައިންގެ ރަނގަޅަކަށް. އޭނާގެ އެއްވެސް އުޅުމެއް ނެތްކަމުން އެނބުރި މި ދިރިއުޅުމަށް އަންނަން ޖެހުނީ. އަހަރެމެން ދެމައިން އުޅޭނީ ކޮން ހާލެއްގައި. ވަޒީފާ ގަނޑެއް އޮތް ބައެއް ނޫން. އިތުރު ބުރައަކަށްވާން އޭނާ އަންނަންވީ ކީއްކުރަން. މިގޭގެ ދޮރުތައް އޭނާއަށް ވަނީ ބަންދުވެފައި.” އަނީސާ ރުންކުރު ރާގަކަށް ބުނެލިއެވެ. އީރާއަށް އަނގަމަތީ އަތް އަޅާލެވުނީ ކިރިޔާއެވެ. ގިސްލެވުނު އަޑު ސިއްރުވެގެން ދިޔައެވެ. އެކަމަކު އޭނާގެ ދެލޮލުން ފައިބަންފެށި ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ.

ކުށްވެރިއަކީ އޭނާއެވެ. ސަޒާ ލިބެނީ ޝާޔާއަށެވެ. ޒަވީން ބުނެގެން ޝާޔާގެ ނަމުގައި ޓެސްޓް ހެދުނު ކަމީ އޭނާއަށް ހެދުނު މޮޔައެވެ. އެންމެ ފަހުން ޒަވީން ބޮލުން ނައްޓާލީއެވެ. އިއްޔެ ޒަވީންހުރީ އެއްޗެއް ނުބުނެއެވެ. ރެއިން ފެށިގެން ޚަބަރެއް ނުވެއެވެ. އީރާ ކަންބޮޑުވިއެވެ. މަންމަ ކައިރީ އެއްޗެއް ބުނާކަށް ނުކެރޭނެއެވެ. ހަޤީޤަތް ހާމަކުރަން ބޭނުންވަނީ ޝާޔާގެ ކުރިމަތީގައެވެ. އެކަމަކު ޝާޔާ ހޯދާނީ ކިހިނެއްކަމެއް ނުވިސްނެއެވެ.

ގޭގައި މަޑުކުރުމުން ޒިޔާދު ހިތްހަމަނުޖެހިފައި ހުރެދާނެތީ ޝާޔާ ހުރީ ކަންބޮޑުވެފައެވެ. ޒާފް ފަހަތުން ނުނެއްޓޭތީ އޭނާ ހުރީ ހައްޔަރުވެފައެވެ. ޒާފް ހެނދުނު ސައިބުއީ ޝާޔާގެ އަތުންނެވެ. ޝާޔާއަށް ނޭވާ ލެވުނީ ޒާފް މެންދުރު ނިދިފަހުންނެވެ. ޝާޔާ އަވަސްވެގަތީ ގެއިން ނިކުންނާށެވެ. ޒާފް ކޮޓަރީގެ ދޮރު ލައްޕާފައި ފިޔަވަޅެއް އަޅައިލިތަނާއި ފަހަތުން އިވުނު އަޑުން ޝާޔާ ހުއްޓުނެވެ.

”ދަނީތަ؟” ޒިޔާދު ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. ޝާޔާ ބޯޖަހާލިއެވެ.

”ކޮންތާކަށް..” ޒިޔާދު އަހާލިއެވެ. ޝާޔާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާ ދާނެ މަންޒިލެއް ނެތެވެ. ހިޔާވާނެ ތަނެއް ޖެހޭނީ ހޯދާށެވެ.

”އުދަނގޫ ނޫންނަމަ ޒާފްއަށްޓަކައި މަޑުކޮށްލަދީ. ޒާފްއަށް މިވަގުތު ލޯބި ވަރަށް މުހިއްމު. އަހަރެން އެދެނީ އޭނާ ހަޔާތުގެ ފަހު ދުވަސްކޮޅު އުފަލުގައި އުޅެން.” ޒިޔާދުގެ އަޑުގައިވަނީ ހިތްދަތިކަމެވެ. ފާރުގައި ލެނގިލަމުން އެސްފިޔަތައް މަރާލިއިރު ފޫދެމުން ދިޔަ ކަރުނަތައް ފާޅުވެވޭ ހުއްޓެވެ.

”ޒާފް އަކީ ހިތުގެ ބަލި ހުންނަ ކުއްޖެއް. އެއީ އޮޕަރޭޝަން އަކުން ރަނގަޅު ކުރެވޭ ވަރު ކަމެއް ނޫން. ޑޮކްޓަރުން އިތުބާރު ދިނީ ދެތިން މަސްދުވަސް ހުރެވޭނެ ކަމަށް. މިއީ އެންމެ ފަހު މަސް.” ޒިޔާދު އަޑު ކުރަކިވިއެވެ. އޭނާ ހާމަކުރަމުން ދަނީ ހަޤީޤަތެވެ. ޔޫއާން ނޭދުނު ނަމަ ޝާޔާ ކައިރީ މަޑުކުރަން އޭނާ ނުބުނާނެއެވެ. އެކަމަކު ޔޫއާންގެ ނަން މެދަށް ގެންނާކަށް އޭނާ ބޭނުމެއް ނޫނެވެ.

ޝާޔާއަށް އިންކާރު ކުރެވޭކަށް ނެތެވެ. ތަޤްދީރުން ބީރައްޓެއްސެއްގެ ހިޔާވަހިކަން މިންވަރު ކުރެއްވިކަން އެއީވެސް ނަޞީބެވެ. ޝާޔާއަށް ރޮވުނީ އެކަލާނގެ އޯގާތެރިކަން ހިތަށް އެރުމުންނެވެ. އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެއޭ ބުނަނީ އެހެންވެގެންނެވެ.

ޝާޔާއަށް ފިޔަވަޅެއް އެޅުނީ ޒިޔާދުއަށް ފޯނެއް އައިސްގެން ދިޔަ ފަހުންނެވެ. ޝާޔާ ގޮސް ވަނީ ޒާފްގެ ކޮޓަރިއަށެވެ.

”ކީކޭ ޔޫއާން..” ޒިޔާދު ގެއިން ނިކުމެފައި ފޯނަށް ޖަވާބު ދިނެވެ.

”ބިޒީ ނޫނިއްޔާ ހިނގާބަލަ ހޮސްޕިޓަލަށް ދާން. މަ ބޭނުން މިކަންތައް ބަލަން.” ޔޫއާންގެ އެދުމަށް ޒިޔާދު ހޮސްޕިޓަލްގެ ކައިރިއަށް ދިޔައިރު ޔޫއާން ހުރީ އެތަނުގައެވެ. ދެމީހުން އެކުގައި ގޮސް ވަނީ ޒިޔާދުގެ ކެބިންއަށެވެ.

ޒަވީންއަށް ހޭލެވުނީ މެންދުރުވީ ފަހުންނެވެ. ރޭގައި ނިދުމުގެ ކުރިން ފޯނު އެލާރމް ނުކުރާތީ އޮފީހަށް ދާންޖެހޭ ގަޑި ފަހަނަ އަޅާ ދިޔައިރުވެސް ނިދިފައި އޮވެވުނީއެވެ. ޒަވީން ނިދި ފިލުވާލުމުގެ ގޮތުން އެނދުގައި އިށީނެވެ.

”އަހަރެން ހިއެއް  ނުކުރަން ޒަވީންގެ ކުޅިގަނޑުގެ އަމާޒު ފަތްގަނޑަށް ޝާޔާ ވާނެ ކަމަކަށް. އަހަރެން ކެއްކުރީ ޒަވީންގެ ފަރާތުން އަނިޔާ ލިބެނީ އަހަންނަށް އެކަނި ކަމަށް ހީވެގެން. އަހަރެން ހީކުރީ އަހަރެންގެ ފަރުވާކުޑަކަމުގެ އިމްތިހާނެއް ކަމަށް އެއީ. ޒަވީން. ޝާޔާ އަކީ އެއްވެސް ކުށެއް ނެތް އިންސާނެއް. ޒަވީންގެ ސަބަބުން އޭނާގެ ދިރިއުޅުން ފަނާވީ. އެ ހުރިހާ ކަމެއް ހިނގީ ޒަވީންގެ ލޯމަތީ. ހިތަށް އަރާ ޒަވީންއަށް ބަހެއް ނުބުނެ ހުރެވުނީ ކީއްވެބާއޭ.” ޒަވީން ސިހުނީ ފަހަތުން ސުދާގެ އަޑު އިވިފައެވެ. ސުދާއަށް އެޚަބަރު ލިބުނު ގޮތަކާއި މެދު އޭނާ ސުވާލު އުފެދުނެވެ. އަނގައިން އެއްޗެއް ނުބުނެވިފައި އިނީ ހައިރާންވިލެއް ބޮޑުކަމުންނެވެ.

”ހައިރާންވެއްޖެ ދޯ އަހަންނަށް އެނގުނީމަ. އަހަރެން އެއަށްވުރެ ބޮޑަށް ހައިރާންވެއްޖެ ޒަވީން އާއި އެކު އެކުޅިގަނޑު ކުޅުނީ ދުރު މީހެއް ނޫންކަން އެނގުނީމައި. ޝާޔާގެ ކޮއްކޮ އީރާ.” ސުދާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.

”ސުދާއަށް އެނގުނީ ކިހިނެއް؟” ޒަވީންއަށް އެނދުން ތެދުވެވުނީ ކިހިނެއް ކަމެއް ނޭނގެއެވެ.

”ޒަވީންގެ ފޯނަށް އައި ކޯލަށް އަހަރެން ޖަވާބު ދިނީ.” ސުދާ ދިއްކުރީ ޒަވީންގެ ފޯނެވެ.

ޒަވީން ފޯނުގައި ހިފިއެވެ.

”ޒަވީން. އަހަރެން މި ހަޤީޤަތް އެންމެންގެ ކުރިމައްޗަށް ގެންނާނަން. ޒަވީންއަށް ސިއްރު ކުރަން ކުރެވުނު ހުރިހާ ކަމެއް ކުރޭ.” ސުދާ ހިނގައިގަންނަން އުޅުމުން ޒަވީން ބިރުގަތެވެ. ވަގުތުން ސުދާގެ އަތުގައި ހިފަހައްޓާލެވުނެވެ.

”ނޫން. އޭރުން އަހަންނަށްވާނީ ކިހިނެއް؟ ސަލަފް އަހަރެން މަރާލަންވެސް ފަސްނުޖެހޭނެ. ސުދާ އަހަރެން ދެކެ ލޯބިވެއެއްނު. އަހަންނާ އެކު އުޅެން ބޭނުންވެއެއްނު. އަހަރެން ސުދާއަށް ދެވަނަ ފުރުޞަތެއް ދޭނަން. އީރާ ދުރުކޮށްލާފައި ސުދާ ބޭނުން ހުރިހާ އުފަލެއް ދޭނަން.” ޒަވީން އާދޭސްކުރަން ފެށިއެވެ. ސުދާ އިރުކޮޅަކު ޒަވީންގެ ވާހަކަތައް އަހާފައި ހިމޭނުން ހުއްޓެވެ.

”އަހަރެން ނިންމައިގެން ހުރި ގޮތަކަށް އަދިވެސް ބަދަލެއް ނާދޭ. ޒަވީން ކައިރީ ބުނިން އަހަރެން ބޭނުންވަނީ ވަރިވާށޭ. ގޭތެރޭގެ ހާލަތު ރަނގަޅު ނޫންވީމަ މަޑުކޮށްލައިގެން ހުރީ. އަހަރެން އުމުރުގައި ހުހަށް ހުރެދާނަން. އެކަމަކު ދެން ޒަވީންއެއް ބޭނުމެއް ނޫން.” ސުދާ އަތް ފޮޅުވާލަން މަސައްކަތް ކުރިއެވެ. އޭގެ ކުރިން ޒަވީން ބާރުލާފައި ސުދާ ކޮއްޕާލީ އެނދާއި ދިމާލަށެވެ. ސުދާއަށް ގަދަ ހަދާނެ ފުރުޞަތެއް ނުދީ ހެދުމުގެ ދޯޕައްޓާއަކުން އަނގަމަތި ބަނދެލިއެވެ. ދެން ދެއަތް އެނދުގެ ހެޑްބޯޑުގައި ބަނދެލީ ބެޑްޝީޓަކުންނެވެ. ޒަވީން ގޮސް އެނދުގެ ކޮޅުގައި އިށީނެވެ.

ޒިޔާދުގެ އެހީގައި ޔޫއާން ބަލަމުން ގެންދިޔައީ ލެބޯރޓްރީގެ ސާންޕަލް ކަލެކްޓްރާ އޭރިޔާގައި ހުންނަ ވެބް ކެމެރާ ތަކުގެ ފްޓޭޖުތަކެވެ. ޔޫއާން ހެޑްސެޓް ޖަހާލިއެވެ. ސާންޕަލް ނަގަން ވަންނާނީ އެމީހެއްގެ ނަން ގޮވުމުން ކަމަށްވާތީ އެމީހުން ތިބީ އަޑުއަހަން ހުށިޔާރުވެގެންނެވެ. ޝާޔާގެ ނަން ގޮވާލި އަޑަށް ޔޫއާން ފަރުވާތެރިކަމާއި އެކު ޒިޔާދުގެ މޫނަށް ބަލާލާފައި ކޮންޕިއިޓަރުގެ ސްކްރީނަށް ބަލާލިއެވެ. އީރާ ފެނިފައި ޔޫއާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355