twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގެ ކުޅި ހިއްކުން ބޮޑު ބަހުސަކަށް

Feb 17, 2014

ކުޅުދުއްފުށީ އުތުރުކޮޅުގައި އޮތް ކުޅިއަކީ ކުޅުދުއްފުށީގެ ތާރީޚާ ގުޅިފައިވާ އަދި ރާއްޖޭގައިހުރި މަދު މަށި ކުޅިތަކުގެ ތެރޭގައި ހިމެނޭ ބޮޑު ކުޅިއެކެވެ. ކުޅީގެ ބޭނުން އެކި ޒަމާންތަކުގައި ބޭނުން ކުރަމުން އައި ގޮތް ތަފާތުވިނަމަވެސް ކުޅީގެ ބޭނުން ކޮންމެވެސް ސިފައެއްގައި ކޮންމެ ޒަމާނެއްގައި ވެސް ކުރަމުން އައެވެ. މި ދުވަސްވަރު ކުޅުދުއްފުށީގެ ރައްޔިތުންގެ މެދުގައި އަދި ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ކުޅުދުއްފުށީގެ ކުޅިއާ މެދު ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ބޮޑެތި ވައުދުތަކަކާއެކު އެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ވައުދަކީ ކުޅުދުއްފުށީގައި ރީޖަނަލް އެއާޕޯޓެއް އެޅުމަށް ވެވަޑައިގެންނެވި ވައުދެވެ. ހދ އަތޮޅުގައި ކުޅުދުއްފުއްޓާ މާ ދުރުނޫން ހިސާބެއްގައި ރީޖަނަލް އެއާޕޯޓެއް އޮތްއިރު ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމާމެދު ގިނަ ބަޔަކު އެކި ގޮތްގޮތަށް ވާހަކަ ދެއްކި އެވެ. އެހެންނަމަވެސް މައިގަނޑު ބަހުސް ފެށުނީ، ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ކުރިން މި ދެންނެވި ކުޅި ހިއްކަންޖެހޭކަމަށް ސަރުކާރުން އިއުލާނުކުރުމާ ހިސާބުންނެވެ.

ތިމާވެށީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތަކުން މި ނޫހަށް މައުލޫމާތު ދެއްވަމުން ކުޅި ހިއްކައިފިނަމަ ލިބޭނެ ގިނަގުނަ ގެއްލުންތަކެއް ހިއްސާކޮށްފައި ވެއެވެ. އެގޮތުން ކުޅި ހިއްކައިފިނަމަ ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ، އެތައް ދިރުން ތަކެއް ނެތި ދިއުމުގެ ބިރެވެ. ކުޅުދުއްފުށީގެ ކުޅިއާ ގުޅިފައިވާ ބަޔޮޑައިވަސިޓީ އާއި އިކޯސިސްޓަމަށް ބޮޑެތި ބަދަލުތަކެއް އައިސް ގިނަ ގެއްލުންތަކެއް ލިބޭނެކަމަށް އެ ފަރާތުން ވިދާޅުވެއެވެ. އަދި އޭގެ އިތުރުން ނުސީދާކޮށް ނަމަވެސް ކުޅުދުއްފުށީގައި ދިރިއުޅޭ ފަރާތްތަކަށް ތިމާވެށީގެ ގޮތުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުޅި ނުވަތަ އެގޮތަށް އޮންނަ ހުސް ފެންގަނޑުތަކާއި ދިރުންތަކުގެ ސަބަބުން ޖައްވުގައި ހުންނަ ކާބަން އެބްޒޯރބް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ޖައްވު ސާފުވެ ނޭވާލާ ނިޒާމަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ.

އެ ފަދަ ގުދުރަތީ ތަނެއް ނެތި ދިއުމަކީ އަނބުރާ އިއާދަކުރެވޭނެ ކަމެއް ނޫން ކަމަށް ކަމުގެ މާހިރުން ބުނެއެވެ. ކުޅީގެ ދިރުންތައް ނެތި ދިއުމުގެ އިތުރުން އެ މާހައުލާ ގުޅިފައިވާ ގަސްތަކާއި އެހެނިހެން ދިރުންތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިކޯ ކެއާއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވާގޮތުން ކުޅި ހިއްކުމަކީ ސީދާ ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ކުރުން ލާޒިމުކޮށްފައިވާ ކަމަކަށް އިހުމާލުވުމެވެ. އަދި ތަރައްޤީގެ މަސައްކަތްތަކަށް ތިމާވެށި ގުރުބާން ނުކުރުމަށްވެސް އެ ނޫސްބަޔާނުގައި ގޮވާލާފައި ވެއެވެ.

ކުޅުދުއްފުށީގައި މީގެ ކުރިންވެސް ތަރައްޤީގެ މަޝްރޫއުތަކަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޮޑެތި ސިންގާ ފެންގަނޑުތަކެއް ވަނީ ހިއްކާފައެވެ. އެގޮތުން ކުޅުދުއްފުށީ ދެކުނު ކޮޅުގައި އޮތް “މާފަލު” ފެންގަނޑާއި އެ ފެންގަނޑާ ގުޅިފައިވާ ޗަކަބިންތަކާއި ކަނޑޫފާތައް މީގެ އެތައް އަހަރުތަކެއް ކުރިން ވަނީ ހިއްކާފައެވެ. މިހާރު ސްޓޭޑިއަމް އޮތް ބިމާއި އިންޖީނުގެ އަދި އަފީފުއްދީން އޮތް ބިމަކީ ކުރިން ބޮޑު ފެންގަނޑެއް އޮތް ތަނެކެވެ. އޭގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ އުތުރުން މިހާރު ރޯ ހައުސް އަޅާފައިވާ ބިމަކީވެސް ކުރިން ދެންނެވި މަށި ކުޅީގެ ވަށައިގެން އޮތް އެ ކުޅީގެ އެއް ބައެވެ. އަދި ރަށުގެ މައި މަގުކަމަށްވާ އަމީނީމަގު ހެދުމަށް ކުޅީގެ ބޮޑު ބައެއް ހިއްކާފައި ވެއެވެ. މިއީ ކުޅުދުއްފުށީގެ ކުޅި ހިއްކުމަށް ތާއީދުކުރާ ފަރާތްތަކުން މިހާރުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ކުޅީގެ ބައެއް ހިއްކައިގެން ރަށަށް އިގްތިޞާދީގޮތުން ލިބެން އޮތް މަންފާއެއް ހުއްޓުވުމަކީ ކުރިމަގުގައި އެކަމުގެ ސަބަބުން އިގްތިޞާދީ ނަޒަރަކުން ބަލާއިރު ގެއްލުން ބޮޑު ކަމެއް ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

ކުޅުދުއްފުށީގެ މަށި ކުޅީގެ ހިމާޔަތުގައި ބަޔަކު ނުކުމެ މިހާރު އަޑު އުފުލަމުންދާއިރު، އެ ކުޅިއާ ގުޅުންހުރި އެތައް ދިރުންތަކެއްގެ ގޮވަތި ނެތި ވަނީ ގޮސްފައެވެ. ކުޅިއަކީ އެތަނުގެ ވަށައިގެން އޮންނަ މާހައުލާ ވަކިން ހިމާޔަތްކުރެވޭނެ ތަނެއް ނޫނެވެ. އެގޮތުން ބަލާއިރު ކުޅީގެ ވަށައިގެން ހެދިފައިހުރި އެތައް ގަސްތަކެއް ވަނީ ގޯތިގެދޮރު އެޅުމަށްޓަކައި ކޮށައި ސާފުކޮށްފައެވެ. އެތައް ދޫނިސޫފާސޫފީގެ ގެދޮރު ވަނީ ހަލާކުކޮށްފަ އެވެ.

ކުޅުދުއްފުށީގެ ކުޅި ހިއްކުމަކީ ތިމާވެއްޓައް ލޯބިކުރާ ބަޔަކު ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ކުޅީގެ ބައެއް ނުވަތަ ކުޅި އެއްކޮށް ހިއްކައިގެން ވެސް ކުޅުދުއްފުއްޓަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދަންޖެހިފައިވާ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ކުޅި ނެތިދިއުމުން އެކަމުގެ ސީދާ ގެއްލުން ކުޅުދުއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށް ކުރާނެ މިންވަރަށް ވުރެ އެތަން ހިއްކައިގެން ހޯދޭނެ އިގްތިޞާދީ ނަފާ ބޮޑުކަމަށް ވަކާލާތުކުރާ މީހުންވެސް މަދެއް ނޫނެވެ. ކޮންމެއަކަސް މިއީ މި ދުވަސްވަރު ގިނަ ބަޔަކު ބަހުސްކުރަމުން އަންނަ މުހިއްމު މައުޟޫއެއްކަން ޔަގީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355